Fazad ge member kan gellijje kamah kandaelhi sitee baathil koffi
image
އަލީ ފަޒާދު
0 ކޮމެންޓް
 

ފަޒާދުގެ މެމްބަރުކަން ގެއްލިއްޖެކަމަށް ކަނޑައެޅި ސިޓީ ބާތިލްކޮށްފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި އިދިކޮޅާއި ގުޅުނު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ އެކޮމިޝަނުން ބާތިލްކޮށްފިއެވެ.
އިދިކޮޅު ކެމްޕޭނާއި ގުޅުމުން ޕީޕީއެމުގެ ސުލޫކީ ކޮމެޓީން ފަޒާދު ޕާޓީން ވަކިކުރުމަށް ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. ފަޒާދަކީ 2014 ވަނަ އަހަރު ޕީޕީއެމް ޓިކެޓުގައި މަޖިލީހަށް އިންތިހާބްވި ބޭފުޅެކެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމްއާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ފަޒާދު މަޖިލިސް މެމްބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީ ބާތިލްކޮށްފައިވަނީ ޕީޕީއެމުން ފަޒާދު ވަކިކުރީ އިޖްރާތްތަކާއި ހިލާފަށް ކަމަށް ބުނެ ފަޒާދު ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން ގެންދާތީ ކަމުގައެވެ.

އެހެން ކަމުން ފަޒާދަކީ އަދިވެސް މަޖިލިސް މެމްބަރެއްކަމަށް އަކްރަމްއާއި ހަވާލާދީ ބައެއް މީޑިއާ ތަކުގައި ބުނެފައި ވެއެވެ. ނަމަވެސް އަކްރަމް ފޯން ނުނަންގަވާތީ އަކްރަމްގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

މަޖިލިސް
ހިޔާލު