Firumaaladheyshey, Episode 33
image
ފިރުމާލަދޭށޭ..
ފުނަމާ
1 ކޮމެންޓް
 

ފިރުމާލަދޭށޭ..

33 ވަނަބައި
ހިނިތުންވަމުން ދަރިފުޅުގެ މޫނަށް ގައިސަރު ބަލައިލީ ފުން ނަޒަރަކުންނެވެ. ވަކިވަކީން އެދަރިފުޅުގެ ފުރިހަމަ ގުނަވަންތަކަށް މަންމަގެ ތަޢުރީފު އިއްވާލަން ނުހަނު ބޭނުންވެފައިވާކަން އިނގެއެވެ. ނަމަވެސް މިވަގުތު ގައިސަރުގެ މިސްރާބު ތަފާތެވެ. މަންމަގެ އުނގުގައި ބޯއަޅާލުމަށް ޔާދުއަށް އިޝާރަތްކޮށްލުމުން އުފަލުން އެމަގާމު ލިބިގަތެވެ.

"އެވަރުގެ ވާހަކައެއް ބުނަން މަންމަގެ ހަޔާތުގައި މީގެކުރީން މަންމައަށް ވަގުތެއްނުލިބުނީ.. އެކަމަށް ދަރިފުޅުގެ ކިބައިން މިއަދު މަޢާފަށް އެދެންޖެހޭނީ މަންމަ.. މަންމަގެ ކޮންމެ ހަރަކާތެއް ދަރިފުޅަށް އަންގަންޖެހޭނެކަން މަންމައަށް އެނގިހުރެވެސް އެކަމަށް ފަރުވާތެރިނުވެވުނީ.. އެއީ ދަރިފުޅުގެ ކުށެއް ނޫން.. މަންމައަށް އެކަމަށް ސަމާލުކަން ނުދެވުނީ"

ގައިސަރުގެ ހިތްވަރުން އޭނާގެ ކަރުނަތައް ހިފަހައްޓާފައިވާކަން ސާފު ދެލޮލުން ފެނެއެވެ. ނިރާލާފައިވާ ކަރުނަތިކި ޔާދު މިރޭ ހިމާޔަތްކުރާނެއެވެ. ދަރިފުޅުގެ ބޮލުގެ ފަށުވި އިސްތަށިތައް މަންމަގެ އިނގިލިތަކުން ވިނުވައިލަމުން ބުނެދިން ވާހަކަތައް ކިތަންމެހައިވެސް ޢިބްރަތްތެރިއެވެ. ދުލުން ބަސް ހުސްވިޔަސް ލޮލުގެ ބުނެދިނުން ނުހުއްޓުނެވެ. ޔާދުގެ މޫނު ރަތްވެފައިވަނީ ލަދުވެތިކަމަކުން ނޫނެވެ. ނަމަވެސް ހިތުގެ ވޭނަން އެފަކީރަށް މިވަގުތު ކެތް ނުވެގެންނެވެ.

"މަންމާ...!" އުނގުން ތެދުވެފައި ނުހަނު ބާރަށް މަންމަގެ ހަށިގަނޑުގައި ޔާދު އޮޅުލައިގަތެވެ. އަޑުގެ ކޮޅަށް ރޯންފެށީ، އެހެންމީހަކަށް އަޑުއިވުނަސް ހެޔޮކަމަށެވެ. އަނގައިންނާއި ނޭފަތުން ދަވަތައް އެފައިބަނީ ޔާދުއަށް އަސަރުކޮށްފައިވާތީއެވެ. ގައިސަރުގެ ކަރުނަ އޭނާއަށް ކޮންޓްރޯލްކުރެވުނީ ހިނދުކޮޅަކަށެވެ. ޔާދުއާއި އެއްވަރަށް ގައިސަރުވެސް ރޮނީއެވެ.
އެނދުގައި ޔާދު ނެތުމުން ނިދަން އުނދަގޫވެފައިވާ އެލީއަށް ދެމައިންގެ ރުއިމުގެ އަޑު އިވުނެވެ. ކުއްލިޔަކަށް ތެދުވެގެން ނިކުމެވުނީ ބޮޑުކަމެއް ދިމާވެގެންއުޅެނީކަމަށް ހީކޮށްފައެވެ.

"މަންމަގެ އަޚްލާގުން ކުޑަ މިންވަރެއްވެސް އަހަންނަށް ލިބިފައިނުވަނީތަ؟ މިރޭވެސް މަންމަ ތި ކުށްވެރިކުރަނީ މަންމަގެ އަމިއްލަ ނަފުސު.. ކީއްވެ މަންމާ؟ ކީއްވެ؟ އަހަރެންގެ ކުށް އަހަރެންގެ މިނަފުސަށް އިހުސާސްކުރުމަށްވެސް މަންމައަށް ކުޅަދާނަ ނުވަނީތަ؟ އަހަރެންދެކެ މަންމަ ތިވަރަށް ލޯބިވަނީ ކީއްވެތަ؟ ދަރިއެއްގެ ވާޖިބު އަދާކުރުމުގައި އަހަރެންވަނީ އިހުމާލުވެފައި.. ވަރަށް ބޮޑަށް މަންމައަށް ދަރަނިވެރިވެފައި.." ގިސްލަގިސްލާފައި ޔާދު ރޮނީއެވެ.

" ވަގުތު ނުލިބުނީ މަންމައަކަށް ނޫނޭ.. މަންމަގެ މި ފަރުވާކުޑަ ދަރިފުޅުގެ ރަޙްމަތްނެތްކަން އެއިން އެގެނީ.. ސަމާލުކަން ނުދެވުނީވެސް މަންމައަކަށް ނޫނޭ! މަންމަގެ ވާޖިބުން ކުޑަ މިންވަރެއްވެސް އުނިކޮށްލާފައި ނެތޭ މަންމާ! އަހަރެންގެ ހަޔާތުގައި އަހަންނަށް ހާސިލްނުވި އެކައްޗެއްވެސް ނެތޭ މަންމާ... ބައްޕައާއި މަންމަގެ ކޮންފަދަ ޤުރުބާނީއެއްގެ ހެއްކެއް އަހަންނަކީ.. އެންމެ މުޙިއްމު ދަނޑިވަޅުގައި އަހަރެންގެ އިމްތިޙާނެއްގެ ގޮތުގައި ބައްޕަ އަހަރުމެންގެ ޙަޔާތުން އެއްކިބައިކުރެއްވީ.. ދެންވެސް މަންމަގެ ހިތްވަރު އެލުވައިނުލާ! އަހަންނަށް އެމަންޒަރު ނުފެނުނީ އަހަރެންގެ ލޮލުގެ ނޫރުގެ އުނިކަމެއް ހުރެގެންނޫނޭ މަންމާ.. މިހިތުގެ ބަދަލުގައި މޭގައި އޮތީ ހިލަގަނޑެއްވެސް ނޫނޭ މަންމާ... އެކަމަކު އަހަރެންގެ ރަޙުމުކުޑަކަމުން އަހަރެންގެ ދުނިޔެ އަހަންނަށް ބަނަވެ، ދިރިއުޅުން އަތުނުޖެހިފައި އޮތްކަންވެސް އަހަންނަށް އިހުސާސްނުވީ.. މަންމަގެ ހިތްވަރުގެ ނަތީޖާ ދެކިބަލަ.. މިއަދު އަހަންނަކީ ތަޢުލީމީ، ޤާބިލުމީހެއް..! މޮޅު ވަޒީފާއެއްގައި މިއަދު މިހުރީވެސް ތި މަންމަގެ ހާދަހައި ހިއްވަރަކުންނޭ..!" ގައިސަރުގެ ފައިބުޑަށް ތިރިވާން ޔާދު މަސައްކަތްކުރިނަމަވެސް އެކަން މަނާކުރީ ގައިސަރެވެ.

"ދަރިފުޅާ.. ދުނިޔެއަކީ އިމްތިޙާނުގެ މައިދާނެއް.. މިތަނުން އަހަރުމެންނަށް ކާމިޔާބެއް ލިބޭނީ ވަރަށް ހިތްވަރުކޮށްގެން.. މާޒީން ޢިބްރަތެއްލިބި، ދިރިއުޅުން އާރާސްތުކުރުމަށްލިބޭ ފުރުޞަތު ނަގައިނުލާތި.. އަހަރުމެންގެ ވަށައިގެން ނިޢުމަތްތައް ފުރިފައި.. އެއަށް ޝުކުރުކުރަންވާނެ" ދަރިފުޅަށް ނަސޭހަތެއް ދިނުން ގައިސަރަށް މިވަގުތަށް މުހިއްމެވެ.

"އަހަރެންގެ ދަރިފުޅަށް ނިޢުމަތެއްގެ ގޮތުގައި މަންމަ އަހަރެންގެ ހަޔާތަށްއައީ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެއްގެ ހައިސިއްޔަތުން މިތަނުގައި މަޑުކޮށްލަން.. ﷲގެ ކުޅަދުންވަންތަކަން ދެކިބަލަ.. އަހަރެންގެ ދަރިފުޅަށް ދުނިޔޭގެ ނޫރުން އަލިކަން ލިބިއްޖެ.. ތިއީ ކޮންފަދަ މާތް އިންސާނެއް..! މަންމަގެ ތަރުބިއްޔަތުގައި އުނިކަމެއްހުރިނަމަ، އަހަރެންގެ ހިތުގައި މިއަދުވެސް މިއަލިކަން ނުލެއްވީސް.. ހުރިހާވެސްކަމަކީ މަންމަގެ ނަސޭހަތުގައި އަހަރެން ނުހިފުން.. އެހެންމީހުންގެ ދިރިއުޅުން އެއީ ދުނިޔޭގެ އުފާކަމަށް އަހަންނަށްފެނުން އެއީ އަހަރެންގެ ކިބުރުވެރިކަން.. އަހަންނަކީ ކުށްވެރިއެއް.. ވަރަށް ބޮޑު.." ޔާދުގެ އަޑުވެސް ކުރަކިވެއްޖެއެވެ.

"ހުއްޓައިލާ..! މިހާރު ހުންނާނީ ޔާދުއަށް ވާހަކަދެއްކިފައި.. އިތުރަށް އެންމެ ލަފުޒެއްވެސް ދަރިފުޅުގެ ނަފުސުކުށްވެރިކުރުމަށް ތި ދުލުން ބުނެގެންނުވާނެ" ކެތްތެރި މައެއްގެ ލޮބުވެތި ބުނެލުމެކެވެ. ދޮރުން ބޭރުގައި އަޑުއަހަންހުރި އެލީގެ ލޮލުން ކަރުނަ ވިދާލީ، އޭނާގެ ހިތުގައި ގައިސަރަށް އޯގާތެރިކަމެއް އޮވެގެން ނޫނެވެ. ނަމަވެސް ދުނިޔެވީ ފިލާވަޅަކުން ޢިބްރަތެއް ހާޞިލްކުރުމަށް ނަފުސު މަޖުބޫރުކުރީތީއެވެ.

މަންމަގެ ގައިގައި ބައްދާލާފައި އޮތް ދެއަތް ޔާދު ނައްޓުވައިވެސް ނުލިއެވެ. ގިސްލަގިސްލާފައި ރޮނީއެވެ. ރުއިމަކީ ސިކުނޑިއަށް ބައެއްފަހަރު ފަރުވާއެއްކަން ގައިސަރަށްވެސް އިގެއެވެ. އެކަން ތަޖުރިބާކުރުމުގައި ގައިސަރަށްވުރެން ކެތްތެރި އެހެންމީހަކުވާނެ ކަމަށްވެސް އޭނާއަށް ގަބޫލުނުކުރެވެއެވެ. ނަމަވެސް ޔާދުގެ ކަރުނައާއި ގިސްލުމުގެ އަޑަށް ގައިސަރަށް ކެތްނުކުރެވޭނެއެވެ. ހިތްފަޅާއިގެންދާވަރުވުމުން ޔާދު ހުއްޓުވަން ގައިސަރަށް މަޖުބޫރުވީއެވެ.

****
ހަމަމިހޭން މެންދަމަކުން، ރޭ ދެބައިވީއެވެ. އެތައް އިރެއްވަންދެން ކެރިވެހުމަށްފަހު، މޫސުން ތައްކަތު ވެއްޖެއެވެ. ކަނޑުގެ ބިޔަރާޅުތައް މައިތިރިކޮށްލި ވަގުތުގައި އިސްމާއިލް ބޭނުންވީ މާލެއައުމަށެވެ. ދެތިންމީހުންނާއެކު ކުޑަ ލޯންޗެއްގައި ދަތުރަށް ފުރިއިރުވެސް ހިތުގައި ނުތަނަވަސްކަމެއްވިއެވެ. އެހެންނޫންނަމަ، މެންދަމުގެ އެގަޑީގައި މާލެއައުމަށް އިސްމާއިލް ބާރުނޭޅީހެވެ. ހެނދުނުވެސް ދަތުރުކޮށްލެވޭވަރުވާނެކަމަށް މޫސުން ހެކިދެއެވެ. އީތަންއާއި ވާހަކަދައްކާލުމަށް ހިތް އެދެނީ މާބޮޑަށެވެ. 'ބައްޕައަށް ކިރިޔާވެސް އާދެވޭވަރު ވަންޏާއި މިރޭ އައިސްދިނުން އެދޭކަމަށް' އީތަން ބުނީއްސުރެން އިސްމާއިލް އެހުންނަނީ މާލެއަށް ނާދެވިފައެވެ. ތަރައްގީކުރާ ރިސޯޓްތަކުގައި ކުރަމުންދާ މަސައްކަތްތަކުގައި އިސްމާއިލްގެ ހިއްސާބޮޑެވެ. ބުރަމަސައްކަތާއި އެކަމުގައި ހޭދަކުރާ ގިނަވަގުތުތައް އެހެންމީހުން ބަލައިގަތުމަކީ އިސްމާއިލްގެ މަސައްކަތައް ލިބިފައިވާ ހަލުވިކަމެކެވެ.

****
ދުރުގައި ހޭދަކުރެވުނު ކޮންމެ ދުވަހެއްގެ ހުރިހާ ހާދިސާއެއް ލޯބިވެރިޔާއަށް އީތަން ތަފްސީލްކޮށްދޭން ބޭނުމެވެ. ލޯބީގެ އިތުބާރާއި ޔަގީންކަމަށްޓަކައެވެ. އަޑުއަހަން ފަސޭހަ ނުވިޔަސް އީތަންގެ ކޮންމެ އިބާރާތެއް މާޔާގެ ކަންފަތުން ޚާއްސަ ޖާގައެއް ހޯދައެވެ. ޝައުގުވެރިކަން ނޫނީ މާޔާގެ މޫނުން އީތަންއަށް ސިފަނުވެއެވެ. ލޯބިވެރިޔާގެ ވަށައިގެން ދައުރުވާ ވައިރޯޅިވެސް، ނުސީދާގޮތެއްގައި އެހަށިގަނޑުގައި ބީހިލަން މާޔާ ބޭނުންނުވާއިރު، އެހެން އަންހެނެއްގެ ދުއްތުރާ ތަކެއްގެ ވާހަކަ އަޑުއަހަން މާޔާއަށް ވަރަށް އުނދަގުލެވެ.

"އޭނަ ހުއްޓުވާނެ ބާރު އީތަންގެ ކިބައިގައި ނެތީ ކީއްވެ؟" މާޔާއަށް ޖަވާބުލިބުން ހައްގު ސުވާލެއް އޭނާ ކޮށްލިއެވެ. އެސުވާލުގެ ޖަވާބު އީތަން ޖެހޭނީ ދޭށެވެ. އީތަންގެ ހަމަހިމޭންކަން މާޔާގެ ހިތް މޯޅިކޮށްލިއެވެ. މާޔާގެ ދެއަތުގައި ހިފާފާއި މަޑުމަޑުން އީތަންއާއި ދިމާއަށް ގުދުވެލަން އިޝާރާތްކޮށްލިއެވެ.

"އައެމް ސޮރީ މައި ޕްރިންސެސް.. ހުރިހާ އަންހެނުންނަކީ މާޔާ ކަހަލަ އިއްފަތްތެރި ބައެއްނޫން.. އެމީހުންނަނީ އެމީހުންގެ އަމިއްލަ ހަށިގަނޑު އެހެންމީހުންނަށް ހަދިޔާކުރާ ބައެއް.. ލަދެއް ހަޔާތެއް ދުނިޔޭގައި ނެތުނީމައި ބައެއް މީހުން އުޅޭނީ އެހެން" މާޔާގެ މޫނާއި އީތަންގެ މޫނު ގާތްކޮށްލަމުން ބުނެލިއެވެ. އަދި މާޔާގެ ނިއްކުރީގައި ނުހަނު ލޯބިން ތުންފަތް ޖައްސާލިއެވެ.

"ތިއީ އަހަރެންގެ ސުވާލުގެ ޖަވާބެއް ނޫން" މާޔާ ބުންޏެވެ.

"ތިސުވާލުގެ ޖަވާބަކީ އަހަރެންގެ ފިނޑިކަން.. ހަރުކަށިވެ، އަތްފައި އިސްކޮށް، ކަރުބުޑުން ހަޅޭއްލެވިނަމަ މިއަށްވުރެން ކުރީން އަހަރެންގެ ލޯބިވެރިޔާގެ އުނގުގައި ބޯއަޅައިލަން ފުރުސަތުލިބުނީސް" މާޔާގެ އަތްތިލައިގައި ބޮސްދެމުން އީތަން ބުނެލިއެވެ.

"މިހާތަނަށް ފޮރުވާފައި އޮތް ކޮންމެވެސް ނުރަނގަޅުކަމެއްގެ ސިލްސިލާއަށް އިތުރުވާ ބޮޅެއްގެ ގޮތުގައި އެކަންތައްގަނޑު މަށަށް ސިފަވަނީ" މާޔާގެ މޫނާއި އީތަންގެ ނަޒަރު ވަކިކޮށްލަމުން ބުނެލިއެވެ.

"ނުރަނގަޅު ކޮންކަމެއް؟ ކޮންކަހަލަ ސިލްސިލާއެއް؟" ހަގީގަތުގައިވެސް އެއީ ސުވާލެވެ. ޖަވާބު ލިބެން ޖެހެއެވެ. އީތަން ނޫން މީހެއްގެ ކިބައިން މާޔާއަށް ޖަވާބެއް ނުލިބޭނެއެވެ. ޖަވާބުދިނުމަށް އީތަން ނޫޅޭކަން އިނގުމުން މާޔާގެ ސުވާލުތައް ތަކުރާރުކޮށްލިއެވެ.

"އަހަންނަށްވެސް ނޭގެނީ ތިއެއް.. ޖަވާބު ހޯދާކަން މަސައްކަތެއްވެސް ނުކުރަން.. އެކަމަކު ބައްޕައާއި ދިމާވި އެންމެ އަވަހަކަށް އެކަމެއްގެ ހަގީގަތް އަހަރެން ހޯދާނަން.." ވަރަށް އަޒުމުގައި އީތަން ބުނެލިއެވެ.

"އީތަންގެ ބަދަލުގައި އަހަރެން، ތި މަގާމުގައި ހުރިނަމަ ކަންތައްތައްވާނީ ކިހިނެއްބާ؟ އެހެން ފިރިހެނަކު އަހަރެންގެ ފަހަތުން އެގޮތަށް އުޅޭނަމަ، އީތަންއަށް ހިމޭނުން ހުރެވޭނެބަ؟ ވަރަށް ފާޑުފާޑު އެއްޗެހި ހިތައްއަރާ" ޚިޔާލެއްގެތެރެއަށް ގެނބެމުންދާ ހާލުގައި މާޔާ އަހައިލިއެވެ.

"ހިތައްވެސް ނާރުވާތި އެފަދަ އެއްޗެއް.. އެމީހެއްގެ ހިތް މޭގެތެރެއިން ދަމައިގަންނާނަން... އެއްވެސް މީހަކަށް އަހަރެންގެ އަމާނާތަށް ވައިއެޅެލުމުގެ ފުރުސަތެއްވެސް ނުދޭނަން.. މާޔާއަކީ އަހަރެންގެ ހައްގެއް" މާޔާގެނެސް އީތަންގެ މޭގައި ފިއްތައިލަމުން ބުންޏެވެ. ރައްކާތެރިކަމުން ލޯބިވެރިޔާގެ އުމުރަށްވެސް ހިމާޔަތްދޭނެކަމަށް އީތަން ވަޢުދުވިއެވެ.

"އެހެންވިއްޔާ އަހަރެންގެ ކުށެއްތާ؟ އަހަރެންގެ އީތަންއާއި ވައިއެޅުމުގެ ހައްގު ސަވާނާއަށް ދެވިފައި އޮތީއޭދޯ ތިބުނަނީ" ހިތްހަމަނުޖެހިފައި މާޔާ ބުނެލިއެވެ.

"ކޮންމެ މީހަކު ކޮންމެ ކަމެއްކުރިއަސް އަހަރެންގެ މާޔާއާއި ދެމެދަށް ނުވަދެވޭނެ.. މަންމައަށްވެސް އެއުޅެނީ މަންމަގެ ހުދޫދު އޮޅިގެން" އަމިއްލަ ނަފުސައް އޮތް ޔަގީންކަން އީތަން އާކޮށްލިއެވެ. ހަމައެވަގުތު އީތަންގެ ފޯން ރިންގުވާންފެށިއެވެ.
***
ޔާދުއާއި ގައިސަރުގެ ވާހަކަތައް އެލީ އަޑުއަހައިފިއެވެ. ރުއި ރުއިމާއި ގިސްލުމުގެ އަޑުވެސް އިހުސާސްކޮށްފިއެވެ. ދޮގުނުކުރެވޭނެ ހަގީގަތަކީ އެދެމައިން ދުރުކުރުމުގައި އެލީވެސް އަދާކޮށްފައިވަނީ ނުރަގަނޅު ދައުރެކެވެ. ކައިވެނީގެ ފަހުން ފާއިތުވި ކޮންމެ ހިނދުކޮޅަކީ ގައިސަރާއި ދެކޮޅަށް އެލީ ވިސްނާ، ސިކުންތެކެވެ. އަދިވެސް ހިތް ހެވެއް ނޫނެވެ. ޔާދު ނޫން ދަރިއަކު ނެތްއިރު، ބައްޕަ ފަރާތުން ވާރުތަވީ މުދާ ނުވަތަ ގެދޮރު ޔާދުގެ މައްޗަށް ބަދަލުނުކުރަނީސް އެލީގެ ހިތް ގައިސަރުގެ މައްޗަށް ހެޔޮނުވާނެއެވެ.

***
ގަޑީގެ ކަށި، ފަތިސްވުމަށް އިންތިޒާރުކުރަނީއެވެ. ދޫނިސޫފާސޫފީގެ ނަސްލަށް އިޙްތިރާމް ކުރުމެއް ނެތް މާލޭގެ އުދަރެސްމަތީން ވާލެއް ދަތުރުކޮށްލާ މަންޒަރުވެސް ނުފެނެއެވެ. ކަނޑުދަތުރެއްކޮށްފައިވެސް އިސްމާއިލް އެހުންނަނީ ވަރުބަލިކަމުގައި ނުނިދައެވެ. އީތަންއާއި ބައްދަލުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ލަންކާގައި ކަންތައްދިޔައީ ރަގަޅަށް ނޫންކަން އިސްމާއިލްއަށްވެސް ޔަގީނެވެ. ނަމަވެސް ކުއްލިޔަކަށް، އީތަންއާއި ސަވާނާ ދެވަން ރާނިޔާ އަވަސްއަރުވާލައިގެން އީތަންއަށް މަޖުބޫރުކުރާނެ ސަބަބެއް އޮންނާންޖެހޭކަމަށް އިސްމާއިލް ގަބޫލެއް ނުކުރެއެވެ. ވަރުބަލިކަމާއެކު ގަޑިއަށް ބަލައިލިއެވެ. ވަރަށް ބޮޑަށް ނިދިއަތުވެއްޖެއެވެ. ބެލްކަނީން ބޭރުބަލައިލުމަށްފަހު، ކޮޓަރިއާއި ދިމާއަށް ހިނގައިގަތްވަގުތު އީތަން ދޮރުހުޅުވާލައިފިއެވެ.

-- ނުނިމޭ --
ހިޔާލު

ދިޔެ

މިހާރު އިންތިޒާރު މިކުރަނީ އީތަންއާއި އޭނަގެ ބައްޕަގެ ވާހަކަތަކަން.