400 Goachah Edhey Meehun Ganathalhuvanee!
image
1 ކޮމެންޓް
 

400 ގޯއްޗަށް އެދޭ މީހުން ގަނަތަޅުވަނީ!

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އިއުލާނުކުރިއެވެ. އެއާއެކު ފެނިގެން މިދަނީ ގޯއްޗަށް އެދިއެދި ތިބި މީހުން ގަނަތަޅުވާ މަންޒަރެވެ. dhi2
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި، ގޯއްޗެއް 400،000 ރުފިޔާއަށް ވިއްކަން ނިންމާފައިވާކަން ހައުސިން މިނިސްޓްރީން އިއުލާނު ކުރީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

އެ ގޯތިތަކަށް އެދި ފޯމުލުމަށް، ކޮންމެ ދުވަހަކު ގާތްގަނޑަކަށް 1،000 އެއްހާ މީހުން ކިޔުގައި ޖެހެމުންދިޔަ ނަމަވެސް ހައުސިން މިނިސްޓްރީން ދޫކުރަމުން ދަނީ ދުވާލަކު 500 ނަންބަރެވެ. ނަންބަރަކަށް ލެވެނީ ގިނަވެގެން ފަސް ފޯމެވެ.

ހައުސިން މިނިސްޓްރީ ދޮށުގައި، މީހުން ދަންވަރުން ފެށިގެން ކިޔުގައި ޖެހިގެން ތިބެނީ އަނެއް ދުވަހު ފޯމު ދޫކުރާއިރު 500 ގައި ތެރޭގައި ހިމެނޭތޯއެވެ.

"ރެ އިން ފެށިގެން މި ތިބެނީ ކިޔުގައި، ގެދޮރަށް ބޭނުންވެފައި ތިބި މީހުން ގަނަތެޅުވުން މިއީ، މިއީ ގޯއްޗަށް އެދި އާދޭސް ކުރުވުން" ކިޔުގައި ހުރި މީހަކު ބުންޏެވެ.

އެ 400 ގޯތި ދޫކުރަން އިއުލާނު ކުރުމާއެކު، އެކަން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިމަހުގެ ހަތް ވަނަ ދުވަހު ހައުސިން މިނިސްޓްރީއަށް އެނގިއެވެ. އެއީ އެ 400 ގޯތި ދޫކުރަން އިއުލާނު ކުރި ދުވަހެވެ. ނަމަވެސް އެ އެންގުމަށް ނުބަލާ ފޯމު ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ ކުރިއަށް ގެންދިޔައެވެ.

ފޯމު ދޫކުރުން މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީއަށް އޭސީސީ އިން މިމަހުގެ ހަތް ވަނަ ދުވަހު އަންގާފައިވަނީ ހުޅުމާލެއިން 400 ގޯތި ވިއްކުމަށް ހުޅުވާލުމާއި ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކަށް ބަލާއިރު، ގާނޫނީ ގޮތުން އެކަމުގެ ތެރޭގައި ސުވާލު އުފެދޭ ފަދަ ކަންތައްތަކެއް ހުރި ކަމަށް ބުނެއެވެ.

މިމަހުގެ އަށްވަނަ ދުވަހު، ހުޅުމާލެއިން ގޯތި ވިއްކުމަށް ފޯމު ދޫކުރުމާއި ބަލައިގަތުން އޭސީސީއާ މަޝްވަރާ ކުރަމުންދާތީ ކަމަށް ބުނެ ހައުސިން މިނިސްޓްރީން މެދު ކަނޑާލިއެވެ. ނަމަވެސް ޖެހިގެން އައި އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުމާލެއިން ގޯތި ވިއްކުން ކުރިއަށް ގެންދިއުމަށް އޭސީސީން އަލުން ހުއްދަ ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރުގެ ޕްރެސްކޮންފަރެންސް ނިމުނުތާ އިރުކޮޅެއްގެ ތެރޭގައި އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެއިން 400 ގޯތި ދޫކުރެވޭނީ، ގޯތި ދޫކުރާނެ އުސޫލެއް އެކުލަވާލައި އެއުސޫލާއި ގޯއްޗަށް ކުރިމަތިލުމަށް ކުރީބައިގައި އިއުލާން ކޮށްގެން ކަމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

"ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އުސޫލެއް އެކުލަވާލައި، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ އުސޫލު އާއްމުކޮށް ޝާއިއުކުރުމާއެކު ގޯތިދޫކުރުމަށް ކުރިއާލާ އިއުލާންކޮށް، ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށް މިކޮމިޝަނުން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފަ" އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އެ އުސޫލެއްވެސް ހައުސިން މިނިސްޓްރީން އާންމުނުކޮށް، ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ދިޔައީ ފޯމު ބަލައިގަތުމަށް ނަންބަރު ދޫކުރަމުންނެވެ.

މިހާރު އޭސީސީން ވަނީ އޭސީސީގެ އެންގުމާއި ހިލާފަށް ހުޅުމާލެއިން ގޯތި ދޫކުރުމުގެ މަސައްކަތް ކުރާނަމަ ކޯޓު އަމުރެެއް ހޯދައިގެން ނަމަވެސް މަސައްކަތް ހުއްޓުވަން ޖެހިދާނެ ކަމުގެ އިންޒާރު އެކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ދީފައެވެ.

މީގެ އިތުރަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއްވެސް ވަނީ ގޯތި ދޭ ގޮތާމެދު ހިތަހަމަ ނުޖެހި މައްސަލަ ބަލައިދިނުމަށް އޭސީސީއަށް ވެސް ހުށަހަޅާފައެވެ. މިހުރިހާ ކަމެއް މިހެންވެފައި ހުއްޓާ މާލޭގައި ދިރިއުޅެމުންދާ ގިނަ ބަޔަކު އަނެއްކާ ކިއޫ ޖެހެން މިޖެހުނީ ހުޅުމާލެއަށް ދާންށެވެ. މިއީ ދިވެހިންނަށް އިހްލާސްތެރިކަމާއެކު ގޯތި ދޭން ކުރާ މަސައްކަތެއް ކަމާމެދު ގިނަ ބަޔަކު ސުވާލު ކުރެއެވެ.
ހިޔާލު

ސީސީސީ

މުއިއްޒު ހީކުރަނީ މީނަގެ އަޅުއްކަމަށް ރާއްޖޭގައި ތިބީ؟ ޓިނު