Firumaaladheyshey, Episode 34
image
ފިރުމާލަދޭށޭ..
ފުނަމާ
3 ކޮމެންޓް
 

ފިރުމާލަދޭށޭ..

34 ވަނަބައި Dhiraagu
ގޭތެރެއަށް ވަދެވުމާއެކު އީތަންގެ ހިނިތުންވުން ބައްޕަގެ ހިތްހަމަޖެހުމަކަށް ވެއްޖެއެވެ. ދެއަތް ހުޅުވައިލައިގެން އައިސް ބައްޕަގެ ގައިގައި އީތަން ބައްދައިލިއެވެ. އެއީ ދެބަފައިންގެ އާދައެވެ. ނުފެނި ގިނައިރުވެފައި ބައްދަލުވިޔަސް ބައްދާލާފައި ނޫނީ ހާލުއަހުވާލު އަހައިނުލައިނެއެވެ.

"މަންމަގެ ހާލު ކިހިނެއް؟" އީތަންއަށް، ބައްޕަގެ ފުރަތަމަ ސުވާލެވެ.

"ހާލު ރަގަޅުނުވާންވީ ސަބަބެއް އޮތްހެން ހިއެއްނުވޭ.." ފަރުވާކުޑަގޮތަކަށް އީތަން ބުނެލިއެވެ. ދަރިފުޅުގެ ފަރާތުން ލިބުނީ އިސްމާއިލް ބޭނުންވި ޖަވާބެއްނޫނެވެ.

"މަންމަ ނެތީމައި ވަރަށް ހަނދާންވޭދޯ" ސޯފާގައި އިށީންނަމުން އީތަން ބުނެލިއެވެ. ބޮލުގެ ހަރަކާތާއި މޫނުމަތީގެ އަސަރުތަކުން ބައްޕަގެ ޖަވާބު އީތަންއަށް ލިބުނެވެ. ބައްޕަގެ ކަރުނަ ފޮހެލީ ވަރަށް ސިއްރުންނެވެ. އީތަންއަށް ދައްކަން ބައްޕަ ބޭނުންނުވީތީ، އެމަންޒަރު އީތަން ނުދެކެއެވެ. ފެންނަކަމަށް ނުހެދީއެވެ.

"މަންމައާއި ދެކޮޅަށް ކަންކަން ނިންމުން ބައްޕަ އީތަންއަށް މަނާކޮށްފައި އޮންނަކަން ހަނދާން ނުނެތޭ.. އެކަމަކު ހައްދުން ބޭރުވީމައި މައްމައަށްވިޔަސް، ޖެހޭނީ ހަމަމަގަށް އަޅުވަން.. ހަރުކަށިވުމަށް ބައްޕައަށް މަޖުބޫރުކުރެވުނީތީ މަޢާފުކުރާނެކަމަށް އުއްމީދުކުރަން.. ނަފްސާނީގޮތުން ބައްޕަ ބްލެކްމެއިލްކުރެވުނީތީވެސް ސޮރީ.. ޕާސްޕޯޓް ނުދީފިނަމަ، އެތަނުގެ ޖަލަށްވަންނަ ވަރުގެ ކުށެށްކުރާނެކަމަށް ބުނީ، ކޮންމެހެން އެއްޗެއް ބުނެލުމުގެ ބޭނުމަކު ނޫން.. އެކަން އެދުވަހު ކުރަން އަހަރެންގެ ނަފުސަށް މަޖުބޫރުކުރަންވެސް ތައްޔާރުވީން.. އެނޫން އެހެންގޮތެއް އެދުވަހު އޮތްކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.." އީތަންގެ ޕާސްޕޯޓް ލިބިގަތުމުގައި ބޭނުންކުރި އުކުޅުތަކާއިމެދު ހިތްހަމަނުޖެހޭކަމަށް އީތަން އަމިއްޔައަށް އިއުތިރާފްވަނީއެވެ. ރީތިގޮތުގައި މަސައްކަތްކޮށްގެންވެސް އެކަން ކާމިޔާބުނުވީތީ، އެނޫންގޮތެއް އިޚްތިޔާރުކުރާންޖެހުނީއެވެ.

"އެކަން އެނިމުނީ..! ދަރިފުޅު މިހާރުތިހުރީ ބައްޕަގާތުގައި.. މިހާރު އިންތިޒާރުމިކުރަނީ ދަރިފުޅު ދައްކާން އުޅުނު ވާހަކައަށް" އިސްމާއިލް ބުންޏެވެ. ކެތްތެރިކަން ކުޑަވެފައިއެވަނީ އީތަން ދައްކަންއުޅެނީ ސީރިއަސް ވާހަކައެއްކަން އިނގޭތީއެވެ.
****
ނުނިދިގެން ދެފަރާތަކަށް ފުރޮޅެން އޮވެވުނީ ކިހާއިރަކު ކަމެއްވެސް ޔާދުއަކަށް ނޭގެއެވެ. އެލީ ނިދާފައި އޮތްކަން ޔަގީންކޮށްފައި ޔާދު ނިކުތީ ސިޓިންގރޫމްއަށެވެ. ވަރަށް ފަނޑު އަލިކަމެއްފިޔަވައި އިތުރު ދިރުމެއް ސިޓިންގރޫމްގައި އެވަގުތުހުރިކަމަކަށް ޔާދުއަށް ގަބޫލެއްނުކުރެވުނެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނެތެވެ. އެންމެ ފުރަތަމަވެސް ނެގީ ބޭނުންވާ ރިމޯޓްތަކެވެ. ޓީވީގެ ޗެނަލްތައް ބަދަލުކުރަމުން ދަނިކޮށް ޝައުގުވެރި މަންޒަރަކާއި ދިމާވުމުން ޔާދު ހަމަޖެހިލީ ޓީވީ ބަލާށެވެ. އިށީންދެލައިގެން އިނދެފައި އިރުކޮޅަކުން ސޯފާގައި އޮށޯތެވެ. ބޯދަށަށް ކުށަން ލައްވާލާފައި ހަމަޖެހިލިއެވެ.

"އަހަރެން ހިއެއްނުކުރަން ކޮޓަރީގައި އެކަނިކޮށްލާފައި ޔާދު ބޭރަށް ނުކުންނާނެކަމަކަށް" ކުއްލިޔަކަށް އެލީގެ އަޑު އެހައި ގާތުން އިވުމުން ޔާދު ސިއްސައިގެން ދިޔައެވެ. އެލީ ވާހަކަދެއްކީ ލޯބިންނެވެ.

"ނިދިފައި އޮތީމައި އުނދަގޫކުރަން ބޭނުންނުވީ.. އާދޭ އިށީންނަން!" ޔާދު ބުންޏެވެ. ސޯފާގެ ފުރަގަހުގައި ހުއްޓިލައިގެން ހުރި އެލީގެ އަތުގައި ހިފައިލާފައި ޔާދުއާއި ގާތަށް އެލީ ގެނައެވެ. ޔާދު އޮށޯވެ އޮތް ސޯފާގެ މަގަތުން، އެލީ އިށީނުމަށް ޔާދުއެދުނެވެ. އެފަދަ ގާތްގޮތަކަށް ތިބެގެން ޓީވީ ބަލައިނުލައި އެތައް ދުވަސްތަކެއް ފާއިތުވެއްޖެއެވެ.

"ވަރަށް ލޯބިވޭ.." އެލީގެ ގާތްކަން ޔާދުއަށް ކަމުދިޔައެވެ. އެގަޑީގައި ގައިސަރުވެސް ނުނިކުންނާނެކަން ޔަގީންވާތީ، ދެމީހުންގެ ދެމެދުގައި ގާތްކަމެއް ބޭއްވުން ޔާދުއަށްވެސް މައްސަލައަކަށް ނުވިއެވެ. އެއްސޯފާގައި ދެމަފިރިން އޮށޯވެގެން ތިބެ، ޓީވީ ބަލާލަން ކިތަންމެހައިވެސް ހިތްގައިމެވެ.

****
ދެކަކުލުގައި އަތްވިއްދައިފައި ދެއަތުން ނިއްކުރީގައި ހިފަހައްޓައިލިގޮތަށް އީތަން އިސްނުނެގިއެވެ. އީތަންގެ ބައްޕަ އެއިނީ، އީތަންއަށް ވަގުތުދީގެންނެވެ. ކިތަންމެހައިވެސް ވަރުބަލިވެފައެވެ.

"މަންމަގެ މާޒީން ބައްޕައަށް އެނގެނީ ކިހައިވަރެއް؟" އީތަންގެ ސުވާލު ވަރަށްކުރެވެ. ބަރުދަނުގައި ހުރިވަރެއް އިނގޭނީ އެވަގުތު އިސްމާއިލްއަށް އެސުވާލުގެ ޒިންމާ އޭނާގެ ކޮނޑުން އުފުލުނުނަމައެވެ.

"އެވްރިތިންގ..!" އިސްމާއިލް ބުނެލިއެވެ. ހަށިފުރައި ނޭވާއެއް ދޫކޮށްލައިފިއެވެ.

އީތަން އުއްމީދުކުރީ އެޖަވާބަކަށް ނޫނެވެ. ނިއްކުރިއަށް ރޫއަރުވައިލައިފައި ބައްޕައާއި ދިމާއަށް ބަލައިލެވުނީ، ފުރަތަމަ ފަހަރަށް ބައްޕަ ދޮގެއް ހެދީކަމަށް އިހްސާސްވީތީއެވެ. ދެބަފައިންގެ ހަތަރުކަޅި ހަމަވި ވަގުތެވެ. އީތަންގެ ސިކުނޑި ސުވާލުން ފުރިއްޖެއެވެ. އިސްމާއިލްގެ މޫނުމަތީން މާޔޫސްކަމާއި ޖެހިލުންވުން އީތަންއަށްފެނުނީ، އިސްމާއިލްގެ އިހުސާސްތައް ސިއްރުކުރުމުގައި އެވަގުތު އޭނާ ފެއިލްވީތީއެވެ.

"ބައްޕައަށް ބުނެދެވެން އޮތްވަރަކަށް ބުނެދީފާނަންތަ؟ އަހަރެންގެ ހަޔާތުގައި މިވަގުތު އާދެވިފައި މިހުރީ އެސުވާލުގެ ޖަވާބު ލިބިގެންނޫނީ ކުރިއަށް ނުދެވޭނެ، މަންޒިލަކަށް.. މި މަންޒިލްގައި ކާމިޔާބުގެ ރާސްތާނޫނީ އަހަރެން އިޚްތިޔާރުނުކުރާނަން.. ކުރިމަތިލާންޖެހުނު ކޮންމެ ގޮނެޖެހުމެއް ހުރަސްކުރާނީ ވަރަށް ކެރިގެން.. އަހަރެންގެ ހައްގަކަށް މާޔާ ހެދުމަށްޓަކައި ހުރެވުނު ހުރިހާ ކަމެއްކުރާނަން" ވަރަށް އަޒުމުގައި އީތަންބުނެލިއެވެ. ހިތުގައި އޮތް މާޔޫސްކަން އެއްކިބައިކުރަމުން އީތަން ހިތްވަރުލިބިގަތީ އޭނާގެ ލޯތްބަށްޓަކައެވެ.

"ދަރިފުޅާ.. ތެދުވެރި ލޯތްބަކަށް ދުވަހަކުވެސް ޚިޔާނާތްތެރި ނުވާތި!" ބައްޕަގެ ނަސޭހަތް އީތަންގެ ހިތާއި ނަފުސުގައި ރައްކާކުރާނެއެވެ.
"ބުނެނުދެވޭނެ އެއްޗެއް އޮވެގެންވާނެކަމަށް ބައްޕަގެ ޟަމީރު އެއްބަހެއްނުވޭ.. ދައްކަންޖެހެނީ އުނދަގޫ ވާހަކައެއް.. އެކަމަކު.. މިރޭ، ދަރިފުޅަށް ކިޔައިދޭނަން" އީތަންއަށް ބަލައިލަމުން އިސްމާއިލް ބުންޏެވެ.

"އެކޮޅުގައި ކަންތައްވީގޮތް އެނގުނީމައި ތިކަމައިގެން ކުރިއަށްދާން ފަސޭހަވާނެ" އިސްމާއިލްގެ ހިތުގައި އަވަސްވެފައިވާ ވިންދު، މައިތިރިކުރާން އޭނާ މަސައްކަތްކުރީ އީތަންއަށް ލިސާނެއްވެސް ނުވާހައި ބުއްދިވެރިކަމާއެކުއެވެ.

މާލެއިން ފުރައިންގެ ލަންކާއަށްދެވުމާއި އަދި އެނބުރި މާލެއާދެވުމާއި ހަމައަށް ހިނގި، ހުރިހާކަމެއް އީތަންގެ ބައްޕައަށް ކިޔައިދިނީ، ގާތްއެކުވެރިޔަކާއިވެސް ހިއްސާކުރާނެހައި ތެދުވެރިކަމާއި އެކުއެވެ. އަޑުއަހަމުންދިޔައިރު އެވާހަކަތަކަށް އިސްމާއިލްގެ ކަންފަތް ފަރިތައެއް ނޫނެވެ. އެހެންނަމަވެސް ކެތްތެރިވުންނޫން ގޮތެއް މިވަގުތަށްނެތެވެ.
ކޮންމެވެސް އެއްޗެއް ބައްޕަގެ ފަރާތުން އަޑުއިވޭތޯ އީތަން އިންތިޒާރުކުރިއެވެ. އިރުކޮޅެއްވަންދެން ހަމަހިމޭންކަމުގައި އިންނާންޖެހުނީ ބައްޕަގެ އިހުސާސްތަކުގެ އަޑު އީތަންއަށް މުހިއްމުވާތީއެވެ.

"ސަވާނާއަކީ ނަވީންގެ ދަރިއެއް ނޫން!" އިސްޖަހައިގެން އިނދެ އިސްމާއިލް ބުނެލިއެވެ. އީތަންގެ ކަންފަތަށް އެއަޑުއިވުނީ ކޮންދިމާއަކުންކަން ފާހަގަކުރާންވެސް ނޭގުނެވެ. ގަބޫލެއްނުކުރެވުނެވެ. އެއް ލޯ ކުޑަކޮށްލާފައި، ބޯވެސް އަރިކޮށްލާފައި ބައްޕައާއި ދިމާއަށް އީތަން ބަލައިލިއެވެ. ހަގީގަތުގައިވެސް އެކަން ގަބޫލެއް ނުކުރެވުނެވެ.

"މިއީ ހަގީގަތް.. ސަވާނާއަކީ ނަވީންގެ ދަރިއެއްނޫން.. އެކަން ފޫބައްދަށް ކައިވެނިކުރިމީހެއް ނަވީންއަކީ.. އެއީވެސް 'ޑީލް'އެއް! އެއީ ދަރިފުޅުގެ މަންމަގެ ލޯތްބަށްޓަކައި ނަވީންގެ ޤުރުބާނީއެއްކަމަށް އަޑުއިވިފައި އޮތީ" ބައްޕަގެ މޫނުމަތީގެ ނުތަވަސްކަން އީތަންއަށް ފެނެއެވެ. ގަބޫލުކުރާކަށް ފަސޭހައެއްނޫނެވެ. އަޑުއަހާކަށް ކުޅަދާނައެއްވެސް ނޫނެވެ.

"މަންމަގެ ލޯތްބަށްޓަކައި ނަވީން؟ ކޮން ޤުރުބާނީއެއް؟ އެއީ މަންމަގެ ކާކު" ވަރަށް އުނދަގުލުން އީތަން ސުވާލުކޮށްލިއެވެ.

"މަންމައާއި ނަވީންއަކީ ސްކޫލް ދައުރުންފެށިގެންވެސް ދެ ލޯބިވެރިން.. ގިޔާދާއަކީ މަންމަގެ އެންމެ ގާތް އެކުވެރިޔާ.. މަންމައާއި ގިޔާދާއާއި ދެމެދުގައި ނުދެކެވޭ ވާހަކައެއް، ހިއްސާނުކުރެވޭކަމެއްވެސް ނުހުންނާނެ.. ދެމީހުންނަކީވެސް ވަރަށް އެއްކަހަލަ މިޒާޖެއްގެ ދެމީހުން.. އީތަންގެ މަންމަވެސް ގިޔާދާވެސް އަމީނިއްޔާގައި އެދުވަސްވަރުގެ އެންމެ ރީތި، މަޝްހޫރު ކުދިންގެ ތެރޭގައި ނަންކިޔާނެ.. މާއަބުރުވެރި އުޅުމެއްނޫން ދެމީހުންވެސް އުޅުނީ.. ހަފްތާބަންދުތަކުގައި ރިސޯޓްތަކަށް ދިއުމަކީ އެމީހުންގެ އުފަލެއް.. ދެމީހުންގެ އާއިލާއަކީވެސް އެދުވަސްވަރުގެ ނިސްބަތުން މުއްސަނދިން.. ފައިސާއަކީ އެމީހުންނަށް އެއްވެސް އަގެއްހުރި އެއްޗެއް ނޫން.. އެހެން އުޅުމުގެތެރޭގައި ހިނގިކަމެއް 'ސަވާނާ'އަކީ.. ބަނޑުބޮޑުކަން އެނގުނުއިރު އެކަމުން ސަލާމަތްވެވޭނެ ފުރުސަތެއް ނެތް.. އެތައް މީހެއްގެ ބޮލުގައި އެކަން އަޅުވަންއުޅުނު.. އެކަމަކު ގިޔާދާގެ މަސައްކަތް ކާމިޔާބުނުވީ.. ދެން އެހެން އެއްގޮތެއްވެސް ނެތިގެން، މަންމަ އާދޭސްކޮށް ރޮއެގެން، ނަވީން އެކަމުގައި ޝާމިލްކުރުވީ، ގިޔާދާ ވިހައިގަދަވީމައި ވަރިކުރުވަން ޑީލް ހަދައިގެން!" ވަރަށް ފުން ނޭވާޔަކާއެކު އިސްމާއިލްގެ ފަހު އިބާރާތް ބުނެލިއެވެ. ހިތްހަމަނުޖެހުމުގެ އަސަރުތައް އިސްމާއިލްގެ އަޑުގައިވެއެވެ. ބައިވަރު ސުވާލު އެބަހުއްޓެވެ. އެއްފަހަރާ ޖަވާބު ލިބޭނެނަމަ، އެސުވާލުތައް އީތަން އޮއްސާލީހެވެ.

"ކޮންކަހަލަ ޑީލް އެއް؟ ދެން ކީއްވެ މަންމައާއި ބައްޕައާއި...؟" މައިންބަފައިންގެ 'ލަވް ސްޓޯރީ'އަށް ޝައުގުވެރިކަމެއް ނެތަސް، މާޒީގެ ވާހަކަތައް މިވަގުތަށް ވަރަށް މުހިއްމެވެ. ސުވާލުކުރަންޖެހޭ ސަބަބަކީ ހަގީގަތާއި ހަމައަށް ދަތުރުކުރެވެން އޮތީ، މާޒީގެ ޞަފްޙާތަކުން ހިރަފުސްފޮޅައި ސާފުކޮށް ކަމަށްވާތީއެވެ.

"މިބުނީނުން..! ގިޔާދާ ވިހައި ގަދަވަންދެން ކައިވެނީގެ މަތީގައި ތިބީކަން ދުނިޔެއަށް ދައްކަންވެގެން.. ފެށުމުގައިވެސް ބާޠިލްކަން އެނގިތިބެވެސް، އެމީހުންގެ އެކަންތައް ކުރިއަށްގެންދިޔައީ.." ބުނަން އުޅުނު އެތި، ކަރުތެރެއިން ދިރުވާލިހެންވެސް ހީވިއެވެ. ނުރުހުންވެފައި ދަތްތަކަށް ބާރުލާފައި އިސްމާއިލްގެ ކަތުރުކަށިގަނޑު ފިއްތައިލިއެވެ.

"ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ އެދުމާއިގެން އުޅޭނެކަން އެއީ ދުނިޔޭގެ ހަގީގަތެއް.. މަންމަގެ ރޭވުމާއި އެއްގޮތަށް ކަންތައްނުދިޔައީ، ގިޔާދާ އެކަމަށް ތައްޔާރުވިލެއް ކުޅަދާނަކަމުން.. ވިހެއުމާއި އެދެމެދުގައި ނަވީންއަކީ ގިޔާދާގެ އަމިއްލަ ހައްގަކަށް ހަދައި ނިންމާލީ، މަންމައަށް ކެހިދީފައި.. ފަހުން މަންމައަށްވުރެން، ނަވީންއަށްވެސް ކަމުދިޔައި ގިޔާދާ..! އަސްލު އެދުވަސްވަރު ވީގޮތަކީ ދަރިފުޅުގެ ކާފަ ނިޔާވެ، މުދާ ބަހައި ހިސާބަށް ދިޔައިރު އާއިލީ ވަރަށްބޮޑު މައްސަލައަކަށް އެކަންތައްވީ.. މަންމައަކީ އެބަނޑަށް ލިބިފައި ހުރި، ހަމައެކަނި ކުއްޖާ! ފަހުއަނބީގެ ތިބެނީ ހަތަރު ފިރިހެންކުދީން.. އެކުދިންގެ ނުފޫޒުން، ގެ ބަހައި ނިންމާލީ މަންމައަށް ޒައްރެއްގެ މިންވަރުވެސް ނުދީ.. އެހިސާބުން މަންމަ ނިކަމެތިވީ! ނަވީންއާއެކު ގިޔާދާވެސް ދިރިއުޅުމައިގެން ކުރިއަށް.. ދެން އެދުވަސްވަރު ބައްޕައާއި މަންމަ ދިމާވީ، އެއްއޮފީހެއްގައި މަސައްކަތްކުރާންޖެހުމުން.. ރައްޓެހިވެގެން މާގިނަދުވަހަކު ނުވެސްއުޅެން.. މަންމަ އޭރު އުޅުނީ މަންމަގެ ދުރުތާތިމާގެ މީހެއްކައިރީގައި.. އެހެންވެ ވަރަށް އަވަހަށް ކައިވެނިކޮށްފިން.. ކައިވެނީގެ އެންމެކުރީކޮޅު ދަރިފުޅަށް މަންމަ ބަލިވެއިނދެއްޖެ! އެހިސާބުން، މަންމަގެ ދިރިއުޅުންވެސް މުޅިންބަދަލުވީ.. މަންމަގެ ހަޔާތުން ބައްޕައަށް އެނގުނު އެއްޗެއް އެނގުނީ ކައިވެނިކުރިފަހުން.. އެކަމަކު އޭރު އެނގުނީ ވަރަށްކުޑަ މިންވަރެއް" މާޒީގެ ކަނޑުގައި އިސްމާއިލްގެ ޚިޔާލުތައް ނުހަނު ގަދައޮއެގައި ދަތުރުކުރަނީއެވެ. ލިބުނު ފުރުސަތުގައި އީތަންއާއި ހިއްސާކުރުމަށް ގިނަ ވާހަކަތަކެއް އިސްމާއިލް އިޚްތިޔާރުކޮށް އޭނާގެ ލިސްޓަށް އިތުރުކޮށްފިއެވެ.

"ދެން ކިހައި ހިސާބަކުން..! މަންމަ އަނެއްކާވެސް އެކަން ކުރިއަށްގެންދިޔައީތަ؟" ވަރަށް ތިލަކޮށް ސުވާލުކޮށްލިއެވެ. ދެއަތް އުފުލައިލާފައި އީތަން ސުވާލުކޮށްލިއެވެ.
****
ފަތިސްވަންދެން ޔާދުއާއި އެލީ ތިބީ ޓީވީ ބަލާށެވެ. ދެމީހުންކުރެ އެކަކުވެސް ނުނިދައެވެ.
"މާދާމާއަކީ ނަތީޖާފާޅުކުރާ ދުވަސް.. އަހަރެން ވަރަށް އުފާވާނެ އެކަމުގައި އެލީ ބައިވެރިވެއްޖިއްޔާ" އެލީގެ ގައިގައި ބައްދައިލަމުން ޔާދު ބުންނެވެ.

-- ނުނިމޭ --
ހިޔާލު

ހައްވަ

@ ދިޔެ. ދިޔެ އަށް އެކަހަލަ ކަމެއް ދިމާވީ ދޯ؟ ސޯ ސޭޑް :)

ބާބާ

މިހާރު މާލަހީ އަޕްވާލެއް، އަދި މާކުރީ ގެނެސްދޭލެއްވެސް އެއީ ފުނަމާގެ ސްޓައިލެއް ނޫން.

ދިޔެ

ކޮބާ މަބުނިގޮތަށްދޯ މިވީ😀ނަވީންއާއި ރާނިޔާގެ ކަންތައް..މިހާރުވަރަށް ދެރަވެއްޖެ ރާނިޔާގެ ލޯބި އޭނައަށް ނުލިބުމުން..އިނގޭ ރާނިޔާއަށް ކުރާނެ ހިތާމަ😢އަދި ވާނެ ދެރަވެސް.. ކިތައްމެ ދުވަހެއްވިޔަސް ތިހިތާމަތަކާއި ދުރުނުވެވޭނެ..އަހަރެންނަން އިނގޭ ކުރަާނެ ހިތާމަ😢