Firumaaladheyshey, Episode 36
image
ފިރުމާލަދޭށޭ..
ފުނަމާ
3 ކޮމެންޓް
 

ފިރުމާލަދޭށޭ..

36 ވަނަބައި
ކުދިކުދި ދޫނިސޫފާސޫފިތައް އެސޮރުމެންގެ ކޮއްތު ހޯދުމައިގެން ސައްލާކުރުމުގައި އުޅެންފަށައިފިއެވެ. ނިދިމަޑު ލޯތައް ވަރުބަލިކަމާއެކު އެސްފިޔަތައް ހަރަކާތްކޮށްލީ ތަންމަތިތަކުން ތެދުވެ، މަސައްކަތްތަކުގައި ޝާމިލްވުމަށް ދިރިއުޅުން މަޖުބޫރުކުރާތީއެވެ. އަތުގެ ކޮޅަށް މޯޅިއަށް ދެމިލުމަށްފަހު ގިޔާދާ މަގަތައް ބަލައިލިއެވެ. މާޔޫސީ ބަލައިލުމެކެވެ. އެވަގުތު އެނދުގައި އޮންނާނީ އެކަނިކަން އެނގޭއިރުވެސް، ބަލައިލެވުނީ ނުރުހުމާއެކުއެވެ. އެއީ ހަމައެކަނި މިއަދުގެ ގޮތެއްނޫނެވެ. ފަހަކަށްއައިސް ކޮންމެ ދުވަހަކުވެސް ގިޔާދާ ނިދާހޭލަނީ އޭނާގެ އެނދުގައި އެކަނި އޮވެއެވެ. އެންމެ އަވަހަށްވެސް، އަށެއް ނުޖަހަނީސް ނަވީން ކޮޓަރިއަށް ނާންނާނެއެވެ. ސުވާލެއްކޮށްފިނަމަ، ޖަވާބަކީ 'ހަމަހިމޭންކަމެވެ.' އެހެންޏާއެކޭ އެއްގޮތަށް މިއަދުވެސް ކޮޓަރީގެ ދޮރާއި ދިމާއަށް ފުރަގަސްދީގެން ގިޔާދާ އެނބުރުނީ އަނެއްފަރާތަށެވެ. އެނދުގެ ހުސްކޮށް އޮތް ފަޅި ނުފެންނަކަމަށް ހެދުމަށްވުރެން މޮޅު ޚިޔާލެއް ގިޔާދާގެ ސިކުނޑީގައި ޓަކިޖަހައިނުލިއެވެ. ފަހަކަށްއައިސް މިއީ ކޮންމެ ދުވަހެއްގެ އާދައެވެ.

****
ހިތްހަމަޖެހުމާއި ނުޖެހުމާއި ދެމެދުގައި އިންސާނާގެ ފިކުރާއި ޚިޔާލާތު އަދާކުރާ ދައުރަކީ އަނެކުންގެ އިހުސާސްތަކަށްވެސް ބާރުފޯރުވާ ނުފޫޒެކެވެ. މިކަން ގަބޫލުކުރާ މަދުބައެއްގެތެރޭގައި މިއަދު އެލީ ހިމެނެއެވެ.
އަސުރު ފަސްދީފިއެވެ. ގައިސަރުގެ އިނގިލިތަކުގެ ހުޅުތަކުން އަޑުގޮއްވައިލުމަށް އޭނާގެ އަމިއްލަ ނަފުސައްވެސް ބާރެއްނެތް ވަގުތެކެވެ. ހުޅުތަކަށް ތަދުވާވަރަށްވެސް ކަށިގޮއްވެނީއެވެ. އެލީގެ ނުރުހުންވެފައިވާ މޫނު ގައިސަރުގެ ހިތަށް އިތުރަށް ނުތަވަސްކަން ގެނުވިއެވެ. ކާމިޔާބަކަށްނޫނީ ހިތް ނޭދެއެވެ. ކީރިތި ޤުރުއާން ނުހަނު ހިތްގައިމުކޮށް ކިޔެވި އެތައް ދަރިވަރުންނެއް ގައިސަރުގެ ނާރުތަކުގައި ދައުރުވާ ލޭގެ ހޫނުމިން ބަދަލުކުރުވައިފިއެވެ. އިންތިޒާރުކުރެވެނީ އާންޔާއަށް އެންމެ ފުރިހަމަ ކާމިޔާބަށެވެ.

"އެލީ ދާން ބޭނުންނޫނިއްޔާ އަހަރެން މިރޭ ދާނީ މަންމަ ގޮވައިގެން"އަސުރު ނަމާދުން ފައިބައިގެން ޔާދު ގެއަށް ވަތްއިރު، އެލީއާއި ގައިސަރު ތިބީ ސިޓިންގރޫމްގައެވެ. ދެމީހުންނަށް އެއްފަހަރާއި ޔާދުއާއި ދިމާއަށް ބަލައިލެވުނީ، އެ ބުނެލުމަކީ ދެމީހުންގެ ހަޔާތުގައިވެސް މުހިއްމު ފަރާތަކުންއައި ހުށަހެޅުމަކަށްވާތީއެވެ. ގައިސަރަށް ބަލައިލެވުނީ އެލީގެ މޫނަށެވެ. ނަމަވެސް އިސްޖެހިގޮތަށް އެލީ އެއިނީ އޭނާގެ ނިންމުން ބަދަލުނުކުރާންހެން ހީވެއެވެ.

"މިކަމުގައި އިތުރަށް އެއްވެސް އެއްޗެއް ބުނާން އަހަރެން ބޭނުމެއްނޫން.. ގޮތް ނިންމާނީ މަންމައާއި އެލީ" ޔާދުގެ އަޑުގައި ހިތްހަމަނުޖެހުންވިއެވެ. ވާނީވެސް އެހެންނެވެ. މިވަގުތައްޓަކައި އިންތިޒާރުކުރާތާ ތިންދުވަސްވީއެވެ. ގޮތެއްނިންމުމަށް އެދި އެލީއަށް އާދޭސްކުރާތާ، ދެދުވަސްވީއެވެ. ދާން ބޭނުންމީހާ، ވަގުތުޖެހޭއިރު ހުންނާންވާނީ ތައްޔާރަށެވެ. އެއީ ޔާދުގެ ނިންމުމެވެ.

****
އިރުއޮއްސުމާއި ގާތްވެއްޖެއެވެ. ރަސްފަންނު ބީޗްގައި އީތަން އިންތިޒާރުކުރަނީ މާޔާ އަންނާނެ ވަގުތަކަށެވެ. ދާދި ކައިރިވެއްޖެކަމަށް ބުނިފަހުންވެސް ވަގުތުތަކެއް ފާއިތުވެއްޖެއެވެ. އަތުގައި އޮތް ޕޮޕްކޯން ދޯރިން އެތިކޮޅެއް ނަގާފައި އަނގަޔަށްލިއެވެ. ދެމީހުން އެކުގައި ކެއުމަށް ބޭނުންވެގެން ގަތް ޕޮޕްކޯން ދޯރި، މެދަށްވުރެން ތިރިއަށް ހިނގައްޖެއެވެ. އަނގަޔަށް ވައްތަރެއް ޖައްސާލާފައި އަތުގައި އޮތް ގަޑިއަށް ބަލައިލިއެވެ. ހަމައެވަގުތު ވަށައިގެން ބަލައިލާފައި ޖީބުން ފޯނު ނެގިއެވެ. ރީސެންޓް ލިސްޓުގެ އެންމެ ކުރީގައި އޮތް 'ޕްރިންސެސް'ގައި އީތަން އިނގިލިޖައްސައިލިއެވެ. ރިންގްވީ ދާދި ގާތުންނެވެ. ސިއްސައިގެންގޮސް، ފަހަތް ބަލައިލެވުނެވެ.

"ދިސް އިޒް ނޮޓް ފެއަރ.." އީތަން ބުނެލިއެވެ. އެއްލިއަތުން މާޔާގެ އަތުގައި ހިފާފައި ކުރިމައްޗަށް ގެނައެވެ.

"ކޮން އިރެއް މިތަނުގައި މި އިންނަނީ.. ކޮންމެ ސިކުންތަކީ ހާދަހައި ބޮޑު ވޭނެކޭ.." ބޮޑާހާކާލާފައި އީތަން ބުނެލިއެވެ. ޖެހިގެން އިން ޖޯލީގައި އިށީންދެލާފައި މާޔާ ހިނިތުންވެ، އީތަންގެ އަތުގައި ހިފައިލިއެވެ. ދެއަތުގެ އިނގިލިތައް ތަގުޅިކޮށްލައިގެން، އަތްގެނެސް މާޔާގެ ތުންފަތުގައި ޖައްސައިލީ ލޯބިގޮތަކަށެވެ. ކިތަންމެ ބަޔަކު އެތަނުގައި ހަރަކާތްތެރިވިޔަސް، ދެލޯބިވެރިންގެ ކުދިކުދި ސަމާސާތައް ފަރުދާކުރުމަކީ އީތަންއާއި މާޔާއަށް މިވަގުތު މައްސަލައެއް ނޫނެވެ.

"ކޮންއިރެއް މިތަނުގައި އެކަނިމާއެކަނި މިހެން އިންތާ.. ބިރެއްވެސް ނުގަނޭތަ، މިއޮއް ހުރިހާ އެންމެން އުޅޭތަނެއްގައި އަހަރެން އެކަނިމައި އެކަނި ބައިންދާފައި ތިހެން ދުރުގައި ހުންނާކަށް؟ އެހެން އަންހެންކުއްޖަކު އައިސް، މިތާގައި އިށީންދެ، މީގެން ޕޮޕްކޯން ކާންފެށިނަމަ، މާޔާވެސް ދެރަވާނެ" ނުރުހޭ ގޮތް ދައްކައިލަމުން ލޯބީގެ ސަމާސާއެއް އީތަން ކޮށްލިއެވެ. ހިނިތުންވުމެއް ފިޔަވައި، އިތުރުޖަވާބެއް މާޔާގެ ކިބައިން ނުލިބުމުން އީތަންގެ ޝަކުވާ އިތުރުކޮށްލިއެވެ.

"އޯކޭ ދޯ އަހަރެން ނެތަސް! އެހެންމީހަކު އަހަރެން އަތުލައިގަތަސް އޯކޭތަ؟" ޝަކުވާއިން ޖަޒުބާތުތައް ފުރިއްޖެއެވެ. މާޔާގެ ފަރާތުން އަޑުއަހަން ބޭނުންވި އެއްވެސް އެއްޗެއް އަޑުނީވުމުން އީތަން ދެރަވެއްޖެއެވެ.

"ތިހެން ބިރުގަންނަންވެއްޖިއްޔާ އެކުގައި ދިރިއުޅޭނެ ގޮތެއް ބުނެބަލަ! ސަތޭކަމީހުން އައިސް ވަށައިލިޔަސް މާޔާގެ ހިތުން ޒައްރެއްގެ މިންވަރުވެސް ހޯދޭނެ އެންމެ އިންސާނަކުވެސް ނޫޅޭނެ.. އެހެންވީމައި، އީތަންއާއިމެދު ކޮން ބިރެއް ގަންނާކަށް.. އެހެންނޫންނަމަ، ލަންކާއިން އަންނާނީ އެހެންމީހެއްގެ ހައްގެއްގެ ގޮތުގައި.. އަހަރެންގެ ލޯތްބަށް އަހަރެން އިތުބާރުކުރަން.. އެކަމަކު ވަރަށް، ވަރަށް ބިރުގަނޭ.. ދުވަހަކުވެސް ބީވުމަށް މިހިތަށް ކެތްނުވާނެ.. އީތަންއާއި ނުލައި އަހަރެންގެ ދުނިޔެ ވަރަށް އަނދިރި.." މާޔާގެ ލޮލުން ފެނުނު އަސަރުތައް މާނަކުރުމަކީވެސް އީތަންއަށް ކުޅަދާނަކަމެއްނޫނެވެ. ލޯބި ނޫން އެހެން އެއްޗެއް މާޔާގެ ކިބައިން އީތަންއަށް ނުފެނެއެވެ.
ވަރަށް ލޯބިން ފިރުމާލަމުން، އީތަންގެ އަތް، މާޔާގެ އުނގުގައި ބާއްވާލިއެވެ.

"މިހިތް ރޯ އަޑު އަބަދުވެސް،އީތަން އަޑުއަހާނެކަމަށް އަހަރެން ޔަގީންކުރަން.. މިއަށްވުރެން ދުރަށް ހިނދުކޮޅަކަށްވެސް ޖެހިލަން ހިތެއް ނޭދޭ" މާޔާގެ އަޑުގައި ތަފާތު ގޮތެއް ހުއްޓެވެ. ވަށައިގެން ހަރަކާތްތެރިވާ އެކަކުވެސް ދެލޯބިވެރިންނަށް ނުފެނެއެވެ. އަމިއްލަ ދުނިޔެއެކެވެ. ލޯބީގެ އާލަމެކެވެ. އުފާވެރިކަމާއި ހިތް އެދޭ ރައްކާތެރިކަމާއި ޔަގީން ނޫނީ ދެހިތުން ނޭދެއެވެ.


"ލޯބިވާ ވާހަކަ އަބަދުވެސް ބުނަން..! އެކަމަކު ދޫކޮށްނުލުމަށް އެދި، އަބަދަކު އާދޭސް ނުކުރާނަން.. އެއީ ކެތްވާވަރުކަމެއްނޫން.. ޔަގީންކަމަކީ ދުލުން ބުނެލާ، ޢިބާރާތެއް ނުވަތަ ލިޔެފައި ރައްކާކުރާ، ލަފުޒެއްވެސް ނޫން.. އެއީ ވަރަށް ފުން އިޙްސާސެއް.. އެއީ އުފެދޭ އެއްޗެއް.. އެ އިޙްސާސް އުފެދޭނީ، ބައިވެރިޔާގެ އަމަލާއި ބަސް، ދިމާވެގެން.. އިތުބާރަށް ބުރޫލެއް އަރުވައިގެން އެކަމެއް ނުކުރެވޭނެ.. އަހަރުމެންގެ ލޯބީގައި ފާއިތުވި ތިން އަހަރުތެރޭގައި، ދުވަހަކުވެސް އީތަންގެ ހިތް ރޮއްވާލައިފައި ނޯންނާނެ.. ޝަކުވާކުރެވޭނޭ! އެވަރުގެ ޖާގައެއް ނުވެސްދެން! އެކަމަކު އަހަރެން ޝަކުވާ ކުރަން! އެއީ ލޯބިން.. މި ހިތް، އީތަންއަށް އެދޭ އެދުމެއްގެ ބާރުގައި.. އެނޫން ގޮތަކަށް އަހަރެންގެ ފަރާތުން އީތަންއަށް ނުތަނަވަސްކަމެއް މިހާތަނަކަށް ނުދެން.. ޑޯންޓް ޔޫ ނޯ ދެޓް ބޭބީ؟" މާޔާގެ ވާހަކަދެއްކުމުގެ ލޯބިކަމުން އީތަންގެ ހިތް މޯޅިކޮށްލައެވެ. ހިތް އެދެނީ ލޯބިލޯބި މާޔާގެނެސް އަތުގެ ތެރޭގައި ހައްޔަރުކޮށްލުމަށެވެ. އިންޗިއެއްގެ ދުރުކަމެއްވެސް ދެހިތުގެ ދެމެދުގައިވުމަށް އީތަން މިވަގުތު ނޭދެއެވެ.

"އައިއެމް ސޯ ސޮރީ މައި ޕްރިންސެސް" ކުއްވެރިއެއް ފަދައިން އީތަން ބުނެލިއެވެ. ފެންކަޅިވީ، ފިރިހެންވަންތަކަން އީތަންގެ ކިބައިގައި ފަނޑުވީތީއެއްނޫނެވެ. ނަމަވެސް މާޔާގެ ލޯތްބާއި އެއްފަދަ ލޯތްބެއް ރައްދުކުރުމުގައި އީތަންއަށް ކުޅަދާނަ ނުވާތީއެވެ. ހާލަތުވެސް އެގޮތަށް ތަން ނުދޭތީއެވެ.

"ތިއީ ދުނިޔޭގެ އެތައް ބިލިއަން އަންހެންކުދީންގެ ތެރެއިން އަހަންނަށްޓަކައި ﷲލެއްވި ޚާއްސަ ނިޢުމަތެއް" ފުން ނޭވާއެއް ދޫކޮށްލިއެވެ. އީތަން ދައްކަންހުރި ބައިވަރު ވާހަކަ އެބަހުއްޓެވެ. މާޔާގެ ޤުރުބާނީއަށް ތަކުރާރުކޮށް ރެއާއިދުވާލު، ޝުކުރުވެރިވިޔަސް، އެ ލޯބީގެ އަގު ދިނުމަށް އީތަންއަށް ކުޅަދާނަނުވާނެއެވެ.

"ޔޫއާރ މަޗް މަޗް ބެޓަރ ދެން މީ.." އީތަން ބުނެލިއެވެ. މާޔާގެ ހިނިތުންވެފައިވާ މޫނަށް އީތަން ބަލަނީ ފުންނަޒަރަކުންނެވެ.

"ހާދަ އަރާމް ތަނެކެ ދޯ މިއީ.." ވަށައިގެންވާ މާހައުލަށް ބަލައިލަމުން މާޔާ ބުނެލިއެވެ. އޮއްސެމުންދާ އިރަށް ޚިދުމަތްކުރުމުގައި ކާއިނާތުގެ ކޮންމެ ކުލައެއް ބައިވެރިވަމުންދިޔަ ވަގުތެވެ.

"އެއިން ކޮންމެ ކުލައެއްވެސް އަހަރެންގެ ލޯތްބަށް ފުރިހަމަކަން ގެނެސްދިނުމުގައި އަހަންނާއި ބައިވެރިވޭ.. ގުދުރަތުގެ ފުރިހަމަކަން ދެކިބަލަ..! މާޔާގެ ރީތިކަމަށް ބަލާފައި، ފުރިހަމަ އިރުވެސް، ލަދުވެތިވެ އިސްޖަހައިލައިފި.. މިހިތުގެ އަބަދުގެވެސް ދުޢާއަކީ، ތިޔަ ހިނިތުންވުމުގައި މިހިތައް އޯގާތެރިވުމަށް މިހާ ގާތުގައި، އަބަދުވެސް މާޔާ ވުން" އީތަންގެ މޭގައި މާޔާގެ އަތް ޖައްސައިލަމުން އީތަން ބުނެލިއެވެ. ހަވީރުގެ ހޫނުކަން ފަރުދާކޮށް، ރޭގަނޑަށް ތައްޔާރުވުމަށް ކަނޑުގެ ލޮނުގަނޑުގެ އެހީގައި ފިނިފިނި ވައިރޯޅިތައް ރާޅާއެކު ކުދި އަކިރިތަކުގައި ސަމާސާކޮށްލާ މަންޒަރު މާޔާއަށް، އީތަން ދައްކައިލިއެވެ. މާބޮޑަށް ގައިގޯޅިނުވިޔަސް އީތަންގެ ކޮނޑުގައި މާޔާގެ ބޯ ޖައްސައިލިއެވެ.

****
އިޝާނަމާދުން ފޭބިގޮތަށް ޔާދު އަވަސްވީ، ގެއާއި ހަމައަށް އެންމެ ފަސޭހައިން ދެވޭނެ ރާސްތާއެއް އިޚްތިޔާރުކުރުމަށެވެ. ހީވެސްނުކުރާހައި އަވަހަށް ގެއަށް އާދެވުނުހެންވެސް ހީވިއެވެ.

"ދަރިފުޅާ، އާނީ! ކައިފިންތަ ބައްޕަގެ ފުރާނަޔާ!" އެއީ ބައްޕައެއްގެ ހިތުގެ ކާނާއެވެ. އަންހެން ދަރިއެއްގެ ލޮލުގެ ފިނިކަމަކީ ބައްޕަކަމަށްވުމަށް ޔާދު މަސައްކަތްކުރެއެވެ. އެއީ ގުދުރަތުގެ މާތް ގުޅުމެކެވެ. ބާރުގަދަ ލޯތްބެކެވެ. ޔާދުގެ އަޑަށް އާންޔާ ދުވެލައިފައި ނިކުތެވެ.

"މާޝާﷲ.. ބައްޕަގެ ދަރިފުޅުގެ ފުރިހަމަކަން ދެދުނިޔޭގައިވެސް ﷲ އިތުރުކުރައްވާންދޭވެ! ދަރިފުޅު ހާދަ ރީއްޗޭ!" ދުވެލާފައި އާންޔާއައީ ޔާދުގެ އަތުތެރެއަށެވެ.

"އާނީގެ ބޮލުގައި ބައްޕަ ފިރުމާލަދީފާނަންތަ؟" ދުވަހަކުވެސް ނޭދޭ ކަމަކަށް އާންޔާ އެދުނެވެ. ޔާދުގެ ގައިން ހީނބިހިނެގިއެވެ. ލޮލުންގެ ވިދުންގަދަވީ ކަރުނައިގެ އަސަރުކުރީތީއެވެ. އިހުސާސްތަކުގެ މައްޗަށް ނަފުސުގެ ބާރެއް ނުފޯރި ވަގުތެކެވެ.

"އަބަދުވެސް! އަބަދުވެސް ދަރިފުޅާ! ތިއީ ބައްޕަގެ ހިތުގެ ފިނިކަން" ކޮށްފައިވާ ވަރަށް ފަނޑުފަނޑު މޭކަޕް ޚަރާބުނުކޮށް، އާންޔާގެ ކޮލުގައި ޔާދުގެ ތުންފަތް ޖައްސައިލިއެވެ. ދަރިފުޅަށްޓަކައި ބައްޕަ ފަޚުރުވެރިވާކަން ހާމަކޮށްދިނުމަށެވެ.

ހަމައެވަގުތު ދޮރުހުޅުވާލާފައި ނިކުތީ ހަމައެކަނި ގައިސަރެއް ނޫނެވެ. އެލީވެސް ގައިސަރުވެސް އެހުރީ، ޙަފްލާއަށް ދިއުމަށް ނުހަނު ތައްޔާރުވެގެންނެވެ. ދެމީހުންނަށް ޔާދު ކުރިމައްޗަށް ނިކުމެވުނީ އެކުއެކީގައެވެ. ތަފާތު ނަޒަރަކުން މަންމައާއި، އަނބިމީހާއަށް ޔާދު ބަލައިލިއެވެ. ނަމަވެސް ސަމާލުކަންދިނީ އާންޔާއަށެވެ.
ނުހަނު ލޯބީން އަންޔާގެ ބޮލުގައި ޔާދު ފިރުމާލިއެވެ. އާންޔާގެ ދެލޮލުގެ އެސްފިޔަތައް ލެއްޕިގެން އެދިޔައީ ، އެ ފިރުމާލުމުން އެދަރިފުޅަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބުނީތީއެވެ. ބޮލުގައި ފިރުމާލުމަކީ އާންޔާއަށް އެވަރުގެ އުފަލެއް ލިބޭކަމެއްކަން، މީގެކުރީން ޔާދުއަށް އެނގިފައެއްނުވެއެވެ.

"ތިޔައީ ބައްޕަގެ ހިތުގެ ފިނިކަން.. މިދެއަތުގެ ފިރުމުން ދަރިފުޅަށްޓަކައި ދުވަހަކުވެސް ބަންދުނުކުރާނަން އިންޝާﷲ.." ޔާދު ބުނެލީ ވަރަށް މަޑުމަޑުންނެވެ.

"ނޫން ބައްޕާ.. އާނީއަކީ މާމަގެ ހިތުގެ ފިނިކަން.. މިއީ މާމަގެ ހިތުގެ ވިންދު.. އާނީއާއި ނުލައި މާމައަށް ނޫޅެވޭނެ.. އާނީގެ ބޮލުގައި އަބަދުވެސް ފިރުމާލާނީ މާމަ! އެއީ މާމަގެ ފަރާތުން އާނީއަށްލިބޭ އެންމެ ބޮޑު ހިތްވަރު.. ދުނިޔޭގައި އެންމެ ބޮޑު އުފަލަނީ މާމަގެ އަތުގެ ލޯބި ފިރުމުން.. އާނީދެކެ މާމަ ވަރަށް ލޯބިވޭ.. އާނީވެސް މާމަދެކެ ވަރަށް ލޯބިވޭ.. މިރޭ ބައްޕަގެ ފިރުމާލުން ބޭނުންވަނީ މާމަ އެހެނބުނީމައި.. މާމަބުނީ ބައްޕަގެ ފިރުމާލުމުން އާނީއަށް ﷲގެ ނިޢުމަތްތައް އެތައް ގުނައެއް އިތުރުވެގެންދާނެޔޯ" ހިނިތުންވެ ހުރެ، ކުޑަކުޑަ ދަރިއަކު ބޮޑެތި ވާހަކަތަކެއް ދައްކައިފިއެވެ. މާމައެއްގެ ތަރުބިއްޔަތުން އަންހެން ދަރިއެއްގެ ދިރިއުޅުން ވިދާ ބަބުޅަނީއެވެ. ކުޑަކަކޫ މައްޗަށް ތިރިވެ، އާންޔާގެ ދެއަތްތިލައިގައި ޔާދު ބޮސްދިނެވެ. ލޯބިލޯބި ދެއަތްތިލަ ޔާދުގެ ނިއްކުރީގައި ޖައްސައިލިއެވެ.

"ދެދުނިޔޭގެ ހުރިހާ ކާމިޔާބެއް ދަރިފުޅަށް މިންވަރުކުރެއްވުންއެދި ބައްޕަ ދުޢާނުކުރާ ދުވަހަކަށް ދެން އިރެއް ނާރާނެ ދަރިފުޅާ.. ދުވަހަކުވެސް މާމައާއި ދަރިފުޅު ދުރެއް ނުކުރާނަން" ހިތްކުދިކުދިވާފަދަ ބަލައިލުމަކުން ޔާދު ބަލައިލީ އެލީއަށެވެ. އާންޔާއާއި ޔާދު ދެއްކި ވާހަކައެއް އަޑު ނީވުނަސް، މަންޒަރު ލޮލަށް ފެނިއްޖެއެވެ. އެކަން ޔަގީނެވެ. އެހެންނޫންނަމަ، ދެލޯފޮހެލަންޖެހޭ އެއްވެސް ސަބަބެއް އެވަގުތުނެތެވެ.
އާންޔާގެ ބޮލުގައި ފިރުމައިލަމުން، ޔާދުގެ ހަށިގަނޑު ސީދާކޮށްލިއެވެ. ސީރިއަސްކަން ނޫނީ ޔާދުގެ މޫނުން މިވަގުތު ނުފެނެއެވެ.

"މިރޭ އާންޔާއާއެކު ދާނީ އާންޔާގެ މާމައާއި އާންޔާގެ ބައްޕަ" އެލީގެ ހިތައް ތީރެއް ހަރައިލިހެން ހީވިއެވެ. ހަގީގަތުގައިވެސް އެލީ ދެރަވެއްޖެއެވެ. ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. އޭނާ އެހުރީ ވަރަށް 'ހެދިލައިގެން' ދާން ނިކުމެއެވެ.
އާންޔާ ގޮވައިގެން ޔާދު، ގެއިން ނިކުމެގެން އެދިޔައީ ޓީވީ ބެލުމަށް އެލީއަށް 'ވަސިއްޔަތް'ކޮށްފައެވެ.

****
ރޭގަނޑުގެ ކެއުމުގެވަގުތަކީ ޚާއްސަވަގުތެކެވެ. ގިޔާދާގެ ހަމަހިމޭންކަން ފާހަގަކުރެވުނު އެކަކުވެސް ނެތެވެ. ސަވާނާގެ ރުޅިގަނޑު އަދިވެސް މައިތިރިނުވެއެވެ. އެކަކު އަނެކެއްގެ ކުރިމައްޗަށްދިމާވާގޮތަށް ކާމޭޒުދޮށުގައި ތިބެގެން ރާނިޔާއާއި ނަވީންގެ ސިއްރު ހަރަކާތްތައް ގިޔާދާއަށް ހަމަ'ނުފެންނަނީ'އެވެ. މޭޒުދަށުން ދެމީހުން ކޮށްލާ ގޯނާގެ އަސަރުތައްވެސް އެކަކު އަނެކެއްގެ ތުންފަތްމަތީން، ގިޔާދާއަށް ހަމަ'ނުފެންނަނީ'އެވެ. އެމީހުން ހިތުން، އެކަންތައް އެކުރަނީ ނުހަނު ސިއްރުންކަމަށްވާތީއެވެ.

****
ނަތީޖާގެ ޖަލްސާގެ މުހިއްމުބައެއް ފާއިތުވެއްޖެއެވެ. އަމިއްލަގޮތުން ބައިވެރިވި ކުދީންގެ ނަތީޖާގެ ވަގުތެވެ. ދެވަނަ ތިންވަނައަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރެވިއްޖެއެވެ. އަދިވެސް އެއްވަނަތަކަށް އިންތިޒާރުކުރުން އޮތީއެވެ. ޔާދުގެ ކެތްތެރިކަން، އޭނާގެ ނަފުސުގެ އެންމެ ފުނުގައި ކޮންޓްރޯލްކޮށްލާފައިވަނީ ސިކުނޑިއާއި އަރާރުންވަމުންނެވެ.
ގައިސަރުގެ ލޮލުގެ ނަޒަރު ޕޯޑިއަމުން ދުރަށް ޖެހިނުލައެވެ. ފަޚުރުވެރިވަނަތަކާއި ޖެހުނީއެވެ. މިއީ ދިހައަހަރުންދަށުގެ އުމުރުފުރާގެ ވަގުތެވެ. ނެގިނެގިފައި ހިތް ތެޅޭއަޑު ކަންފަތުގެ ތޫރި ތަހަންމަލްކުރަން ފަށައިފިއެވެ. ފަޚުރުވެރި އެއްވަނައާއި ގުޅުވާލާފައި އާންޔާގެ ނަން ހޯލްތެރޭގައި ގުގުމާލައިފިއެވެ. ކުޑަކުޑަ އާންޔާ ލޯބިގޮތަކަށް ހިނގާލާފައި ގޮސް، ސްޓޭޖައް އަރައި އިނާމް ލިބިގަތްފިއެވެ. ލޮލުން ކަރުނައައިސް، މޭގައި އަޔް ބާއްވާލަން ޖެހުނީ ހަމައެކަނި ޔާދުއާއި ގައިސަރަކަށް ނޫނެވެ. ޓީވީބަލަން، ހިތްހަމަނުޖެހިފައި އިން، އެލީއަށް ގޮންޑިން ތެދުވެވުނެވެ. ހައިރާންކަމާއެކު އަނގަމަތީގައި އަތްއެޅުނެވެ. ގަބޫލެއްވެސް ނުކުރެވުނެވެ. އޭނާގެ ލޮލުގެ އިޝާރާތާއި މޫނުމަތީގެ ހަރަކާތްތަކުން އެކަން ޔަގީންކުރެވުނެވެ. ދެވަނަ ފަހަރަށްވެސް ލޯ ފޮހެލާފައި ޓީވީ ބަލައިލިއެވެ. އާއެކެވެ. ބޮޑެތި އިނާމްތަކާއެކު ހިނިތުންވެހުރެ ސްޓޭޖުން އެފައިބަނީ އެލީގެ ދަރިފުޅެވެ. އެއީ އެލީގެ އާންޔާއެވެ.

"މަންމަގެ ދަރިފުޅާ" ކަރުނައިގެ ތެރެއިން އެލީއަށް ބުނެވުނެވެ.
ވާނުވާ ގަބޫލުކުރާން ދަތިވެފައިތިއްބައި، ދެވަނަ ފަހަރަށްވެސް އާންޔާގެ ނަން ގޮވައިފިއެވެ. މިފަހަރު އެތައް ބަޔަކު ހައިރާންކޮށްލައިފިއެވެ. ގަބޫލުކުރަން ދަތި ނަތީޖާއެކެވެ. ހޯލްތެރޭގައި އަތްތިލަބަޑީގެ އަޑު ގުގުމައިލައިފިއެވެ.

-- ނުނިމޭ --
ހިޔާލު

ާހަސީ

އާންޔާގެ ކާމިޔާބައް މަރުހަބާ ދަރިންގެ މިިފަދަ ކާމިޔާބަކީ މައިން ބަފައިންަ ނަށް ލިބޭވަރައް ބޮޑުއުފަލެއް ވަރައް ރީތި😚😚😚

އެލީ

ބުނާނެ އެއްޗެއްވެސް ނޭނގުނު.. ވާހަކަ ވަރަށްފުރިހަމަ.. އަންޔާ އަށް މުޅި މުބާރާތުންވެސް އެއްވަނަ ތަ؟؟ އަޅޭ މާޝާﷲ..

ދިޔެ

ވަރަށް ހީވޭ ގިޔާދާ އަދި މޮޅުއެއްޗެއް ހަދާނެހެން ބެސްޓް ފްރެންޑްގެ ނިމުން އަދި އަންނާނެ..