Konme Reyaku Magumahchah Nerigen Mi Kuranee Furahsaaraeh!?
image
ޕީޕީއެމުން ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން--ފޮޓޯ ޓްވިޓާ
1 ކޮމެންޓް
 

ކޮންމެ ރެޔަކު މަގުމައްޗަށް ނެރިގެން މި ކުރަނީ ފުރައްސާރައެއް ނޫންބާ ؟

މި ދެދުވަހަކު ޕީޕީއެމްގެ އިސްވެރިންނާއި ސަރުކާރަށް ތާއިދުކުރާ ބައެއް މިޑިއާތަކުން އެންމެ ގިނައިން ދެއްކި އެއް ވާހަކައަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކުރި ވާހަކައެވެ. ޕީޕީއެމްގެ ރަސްމީ ޗެނަލްގައި މަސައްކަތްކުރާ އަންހެން ނޫސްވެރިޔާ އިސީގެ މެމްބަރަކަށް ފާޑު ކިޔާ ފިލީކަމަށް ބުނެ ލިޔެ ލިޔުންތަކަށް ޖަވާބު ދެއްވުމުގެ ގޮތުން އެ މެންބަރު ދެއްވި ޖަވާބު ޝޯޝަލް މީޑިއާގައި ދައުރުވަމުން އެދަނީއެވެ. އެ ލިޔުމަށް ބަލާލުމުން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ފުރައްސާރަކުރުން މިބަސް މާނަ މި ކުރަނީ ކިހިނެތް ބާއޭ ސުވާލު އުފަދެއެވެ.
އެވާހަކަ ބާއްވަމާ ހިންގާށެވެ. އަންހެނުންނަށް ފުރައްސާރަނުކޮށް އަންހެންހުން ބާރުވެރިކުރުވާ އަންހެންނުނަށް އިހްތިރާމުކުރުމަކީ ޕީޕީއެމް ނޫން ބަޔަކު ނުކުރާކަމެއްކަމަށް އެޕާޓީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެނޫން ޕާޓީއެއް އަންހެނުންގެ ހައްޤުގައި ނުތެދުވާކަމަށްވެސް އެޕާޓީން ވަކާލާތުކުރެއެވެ. ތެދެކެވެ. މި ކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ރައްޔިތުން މަޖިލީހުގެ ތެރެއިންނެވެ. އެއީ ވެސް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކާއި ހަމައިންނެވެ. ގަދަޔަށް އަންގަ ދޮވެލުމަށްފަހު އެ ފެން އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒައިނާ އާދަމް ގަޔަށް ޖެހި ހިސާބުން އަންހެނުންނަށް ޕީޕީއެމުން ކުރާ ގަދަރާއި އިހްތިރާމް ފެނިގެން ދިޔައެވެ.

އެވާހަކަވެސް ދޫކޮށްލަމާ ހެއްޔެވެ. މިދިޔަ މަހުގެ 23 ވަނަދުވަހު ރައްޔިތުން ނުކުމެ ބޮޑު ބައްޔަކުން ރައީސް ޔާމީން ރިޔާސީ އިންތިހާބުން ބަލިކުރުމުން އެކަން ބަލައިނުގަނެ ރައްޔިތުން މަގުމައްޗަށް ނުކުތުމަށް އިސްވެ ގޮވާލެއްވީ ހުދު އެމަނިކުފާނެވެ. އެއާ އެކު މަދު އަދަދެއްގެ ބަޔަކު ކޮންމެ ރެޔަކު ޕީޕީއެމް އޮފީސް ދޮރުމައްޗަށް ދަނީ އެއްވަމުންނެވެ.

އޮޅުވާލި ވޯޓްކަމަށް ބުނެ ކޮންމެ ރެޔަކު މަގުމައްޗަށް ބަޔަކު ނެރެކުރަމުންދާ ކަންތައްތަކުންވެސް ޕީޕީއެމުން އަންހެންނުނަށް ކުރާ އިހްތިރާމް ފެނިގެންދެއެވެ. ކޮންމެ ރެއަކުވެސް ވެހެމުންދާ ވާރޭގެ ތެރެއަށް ނެރެ ބޯޑްތަކެއް ދީފައި ވާރޭގައި ތެތްމަން ބައިތިއްބާފައި ތިބޭ މަންޒަރު ފެންނަނީ ހުސް އަންހެން ކަނބަލުންތަކެވެ. މި ތަނަށް އެއްވާ އެންމެންނަކީވެސް ޕީޕީއެމްގެ އެންމެ އާދައިގެ މެމްބަރުންނެވެ.

ދާދި ފަހުން ބޭއްވި ޕީޕީއެމްގެ އަދަޔާ ހިލާފު ކޮންގްރެސުން އެ ޕާޓީގެ ކައުންސިލަށް އަންހެން 10 މެމްބަރުން ހޮވިތަން ފެނިގެން ދިޔައެވެ. އެހެންނަމަވެސް މުޒާހަރާކުރުމުގައި އަންހެނުންތަކެއް ނެރިގެން ވާރޭގައި ބައިތިއްބާތާ ފަސް ރޭ ވެގެންދިޔައިރުވެސް މީގެއިން އެއްވެސް ކައުންސިލް މެންބަރެއްވެސް ނުފެނެއެވެ. އަދި ކިއެއްތަ. ޕީޕީއެމްގެ އެންމެ ގަދަ އަންހެން ފަހުލާވާންގެ ގޮތުގައި ބުނަމުން ދިޔަ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށްވެސް މުޒާހަރާގައި ބައިވެރިވެޑައި ގަންނަވަން ނުކުރުނެވެ. އަދި މުޒާހަރާގައި ބައިވެރި ނުވުން އެކަންޏެއް ނޫނެނެވެ. ކުއްލިއަކަށް ވީ ނުވީއެއް ނޭނގި ރާއްޖެއިން ބޭރަށް ފުރާ ވަޑާއިގެންފިއެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަށާ އުޅުނު އެއްވެސް އަންހެން ބޭފުޅަކު މި މުޒާހަރާގައި ބައިވެރިވާން ނުކެރުނުތާ މުޒާހަރާއާއި ގުޅޭ އެއްވެސް ވާހަކަވެސް އެމީހުން ޓްވިޓަތަކުގައި ޝެއާކޮށްލާތަންވެސް ނުފެނެއެވެ.

އާއްމު މެމްބަރުންގެ ގޮތުގައި ތިބި މަދު އަންހެންނުންތަކެއް ނެރިގެން އެމީހުން ލައްވާ މުޒާހަރާގައި ވާހަކަ ދައްކުވާ ހަދާއިރު މި މެމްބަރުންނަށް ދެއްކި ވާހަތަކުން ކަންކަން ހިންގާ ގޮތާއި ޑިމޮކްރަސީގެ ހަމަތައްވެސް އެ މެމްބަރުންނަށް ނޭނގެކަން އެގެއެވެ. އަދި ޕާޓީން ކުރަން މިއުޅެނީ އަދި އެ މީހުން ލައްވާ މިކުރުވަނީ ކޮންކަމެއްކަމެއްވެސް އެމީހުން ދެއްކި ވާހަތަކުން އެގިގެން ދެއެވެ. މި ބުނާ އާއްމު މެމްބަރުން ދެއްކި ވާހަކަތައް ބައެއް މީހުންނަށް މަޖާވެ އެވާހަކަތައް މުޅި ޝޯޝަލް މީޑިއާގައި ދައުރުކުރަމުން އެދަނީއެވެ.

ތެދެކެވެ. އަންހެނުންނަށް އިހްތިރާމްކޮށް ފުރައްސާރަނުކުރާ ޕާޓީގެ އިސްވެރިންނަށް އަންހެންނުންތަކަށް މަގުމައްޗަށް ނެރެ ތެތްމާފައި އެމީހުން ތިބޭނީ ޕާޓީ އޮފީސްތެރޭގައެވެ. ޓީވީ ބަލާލުމުން ފެންނަނީ ޕާޓީގެ އިސްވެރިން ހަމަޖެހިލައިގެން ދުފާލައިގެން ތިބެ ހީ ސަމަސާކޮށް ސަކަރާތް ޖަހަމުން އިރުއިރުކޮޅާ އޮފީސް ތެރެއިން ވަދެ ނުކުމެ ހަދާ މަންޒަރެވެ. ޕާޓީގެ އެއްވެސް އިސް މީހަކު މުޒަހާރާގައި ބައިވެރިވާ މީހުންނާއި މުހާތަބު ކޮށްނުލާ މިހާތަނަށް ޕޯޑިއަމަކަށް އަރާފައިވެސް ނުވާ މީހުންގެ އަތަށް މައިކްދީ އެމީހުންނަށް ފުރައްސާކުރުވުމަށް ދޫކޮށްލައިގެން ބަލަން ތިބެނީއެވެ.

ސަރުކާރުގެ ވުޒާރާތަކުގައި ވަޒީރުން ގޮތުގައި ތިއްބެވި އަންހެން ބޭފުޅުންވެސް ވީ ތަނެއް ނޭނގެއެވެ. ކައުންސިލަށް ހޮވުނު އަންހެން މެމްބަރުންވެސް ލޮލަށްވެސް ނުފެނެއެވެ. ހުދު ރައީސް ޔާމީންވެސް ކޮންމެ ދުވަހަކު ޕާޓީ އޮފީހަށް ވަޑައިގެންނެވިނަމަވެސް މުޒާހަރާ ފެށޭ ގަޑި ޖެހެންވާއިރަށް ގެއަށް ވަޑައިގަންނަވައެވެ.

ކޮންމެއަކަސް ދިވެހި ބަސްފޮތް ބުނާ ގޮތުން ފުރައްސާރަކުރުމަކީ ބަޔަކަށް މަލާތްމާތްކުރުމެވެ. އެހެންކަމުން ކޮންމެ ރެޔަކު ވެހޭ ވާރޭގެ ތެރޭގައި އަންހެން ކަނބަލުންތަކެއް މަގުމައްޗަށް ނެރުވައިގެން ޕީޕީއެމުން މިކުރަނީ ކޮންކަމެއް ބާވައެވެ. ހަމަ އަންހެން ކަނބަލުން ބާރުވެރކުރުވަނީ ބާވައެވެ. ނުވަތަ ގަސްތުގައި އެނގިތިބެ އެކަނބަލުންނަށް ފުރައްސާރަކުރުވަން މަގު ފަހު ކުރަނީ ނޫން ބަވާއެވެ.
ހިޔާލު

ނަބީލު

ކަލޭމެންވެސް 5 އަހަރު ވަންދެން ކުރި ކަންތައް