މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހް އިބޫ އާ ރައްޔިތުންނާ ޖެއްސުމުގެ އަމަލުތައް ހިންގުމުގައި އިންތިހާބުން ނާކާމިޔާބުވި ރައީސް "އަބުދުﷲ ޔާމީން" އާއި އެމަނިކުފާނުގެ ސަރުކާރުގެ އަމަލުތައް "މެކުހަށް" ޖަހައިފިއެވެ.
އިބޫ އަށް އިންތިހާބު ކާމިޔާބުވެ ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ހިނގަމުންދާ ސަރުކާރުން ކުއްލިގޮތަކަށް ވަޒީފާތައް އުފައްދާ އަލަށް ވަޒީފާއަށް މީހުން ނެރުމާއި އާ އެއްބަސްވުންތައް ހަދައި ތަފާތު މަސައްކަތްތައް ހަވާލުކުރުން ފަދަ ކަންކަން ހިންގާކަމުގެ އަޑުތައް ފަތުއަޑުކިޔަފައި އިވެން ފެށިއެވެ. އަދި އެކަމަކީ ހަގީގަތުގައި ވެސް ހިނގާކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަތައް ފެތުރެން ފެށި އެވެ.
ދައުލަތަށް މާލީ ބުރަ އުފުލަން ޖެހޭ ގޮތަށް ކުއްލިއަކަށް ވަޒީފާތައް ދޭން ފެށުމާއި ތަފާތު އެއްބަސްވުންތައް ހަދައި މަސައްކަތްތައް ހަވާލު ކުރާ ކަމުގެ އަޑުތަކާ އެކު އިންތިހާބީ ރައީސް އިބޫ ވަނީ އެމަނިކުފާނުގެ ހާއްސަ އެދިވަޑައިގެންނެވުމެއް ރައީސް ޔާމީނާއި ހިނގަމުންދާ ސަރުކާރުގެ ވެރިންނަށް ދަންނަވާފައެވެ. އިންތިހާބީ ރައީސް އެދިވަޑައިގަންނަވާފައިވަނީ ހިނގަމުންދާ ސަރުކާރުން އަލަށް އެއްވެސް ވަޒީފާއަށް މީހުން ނުނެގުމަށާއި އެއްވެސް ކަމަކާ ގުޅިގެން އަލަށް އެއްބަސްވުމެއް ނުހެދުމަށާއި އިތުރު ޒިންމާއެއް ދައުލަތަށް ނެގުމަށް ލާޒިމްވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ.
އިންތިހާބީ ރައީސްގެ މި އެދިވަޑައިގެންނެވުން ތަފާތު ގޮތްގޮތަށް ރައީސް ޔާމީނަށާއި ހިނގަމުންދާ ސަރުކާރަށް އިންތިހާބީ ރައީސް އެންގެވި ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން އެކަން ކަމަށް އިޖާބަ ދިން މަންޒަރެއް ނުފެނި، ފެންނަމުންދަނީ މުޅިން ވެސް އިންތިހާބީ ރައީސްގެ އެދިވަޑައިގެންނެވުމަށް ގޮން ޖައްސަވައި ރައީސް ޔާމީނުގެ ސަރުކާރު ހިންނެވުމަށް ތިއްބެވި ފަރާތްތަކުން އަމަލު ކުރަމުންގެންދާ ތަން ނޫން ބާވައެވެ.
ދައުލަތުގެ އޮފީސްތަކަށް މުވައްޒަފުން ނެގުމާއި ތަފާތު މަސައްކަތްތައް އަލަށް ހަވާލު ކުރުން ފަދަ ކަންތައްތައް ކުރިކަމަށް ބުނާ އަޑުތައް އަދިވެސް ދަނީ ގުގުމަމުންނެވެ. ކުއްލިއަކަށް ފްލެޓް ދޭން އުޅުން ފަދަ ކަންކަން ކުރަން އުޅެފައިވަނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މަސައްކަތް ނުނިމޭ އިމާރާތްތަކުން ފްލެޓް ދޭން އުޅުމުން އެކަން ހުއްޓުވިތާ މާ ގިނަ ދުވަހެއް ނުވެ ކުއްލިއަކަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވަނީ ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ވިއްކާކަން އިއުލާނުކޮށް މިއަދު ހަވީރު 4:30 އިން ފެށިގެން އެ ގޯތިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރާނެކަން އިއުލާނު ކުރައްވާފައެވެ. ހައުސިން މިނިސްޓަރު އެކަން އިއުލާނު ކުރެއްވުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައެވެ.
ކުއްލިއަކަށް ހުޅުމާލެއިން ގޯތި ވިއްކާކަން އިއުލާނު ކުރި ކުރުމަކީ ވެސް އިންތިހާބީ ރައީސްގެ އެދިވަޑައިގެންނެވުމަށް ގޮންޖެއްސެވުމާއި ރައްޔިތުންނާ އިންތިހާބީ ރައީސް އާ ޖެއްސުމަށް ކުރާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އިންތިހާއަށް ހުޅުވިގެން ދިޔައެވެ. ސަބަބުތައް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކަން މިކަން ފާހަގަކޮށްލާނަމެވެ. ރިޔާސީ އިންތިހާބުން ނާކާމިޔާބު ވެވަޑައިގަންނަވާފައިވަނިކޮށް، ކުއްލިއަކަށް ގޯތި ވިއްކަން އުޅުމެވެ. އަދި ނު އަގުގައި ހުޅުމާލެއިން ގޯތި ވިއްކާނެކަން އިއުލާން ކުރުމުން މިދެންނެވި މަގަށް އެ އަމަލު ވަރަށް ބޮޑަށް ތަރުތީބު ވެގެންދޭ ނޫންތޯ އެވެ.
"ކުއްލިއަކަށް ނުއަގުގައި ހުޅުމާލެއިން ގޯތި ވިއްކަން ފެށުމަކީ ސީދާ ރައްޔިތުންނާ އިންތިހާބީ ރައީސާ ޖެއްސުމަށް ކުރާކަމެއް. އެހެން ނޫން ނަމަ ކީއްކުރަން ކުއްލިއަކަށް މިކަން ކުރަނީ. އަނެއްކާ އެއީ ވާނެކަމެއް ވެސް ނޫން. ނުއަގުގައި ކިހިނެއް ގޯތި ވިއްކާނީ. ޖެއްސުން ކުރުމަށް ވެސް ހެޔޮނުވާނެދޯ އެހެން ހަދަން. އިންތިހާބުން ބަލިވުމުން ރައްޔިތުންނާ އިންތިހާބުވި ރައީސާ ޖެއްސުމަކީ ބޮޑު ޖަރީމާއެއް.އެކަން ނުވާނެކަން. އެކަންކަން ކުރުމަށް ރައީސް ޔާމިނަށާއި ސަރުކާރަށް ނުވާނެ ފުރުސަތުދޭކަން. ވެރިކަމެއް ވެއްޖި ގެންދިޔަ ނަމަވެސް މި ފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އުމުރުން 66 އަހަރުވި މާލޭގެ ރަށްވެއްސެއް ކަމަށްވާ އިބްރާހީމް ޔޫސުފް ބުންޏެވެ.
ރައީސް ޔާމީނުގެ ވެރިކަން ނިމި އާ ވެރިކަމެއް ފެށުމުގެ މަގުމަތީގައިވަނިކޮށް އިންތިހާބީ ރައީސް އާ ރައްޔިތުން ޖެއްސުމަކީ ބޮޑުވެގެންވާ ފިތުނައެއް އުފެއްދުން ނޫންދެން ކޮންކަމެއްތޯއެވެ. ފައިބައިގެންދާ ވެރިމީހާއަށް ކޮންމެ ގޮތެއް ވަރިހަމަވި ނަމަވެސް ރައްޔިތުންނަށް އެގޮތެއް ވަރިހަމައެއް ނުވާނެވެ. އަދި ހާއްސަކޮށް އިންތިހާބުވި ރައީސަށް އެކަން ވެގެންދާނީ ވަރަށް ބޮޑު މައްސަލައަކަށެވެ. އެހެން ނަމަވެސް "ރައީސް ޔާމީނާ"އި އެމަނިކުފާނުގެ ސަރުކާރުން މިހާރު އެވަނީ ރައްޔިތުންނާ އިންތިހާބީ ރައިސްއާ "ޖެއްސުމުގައި މެކުހަށް" ޖަހާފަތާ އެވެ.