Civil court in hukumkuree sha'ruee adhi gaanoonee usooluthakaai hilaafah: Nasheed
image
މެމްބަރު ނަޝީދު
1 ކޮމެންޓް
 

ސިވިލް ކޯޓުން ހުކުމްކުރީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް: ނަޝީދު

އިންޑިއާގެ ރައްޔިތަކަށް 150000 ޑޮލަރު ދެއްކުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއްކަމަށް މެމްބަރު ނަޝީދު ވިދާޅުވެއްޖެއެވެ.
ސިވިލް ކޯޓުން މިއަދު ނަޝީދުގެ މައްޗަށް ކޮށްފައިވަނީ އިންޑިއާ ރައްޔިތެއް ކަމަށްވާ ޑރ އަލަކާ ސިންގް ނަމަކަށް ކިޔާ މީހަކު އިންވެސްޓްކޮށްފައިވާ "ބަރުތީލަ" ނަމަކަށް ކިޔާ އުޅަނދެއް އަލަކާ ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި މެމްބަރު ނަޝީދު ވިއްކާލުމުން ލިބުނު ގެއްލުމުގެ ބަދަލެއް ދިނުމުގެ ހުކުމެކެވެ.

އަލަކާ ކުރި ދައުވާގައި ބުނެފައިވަނީ 400000 ޑޮލަރަށް އުޅަނދު ވިއްކާލި ނަމަވެސް މަދުވާ ފައިސާ ނަޝީދު އަމިއްލަފުޅަށް ދައްކަވާނެކަމަށް ވިދާޅުވެ އުޅަނު ވިއްކާލާފައިވަނީ 250،000 ޑޮލަރަށް ކަމުގައެވެ.

ހުކުމުގައި ބުނެފައިވަނީ އެ ފައިސާ ދެއްވާނެކަން ނަޝީދު ފޮނުވާފައިވާ އީމެއިލްތަކުން އެނގޭކަމަށާއި އެހެންކަމުން އަލަކާއަށް 15 ދުވަހުގެ ތެރޭގައި 150000 އެމެރިކާ ޑޮލަރު ދެއްކުމަށް ހުކުމް ކުރާ ކަމުގައެވެ.

ހުކުމާއި ގުޅިގެން ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެ ދައުވާއަކީ ދަޢުވާ ކުރި ފަރާތާއި ނަޝީދާއި ދެމެދު އަހަރުތަކެއް ވަންދެން އޮތް ރަޙްމަތްތެރިކަމެއްގައި، އެފަރާތުން އެހެން ފަރާތަކާއެކު ހިންގަންބޭނުންވި ވިޔަފާރި މުޢާމަލާތެއްގައި އޭނާ އެދުނު މިންވަރަށް އެވިޔަފާރި މުޢާމަލާތުން ފައިސާ ނުލިބޭތީ، އޭގެބޭރުން، މަދުވާ ޢަދަދުގެ ފައިސާ ފަހަރުގައި ހަމަޖައްސާނެ ގޮތެއް ހޯދާދޭންވީ ނަޝީދު ކަމަށްބުނެ، އެފަރާތަށް އެހީތެރިވެދިނުމުގެ ގޮތުން، ހެޔޮނިޔަތުގައި، މުޤާބިލެއްނެތި، އަމިއްލަ އިސްނެގުމުގައި ލިޔުނު އީމެއިލެއްގެ މައްޗަށް އެކަނި ބިނާކޮށް ކުރި ދައުވާއެއް ކަމުގައެވެ.

އެ އީމެއިލްގައި ފާޅުކުރި ޚިޔާލަކީ ޤާނޫނީގޮތުން ތަންފީޒުކުރެވިދާނެ ހުށަހެޅުމެއް ނޫންކަމަށާއި، އެއީ ޒިންމާއެއް އިލްތިޒާމެއް އުފައްދާ ހުށަހެޅުމެއްވެސް ނޫންކަމަށާއި، އެހުށަހެޅުމަކީ އޯގާތެރިކަމުގައި ހުށަހެޅި އިޙްސާންތެރި ހުށަހެޅުމެއްކަމަށް ބަލައިގަންނަކަމަށާއި އެކަމަށް ޝުކުރުވެރިވާކަމަށް އޭނާ އީ މެއިލުން ޖަވާބު ދީފައިވާކަމަށާއި އީ-މެއިލްގައި ފާޅުކުރި ޚިޔާލުތައް ފާޅުކުރި ފަހުން ހިނގާދިޔަ އެހެން ކަންކަމުގެ ސަބަބުން ނަޝީދު ފާޅުކުރި އެ ޚިޔާލު ބާތިލުވެދިޔަ ފަހުން، އޭނާ ކޮށްފައިވާ ޤާނޫނީ ހަމައެއް ނެތް ދަޢުވާއެއްކަމަށްވެސް ނަޝީދުގެ ބަޔާނުގައި ވެއެވެ.

އެ ފައިސާއަކީ އެއްގޮތަކަށްވެސް މީހެއްގެ އަތުން ގަތް މުދަލަކަށް ނުވަތަ ހޯދި ޚިދުމަތަކަށް އަގު ނުދީގެން ނުވަތަ މީހެއްގެ އަތުން ނެގި ދަރަންޏެއް ނުވަތަ ފައިސާއެއް އަނބުރާ ނުދައްކައިގެން ނުވަތަ މީހެއްގެ ފައިސާގައި ޖެހިގެން ކުރި ދަޢުވާއެއް ނޫންކަމަށްވެސް ބަޔާނުގައި ވެއެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ސިވިލް ކޯޓުން މިއަދު ކުރެއްވި ޙުކުމް ކުރައްވާފައިއެވަނީ، މުޤާބިލެއްނެތި ހުށަހެޅޭ ހުށަހެޅުންތައް ތަންފީޛުނުކުރެވޭނެކަމަށް ބުނާ ޝަރުޢީ ޙުކުމްތަކާއި، އެނޫންވެސް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށެވެ. އެހެންކަމުން، އެ ޙުކުމް އިސްތިއުނާފުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްގެންދަން އަޅުގަނޑު ގަސްދުކޮށްފައިވާ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ"
ސިވިލް ކޯޓު
ހިޔާލު

ބަލަސް

ޤާނޫނުގެ ވާހަކަތައް އަމުނާފަވެސްކިޔިދާނެ...އެކަމަކުވެސް އެފައިސާ އެއީ ދައްކަންޖެހޭ އެއް!