Deepika Kaiveneege Lehenga Ge Agu Engeytha?
image
ދީޕިކާ އާއި ރަންވީރު ސިންދީ ސަގާފަތާއި އެއްގޮތަށް ކައިވެނިކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް---
0 ކޮމެންޓް
 

ދީޕިކާ ކައިވެނީގެ ލެހެންގާގެ އަގު އެނގޭތަ؟

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގް ވަނީ އިޓަލީގެ ލޭކް ކޯމޯގެ ވިލާ ޑެލް ބަލްބިއާނެއްލޯގައި އިންޑިއާގެ ދެ ސަގާފަތަކާއި އެއްގޮތަށް ކައިވެނިކޮށްފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ސިންދީ ސަގާފަތާއި އެއްގޮތަށް އެދެމީހުން ކައިވެނި ކުރިއިރު ބުރާސްފަތި ދުވަހު ކައިވެނިކުރީ ކޮންކާނީ ސަގާފަތާއި އެއްގޮތަށެވެ.
ވަރަށް ޕްރައިވެޓްކޮށް ބޭއްވި އެ ކައިވެނީގެ ހަފުލާގައި ބައިވެރިވީ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުން އެކަންޏެވެ. ކައިވެނީގެ ހަފުލާގެ ތެރެއިން މިހާތަނަށް ސަޕޯޓަރުންނަށް ހިއްސާކޮށްފައި ވަނީ ވެސް އެންމެ ދެ ފޮޓޯ އެވެ.

ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރަންވީރާއި ދީޕިކާ ކައިވެނި ކޮށްފައިވާއިރު ކައިވެނީގެ ހަފުލާގައި ދީޕިކާ ފެނިގެން ގޮސްފައިވަނީ އޭނާގެ ފޭވަރިޓް ޑިޒައިނަރު ކަމަށްވާ ސަބްޔަސާޗީގެ ޑިޒައިނެއްގައެވެ. އެގޮތުން ސަބްޔަސާޗީ ވަނީ ދީޕިކާގެ އިތުރުން އެ ހަފުލާގައި ބައިވެރިވި އިތުރު ބައެއް ހެދުންތައް ވެސް ޑިޒައިން ކޮށްދީފައެވެ.

ހަބަރުތައް ބުނާ ގޮތުގައި ދީޕިކާ ސިންދީ ސަގާފަތާއި އެއްގޮތަށް ކުރި ކައިވެނީގައި އޭނާ ލާފައި ހުރި ލެހެންގާއަށް އެކަނިވެސް 8.95 ލައްކަ ރުޕީސް އަރައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ އެއްލައްކަ ނުވަދިހަ ދެހާސް ހަތްސަތޭކަ ފަންސާސް ދެ ރުފިޔާ އެވެ. ކައިވެނީގެ ހަފުލާގައި އޭނާ ފެނިފައި ވަނީ ރަތް ކުލައިގެ ލެހެންގާ އެއްގައެވެ. ގިނަ އަދަދެއްގެ ގަހަނާ ވެސް ދީޕިކާ އޭނާގެ ކައިވެނީގެ ހަފުލާގައި ބޭނުންކޮށްފައި ހުރިއިރު އޭނާގެ މަންގަލް ސޫތްރައަށް ވެސް 20 ލައްކަ އިންޑިއަން ރުފީސް އަރައެވެ.

މީގެއިތުރުން ކައިވެނީގެ ސަލާމަތީ ކަންކަމަށް ވެސް ދެ މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް އެމީހުން ކޮށްފައިވެއެވެ.

ކައިވެންޏަށް ފަހު މިހާރު އިންޑިއާގައި ތިބި ދީޕިކާ އާއި ރަންވީރު އެމީހުންގެ ކައިވެނީގެ އުފަލުގައި ބޮލީވުޑުގެ ތަރިންނާއި ގާތް ރަހުމަތްތެރިންގެ އިތުރުން އާއިލާގެ މީހުންނަށް މުމްބާއީ އާއި ބެންގަލޫރުގައި ކުލަގަދަ ޕާޓީއެއް ބާއްވާނެއެވެ. އެދެތަރިން ހަނީމޫނަށް ދާން ނިންމާފައި ވަނީ އަންނަ މަހުގެ ކުރީކޮޅެވެ. ނަމަވެސް ހަނީމޫނަށް ދަނީ ކޮން މަންޒިލަކަށް ކަން ހާމައެއް ނުކުރެއެވެ.
ހިޔާލު