Firumaaladheyshey, Episode 35
image
ފިރުމާލަދޭށޭ..
ފުނަމާ
4 ކޮމެންޓް
 

ފިރުމާލަދޭށޭ..

35 ވަނަބައި
ލޯބިލޯބި ވަގުތެއްގައި އުއްމީދުނުކުރި ވާހަކައެއް ފެންމަތި ކުރުމުން ޔާދުއާއިމެދު އެލީ ހިތްހަމަނުޖެހުނެވެ. ޖަވާބެއް ދިނުމެއްނެތި ޔާދުގެ އަތް، އެލީގެ ހަށިގަނޑުގައި ވަށައިލުމަށް އޭނާ އަމިއްލައަށް މަސައްކަތްކުރިއެވެ. ހިތްހަމަނުޖެހުމުން، ދެމީހުންގެ ދެމެދު ދުރުކަމެއް އައުމަށް ބޭނުންނުވާތީއެވެ.

"ކޮންމެވެސް އެއްޗެއް ބުނެބަލަ.. އަހަރުމެންގެ ދަރިފުޅުގެ ހަޔާތުން އެވަރު ފަޚުރުވެރި ވަގުތެއްގައި އެލީ ފުރަގަސްދިނުމަކީ އަހަރެން ވަރަށް ބޭނުންނުވާކަމެއް.. ހަގީގަތަކީ، އަހަރެންގެ ދިރިއުޅުމުގައި މިވަގުތު ހަމަނުޖެހި އޮތް ހަމައެކަނި މައްސަލައަކީ އެލީ! ތިޔަ މިޒާޖު!" މާޔޫސްކަމާއެކު ޔާދު ބުނެލިއެވެ.

"އަހަރެންގެ މިޒާޖެއް އަހަންނަކަށް ބަދަލެއް ނުކުރެވޭނެ.. ކަނޑައެޅިގެން އެއީ ފެއިލްވާނެކަމެއްކަން އަހަންނަށް ޔަގީންވާ އެއްވެސް ކަމަކާއި އަހަރެން ދުވަހަކުވެސް ކުރިމަތިނުލަން.. އެކަން ޔާދުއަށް ވަރަށް ރަގަޅަށް އިނގެންވާނެ" ޔާދުގެ ގައިގައި ބައްދައިލަމުން އެލީ ބުނެލިއެވެ. ހިތްހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއްވެސް މިވަގުތުނެތެވެ.

"ނޭންގޭ ކަންކަމަށް ގޮތްނިންމުމަށްވުރެން، އެވަގުތެއްގެ ހަގީގަތާއި ކުރިމަތިލުން ބުއްދިވެރި!" އެލީއަށް ވިސްނޭނެކަމަށް، ޔާދު ބުނެލިއެވެ.
*****
އީތަންގެ ކޮންމެ ބީހިލުމަކުން އެތައް އުފަލެއް މާޔާއަށް ގެނެސްދީފިއެވެ. ނިންޖަށް އެދި ދެލޯ ވަރުބަލިވެއްޖެއެވެ. ނަމަވެސް އެސްފިޔަތައް އެކަމަށް އެއްބަހެއް ނުވިއެވެ. ހިނިތުންވުން މާޔާގެ ތުންފަތާއި މިރޭ ވަކިނުވެއެވެ. ލިބުނު ކޮންމެ އަރާމެއްގެ އިހުސާސް ތަކުރާރުކޮށް ސިކުނޑީގައި އަތުރާލައިފިއެވެ. ކޮންމެ ބީހިލުމަކީ ހީލިކެރުވުމެކެވެ. މުޅި ހަށިގަނޑު އެއަރާމުގައި ބާއިވެރިވެއެވެ. އޮށޯވެގެން އޮވެފައި މާޔާ އެނބުރެލީ އެނދުގެ މަގަތަށެވެ. އަތުތެރޭގައި އޮތް މަޑުމަޑު ބާލީހުގައި ބައްދައިލީ ނުހަނު ލޯބީންނެވެ. ހިނިތުންވެގެން ހިނދުކޮޅަކު އޮތެވެ. ސައިޑްޓޭބަލް މަތީގައި އޮތް ފޯނު ނަގާފައި ދެތިން މެސެޖް އީތަންއަށް ފޮނުވައިލިއެވެ. ޖަވާބަކަށް މާޔާ އިންތިޒާރުކުރިއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. ވަރުބަލިވެފައި ހުރުމުން އީތަން ނިދީކަމަށް ނިންމާފައި މާޔާވެސް ލޯމަރާލިއެވެ.
****

"އަހަރެންގެ ދަރިފުޅު، އަހަންނަށްވުރެން ބޮޑަށް އެހެން މީހަކަށް ނޭންގޭނެ.. އާންޔާގެ ފެންވަރާއި އާންޔާއަށް ކާމިޔާބުލިބޭނެކަންކަންވެސް އިނގޭނީ އަހަންނަށް.. ރަގަޅު ކާމިޔާބެއް ލިބޭނެދުވަހަކަށް ޔަގީންކޮށްފައި އެވަރަށް އާދޭސްކުރީ، ޤުރުއާން ޓީޗަރަކު ހޯދަން.. ހަމައެއްގޮތަކަށްވެސް އާންޔާ އެއްބަހެއްނުވި.. ޔާދުވެސް އެއްބަހެއްނުވި.. އަހަންނަށްވެސް ޔަގީންވޭ، އޭނާއަށް ރަގަޅު ޓީޗަރަކު ލިބިއްޖެއްޔާ ތިބުނާ ފެންވަރަށް ތައްޔާރުކުރެވޭނެކަން.. އަހަރެންވެސް ހަމަ އަމިއްލައަށްވެސް، އެދުވަހަކުން ބޮޑެތި މުބާރާތްތަކުގައި އާންޔާ ބައިވެރިކުރާނަން.. މިފަހަރު އަދި ބައިވެރިކޮށްގެން ތިއުޅެނީ ގައުމީ މުބާރާތުގައި، ކޮބައި ބޭނުމަކީ؟ ލަދުވެތިކަން ނޫނީ ނުލިބޭނެ! ކުޑަމިނުން ސްކޫލު މުބާރާތެއްގައި ބައިވެރިކޮށްފައި އެތަނުން ކާމިޔާބެއް ލިބިގެން ތިޔަހިސާބަށް ގެންދާން އުޅުނުނަމަވެސް އަހަރެން ދެކޮޅެއް ނުހަދާނަން.. އެކަމަކު ކަންތައްތިކުރީ، ވަރަށް ގޯސްކޮށް! އަހަރެން އެއްގޮތަކަށްވެސް އެއްބަހެއްނޫން، ތިގޮތަށް ތިކަން ކުރާކަށް.. އަސްލު އެންމެ ރުޅިއައީ އަމިއްލަ ގޮތުން ބައިވެރިކުރީމަ" އެންމެފަހު ޖުމުލަ އެލީ ބުނެލީ ހިތްހަމަނުޖެހިފައެވެ.

"އެކަންކުރީ މަންމަ.! މަންމަ ކަމެއްކުރާނީ ވަރަށް ވިސްނާފައި.. އާނީއަށް ދެރައެއްލިބޭނެކަމެއް މަންމަ ނުކުރާނެ.. އެލީގެ ލޯކުރިމަތީގައި މިހުރިހާ ކަމެއްމިވަނީ.. އަމިއްލަ ސިކުނޑިން ވިސްނާލާފައި ތަންކޮޅެއް ބުއްދިވެރި ނަޒަރަކުން ކަންކަމާއިމެދު ވިސްނާންވެއްޖެ... އާދޭސްކޮށްފައި މިއެދެނީ، ޕްލީޒް އެލީ! މާދަންރޭގެ ނަތީޖާ ޖަލްސާގައި އަހަރެންނާއެކު ބައިވެރިވެދީފާނަންތަ؟" ވަރަށް ފުން ނަޒަރަކުން އެލީގެ މޫނަށް ބަލައިލަމުން ޔާދު ބުނެލިއެވެ.

"މަންމަކުރިކަމެކޭ ތިބުނީ.. އެހެންވީމައި އެތަނުގައި އިނުން އެންމެ ހައްޤު މީހަކީ ޔާދުގެ މަންމަ ނޫންތަ؟" އެލީގެ ވިސްނުން ޔާދުއަށް ގޯހެއްނޫނެވެ. އެހެންނަމަވެސް ކަމުނުދިޔައީ އެލީގެ ރާގެވެ.

ފަތިސްވެ، އުދަރެހުގެ ކުލަތައް ބަދަލުވާންފަށައިފިއެވެ. ގަސްތަކުގައި ނިދާފައިތިބި ދޫނިސޫފާސޫފި އެސޮރުމެންގެ ވާޖިބުތަކައިގެން ދުނިޔޭގެ މަޤުޞަދު ހާސިލްކުރާން އުދުހެން ފަށައިފިއެވެ. އިންސާނުންގެ ތަންމަތިތަކުން ތެދުވެ، މަސައްކަތްތަކުގެ މިސްރާބަށް ކޮންމެ މީހަކުވެސް ދަތުރުފަށައިފިއެވެ. އާދުވަހަށް އާއުއްމީދުތަކެއްކުރަމުން، ފޮނިހުވަފެންތަކެއްގައި ކުލަޖެއްސުމަށް އަޒުމުކަނޑައަޅައިގެންނެވެ.

ދަތުރުގެ ވަރުބަލިކަމާއެކުވެސް، މުޅި ރޭ ހޭލާ ހުރެފައި ފަތިސްނަމާދުކޮށްލައިގެން އިސްމާއިލް އެނިކުތީ އަނެއްކާވެސް ސިޓިންގރޫމްއަށެވެ. ސޯފާގައި އީތަން ނެތުމުން އިސްމާއީލް ކުޑައިކޮށް ހައިރާންވެސްވިއެވެ. ކުޑައިރުކޮޅަކު އެނދުގައި އޮވެލާފައި ނިކުމެވުނީތީވެ، އީތަންއަށް ލަސްވީތާއޭ، އިސްމާއީލް ހިތައްއެރިއެވެ. ވަށައިގެން ބަލައިލެވުނީ ނަމާދު ނިމިގެން އީތަން ނިދީކަމަށް ހީކޮށްފައެވެ.

"ގުޑްމޯނިގ ބައްޕާ" އީތަންގެ އަޑު އިވުމުގެކުރީން އިސްމާއީލްއަށް ފަސް، ބަލައިލެވުނެވެ. ކޮފީގެ މީރުވަހުން، ސިކުނޑިއަށްވެސް އަރާމުކަން އިހުސާސްވީތީއެވެ. ދެބަފައިންނަށް ކޮފީ ހަދައިގެން އެގެނައީ އީތަންއެވެ.

"ގުޑްމޯނިންގ ދަރިފުޅާ.. ބައްޕައަށް ތަންކޮޅެއް ލަސްވެވުނީދޯ.. ނަމާދުކޮށްލައިގެން އިރުކޮޅަކަށް ޖައްސައިލެވުނީ" ދަރިފުޅުގެ ތާޒާ މޫނަށް ބަލައިލަމުން އިސްމާއީލް ބުންޏެވެ.

"ނިންޖެއް ނުވެސް އާދޭ.. އެކަމަކު ކޮފީއަކާއިނުލައި ދެން ކުރިއަކަށް ނުގެންދެވޭނެ.. މާގިނައިރެއްނުވޭ! ހަމަ ދެންމެ މި ނިކުތީ" ދެބަފައިން ދައްކަމުންދިޔަ ވާހަކައަށް އިޝާރާތްކޮށްފައި އީތަން ބުނެލިއެވެ. ނަމާދުކޮށްގެން އީތަން ގުޅީ މާޔާއަށެވެ. ކުދަވަގުތުކޮޅަކަށްވެސް މާޔާގެ އަޑު އިވިއްޖެނަމަ އީތަންގެ ވަރުބަލިކަން ފިލައިދެއެވެ. ދެބަފައިގެ ވާހަކަ ކުރިއަށް ގެންދިއުމަށް އީތަން ތައްޔާރުވިއެވެ. އީތަންއާއި ހިއްސާކުރަން ފަސޭހަ ވާހަކަތަކަކަށް ނުވިޔަސް، އިސްމާއީލްއަށް މިރޭ ފަރުވާލެއް ނެތެވެ. މައިންބަފައިންގެ ހަޔާތުން ހުރިހާ ސަފްޙާއެއްގެ ހިރަފުސް މިރޭ ފޮޅައިލާނެއެވެ.

"އެހެންވީމައި ހަގީގަތުގައި މަންމައަށް ލަނޑުދިނީ ގިޔާދާދައްތަ ދޯ.." އެނގުނު ހުރިހާ މައުލޫމާތަކުން އީތަންއަށް އެންމެ މުހިއްމު ނުކުތާ ފާހަގަކޮށްލިއެވެ. ދަރިފުޅުގެ ބުނުމަށް ބާރެއްދިނުމުގެ ގޮތުން އިސްމާއީލް ބޮލުން އިޝާރާތްކޮށްލިއެވެ.

"މާގިނަ ދުވަހު ރައްޓެހިވެގެން ނޫޅެން، ބައްޕައަށް މަންމަގެ އުނި އެއްވެސް ސިފައެއް އޭރު ނުފެނޭ.. ބޭނުންވީ ވީއެންމެ އަވަހަކަށް ކައިވެނިކުރަން.. ބައްޕަގެ ބޮޑުބޭބެގެ ނުގަބޫލުގައި މަންމައާއި ކައިވެނިކުރީ.. ވަރަށް ހިތްހަމަނުޖެހި ހުރެފައިވެސް މީހަކާއި އިން ހިސާބުން ބޮޑުބޭބެ، ބައްޕައަށް މި ގެ ދީފި.. ދަރިފުޅަށްވެސް އިނގޭނެ، ބޮޑުބޭބެގެ އެންމެ އަންހެން ދަރިއެއް ހުންނާނީ.. އޭނަގެ މަންމައާއެކު އޭރުވެސް ބަހައްޓާފައި ހުންނަނީ ސިންގަޕޫރުގައި.. ދެން، ބައްޕަ ކައިވެނިކުރީމައި، ބޮޑުބޭބެވެސް އެކަނިވެރިވަނީއޭ ކިޔާފައި ދިރިއުޅުން ބަދަލުކުރީ ސިންގަޕޫރަށް.. އެ ދިޔަގޮތަށް ނައިސް އެހުންނަނީ..! މި ގެ ބައްޕައަށް، އެ ގެ ރައުލާ ދައްތައަށް ދިނީ.. އެއިގެފަހުން ބައްޕަގެ ކަންތައްތަކަށް ގޮތް ނުކިޔާނެ.." މައިންބަފައިން ނިޔާވީ އިސްމާއީލް ދާދިކުޑަކުޑައިރުއެވެ. އެއިގެ ފަހުން، ހުރިހައި ޒިންމާއެއް އަދާކުރީ މަންމަ ފަރާތު ބޮޑުބޭބެއެވެ.

އިސްމާއީލްގެ ހަޔާތުން އެންމެ މުހިއްމު ޞަފްހާ އެއްލައިފިއެވެ. އޭގެފަހުގައި ލިޔެފައިވާ އަކުރުތައް އީތަންއަށް ނުހަނު މުހިއްމެވެ.

އީތަންއަށް ރާނިޔާ ބުނެދީފައިވާ ހިސާބަކީ، އީތަންގެ ކާފައާއި މާމަ، އީތަންގެ ބައްޕަ ދާދިކުޑަކުޑައިރު ނިޔާވެފައިވާކަމެވެ. ބައްޕަ ފަރާތުން ވާރުތަކުރި ހަމައެކަނި ގޯއްޗަށް ވެރިވެފައިވަނީ އީތަންގެ ކާފަ ފަރާތުގެ ތިމާގެ މީހެއްކަމެވެ. އެމީހުންގެ ކިބައިން އެ ގެ ހޯދަން އެއްވެސް މަސައްކަތެއް ނުކުރުމަށް އީތަންގެ ކާފަ، ބައްޕަގެ ކިބައިން އެދިފައިވާކަށް މަންމަވަނީ ބުނެދީފައެވެ. އީތަންގެ ބައްޕަ ދުނިޔޭގައި ނެތް ދުވަހަކުންވެސް އެކަމައިގެން އީތަންވެސް ނޫޅުމަށް ބައްޕަބުނެފައިވާކަމަށް މަންމަވަނީ ބުނެފައެވެ. ރާނިޔާގެ ލޯބީގެ ސަފްހާތަކުން ދުރުގައި މަޑުކޮށްލުމަށް ބޭނުންވީތީ، އިސްމާއީލްގެ އާއިލީ ބާބުން ޞަފްހާތަކެއް ފުށުންޖަހައިލިއެވެ. އީތަން ބޭނުންވީ މަންމަގެ ވާހަކަތައް އިތުރަށްވެސް އިނގޭށެވެ.

****
ދޫނިސޫފާސޫފީގެ އަޑާއި މާދުރުދުރުން އިވޭ ރަނގަބީލެއްގެ އަޑު ފަތިހުގެ ހަމަހިމޭންކަން ނަގައިލައިފިއެވެ. މަސައްކަތްތަކުގައި ހަލަބޮލިވުމަށް ބޮޑެތި ވެހިކަލްތައް ބާރު ސްޕީޑްގައި ދުއްވާއަޑު ކަންފަތައް އުނދަގޫކުރަނީއެވެ. ކުޑަދޮރުގައި ދަމާލާފައި ހުރި ފޮތިގަނޑު ދުރުކޮށްލާފައި ރާނިޔާ ބަލައިލީ ބޭރަށެވެ. ދުންފިނީގެ އަސަރު ވަރަށް ދުރުންވެސް ފެނެއެވެ. އުސް އިމާރާތްތައް ފެންނަނީ ފަނޑުގޮތަކަށެވެ. ފިނި ދުވަހެކެވެ. ވިއްސާރަވިލާތައް ކޮންމެވެސް ވަރަކަށް ޖަމާކުރަންފަށައިފިއެވެ. ކޮޓަރީގެ ބޮޑު ދޮރާއި ދިމާއަށް އިރުއިރުކޮޅުން ބަލައިލެވެނީ އެދޮރު ހުޅުވާލާފައި މީހަކު ވަންނާނެ އިރެއްގެ އިރެއްގެ އިންތިޒާރުގައެވެ. އިރުކޮޅަކު ބޭރުބަލަންހުރެފައި ރާނިޔާ ގާތްވެލީ ޑްރެސިންގ ޓޭބަލްއާއެވެ. ސެންޓްފުޅި ނަގާފައި ކަރުދަށަށް ސްޕްރޭކޮށްލިއެވެ.

"އިތުރަށް ސެންޓްޖަހާކަށްވެސް ނުޖެހޭނެ.. އެއަށްވުރެން، ތި ހަށިގަނޑުގެ ވަސް މާބޮޑަށް ހިތްގައިމު" ދޮރުން އެތެރެއަށް ދެމިގަތް ނަވީން ބުނެލީ ސިއްރުގޮތަކަށެވެ. ލަދުވެތިކަމުގެ ހިނިތުންވުމަކާއެކު ދުވެލައިފައި ރާނިޔާއައިސް އެވަނީ ނަވީންގެ އަތުތެރެއަށެވެ.
*****

"މަންމަގެ ހަޔާތުގައި އެހުރިހާކަމެއް މާޒީވެގެންދިޔައީމައިވެސް އަނެއްކާ، ނަވީން ފަހަތުން މަންމަ އެއުޅެނީ ކީއްވެ؟ ބައްޕައަށްވެސް އެނގިގެންތަ؟" ޖަވާބު ވަރަށް ބޭނުން ސުވާލެއް އީތަންކޮށްލީ ވަރަށް އިންތިޒާރުކުރުމަށްފަހުއެވެ.

"ދަރިފުޅަށް އަހަރުވީއިރު، މަންމައާއި ބައްޕަގެ ގުޅުން ވަރަށްބޮޑަށް ހީނަރުވެއްޖެ.. މަންމަ ބޭނުމެއްނުވި ބައްޕައާއެކު އުޅޭކަށްވެސް! ވަރަށް އުނދަގުލުން މަންމަ ހިފަހައްޓައިލެވުނީ.. ބައްޕަ ވަރަށް ވަރަށް ލޯބިވޭ މަންމަދެކެ.. އީތަންގެ މަންމަ ނޫން މީހަކުދެކެ ދުވަހަކުވެސް ލޯބިނުވަން.. ބައްޕަގެ ދުނިޔެއަކީ ދަރިފުޅާއި ދަރިފުޅުގެ މަންމަ.. އެއްވެސް މީހަކު އަމިއްލައަށް އެމީހެއްގެ ދުނިޔެ އެމީހަކާއި ވަކިވިޔަނުދޭނެ.. ބައްޕަ ކުރި ހިތާމަ އެހެން އިންސާނަކަށް ނޭގޭނެ.. ގިޔާދާ ދޫކޮށްލާފައި މަންމައާއި އިންނަންވެގެން ނަވީން ވަރަށް މަސައްކަތްކުރި.. އެކަމަކު ދަރިފުޅަށްޓަކައި ބައްޕައަށް ވެވުނު ހުރިހާ ގުރުބާނީއެއްވެގެންވެސް މަންމަ ހިފެހެއްޓިން.. ބައްޕައަށް އިނގޭ މަންމަ ބައްޕައާއި ކައިވެނިކުރީ ލޯތްބަކުން ނޫން.. އެއީ ގިޔާދާއާއި ނަވީންއަށް ދައްކައިލުމަށް މަންމަ ކުރި ކަމެއް.. އެކަމާއި ބައްޕަގެ އެއްވެސް ޝަކުވާއެއް ނެތް.. އެކަމަކު މިހަށީގައި ފުރާނަ ހުއްޓައި މަންމަ ދޫކޮށްލާނީ ކިހިނެއް؟" އިސްމާއީލްގެ ލޮލުން ކަރުނަ ވިދާލިއެވެ.

ސިއްރުކުރާން ހިތްއެދެއެވެ. ނަމަވެސް އީތަން އެއިނީ ބައްޕަގެ ކޮންމެ އިޝާރާތަކަށް ފާރަލައިގެންނެވެ. ރާނިޔާ ނެތި އެތައް ދުވަހެއް ފާއިތުވެއްޖެއެވެ. ލަންކާގައި ނަވީންއާއެކު އެއް ގެއެއްގައި އެހުރިހާ ދުވަހު ރާނިޔާ ބެހެއްޓުމަކީ އިސްމާއިލްއަށް ފަސޭހަކަމެއްނޫނެވެ.

"ކީއްވެ މަންމަ އެތަނުގައި ތި ބަހައްޓަނީ؟" ވަރަށް ކުރުކޮށް އީތަން އަހައިލިއެވެ.

"ނުގެނެވުނު! މަންމައަށް މަޖުބޫރުކުރާނެ ހިތްވަރެއް ބައްޕަގެ ހަށިގަނޑުގައި ނެތް" އިސްމާއިލްގެ ކޮންމެ އަކުރެއް އީތަންގެ ހިތައް ތަދުކޮށްފިއެވެ.

"އަހަންނާއި ސަވާނާއާއި ގާތްކުރުވަން އެމީހުން އެއުޅޭ ސަބަބެއް އަދިވެސް ނުވިސްނޭ.." އީތަން ބުނެލިއެވެ. މަންމަގެ މާޒީގެ ސަފްހާތަކުން އީތަން ބޭނުންވި ހިސާބަށް ދެވުނީހެން ހީވިއެވެ. މޫނުމަތީން މިފަހަރުފެނުނީ ފޫހިކަމެވެ.

"އެއްގޮތަކީ، ސަވާނާއާއި އިންނާނެ ރަގަޅު މީހަކު ނުވެގެން އެމީހުން އެއުޅެނީ.. އަނެއްގޮތަކީ އީތަންއާއި ސަވާނާގެ ކައިވެނި ކުރެވިއްޖެއްޔާއި، ގިޔާދާއަށް ބާރެއް ނުފޯރުވޭވަރަށް މަންމައާއި ނަވީންގެ ކުޅިގަނޑު ވަރުގަދަކުރެވޭނެ މަގެއް ހުޅުވުން.. އޭރުން ދެ ގެ، އެއްގެއަކަށް ބަދަލުވީދޯ" ވަރަށް ދެރަވެލާފައި އިސްމާއީލް ބުނެލިއެވެ. ފުން ނޭވާއަކާއިއެކު ސޯފާގައި ހަށިގަނޑު ދަމައިލިއެވެ.

"އެހެން ހީވަންޏާއި އެއީ އެމީހުންގެ ސިކުނޑީގެ އުނިކަމެއް.. މީހަކު ނުލިބުނަސް، ސަވާނާއާއި ކައިވެނި ނުކުރާނަން" ވަރަށް ފޫހިކޮށް އީތަން ބުނެލިއެވެ.

"ބައްޕައަށް އެނގިގެން މިހާރު ތިންފަހަރު ސަވާނާ، އެޑްމިޓްކޮށްފި! އެވަރުންވެސް މައިތިރިނުވޭ.. ވަރަށް ވިޔާނުދާކޮށް އުޅެނީ" ވަރަށް ހިތްހަމަނުޖެހިފައި އިސްމާއީލް ބުންޏެވެ. އެބުނި އެއްޗެއް ދޭހަނުވެގެން ސުވާލު އުފެދުނު ފަދަގޮތަކަށް އީތަން ބަލައިލީ، ބައްޕަގެ މޫނަށެވެ.

"ތީގެ މާނައަކީ...؟" ދެ ލޯ ކުޑަކޮށްލާފައި އީތަން ސުވާލުކޮށްލީ އަކުރުތަކަށް ދަމާލައިފައި ލަސްލަހުންނެވެ. އީތަންއަށް ވިސްނުނީ ރަނގަޅަށްކަމަށް، އިސްމާއިލްގެ ބޮލުން އިޝާރާތްކޮށްލިއެވެ.

"އެހުރިހައި ކަމެއް އެނގިހުރެ އެ އަނދަވަޅަށް އަހަރެން ވައްޓައިލަން މަންމަ އެއުޅެނީ ކީއްވެ؟" ނުރުހުންވެފައި އީތަން ބުނެލިއެވެ.

"މަންމައަށް ލިބެން އޮތް ފައިދާ ބޮޑީ.. ބައްޕައަށް ކުރެވޭ ކުޑަކުޑަ ކަމަކުންވެސް މިހާރު މަންމަ، ބައްޕައާއި ވަކިވެދާނެ.. ގިޔާދާއާއި ނަވީން އިނދެގެން އެއުޅެނީ ނަވީން ގިޔާދާ ދެކެ ލޯބިވާތިކީނޫން.. ގިޔާދާގެ ބައްޕަ ފަރާތުން ލިބިފައި އޮތް މުއްސަނދިކަމުގެ ބާރު އޭނާއަށް ލިބިފައި އޮތުމާއި، މަންމަ 'ހުސްނުވެގެން'..!" ފުން ނޭވާއަކާއިއެކު އިސްމާއީލް ބުންޏެވެ.

"ނުޖެހޭ އެތަނުގައި ބަހައްޓާކަށް.. ބައްޕައަށް ހުރިހާ އެއްޗެއް އިނގޭއިރު، ތިހައި ދަށުވެގެން ހުންނާކަށް ނުޖެހޭނެ.. މަންމަ ގެނޭ މާލެއަށް" ހަރުކަށި ރާގުގައި އީތަން ބުނެލިއެވެ. ޖަވާބެއް ދެވޭނެ ގޮތެއް ނެތުމުން އިސްމާއީލް އިޚްތިޔާރުކުރީ ހަމަހިމޭންކަމެވެ.

އުފާވެރި ދުވަހެކެވެ. ފަތިހު ހޭލީއްސުރެން ގައިސަރު ދެފައި އެއްތާގައި ނުޖަހައެވެ. އެއްކަމެއް ކޮށްލާފައި އަނެއްކަމެއް ކޮށްލާފައި އެއުޅެނީ އާންޔާ ސްކޫލުން އަންނާން ވާއިރަށް މީރު އެއްޗެހި ކައްކާފައި އެދަރިފުޅަށް ކާންދޭ ހިތުންނެވެ. މިއަދަކީ ގައިސަރަށް ޚާއްޞަ ދުވަހެކެވެ. އުއްމީދުކުރި ހުވަފެނެއްގައި ހަގީގީކުލަ ޖެހިދާނެކަމަށް ޔަގީންކުރެވޭ ވަގުތު ގާތްވަނީއެވެ. ފާރުގައި ހުރި ގަޑީގެ ކަށި ރަގަޅަށް ދައުރުވޭތޯ ބެލުނު އަދަދެއް ނޭގެއެވެ. ސިކުންތު ކަށި އަވަސްވާނެނަމައޭވެސް ހީވެއެވެ.

ރޭގަނޑުގެ އަށެއް ޖަހައިތޯ ކުރެވޭ އިންތިޒާރެވެ. ނަތީޖާ ޖަލްސާގެ ކޮންމެ ސިކުންތެއްވެސް ގައިސަރުގެ ހިތް ތަޅުވާނެއެވެ. މާމައަކު މަސައްކަތްކޮށްދީގެން، ހެޔޮ ދުޢާކޮށްދީގެން ދަރިއަކަށް ލިބޭނެ ހުރިހާ ނިއުމަތަކަށް އާންޔާގެ ހަޔާތަށް ގައިސަރު އުއްމީދުކުރެއެވެ. ޔާދުއާއި އެލީ ޖަލްސާއަށް ފޮނުވަން ގައިސަރު ބޭނުންވި ސަބަބަކީ އެލީއަށް އެކަމުގެ އިހުސާސްކޮށްދިނުމެވެ. ވަގުތުން ދައްކާ މަންޒަރުތައް ޓީވީން ބަލަން ގޭގައި އިންނަން، ގައިސަރަށް ފަސޭހަ ނުވިޔަސް އެކަން ކުރާންވެސް ގައިސަރުގެ ސިކުނޑި ތައްޔާރެވެ. އުއްމީދަކީ ބޮޑު ކާމިޔާބެކެވެ.

-- ނުނިމޭ --
ހިޔާލު

ާހަސީ

އޭއަނެއް ޕާޓު އަވަސް ކޮން އަޕު ކޮއްލައްޗޭ ނަތީޖާއައް ވަރައް އިންތިޒާރު ކުރެވޭ😚😚😚

ދިޔެ

ފުނަމާގެ ލިޔުންތެރިކަމަށް ޝުކުރިއްޔާ!

ކައްޑެވިބުއްޑެވި

ނެކްސްޓް ޕާޓް ޓޮމާރޯ ޕްލީޒް،

ސަމްނާ

ހާދަ ކުރުކޮށޭ ތިގެނެސްދިނީ