Raees Ibu aai Eku China ge Dharanin Salaamai Vevidhaanetha!?
image
ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) އިންތިހާބީ ރައީސް އިބޫ (މ) އަދި ރައީސް ޔާމީން.
4 ކޮމެންޓް
 

ރައީސް އިބޫއާ އެކު ޗައިނާގެ ދަރަނިން ސަލާމަތް ވެވިދާނެތަ!؟

މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި ލަންކާ އަށް އުމްރާނީގޮތުން ބޮޑެތި ކުރިއެރުންތައް ލިބިގެން ދިޔަ އެވެ. ބޮޑެތި މަގުތަކާއި، ހައިވޭތަކެވެ. މި ސަރަހައްދުގެ އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ގޮތުގައި ފާހަކުރެވުނު ހަމްބަންޓޯޓާ ޕޯޓެވެ. ބަނގުރޫޓުވެފައިވާ މައްޓަލަ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓެވެ. އަދި ކްރިކެޓް ދަނޑުތަކާއި، ބޮޑެތި ކޮންވެންޝަން ސެންޓަރުތަކެވެ.
އެ ޕްރޮޖެކްޓުތަކަކީ، އޭރު ވެސް ލަންކާގެ އިގްތިސާދުގައި ހަކަތަ ނެތް ވަރުގެ ބިޔަ ޕްރޮޖެކްޓުތަކެވެ. ނަތީޖާއެއްގެ ގޮތުން އެ ކަންކަން ކުރީ ޗައިނާ އިން އެތައް ބިލިޔަން ޑޮލަރެއްގެ ލޯނު ނަގައިގެންނެވެ. ވާނީވެސް އެހެންތާ އެވެ؛ ޗައިނާ އަކީ އެންމެ ފަސޭހައިން ލޯނު ދޫކުރާ ގައުމެވެ.

ޗައިނާ ލޯނު އެހީގައި ހިންގި ޕްރޮޖެކްޓުތައް ނިމި، ރައްޔިތުންނަށް އެ ކަމުގެ ފޮނިމީރުކަން ލިބުނު އިރު އޮތީ އެ ގައުމުގެ ރިޔާސީ އިންތިހާބު ބޯމަތިވެފަ އެވެ. ރާޖަޕަކްސާގެ ކެމްޕޭނުގައި އެންމެ އަޑުހަރުކޮށް ދެއްކީ، ޗައިނާ ލޯނުގައި ހިންގި ބިޔަ ޕްރޮޖެކްޓުތަކުގެ ވާހަކަ އެވެ. ގައުމު ތަރައްގީ ކުރި ކަމުގެ ވާހަކަ އެވެ.

ރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކަންތައްތައް ފެނިގެން ދިޔަ ގޮތަށެވެ؛ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ޗައިނާ އިން އެތައް މިލިޔަން ޑޮލަރެއްގެ ލޯނުތައް ނަގައިގެން ހިންގި ބިޔަ ޕްރޮޖެކްޓުތައް ދިވެހިން ބަލައިނުގަތް ގޮތަށް ރާޖަޕަކްސާގެ ވެރިކަން ވެސް ނިމިގެން ދިޔައީ އެވެ.

ރައީސް ޔާމީނާއި ރާޖަޕަކްސާގެ މައްޗަށް ވެސް ގިނަ ބަޔަކު ކުރީ އެއް ތުހުމަތެކެވެ. އިންތިހާ އަށް ކޮރަޕްޝަން ހިންގުމާއި، ކިރިޔާވެސް ބިރެއްހެން ހީވާ އިދިކޮޅު މީހުން ހައްޔަރުކުރުމާއި އަނިޔާވެރިވުން ފަދަ ކަންކަމެވެ.

ރާޖަޕަކްސާގެ ވެރިކަމަށް ފަހު ދެން އައީ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ވެރިކަމެވެ. ރާޖަޕަކްސާގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ އެއްބަސްވުންތަކަކީ އިންތިހާ އަށް ގައުމަށް ގެއްލުން ބޮޑުކޮށް ނިންމާފައިވާ އެއްބަސްވުންތަކެއް ކަމަށް ބުނެ، އެ އެއްބަސްވުންތައް އުވާލުމަށް ނުވަތަ އަލުން އެއްބަސްވުންތައް އިސްލާހު ކުރުމަށް ސިރިސޭނާގެ ސަރުކާރުން މަސައްކަތް ފެށި އެވެ.

ނަމަވެސް މިކަމުގެ ނަތީޖާ ވަރަށް ހިއްޗެވެ؛ ޗައިނާ އިން ސިރިސޭނާގެ ސަރުކާރު ކުޑަ ކަކޫމައްޗަށް ތިރިކޮށްލި އެވެ. ޗައިނާ އިން ބޭނުންހާ ގޮތްތަކަށް ލަންކާ ސަރުކާރުން އާނ ބަސް ނުބުނުމުން ލޯނުތައް ދެއްކުމަށް އެއްވެސް ލުޔެއް ނުދިންތާގައި، އެކަން އިންތިހާ އަށް ހަރުކަށިކޮށް ސިރިސޭނާގެ ސަރުކާރު ފިއްތާލީ އެވެ.

ނަތީޖާ އަކީ ކޮބައި ހެއްޔެވެ؛ ސިރިސޭނާގެ ސަރުކާރުގެ އާމްދަނީގެ 95 ހޭދަކުރަން ޖެހުނީ އެ ގައުމުގެ ދަރަނި އަދާކުރާށެވެ. އެ ގައުމުގެ 64 ބިލިޔަން ޑޮލަރުގެ ބޮޑު ދަރަނީގެ، އަށް ބިލިޔަން ޑޮލަރު ހިއްސާ ކުރީ ޗައިނާގެ ލޯނުތަކެވެ. އެ އަށް ބިލިޔަން ޑޮލަރު ދައްކަން ޗައިނާ އިން ފިއްތާލުމުން ސިރިސޭނާގެ ސަރުކާރުން ރައްޔިތުންނަށް ހިންގަން އުންމީދު ކުރި ގިނަ ޕްރޮޖެކްޓުތައް ފަޑުވެގެން ދިޔައީ އެވެ.

ޗައިނާގެ ފިއްތުންތަކަށް ކެތް ނުވެގެން އެންމެ ފަހުން ސިރިސޭނާ އަށް ދޫތަކެއް ދޭން މަޖުބޫރުވެ ވަޑައިގެންނެވި އެވެ. އެގޮތުން ހަމްބަންޓޯޓާ ޕޯޓު ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ދިގު މުއްދަތަށް ދޫކޮށްލަން ޖެހުނީ އެވެ. އަދި އެ ޕްރޮޖެކްޓް މިހާރު އޮތް ގޮތުން ފީޒިބަލް ނުވާނެކަމަށް ބުނެ، އެ ޕޯޓާއި އެކު ޗައިނާ އަށް އެ ސަރަހައްދުން 6،000 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވެސް ދޫކޮށްލަން ޖެހުނީ އެވެ.

މައްޓަލަ އިންޓަނޭޝަނަލް އެއާޕޯޓް ޗައިނާގެ ލޯނުގައި އެޅި ޒަމާނީ ކޮންފަރެންސް ހޯލަކާއި ކްރިކެޓް ދަނޑެއް ވެސް ޗައިނާގެ ކުންފުނިތަކާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދެން މިއޮތީ ރާއްޖޭގެ ވާހަކަ އެވެ؛ ސިނަމާލެ ބްރިޖްގެ ބިޔަ މަޝްރޫއު ހިންގުމަށް 210 މިލިޔަން ޑޮލަރު ހޭދަ ކުރި އެވެ. ގާތްގަނޑަކަށް ޗައިނާގެ 100 މިލިޔަން ޑޮލަރުގެ ލޯނު އެ ޕްރޮޖެކްޓުގައި ހިމެނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަށް 800 މިލިޔަން ޑޮލަރު ހޭދަކުރާއިރު އޭގެ ބޮޑު ބައެއް ހަމަޖެއްސީ ޗައިނާގެ ބޭންކުތަކުންނެވެ. އޭގެ ތެރެއިން އާ ރަންވޭ އާއި ފިއުލް ފާމާއި ކާގޯ ޓާމިނަލް ތަރައްގީ ކުރުމާއި، އެ ތަންތަން ތަރައްގީ ކުރާނެ ބިން ހިއްކުމުގެ މަޝްރޫއުގެ އަގު އުޅެނީ 300 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.

އޭގެ އިތުރުން ރައީސް ޔާމީނުގެ ހައުސިން ޕޮލިސީގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ފަށާފައިވާ ހިޔާ ޕްރޮޖެކްޓަކީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނަށް 434 މިލިޔަން ޑޮލަރުގެ ބޮޑު އަގެއްގައި ހަވާލު ކޮށްފައިވާ ޕްރޮޖެކްޓެކެވެ. މީގެ އިތުރުން ވެސް ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކަށް، ޗައިނާގެ ލޯނުތައް ލިބިފައިވެއެވެ.

ޗައިނާ ސަރުކާރާއި ގުޅުމެއް ނެތް އެތައް ކުންފުންޏަކުން ވެސް ރާއްޖޭގައި ރިސޯޓް ތަރައްގީ ކުރުން ފަދަ އެތައް މިލިޔަން ޑޮލަރެއްގެ ޕްރޮޖެކްޓުތައް ހިންގަމުން ދެ އެވެ. ނަމަވެސް އެ ވާހަކަތައް މި ތަނުގައި ދެއްކުމުގެ ބޭނުމެއް ނެތެވެ.

ދެން އޮތީ ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާއާ އެކު ސޮއިކުރި ފްރީ ޓްރޭޑް އެއްބަސްވުމުގެ ވާހަކަ އެވެ. ނަމަވެސް އެ އެއްބަސްވުމުގައި ހުރި ކަންކަން އަމަލީގޮތުން އަދި ފެށިފައި ނުވާތީ އެ ވާހަކަތައް ވެސް މިފަހަރު ނުދައްކާ ދޫކޮށްލާނީ އެވެ.

ރައީސް ޔާމީނުގެ ފަސް އަހަރުގެ ދައުރު ނިމި، އާ ރައީސެއް ވެރިކަމާ ހަވާލުވާއިރު ރާއްޖޭން ޗައިނާ އަށް ދަރާފައިވަނީ ސީދާ ކިހާވަރެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ޔަގީންވާ ކަމަކީ ދަރަނީގެ އަގު ބިލިޔަން ޑޮލަރުން މަތިވާނެ ކަމެވެ.

ރައީސް މުހައްމަދު ނަޝީދު ރާއްޖޭން ބޭރަށް އަރުވާލެވިގެން ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ވިދާޅުވީ ކޯލިޝަނުން ސަރުކާރާއި ހަވާލުވާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ދަރަނިތައް ކަމަށެވެ. އެގޮތުން ޗައިނާގެ ދަރަނިތައް އެކަނިވެސް ތިން ބިލިއަން ޑޮލަރަށް އަރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެން މިއޮތީ ބޮޑު ސުވާލެވެ؛ ރާޖަޕަކްސާގެ ސަރުކާރު ނިމުމަކަށް އައުމުން ސިރިސޭނާގެ ސަރުކާރަށް ދިމާވިފަދަ ހާލަތެއް (ޗައިނާގެ ފިއްތުނަތްކާހެދި ލޯނު ނުދެއްކި ހަރުމުދާ ޗައިނާއާއި ހަވާލު ކުރަން ޖެހުން) އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރިމަތިވެދާނެތޯ އެވެ؟
ހިޔާލު

ލީސް

ދިވެހިން ދެރުވުން ނޫން ކަމެއް ރޔ އަކަށް ނުވާނެ

މައްޓަލަ

ޓައިޕޯ މައްޓަލް މައްޓަލަ މައްޓަލަ މައްޓަލަ މައްޓަލަ މައްޓަލަ މައްޓަލަ މައްޓަލަ

.އެހެން

.ކީއްވެތޯ ނުވާނީ ތިކަންވެސް ކޮށްދޭނެ މިކަންވެސް ކޮށްދިން ގޮތަށް ރާއްޖޭގެ ހުރިހާ ދަރަނިތައް ވެސް ފިލުވައިދޭނެ މިހާރު ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް އަޅުވެތި ކުރިއަސް ކުރެވޭނީ ފަހުންތާ އެއްވެސް މީހަކު އެދުމެއްނެތި ވެދުމެއް ވެސް ނުކުރާނެ ކަންވެސް ގަބޫލު ކުރޭ އިނގޭ.

ޔަސް

ހެހެހެ ނެވަރ އަދިވެސް ރޔ އަށް ވާނީ