Flat Dhookurumuge Namugai Bodu Olhuvaalumeh!?
image
ފޯމުލުމަށް ބަޔަކު ކިޔުގައި ޖެހިގެންް
17 ކޮމެންޓް
 

ފްލެޓް ދޫކުރުމުގެ ނަމުގައި ބޮޑު އޮޅުވާލުމެއް!؟

ރައްޔިތުންނަށް ބޯހިޔާވަހިކަންދިނުމަށް ސަރުކާރުން އެންމެ ފަހުން ހުޅުވާލި ފުރުސަތަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް ހައުސިން މިނިސްޓްރީން މިވަނީ އާއްމުކޮށްފައެވެ. ލިސްޓްތައް ނެރޭކަން އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ފްލެޓްތައް ދޫކޮށްފައިވަނީ އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުން ބަލައިގެންކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑު ބައްޔަކުން ބަލިވެވަޑައިގަތުމަށްފަހު އިންތިހާބް ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އާ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅު އަވަސް އަރުވާލައިގެން ފްލެޓްތަކަށް މީހުން ހޮވާ ލިސްޓް އާއްމުކުރި އިރު އެތައް ސުވާލުތަކެއް މިވަނީ އުފެދިފައެވެ. Dhiraagu
ފޯމްތައް ޗެކްކުރުން

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުރިމަތިލުމަށް ދެ ފަހަރެއް މަތިން މުއްދަތު އިތުރުކޮށް ހައުސިން މިނިސްޓްރީން ދެމަހެއްހާ ދުވަސް ދިންނަމަވެސް ފްލެޓްތަކަށް ފޯމް ހުށައަޅަން ގިނަ ބަޔަކު ގޮސްފައިވަނީ ދިވެހިންގެ އާދައިގެ މަތިން އެންމެ ފަހު ވަގުތު އެވެ. އެގޮތުން މުއްދަތު ހަމަވުމަށް ދެތިން ދުވަހަށްވުމުން ފޯމްލާން ގޮސް ތިބި މީހުން މުޅި މިނިސްޓްރީ ވަނީ ފުރި ބާރުވެފައެވެ. އަދި ކިއުތައް ދިގުވެ ކައިރި މަގުތަކާއި ގޯޅިތަކުގައި ކިއު ދެމިގެންގޮސްފައިވެއެވެ.

ފަތިހުފަތިހާ ކިޔުގައި ޖެހުނުނަމަވެސް ނަމްބަރު ދޫކުރަން ފެށީ ހެދުނު 9 ޖެހިފަހުންނެވެ. ހެދުނު ނުވަގަޑި ވިހި އެހާކަންހާއިރު ނަމްބަރު ނެގި މީހުންގެ ނަމްބަރާއި ޖެހިފައިވަނީ އެރޭ މެންދަމު އެކެއްޖެހި ފަހުންނެވެ. ނަމްބަރު ހިގާލެއް ލަސްވެގެން ތަނުގައި އިސްކޮށް ބަލަހައްޓަން ހުރި މީހާއާ ސުވާލުކޮށްލުން އޭނާގެ ޖަވާބަކަށްވީ ކޮންމެ މިނެޓެއްގެ ތެރޭގައި ފަސްދޮޅަހަށް ވުރެ ގިނަ ނަމްބަރު ނަގާފައިވާތީކަމަށެވެ.

އެ ހިސާބުން ބަލާކަމަށްވާ ނަމަ ނުވައަކުން ނުވަގަޑި ވިއްސާ ދޭތެރޭ 1200 ވުރެ ގިނަ ނަމްބަރު ނަގާފައިވާނެއެވެ. އަދި ކޮންމެ ނަމްބަރަކަށް ތިން ފޯމް ހުށައެޅުމުގެ ފުރުސަތު އޮތުމުން 3600 ވުރެ ގިނަ ފޯމް ހުށައަޅާފައިވާނެކަމަށް ބެލެވެއެވެ. އަދި އެދުވަހު އިރުއޮއްސި 6 އެއް ޖެހުމާއި ހަމައަށް ނަމްބަރު ދޫކޮށްފައިވުމުން ހައެއް ޖެހުމާއި ދޭތެރޭ މަދުވެގެން ނުވަހާހަށް ވުރެ ގިނަ ނަމްބަރު ނަގާފައިވާނެއެވެ. މި އަދަދަށް ބަލާލުމުން މީހަކު ކޮންމެ ނަމްބަރަކަށް ފޯމެއް ހުށައެޅި ނަމަވެސް އެންމެ ފަހު ދުވަހު އެކަނިވެސް ނުވަހާހަށްވުރެ ގިނަ ފޯމް ހައުސިން މިނިސްޓްރީއަށް ވަދެފައިވާނެއެވެ. ދެން އުފެދޭ ސުވާލަކީ އެތައް ކެޓަގަރީއަކުން އެތައް ފޯމެއް ލާފައިވާއިރު އެންމެ ދިހަ ދުވަހުން މި ހުރިހާ ފޯމެއް ބަލާ ވެރިފައިކޮށް ނިންމާލީބާއެވެ.

މާކްސް ދިނުން

ފްލެޓަށް އެދޭ ފަރާތްތަކަށް މާކްސް ދިނުމަށް އެކުލަވާލި މިންގަނޑު ކޮންމެ ކެޓަގަރީއެއްގެ ފޯމްގައިވެސް ބަޔާންކޮށްފައިވެއެވެ. މިގޮތުން ފޯމްތަކަށް ބަލާލުމުން ފެންނަން އޮތީ ކޮންމެ ބަޔަކަށްވެސް ފަސް މާކްސް އިން ޕޮއިންޓް ދޭ ގޮތަށެވެ. މިސާލަކަށް ވަޒީފާއަދާ ކުރާ މީހެއްނަމަ އެމީހަކު ވަޒީފާ އަދާކުރާތާ ފަސްއަހަރު ވެފައިވާ ނަމަ ދެނީ 5 ޕޮއިންޓެވެ. 5 އަހަރުވެ 10 އަހަރު ނުވާނަމަ 10 ޕޮއިންޓެވެ. މި އުސޫލުން ބަލާނަމަ ކޮންމެ ފޯމެއްގައިވެސް މާކްސް ދިނުމަށް ކަނޑައަޅާފައި އޮތީ ހުރިހާ ދާއިރާއަކުންވެސް 5 ކުން ގެއްލޭގޮތަށް ޕޮއިންޓް ދެވޭނެ އުސޫލެވެ. ދިރިއުޅުމުގެ ހާލަތަށް ބަލާ ރިޔާތްކޮށް 30 ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާއިރު މި ޕޮއިންޓަށް ބެހޭނެ ގޮތެއް ބަޔާންކޮށްފައެއްނެތެވެ. މިސާލަކަށް މިވެނި ކަމެއް ވެއްޖެއްޔާ 30 ހަކުން މިވެނި ކަމެއް ނުވާނަމަ މި ވެނި ވަރެއްކަން ބަޔާންކޮށްފައެއް ނުވެއެވެ. ފޯމްގައިވާ ހުރިހާ ލިޔުމެއް ފުރިހަމަ ނަމަ ދިރިއުޅުމުގެ ހާލަތަށް ޖުމްލަ 30 ޕޮއިންޓް ލިބޭނަމަ ދެން އުފެދޭ ސުވާލަކީ ފަހަކުން ނުގެއްލޭ އަދަދު މީހުންނަށް ޕޮއިންޓް ލިބުނީ ކިހިނެތްބާއެވެ. 62 ނުވަތަ 78 މިހެން ޕޮއިންޓް ލިބިފައިހުރީ ކޮން ގޮތަކަށް ބަލައިގެންބާއެވެ.

ދިރިއުޅުމުގެ ހާލަތު ބެލިގޮތް

ހިޔާ މަޝްރޫއުގެ ފޯމްތަކަށް ބަލާއިރު ދިރިއުޅުމުގެ ހަލާތަށް ދިނުމަށް ކަނޑައަޅާފައިވަނީ 30 ޕޮއިންޓްއެވެ. ފޯމްގައިވާ ގޮތުން ދިރިއުޅުމުގެ ހާލަތު ބަޔާންކޮށްދިނުމަށް ކޮންމެ މީހަކުވެސް ފޯމްގައި އެމީހަކު އަމިއްލައަށް ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް ލިޔުމެއް ލިޔަންޖެހެއެވެ. އެހެންކަމުން ދިރިއުމުގެ ހާލަތައް ޕޮއިންޓް ދީފައިވަނީ ލިޔެފައިވާ ލިޔުމަށް ބަލައިގެން އެންމެ އަސަރު ގަދަ ލިޔުމެއް ލިޔެފައިވާ ފަރާތެއްގެ ލިޔުމަކަށްނަމަ އެކަމަށް މާކްސް ދިނުމަށް އެންމެ މޮޅުވާނީ ދިވެހި ކިޔަވާދެއްވާ މުދައްރިސުންނެވެ. ސަބަބަކީ މުދައްރިއްސުންނަކީ މަޒްމޫނުތަކަށް މާކްސް ދިނުމުގައި ވަރަށް ފަރިތަ ބަޔަކަށް ވުމެވެ. އެހެންކަމުން ދިރިއުޅުމުގެ ހާލަތަށް މާކްސްދީފައިވާ ގޮތާއި މެދު އެތައް ސުވާލުތަކެއް އުފެދެއެވެ.

ހަމައެއް އުސޫލެއް ނެތް!

ފްލެޓް ދިނުމަށް ކަނޑައެޅި ކެޓަގަރީތަކަށް ބަލާއިރު ޓީޗަރުންގެ ކެޓަގަރީއާއި ޑޮކްޓާރުންނާއި ނަރުހުންގެ ކެޓަގަރީއަށް ކުރިމަތިލީ އެންމެނަށް ވަނީ ފްލެޓް ލިބިފައެވެ. ދޭން ހަމަޖެއްސި ފްލެޓަށް ވުރެ ކުރިމަތިލީ މީހުން މަދުވުމުން އެންމެނަށް ފްލެޓް ދޭން ނިންމިއިރު ތިރީސް ޕޮއިންޓް ލިބުނު މީހުންނަށްވެސް ވަނީ ފްލެޓް ލިބިފައެވެ. މުއިއްޒު ވިދާޅުވާ ގޮތުން ޕްލެޓްތައް ދީފައިވަނީ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެންމެ ބޭނުންވާ މީހުންނަށް ކަމަށްވާނަމަ އެހެން ކެޓަގަރީތަކުގައި ހަތްދިހައި މަތި ލިބުނު މީހުން ފްލެޓް ނުލިބި އެބަތިއްބެވެ. މާކްސްއަށް ބަލާނަމަ ގައިމުވެސް 35 ފަހެއް ލިބުނު މީހާއަށް ވުރެ 70 އިން މަތި ލިބުނު މީހާ ޕްލެޓަށް މާ ބޭނުންޖެހިފައިވާނެކަން ޔަގީންނެވެ. އެހެންކަމުން ހުރިހާ އެންމެނަށް ނުދީ އެންމެ ބޭނުންޖެހިފައިވާ މީހުނަށް ބެލިކަމަށް މުއިއްޒު ވިދާޅުވާ ވިދާޅުވުމާއި ވެސް ފުށުއަރާކަން މިކަމުންވެސް ދޭހަވެއެވެ.

ދިރިއުޅުމުގެ ހާލަތައް ބަދަލެއް ނާދޭ

މި ފަހަރު ފްލެޓަށް މާކްސް ލިބުނު ގޮތަށް ބަލާލާއިރު މީވެސް އުފެދޭ އަނެއް ސުވާލެވެ. މެޑަމް އޮފީހުގެ އެންގުމަށް މިނިސްޓަރު ފްލެޓްތައް ބަހާލިކަމަށް ބުނި ފަހަރުވެސް ފްލެޓަށް ކުރިމަތިލާ ނުލިބި އެތައް ބަޔަކު މި ފަހަރުވެސް ކުރިމަތިލިއެވެ. އެހެންމަވެސް އެންމެ ހެއްވާކަމަކީ އޭރު ހުށައެޅި ހުރިހާ ލިޔުންތަކެއް ހުށައަޅައިގެން މި ފަހަރު ކުރިން ލިބުނު ޕޮއިންޓާއި ގާތްކުރާވަރަށްވެސް ޕޮއިންޓް ލިބިފައިނެތުމެވެ. ފްލެޓަށް ކުރިމަތިލީ މީހަކު ބުނީ އެނާ އަށް މިދިޔަ ފަހަރު 87 ޕޮއިންޓް ލިބުނު އިރު މި ފަހަރު ލިބުނީ 55 ޕޮއިންޓްކަމަށެވެ.

"އެންމެ އަޖައިބުވާކަމަކީ ދިރިއުޅުމުގެ ހާލަތަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭރުވެސް އުޅުނު ކޮޓަރި ގަނޑު އެ ކުލި ދައްކައިގެން ހަމަ އެކުދިން ގޮވައިގެން މިހާރުވެސް އުޅެނީ އެކަމަކު ޕޮއިންޓް އިންތިހާއަށް މަދު" މީ މި މީހާގެ ވާހަކައެވެ.

އެހެންކަމުން މި ފަހަރު ފްލެޓް މީހުންނަށް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބެލި ގޮތް މީ އަރަތަކަށްވުރެ ޖަވާބު ހޯދަން އުނދަގޫ ސުވާލެކެވެ.

ކޮންމެއަކަސް ޕްލެޓްތަކަށް މީހުން ހޮވި ގޮތާއި މެދު އެތައް ސުވާލުތަކެއް މިވަނީ އުފެދިފައެވެ. އަނެއްކޮޅުން އޭސީސީންވެސް ވަނީ ފްލެޓަށް ހޮވުނު ފަރާތަކަށް މާކްސް ލިބުނު ގޮތުގެ ތަފްސީލު ހާމަކުރުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.

އަވަސް އަރުވާލައިގެން ފްލެޓްތަކާއި ގޯތި ދޫކުރުމުގައި ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަމަށް ކަންކުރަމުންދާ ގޮތަށް ބަލާލުމުން ދޭހަވެއެވެ. ފަހަރުގައި އަވަސް އަރުވާލައިގެން ގެ ވިއްކާ ފްލެޓްތައް ރައީސް ޔާމިންގެ ސަރުކާރުން މި ދޫކުރަނީ އަންނަ ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިކުރުވުމަށްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެގޮތުން މި ދޫކުރާ ޕްލެޓްތައް އަލުން ރިވިއުކުރުން ރައްޔިތުންގެ ހިތުގައި އާ ސަރުކާރަށް ނަފްރަތު އުފެއްދުންކަމަށް އެއްބަޔަކު ދެކެއެވެ.
އަނެއް ބަޔަކު ދެކޭގޮތުން ސަރުކާރުން މިކަން މި ކުރަނީ ރިޔާސީ އިންތިހާބް ސްޕްރީމްކޯޓުން މެދުވެރިކޮށް ބާތިލުކުރުމަށެވެ. އަދި ބަޔަކަށް ފްލެޓާއި ގޯތި ދިނުމުން އެ މީހުންގެ ވޯޓްގެ އުއްމީދުގައެވެ.

މި ނޫންވެސް އެހެންކަމެއް އެބަ ފެނެއެވެ. އެކަން ފެންނަނީ ރައީސް ޔާމީނުގެ އެންމެ އަރިސް ފަރާތްތަކުގެ ޓްވީޓްތަކުންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރެއްވި މަސައްކަތުން އެމަނިކުފާނަށް ގިނަ ބަޔަކު ފްލެޓް ދޮންބެގެ ގޮތުގައި މުހާތަބް ކުރެއެވެ. އަދި އެތައް ބައެއްގެ ލޯބިވެސް ވަނީ ލިބިވަޑައިގެންފައެވެ.
ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްކަމަށްވާ ވިލިމާފަންނު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ކުރައްވާފައިވާ ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ ދިވެހި ޑޮކްޓަރުންނާއި ނަރުންހުންނާއި ޓީޗަރުންނަށް މާލެ ވިލިމާލެ އަދި މުނިސްޕަލްޓީ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ހޯދާދިނީ ރައީސް ޔާމިނުކަމަށެވެ.

އެހެންކަމުން އަވަސް އަރުވާލައިގެން އެއްވެސް ހަމައެއް ލަމައެއް ނެތި ޕްލެޓްތައް ދީ ބިންތައް ވިއްކަމުން މި ގެންދަނީ ނިހާންގެ ޓްވީޓްގައިވާ ގޮތަށް ރައްޔިތުން ބޭނުންވާ ހުރިހާކަމެއް ކޮށްދިނީ ރައީސް ޔާމީންކަން ދައްކަން ނޫންބާއެވެ. އެހެން ނޫން ނަމަ މިކަމުގައި އޮޅުވާލުމެއް އަސްލުގައި ވެސް ނެތީ ބާއްވައެވެ.
ހިޔާލު

މާމެލިދައިތަ

މީ ހަމަގައިމުވެސް ބެލުންތަކެއްބަލައި ހޯދުންތަކެއް ހޯދައިގެން ލިޔެފައިވާ އޮއްޓަރު ހެޔޮ ރިޕޯޓެކެވެ. ޢެހެންވީމާ މި ރިޕޯޓަށް އަހަރެން މިދެނީ ހަމަ ސަތޭކައެވެ.

ނިޔާޒާ

ކުރިން ފަހަރު އަހަންނަށް ލިބުނު ތިންކުދިން ތިބެފަށް 93 ޕޮއިންޓް. މިފަހަރު ފަސް ކުދިން ތިބެފަށް 50 ޕޮއިންޓް. މީ އެއްވެސް އިންސާފެއް ނެތް ބަޔެއް.

ޭަެހަަސްމާ

ﷲެދެއްވި ނިޢުމަތެއް ކަމަށްބަލާ ޝުކުރު ވެރިވޭ

ނޫސް ބަލާމީހާ

ބޭނުމަކީ ސްޕްރިމް ކޯޓުން އިންތިޚާބު ބާތިލުކުރުވާފައި އަލުން ވޯޓު ލެއްވުން . އަޥޯަޓު ލާއިރު މިމީހުންގެ ވޯޓުތައް ލިބޭނެކަމަށް ބަލާފައި އިންތިޚާބު ކާމިޔާބު ކުރުންކަމަށް ހީވޭ. އެކަމަކު އަނިޔާވެރިކަމާ އެއްކޮޅެއް ނުވާނެ . ވޯޓު ބާތިލުކޮށް ކާމޔާބު ލިބިއްޖެނަމަ މިހާރު ޖަލުގައި ތިމިމީހުންގެ 5 ގުނަޢާއި އަސްލު ސޫރައިން އެއައް ބައެއްގެ ހަލާކު ފެންނާނެ.

އަލީބެ

އެންމެ ފަހު ކިޔުނަންބަރު ދޫކުރުމަށްފަހު ނަންބަރުލިބުނު ގިނަމީހުންގެ ފޯމްތައް ބަލައި ނުގަނެ ފޯމްބަލައިގަތުން ހުއްޓާލީ. މީވަރަށްބޮޑު ޖަރީމާއެއް.

ާއަހަރެން

ހިޔާ މަޝްރޫއައް ފޯމްލީ އެއްމެނައްވެސް ފުލެޓް ލިބޭނެޔޭ ވެސް މުއިއްޒު ބުނި ދޯ.

ސުމާ

މިފަހަރު ދިނީ ޕީޕީއެމް އަށް ކެމްޕެއިން ކޮށްދިންމީހުނަށް. ހަމަ ލިބޭނޭ ބުނެލާފަ އެބަހުރި ފުލެޓް ހޯދާަަފަ މީހުން.

ފުލެޓޭ

މުއިއްޒު ފުލެޓް އަށްލީ އެންމެނަށް ދިރިއުޅުމުގެ ހާލަތަށް ފުލްކޮށް 30 ޕަސެންޓް ދީފަ ލިސްޓް ނެރުނުނަމަތާ މީހުންނަށް ވާނުވާ އިނގޭނީ ވެސް.. އެގަހުކޭލެއް މިގަހުކޭލެއް ނޭގޭ...އޭރުންވެސް ބުނެވިދާނެ ކުޑަކޮށްވެސް އިންސާފުވެރިޔޭ..އެއްބަޔަކަށް ފުލްކޮށް 30 ޕޮއިންޓް އެބަޔަށް ދީފަ އަނެކަކަށް 5 ދޭއިރު ދިން އުސޫލަކީ މުއިއްޒު ބަނޑުގަ އޮތް އުސޫލެއްބާ..ބޭއިންސާުފު ފުލެޓް.

ރާއްޖެތެރެ މީހާ

ކުރިން ފަހަރު އަހަންނަށް ލިބުނު 81 ޕޮއިންޓް ދިރިއުޅުމުގެ ހާލަތު ވަކި ރަނގަޅެއް ނުވޭ ހަމަ ދަރިންވެސް ކުރިން ތިބި ވަރަށް އެބަތިބި ދަރިންނަށް 18 އަހަރު ނުވޭ އެކަމު މިފަހަރު ލިބުނީ 55 މީ ކިހިނެއް ކުރި ކަމެއް ބާއޭ ހިތައް އަރާ އިރާދަކުރެއްވިއްޔާ އިންސާފު ލިބޭނެ އަދި އަހަރެމެން ނިކަމެތިންނަށް

ާއާދައިގެ މީހާ

ދުވަހަކުވެސް ކައިވެނި ނުކުރާ ދަރިއަކު ވެސް ނެތް ނަރުހުން ނަށް ވެސް އެބަހުރި މިފަހަރު ފުލެޓް ލިބިފަ..

ފްލެޓް ބޭނުންވާ މީހާ

ތީ ހަމަ ބޮޑު އަރަތެއް..ރަށުގަ ތިބެގެން ފްލެޓަށް ލީ މީހުންނަށް ވެސް ލިބުނު.އެކަމަކު މާލޭގަ ދަތިހާލުގަ އުޅޭ މީހުންނަށް ނުލިބުނު..

ހިތާމަ

މި ދިޔަ ފަހަރު އަޅުގަނޑަށް ލިބުނީ 83 ޕޮއިންޓް އެކަމު މިފަހަރު ލިބުނީ 47 ޕޮއިންޓް.އެކަމު ދިރި އުޅުމުގެ ހާލަތު ވީ ގޯސް މީ ކިހަަ ބޮޑު އަރަތެއް.މިދިޔަ ފަހަރު ވެސް އަޅުގަނޑަށް އިނގޭ 30 ޕޮއިންޓް ނުލިބޭ މީހުނަށް ވެސް ލިބުނު އަދި ލިސްޓު ގަ ނެއް މީހުނަށް ވެސް ލިބުނު.ހެޔޮ ނުވާނެ އެއް ފަހަރު ވެސް ﷲ އަށް ބިރުވެތި ވެ ލައްވާ....

ާއަހުމަދު

މުއިޒު ފެމެލީ ކިތަށް މީހުންނައްބާ ލިބުނީ..؟؟

ޙައްވަ

މިއީ އަސްލު ވަކިބަޔަކަށް ދޭންވެގެން ކުރާކަމެއް!

މުސްލިޙު

އަހަންނަށް ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން 62 ޕޮއިންޓް ލިބުނު އިރު ހިޔާ ޕްރޮގްރާމުގެ ދަށުން ލިބުނީ 28 ޕޮއިންޓް.

ވިސްނާ

ކޮށްމެ ސަރުކާރެއް އޮތަސް ދޭނީ އެސަރުކާރު ހިންގާ ޕާޓީގާ ހިމެނޭ ބޮޑެތި މީހުންނަށް މީ ޕާޓީ އުފެއްދީމާ ރައްޔަތުންނަށް ލިބޭ ކިހާ ބޮޑު ދެރައެއް

މުހުސިން

މުއިއްޒު ބޭއިންސާފުން ތިޔަކުރެއްވި ކަންތަކާއި މީހުންގެ ހައްގުތަކަށް އަރައިގަތް އަރައިގަތުން. މިނޫން ދުވަހެއްއަދި އެނބައޮތް ކަން ހަނދާނަކޮށްލާށެވެ. މުއިޒުއަށް މާތްﷲ ތިޔަކަންތަކުގެ ބަދަލު މިދުނިޔެމަތިން ދައްކަވާންދޭވެ. ޢާމީން