Car Ge Dhoru Amilla ah Lehpumun Meghan Ah Malaamaiy Kuran Fashaifi
image
ޑަޗަސް އޮފް ސަސެކްސް--
0 ކޮމެންޓް
 

ކާރުގެ ދޮރު އަމިއްލައަށް ލެއްޕުމުން މެގަންއަށް މަލާމާތްކުރަން ފަށައިފި

ހޮލީވުޑްގެ ކުރީގެ ބަތަލާ މެގަން މާކަލް އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސް ހޭރީއަށް މިދިޔަ މެއި މަހުގެ ތެރޭގައި ލަންޑަނުގެ ވިންޑްސާ ގަނޑުވަރުގެ ސެއިންޓް ޖޯޖް ޗަޕެލްގައި ކައިވެނިކޮށްފައިވާއިރު އެކައިވެންޏާ ގުޅިގެން މެގަންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަން ޖެހިފައެވެ.
ޑަޗަސް އޮފް ސަސެކްސް ގެ ލަގަބު މެގަންއަށް ލިބި ޝާހީ އާއިލާގެ ހުރިހާ ގަވައިދުތަކަށް ބޯލަނބަންޖެހިފައިވާއިރު އެކްޓްރެސްއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާތީ ދިރިއުޅުމަށް އެފަދަ ބޮޑު ބަދަލުތަކެއް ގެނައުމަކީ މެގަން އަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް މީހުންނާއި އެކީ ސެލްފީ ނެގުމާއި އޮޓޯގްރާފް ދިނުމުގެ އިތުރުން އޭނާއަށް ސޯޝަލް މީޑިއާ ބޭނުންކުރުމަކީ މިހާރު މަނާކަމެކެވެ. އަދި ކެއުމުގެ ވައްޓަފާޅިއަަށް ވެސް ބޮޑެތި ބަދަލުތަކެއް އޭނާ ވަނީ ގެނެސްފައެވެ.

އެހެންނަމަވެސް މިފަހަރު އުމުރުން 37 އަހަރުގެ މެގަންއަށް މީހުން މަލާމާތް ކުރަން ފަށާފައިމިވަނީ އޭނާގެ ކާރުގެ ދޮރު އަމިއްލައަށް ލެއްޕުމާ ގުޅިގެންނެވެ. އެގޮތުން ރޯޔަލް އެކަޑަމީ އޮފް އާޓްސްގައި އޮތް އިވެންޓެއްގައި ބައިވެރިވުމަށް މެގަން އޭނާގެ ކާރުގައި ގޮސް އެތަނަށް މަޑުކޮށްލައެވެ. އޭނާގެ ކާރު އެތަނުގެ ދޮރުމައްޗަށް މަޑުކޮށްލުމާއެކު މީހަކު ވަނީ ދޮރުހުޅުވައިދީފައެވެ. އަދި އެއާއެކު މެގަން ކާރުން ފައިބައި އޭނާއަށް މަރުހަބާއި ކިޔުމަށް އައިސްހުރި މީހާއަށް ވާހަކަ ދައްކާލުމަށް މަޑުކޮށްލުމާއެކު ކާރުގެ ދޮރު ހުޅުވި މީހާ ވަނީ އެތަނުން ދުރަށް ޖެހިލާފައެވެ. އެއާއެކު އެމީހާއާ ވާހަކަ ދައްކަން ހުރެ ހިނގައިގަތުމުގެ ކުރިން މެގަން ވަނީ އޭނާ ފޭބި ކާރުގެ ދޮރު ލައްޕާފައެވެ.

އެވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް މިހާރު ދަނީ ޑަޗަސް އޮފް ސަސެކްސްއަށް އަމާޒުވަމުންނެވެ. އެހެންނަމަވެސް އޭނާގެ އެއަމަލަކީ ހިތްހެޔޮކަމުގެ އަމަލެއްގެ ގޮތުގައި ސިފަކުރި ފަރާތްތައް ވެސް މަދެއް ނޫނެވެ.
ޝާހީ އާއިލާގެ ފަރާތްތަކުން ދަތުރުކުރާއިރު އެމީހުންނަށް ދޮރު ހުޅުވައިދީ އަދި ލައްޕައިދޭން އަބަދުވެސް ސްޓާފުން ތިބެއެވެ. ނަމަވެސް މިފަހަރު މެގަންއާއެކު ސްޓާފަކު ހުރެމެ އޭނާ އަމިއްލައަށް ދޮރު ލެއްޕުމުން ސްޓާފުގެ ވަޒީފާ ގެއްލޭނެކަމަށް ވެސް އެއްބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް މިއީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތަކުން އެމީހުންގެ ކާރުގެ ދޮރު އަމިއްލައަށް ލެއްޕި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެގޮތުން ޕްރިންސް ވިލިއަމްގެ އަންހެނުން ކޭޓް މިޑްލްޓަން ވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކާރުން ފައިބާ ދޮރު އަމިއްލައަށް ލައްޕާފައިވެއެވެ.


ކާރުގެ ދޮރު އަމިއްލައަށް ލައްޕާ ޝާހީ އާއިލާގެ އުސޫލުތައް މުގުރާލާފައިވާކަމަށް ބުނެ ގިނަ ބަޔަކު މެގަންއަށް ފާޑުކިޔުންތައް އަމާޒުކުރަން ފެށުމުން ޝާހީ އާއިލާގެ ތަރުޖަމާނުވެސް ވަނީ އެކަމަށް ރައްދުދީފައެވެ. އެގޮތުން އެކަމަކީ ޝާހީ އާއިލާގައި މަނާކަމެއް ނޫންކަމަށް އޭނާ ބުނެއެވެ.

ހޮލީވުޑުގެ އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރިއިރާއި ޑަޗަސް އޮފް ސަސެކްސް ގެ ލަގަބު ލިބުނު ފަހުން ވެސް މެގަން ފާހަގަކުރެވިފައިވަނީ ވަރަށް ރީއްޗަށް ހެދުން އަޅާ މީހެއްގެ ގޮތުގައެވެ. އެކަމުގެ އެއް ހެއްކަކީ އެމެރިކާގެ މަޝްހޫރު މެގަޒިން "ޕީޕަލް" އިން މިއަހަރު ހޮވި އެންމެ ރީއްޗަށް ހެދުން އަޅާ މީހާގެ ގޮތުގައި އޭނާ ފާހަގަކުރެވިގެން ދިއުމެވެ.

އުމުރުން 34 އަހަރުގެ ޕްރިންސް ހެރީ އާއި މެގަން ކައިވެނިކޮށްފައިވާއިރު ވަރަށް އަވަހަށް އެމީހުން ދަރިއަކު ހޯދާނެކަމަށް ވެސް އަޑުތައް އަންނަނީ ފެތުރެމުންނެވެ.
ހިޔާލު