Firumaaladheyshey, Episode 67
image
ފިރުމާލަދޭށޭ--
1 ކޮމެންޓް
ފުނަމާ
 

ފިރުމާލަދޭށޭ..

67 ވަނަބައި kobadoctor
"މަންމަ މިގޮތަށް ނިންމީ ވަރަށް ވިސްނާފައި.. ވަރަށް ގިނަދުވަހު ޔާދުއާއިވެސް ޚިޔާލު ބަދަލުކޮށްފައި"
ގައިސަރާއި ޔާދުއަށް ހައިރާންކަން ނުލިބުނަސް، އެހެންމީހުންގެ ބަސްހުއްޓުނު ވަގުތުކޮޅެކެވެ. ލިބުނު ހައިރާންކަމުގެ އިތުރުން އެލީގެ ދަތްދޮޅި ތިރިކޮށްލިއެވެ. މައިދައިތައާއިމެދު ކަންކަން ކުރެވުނު ގޮތް ހަނދާންނެތޭހައި ދުވަހެއް ނުވެއެވެ. އެކަންކަމަށް މަޢާފުދިނުން އެއްކިބައިގައި އޮއްވައި، ގައިސަރުގެ އޯގާތެރިކަމާއި ދީލަތިކަން ދުނިޔެއަށް މިސާލަކަށް ފުދެއެވެ.

"އަހަރެން ޔާދުއަށް އެހީވަނީ އެއްވެސް އެދުމެއްގައެއްނޫން.. ދެން ޔާދުމަންމައަށް އަހަރެންގެ ހިތުގައި އޮންނަ ގަދަރަކީ، ކީއްވެ ކޮން ގޮތަކަށް އުފެދުނު އިޙްތުރާމަކާއި ގަދަރެއްކަން ބުނާކަށް ނޭގެ.. ޔާދުމަންމަ ފެންނައިރުވެސް ހީވަނީ އަމިއްލަ މަންމައެއްހެން.. ތިޔަވަރުގެ ހަދިޔާއެއް ގަބޫލުކުރާނީވެސް ކިހިނެއް.. އަމިއްލަ މައިންބަފައިންވެސް ކޮށްނުދޭވަރުގެ ބޮޑު ބޮޑު ހެޔޮކަމެއް ތިޔައީ.. އުމުރު ހުސްވިޔަސް ޝުކުރުވެރިވުން ނުނިމޭނެ.. ހިތްހެޔޮކަމާއެކު އަބަދުވެސް ތިގެއަށް ވަދެނިކުމެ ހެދެނިކޮށް ރަގަޅުވާނެ.. އަހަރުމެންނަށް، މާޔާ މަންމަގޭންވެސް އަދި އަހަރެންގެ ގޭންވެސް ޖާގަ ލިބޭނެ.. ޔާދު މަންމަގެ ގެއިން ޔާދު މެންނަށް ޚާއްސަކޮށްލަންވީނުން" ޝުކުރުން ފުރިގެންވީ ހާލުގައި އީތަން ވާހަކަދެއްކިއެވެ. ދިން ހަދިޔާ ބޮލާލައި ޖަހާން ބޭނުންވީކީ ނޫނެވެ. ނަމަވެސް މިފަދަ ޒަމާނެއްގައި އެފަދަ ހަދިޔާއެއް ދިނުމަކީ އަދައިގެ މީހަކު ކުރާނެވަރުގެ ކަމެއްވެސް ނޫނެވެ. ގަބޫލުކުރާންވެސް ފަސޭހަނޫނީއެވެ.

"ދަރިފުޅާ.. މައިން ބަފައިންގެ ފަރާތުން ލިބޭ ހަދީޔާއަކީ އަނބުރާ، ރައްދުކުރާންޖެހޭ އެއްޗެއް ނޫން.. މި ނިންމުން ގަބޫލުނުކޮށްފިނަމަ، މަންމަ ވަރަށް ދެރަވާނެ.. ދިހަބުރީގެ އިމާރާތަކުން، ފަސް ފްލޯރ އާނީއަށް ލިބިފައި އެލީއަށް ވަކިން އަދި ޔާދުއަށް ވަކިން އެތަނުން ލާރި ލިބެންޏާ އެމީހުންނަށް ދިރިއުޅެން ދަތިނުވާވަރަށް ފައިސާ ލިބޭނެ.. އެގެއަކީ މާލޭގެ ނިސްބަތުން ބޮޑު ގެއެއް.. ކޮންމެ ފްލޯއަކުން މަދުވެގެން ފަންސަވީސްހާސް ނެގޭނެ.. ދަރިފުޅުމެން އުޅެން ނުދިޔައަސް، އެތަން ކުށްޔަށްދީގެން ލިބޭ އެއްޗަކުން ދިރިއުޅުން ފުއްދުންތެރިކުރެވޭނެކަން މަންމައަށް ޔަގީން.. މއ މަންޒިލް އަކީ މަންމައާއި ބައްޕަގެ ލޯބީގެ މަންޒިލް.. އެއީ ބާއްޖަވެރި އިމާރާތެއް.. އިންޝާﷲ އެއީ ތިޔަހުރިހައިކުދީންނަށްވެސް ހިތްހަމަޖެހުމާއި ތަނަވަސްކަން ގެނެސްދޭނެ މަންޒިލް! ހުރިހައި ކުދީންވެސް ނަމާދަށް ރައްކާތެރިވުން އެއީ މަންމަގެ އެދުމެއް" ގައިސަރު ވާހަކަދެއްކީ އީތަންގެ ބުރަކަށީގައި ފިރުމަމުންނެވެ. މަންމައަކު ދަރިންނަށް ވިސްނައިދޭނެ އެންމެ ލޯބިން، އެކުދިންނާއި ގައިސަރު ވާހަކަދެއްކިއެވެ. އެންމެފަހުން މާޔާވެސް އީތަންވެސް އެކަމަށް އެއްބަސްކުރުވިއެވެ.

"އެކަމަކު އަހަރެންގެ ހިތައް އަރަނީ، އެންމެ އިންސާފު ގޮތްކަމަށްވެދާނެބާއޭ، އާނީއަށް މުޅި ގެ ހެދުމަކީ.. ބުނަން ނުކެރިފައިވެސް މާޔާ ހާމަކޮށްލިއެވެ. ބުނަން ބޭނުމީ ޔާދުއަށް އެހެން ކުއްޖަކުލިބޭ ދުވަހަކުން ދެންވާނީ ކިހިނެއްތޯއެވެ.

"މީގެކުރިން މަންމައަށްވެސް އެނގިފައި ނެތް ކަންތައްތަކެއް މިކަމުގެތެރޭގައި އެނގުނީ.. ވަރަށް އުފާވި އެނގުނީމައި.. ދެން ހިތައްއެރީ ހަމަ އެންމެ ރަގަޅަށޭ މިކަން މިކުރެވުނީ..!" ގައިސަރުގެ އަޑު ބަދަލުވިއެވެ.

ކޮންމެވެސް ހިތާމައެއްގެ އަސަރު ސިކުނޑީގައިވެއެވެ. މޫނުމަތީގެ އުޖާލާކަން ކެނޑިއްޖެއެވެ. ޔާދުގެ ކައިރީގައި ހުރެފައި، ގައިސަރުޖެހިލީ އެލީއާއި ގާތަށެވެ. ކެއުން ކުރިއަށް ދިޔަޔަސް، އެންމެންގެ ސަމާލުކަން ހުއްޓުނީ ގައިސަރުގެ މޫނަށް އައި ބަދަލަށެވެ. ހުރިހައި އެއްޗެއް އެނގެން ބޭނުންވެއެވެ.

"މީގެކުރިން ނޭގެ، މަންމަގެ މިދަރިފުޅު ދުވަހަކުވެސް ދެން ދަރިމައިނުވާނެކަމެއް.. އާންޔާ ވިހައިގެން ކުރިމަތިވި ކަންތައްތަކެއްގައި އެލީގެ ރަހިމު ނެގިކަމެއްވެސް މަންމައަކަށް ނޭގެ.. މިކަމުގެތެރޭގައި ޔާދުވެސް މަންމަގާތުގައި އެވާހަކަބުނީ.." ގައިސަރު ވަރަށް ހިތްވަރުކުރިއެވެ.

ފެންކަޅިވެފައިވިޔަސް ހިނިތުންވިއެވެ. އެލީއަށް ހިތްވަރުދިނުމަށެވެ. މާޔާއަށް ބަލައިލެވުނީ އެލީއާއި ދިމާއަށެވެ. އެވަރުގެ ކަމެއް ވެގެންދިޔައިރު ބުނެނުލީތީ އެތައް ޝަކުވާއެއް އެފެދުނެވެ.

"އެހެންވެ، ބޭނުމެއްނޫން ދުވަހަކުވެސް އެލީއަށް ދެރައެއްގޮތެއްވާކަށް.. އާންޔާއަށް މަންމައާއި ބައްޕައެއްގެ މުހިއްމުކަން، މިމަންމައަށްވުރެންބޮޑަށް އެނގޭނެ އެހެންމީހަކު ނުހުންނާނެ.. އެހާލަތު އެލީއަށް މެދުވެރިވީ ޔާދުގެ އަންބެއްގެ ގޮތުގައި ވަނިކޮށް.. އެހެންވީމައި ދުވަހަކުވެސް އެލީ ދޫކކޮށްލުމަކީ ޔާދު ކޮށްގެންވާނެކަމެއްނޫން.. މަންމަ އުއްމީދުކުރަނީ މަންމަގެ މި ނިންމުމުގެ ސަބަބުން، އެލީގެ ސިކުނޑިއަށްވެސް ވަރަށް ބޮޑު ލުއެއް ލިބޭނެކަމަށް.. އަދި ޔާދު ނެތް ދުނިޔެއެއްގައިވެސް، ނުވަތަ އެލީ ނެތް ދުނިޔެއެއްގައިވެސް، ނުވަތަ މަންމައާއި އާންޔާ ނެތަސް، އެކަކަށްވެސް ގޮތް ހުސްވެ، މާޔޫސްވާން ނުޖެހޭނެކަމަށް މަންމަ އުއްމީދުކުރަން.. ގޭގެކުލިން ލިބޭ ފައިސާއިން ވަރަށް ރަގަޅަށް ދިރިއުޅުން އާރާސްތުކުރުމަކީ މަންމަ ބޭނުންވާގޮތް.. އެންމެ ދެކެންބޭނުމީ ވަރަށް އުފަލުގައި މަންމަގެ ދަރީން ފުދިގެން އުޅޭނެ ދުވަހެއް.. އީތަންއާއި މާޔާއަށް ލިބެން އޮތް މުދަލެއް ނުވަތަ ގޯއްޗަކާއިމެދުގައި މަންމަ އެއްޗެއް ބުނާކަށް ބޭނުމެއްނޫން.. މިގެއިން ލިބޭ ބައި ތިކުދިންވެސް ކުއްޔަށް ދީފައި ތިކުދިން ބޭނުންގެއަކު ދިރިއުޅެންވީ! އެކަމަކު މަންމަގެ މި ހުށަހެޅުން ގަބޫލުކުރާނެކަމަށް މަންމަ އުއްމީދުކުރަން.. ވަރަށް އުފާވާނެ ހުރިހައި ކުދިން ވަރަށް ތަނަވަސްކޮށް އުޅޭދުވަހެއް މަންމައަށް ފެނިއްޖެއްޔާ" ގައިސަރުގެ އޯގާތެރިކަމަށް އެއްޗެއްބުނެވޭނެ މީހަކު މޭޒުކައިރީގައި ނެތެވެ. ޝުކުރުން ހިތްތައް ފުރިއްޖެއެވެ. މައިދައިތައަށްޓަކައި އެލީގެ ހިތް ލޯބިން ފުރިއްޖެއެވެ.

"ތެންކިޔު މަންމާ..!" އެލީގެ ލޮލުގެ އެސްފިޔަތައް ތެމިގެން ކަރުނަތައް ނުހިފެހެއްޓުނެވެ.

***
"ވަރަށް އުފާވެއްޖެ އީތަންގެ މަންމައާއި ބައްދަލުވީމައި... އަހަރެން ބުނެފިން އެކުދިންކައިރީގައި، މަންމައަކީ ސަބަބެއްކަމަށް ބަލައިގެން އެކުދިންގެ ކައިވެނި ލަސްނުކުރާށޭ.. މިހާރު އަދި މަންމައަށް ހުރިހައި ކަމެއްވެސް ވަރަށް ފަސޭހަ.. އުނދަގޫވާ އެއްމެ ކަމެއްވެސް ނެތް.. އެކަނިވެރިވެސް ނުވޭ މިހާރަކު.. ދްރޫހީއަކީ ވަރަށް ހެޔޮ ކުއްޖެއް.. ކަމަކު ބުނެލާއިރަށް ކޮންމެ ވަގުތަކުވެސް އެކަމެއއް ކޮށްދޭނެ.. ގޭތެރޭގެ އެއްވެސް ކަމެއް އޭނާއަށް ނުޖައްސާއި، މާޔާ ކުރާނެ.." ގައިސަރުގެ ވާހަކަދެއްކުން ނުހަނު އޯގާތެރިއެވެ.

"އަހަރުމެންގެ ނަސީބަކީ، އަހަރުމެންނަށް ﷲ މިންވަރުކޮށްދެއްވި ޞޯލިޙްދަރީން.. އެކުދިންގެ ޒިންމާދާރުކަމާއި އޯގާތެރިކަން.. އަހަރުމެން އެދުނަސް ނޭދުނަސް އަހަރުމެންގެ ބޭނުންތަކާއި ނުތަނަވަސްކަން އެކުދިންނަށް އެނގޭ.. އެހެންވީމައި އަހަރުމެން އަޅާނުލާށޭ ބުންޏަސް އެކުދިން އެއަޑެއް ނާހާނެ.." ދެމަންމައިންގެ ބައްދަލުވުން ވަރަށް ހިތްގައިމެވެ.

ދްރޫހީ އެއައީ ރާނިޔާއަށް ލުއި ކެއުމެއް ހިފައިގެންނެވެ. ކިތަންމެ ރަގަޅަށް ގެއިން ސައިބބޮއެގެން އަޔަސް، މާޔާ މަންމަގެ މެހެމާންދާރީއަށް ނޫނެކޭ ބުނަން، ރާނިޔާ ބޭނުމެއް ނޫނެވެ. ގެނައި ކާތަކެއްޗަށް އިންސާފުކުރީ ދްރޫހީއަށް ތަޢުރީފުކުރަމުންނެވެ.
***

"މަންމާ..! ބުނެވޭނެ އެއްޗެއްވެސް ނެތް.. ބުނާނެ އެއްޗެއްވެސް ހިތަކަށް ނާދޭ.. އަހަރެންގެ ދުޢާއަކީ މަންމަ އަހަންނަށާއި އެލީއަށް ހިތްހެޔޮކޮށްދިނުން.. އެކަމަށް ޝައްކެއްވެސް ނުކުރަން.. އަހަރެންގެ ބަސް އަޑުއަހާ! އިންޝާﷲ ދުވަހަކުވެސް އެލީ ދޫކޮށްނުލާނަން.. އެލީގެ މަގާމަށް އެހެންމީހަކު ނުގެންނާނަން.. އާންޔާއަށް އަމާނާތްތެރިވާނަން.. މާޔާއާއި އީތަންއަކީ އަހަރެންގެ އާއިލާ.. އެލީގގެ މަންމައަށް އަބަދުވެސް އުފަންމަންމައަށް ދޭ ޤަދަރާއި އިޙްތިރާމާއި އޯގާތެރިކަން ދޭނަން.." ޔާދު ވާހަކަދެއްކީ ހުއްޓަހުއްޓައިގެންނެވެ.

"މާގިނަ ވާހަކަ ދައްކާކަށް ނުވެސް އިނގޭ.. އެކަމަކު ޔާދު މަންމައަކީ، އަހަރުމެން އެންމެންނނަށްޓަކައި ﷲތަޢާލާ ފޮނުއްވި ބޮޑުވެގެންވާ ނިޢުމަތެއް.. މިޒަމާނުގައި ތިފަދަ މަންމައިން ގިނަކުރައްވާންދޭވެ.. މަންމަގެ އުއްމީދު ފަނޑުވިޔަނުދޭނަން.. ޝުކުރިއްޔާ!" އީތަންގެ ސީރިއަސް މޫޑް މަދުންނޫނީ ނުފެނެއެވެ.

***
ހަށިގަނޑުގެ ބޮޑުބައެއް ހާމައަށް އޮތްއިރުވެސް ސަވާނާ އެއިންނަނީ ދެފައިކޮޅަށް ޖަހައިގެންނެވެ. ހައްޔަރުކުރުމަށް އެތަނަށް ގެނެވޭ ބައެއް ކުއްވެރިންނާއި ސަވާނާ މައްލަވަކުރެއެވެ. ބައެއް މީހުންނަށް ފާޑުފާޑުގެ ވަނަމުންވެސް މުޚާތަބުކުރެއެވެ.

"އޭ! ޗިއްޕޭ! މަށަށް ޕީސްއެއް ޕްރޮވައިޑްކޮށްދީބަލަ.. މަ ސިކުވެދާނެ.. މިހާރުވެސް މަ ބޭނުން! ކޮންއިރެއް މިހެން އަޒާބުދައްކާފައި މިތަނުގައި ތަޅުވަނީ.. ކައެމެން ބޭނުންވަރަކަށް މައެގެ ސަރވިސްލިބޭނެ.. ބަގްވެސް ހޯދައިދޭނަން.. މަށަށް ޕީސްއެއް ހޯދައިދީބަލަ.." ދުލުގައި ބާރެއް ނެތް މީހަކު ވާހަކަދައްކާގޮތަށް ސަވާނާ ވާހަކަދެއްކިއެވެ. ބައެއް އެއްޗެހިބުނެލަނީ ވަރަށް ސިއްރުންނެވެ. ކިތަންމެ ރީތި އިސްތަށިގަނޑެއް ގުދުރަތުން މިންވަރުކުރައްވާފައި އޮތަސް، އެއެކޭ ކިފުޅިގަނޑެކޭ މިހާރަކު ތަފާތެއް ނެތެވެ. ނޭފަތްމަތީގައި އަތްކާއްތާކާއްތާ، ނޭފަތް ރަތްވެއްޖެއެވެ. އެތައް އިރަކު ފެނުގައި އުޅެ، ހީކަރުވާފައިވާ މީހެކޭ ސަވާނާއެކޭ މިވަގުތު ތަފާތެއް ނެތެވެ. އޭނާ ތުރުތުރުވެސް އަޅާންފަށާއިފިއެވެ. ދެއަތުގައި ބިޑިއަޅާފައި އިނީތީ، އޭނާ ބޭނުންހައި ގޮތަކަށް ހަށިގަނޑު ގުޅަކޮށްނުލެވުނަސް، އެއިނީ ތަނަކަށް ބިއްޖެހިފައި އިންނަ ގޮތަށެވެ. މަސްތުގެބަލިކަމުގައި ސަވާނާގެ ހާލަތު ގޮސްފައިވާ މިންވަރެއް އޭނާގެ މައިންބަފައިންނަށް އަންދާޒާވެސް ނުކުރެވޭނެއެވެ.

***
ގަޑިއެއްހާއިރު ހެންވޭރު އީކުއަލްގައި ރާނިޔާ ހޭދަކުރިއިރު ވަރަށް ގިނަ ވާހަކަދެކެވި، ހައްވާފުޅާއި ރާނިޔާގެ ދެމެދުގައި އެކުވެރިކަމެއް އުފެދިއްޖެއެވެ. ދައްކަން އައި ވާހަކައިގެ ސުޚުރީ އަޅާލަންވެސް ނުކެރިފައި ރާނިޔާ އިނީ، އެކަމަށް ހައްވާފުޅު އިންކާރުކޮށްފާނެތީއެވެ. ނަމަވެސް މިވަގުތު ރާނިޔާގެ ޟަމީރު އެދެނީ އޭނާގެ މަޤުޞަދާއެކު ކުރިއަށް ދިއުމަށެވެ.

"ވަރަށް ބޮޑުވާހަކައެއްދައްކަން އަސްލު މިއަދު މިއައީ.. ކުދިން ނޫޅޭނެ ވަގުތެއްގައި މިއައީވެސް މިއީ އަހަރުމެން ދެ މަންމައިންގެ ވާހަކައަކަށް ވާތީ.. އަހަރެންގެ ވަރަށް ބޮޑު ހުށަހެޅުމެއް އެބައޮތް، އެކަމާ މިއައީވެސް.. އުއްމިދުކުރަނީ މާޔާމަންމަ އަހަރެންގެ މި ހުށަހެޅުމަށް ދެކޮޅު ނުހެދުން.." ހައްވާފުޅުގެ މޫނަށް ބަލަންއިނދެ، އަތް ތިލައިގައި ފިރުމާލަމުން ރާނިޔާ ވާހަކަދެއްކިއެވެ. ކުޑައިރުކޮޅެއް ކުރީން، ހައްވާފުޅުގެ ކިބައިގައި ހުރި ހިނިތުންވުން ފަނޑުވެއްޖެއެވެ. ރާނިޔާ ބުނެފާނެ އެއްޗަކާއި މެދުގައި ފިކުރުބޮޑުވީއެވެ.

"އަހަރެން ބޭނުންވަނީ ވީހައި އަވަހަކަށް އީތަންއާއި މާޔާގެ ކައިވެނިކުރެވި އެކުދިންގެ އަމިއްލަ ދިރިއުޅުމެއް އެކުދިންނަށް އުޅެވޭނެގޮތްވުން.. މިބުނަނީ އަހަރުމެން އެކުދިންގެ ދިރިއުޅުމުން ދުރައްދާ ވާހަކައެއް ނޫން.. ނުވަތަ އަހަރުމެން ދޫކޮށްލާފައި އެމީހުން، އެމީހުންގެ ކަންކަމައިގެން މަސްއޫލުވުމަށް ދޫކޮށްލާ ވާހަކައެއްވެސް ނޫން.. ކައިވެންޏަކީ އެގުޅުމެއްގެ ސަބަބުން، ދަރީންނަށް ވަރަށް ބޮޑެތި އިޚްތިޔާރުތަކަކާއި ނުހަނު ބޮޑު މިނިވަންކަމެއް، އަހަރުމެން މައިންބަފައިންގެ ކިބައިން ހޯދައިދޭންޖެހޭ ވަގުތެއް.. އެހެންނޫނީ ފެށުންވެސް ރަގަޅެއް ނުވާނެ.. ފެށުން ރަގަޅު ނުވެއްޖެ ދިރިއުޅުމެއް، ބާއްޖަވެރިވާނެކަމަށް އަހަރެންގެ ތަޖުރިބާގައި ފެނިފައެއް ނެތް.. އަހަރެންގެ ހުރީ ހަމަ އެންމެ ދަރިއެއް! މާޔާމަންމަގެ ދެކުދިން! މީހަކާއި އިނުމަށްފަހު އެކުދިން ދިރިއުޅޭނެ ތަނެއް ދެއްކުމަކީ އަހަރުމެން މައިންބަފައިންގެ ޒިންމާއެއް.. މާޔާ މަންމައަކީ އަބަދުވެސް ކޮންމެވެސް އެއްކުއްޖަކު ކައިރީގައި ހުރެގެން ހަޔާތުގެ ދުވަސްތައް ވެއަތުކުރާ ނަސީބުވެރި މަންމައެއް.. އަހަރެންގެ ހަޔާތުގައި ބޮޑެތި އުސްގަނޑުތަކާއި އަޑިގަނޑުތަކުގައި ވަރަށް ތަކުލީފު އުފުލާންޖެހުނު.. އެދުވަސްތައް ދަރީންގެ ހަޔާތުގައި ތަކުރާރުވާ މަންޒަރުދެކޭކަށް އަހަރެން ބޭނުމެއް ނޫން.." ރާނިޔާގެ އަނދިރި ދިރިއުޅުމުގެ ހަނދާންތަކުގެތެރެއަށް ގެނބިގެންދިޔަ ހިނދުކޮޅެކެވެ. ހައްވާފުޅުގެ ޝައުގުވެރިކަން ރާނިޔާގެ ލޮލަށް އަމާޒުކޮށްލާފައިވަނީ، ރާނިޔާގެ ކޮންމެ ލަފުޒެއް އަޑުއަހަން ބޭނުންވާތީއެވެ. ބުނަންއުޅޭ އެއްޗެއް އަދިވެސް ހައްވާފުޅަށް ނުވިސްނޭތީއެވެ.

"ފެންފޮދެއްބޯލާ" ފެންތަށި ދައްކާލާފައި ހައްވާފުޅު ބުންޏެވެ.

***
"އޭ ކައެމެންތެރެއިން ކޮޕަކަށް ޗިޕެއްޖެހޭނީ ކާކަށް؟ މަ ހުވާކުރަން މައެ ސަލާމަތްވާއިރަށް ކައެމެންނަށް ބަލްކްކޮށް ހޯދައިދޭނަން.. ބަދަލުގައި މަށަށް، މިވަގުތައް ޕީސްއެއް ހޯދައިދީ" މޫނުމައްޗަށް ހުރަސްއެޅިފައިހުރި އިސްތަށިތަކުގެތެރެއިން އެއް ލޮލުން ބަލައިލާފައި ސަވާނާ، ހިތްވަރުކުރީ އެތަނުން ނެރޭނެ ގޮތެއް ހެދޭތޯއެވެ. ފުލުހުންގެ ކިތަންމެ އޮފިސަރުންނެއް، އެތަނުގައި ހެލިފެލިވެ އުޅެނިކޮށް، ސަވާނާ ހަމަލާދިނީ އޭނާގެ ކުރިމަތީގައި އިން ފިރިހެން ސޮރަކަށެވެ. އެއީވވެސް މަސްތުގެ ހާލަތުގައި ހައްޔަރުކޮށްފައި އިން ކުއްޖެކެވެ. ދެމީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގަންފެށުމުން އެދެމެދަށް އޮފިސަރުންވަނެވެ. ބިޑިއަޅާފައި އޮތް އަތާއެކު ތަޅުންމަށްޗަށް ސަވާނާ ލޫދިގަތެވެ. އޭނާގެ ހަށިގަނޑު ތުރުތުރުއަޅަންފެށުމުން އިމަރަޖެންސީގައި ހަމައެވަގުތު ހޮސްޕިޓަލަށް ގެންދެވުނެވެ.

***
"އަހަރެން މިއުޅެނީ އެދެކުދިންގެ ކައިވެންޏަށް މާޔާ އާނއެކޭ ނުބުނެގެން.. ވަކިން ބައްދަލުކޮށްފައި ވަރަށް ވާހަކަދައްކައިފިން.. އަހަރެންވެސް ހިތުގެ އަޑީން މާޔާގެ މަޖުބޫރު ގަބޫލުކުރަން.. އެކަމަކު މާޔާ މަންމާ ބުނަންތަ؟ އަހަރެންނާއި އަހަރެންގެ ފިރިމީހާގެ އިތުރުން އަހަރެންގެ ގޭގައި އެހެން ބަޔަކު ނުވަތަ އިތުރު މީހަކުވެސް އެކުދިންނަށް އުނދަގޫ ކުރާކަށް ނުހުންނާނެ.. ކުއްޔަށް ދީފައި އޮތްބައި އޮންނާނީ މުޅިންވަކީން.. އެމީހުން ވަދެނިކކުމެހަދާނީވެސް މުޅިން އެހެންދޮރަކުން.. އަހަރުމެންގެ ބަޔަކަށް އެމީހުންނަށްވެސް ނުވަދެވޭނެ.. އެހެންވީމައި އަހަރުމެންގެ ގެއަކީވެސް ރައްކާތެރި މާހައުލެއް.. އަހަރެންގެ ކައިރީގައިވެސް މާޔާ މަންމައަށް ހުރެވޭނެ.. އެއްވެސް ކަމަކަށް ހުރަހެއް ނޯންނާނެ.. އިސްމާލް އެންމެ އުފާވާނީ ހިނިތުންވެގެން ގޭތެރޭގައި އުޅެލާނެ އުމުރުން ދުވަސްވީ މީހަކު ހުރުން.. އަބަދުވެސް ބުނާނެ، ފުރިހަމަ ގެއެއްގައި މާމައަކާއި ކުޑަދަރިއަކު އުޅެންވާނެޔޭ.. އުފާވެރި ގެއަކަށް ވާނީ އޭރުންނޭ، ބުނާނެ! އަހަރުމެން ދެމީހުންނަކީވެސް އުމުރުން ދޮށީ ކެޓަގަރީގައި ހިމެނިފައި ނެތަނަސް، ހަމަ އުމުރުން ފަހަރަކު ދުވަހެއް މާޒީވާނެ ދެމީހުން ދޯ.." ރާނިޔާގެ ވާހަކަ މާދުރުދުރުން ގެންދާން ފެށުމުން ހައްވާފުޅަށް ފަސޭހައެއްނުވިއެވެ.

"ތިޔަ ދައްކާ ހުރިހައި ވާހަކައަކަށް އަހަރެން ތާއީދު.. އެކަމަކު، ބުނަން ތިއުޅޭ އެއްޗެއް އަދި ހަމަ ނުވިސްނުނު" ހައްވާފުޅު ބުންޏެވެ.

"ބުނަން މިއުޅެނީ، މާޔާ މަންމަގެ އޮޕަރޭޝަންގެ ހުރިހައި ޚަރަދަކާއި ހުރިހައި ޒިންމާއެއް އއަހަރުމެން ދެމަފިރިން އުފުލާނަމޭ، އެކަމާއި އެއްބަސްވެދޭށޭ" ވަރަށް ހިތްވަރުކޮށްފައި ވަރަށް ސާފުކޮށް ރާނިޔާ ބުނެލިއެވެ.


-ނުނިމޭ-
10 އޯގަސްޓު 2018
ފިރުމާލަދޭށޭ..
9 އޯގަސްޓު 2018
ފިރުމާލަދޭށޭ..
6 އޯގަސްޓު 2018
ފިރުމާލަދޭށޭ..
3 އޯގަސްޓު 2018
ފިރުމާލަދޭށޭ..
ހިޔާލު

ދިޔެ

މިވާހަކަވެސް ދެން މިނިމެނީދޯ ފުނަމާ🙂