Amihla candidatun gina kankamah ehbasvehje
image
މަޖިލިސް: އަމިއްލަ ކެންޑިޑޭޓުން ވަނީ ގިނަ ކަންކަމަށް އެއްބަސްވެފައި.-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
4 ކޮމެންޓް
 

އަމިއްލަ ކެންޑިޑޭޓުން ގިނަ ކަންކަމަށް އެއްބަސްވެއްޖެ

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ބައެއް ބޭފުޅުން، ކެމްޕޭން ކުރިއަށް ގެންދިއުމުގެ އިތުރުން އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ގިނަ ކަންކަމަށް އަމަލު ކުރަން މިއަދު އެއްބަސްވެއްޖެ އެވެ.
އެގޮތުން ކެމްޕޭން ތެރޭގައި މާލީ ބަޔާން އާންމުކޮށް، އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ކޮންމެ އަހަރަކު ގަވާއިދުން މާލީ ބަޔާން އާންމުކުރަން އަމިއްލަ ކެންޑިޑޭޓުން ވަނީ އެއްބަސްވެފަ އެވެ. އަދި އިންތިހާބު ކާމިޔާބުވާ އަމިއްލަ މެމްބަރުންގެ އޮފީހެއް އެ މެމްބަރެއްގެ ދާއިރާގައި ހުޅުވުމާއި، ކޮންމެ މަހަކު އެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރަން ކެންޑިޑޭޓުން ވަނީ އެއްބަސްވެފަ އެވެ.

އޭގެ އިތުރުން ސިޔާސީ ހަރަދުތައް ކުރުމަށް ވަކި ބޭންކް އެކައުންޓެއް ހުޅުވުމަށް ވެސް އެ ބޭފުޅުން ވަނީ އެއްބަސްވެފަ އެވެ. ކެމްޕޭނު އެހީގެ ގޮތުގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑެތި އަދަދުތައް ބަލައިނުގަތުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި ކެމްޕޭނަށް ލިބޭ އެހީތަކުގެ ތަފްސީލުތައް އާންމު ކުރުމަށް ވެސް އެ ބޭފުޅުން ވަނީ އެއްބަސްވެފަ އެވެ.

އެ ކަންކަމަށް އެއްބަސްވީ އަމިއްލަ ގޮތުން:

- މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރާ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދް ތައުފީގު
- ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރާ ގާނޫނީ ވަކީލް އިބްރާހިމް ހަމްޒާ ހަލީލް
- މާފަންނު އުތުރު ދާއިރާއަށް ވާދަކުރާ އަހުމަދު މުސްތަފާ
- ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރާ އަބްދުﷲ އަފީފް
- ހެންވޭރު އުތުރު ދާއިރާއަށް ވަދަކުރާ މުހައްމަދު ދިލްޝާން އަބްދުﷲ
- މާފަންނު މެދު ދާއިރާއަށް ވާދަކުރާ ޑރ. އިބްރާހިމް ޝިހާމް

އެ ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މެމްބަރުންގެ މުސާރަ އަކީ އަމިއްލަ އަށް މެމްބަރުން ކަނޑައަޅާ އެއްޗެއްގެ ބަދަލުގައި ޕޭ ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ގަޑިޖެހިގެން މެމްބަރުން ދާނަމަ، މުސާރައިން އެބައި ކެނޑޭނެ ގޮތެއް ހެދުމަށް އެ ބޭފުޅުން ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެ ބޭފުޅުން ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ޕާޓީއަކުން ވާދަކުރާ ކެންޑިޑޭޓަކަށް ވޯޓް ދިނުމަށް ވުރެ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓުދިނުން ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޕާޓީތަކުން ވާދަކުރާ މެމްބަރުންނަށް، ސިޔާސީ ގޮތުން ހުންނަ ގޮންޖެހުންތައް އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ.

މިހާތަނަށް މަޖިލީސް އިންތިހާބެއްގައި މާލީ ބަޔާން އާންމުކުރި ފުރަތަމަ ބޭފުޅަކަށް ވެފައިވަނީ، ހުޅުމާލެ ދާއިރާ އަށް ވާދަކުރާ މިނިވަން ކެންޑިޑޭޓް ގާނިމް މުހައްމަދެވެ.
ހިޔާލު

އަހުމަދު

ކަޓު ނެގުމަށްފަސޭހަވެ މުއްސަދިވެ މަހުޖަނަކަށްވެލަން ރަގަޅު ފުރުޞަތު ހޯދުން.
މިވީތަނަށް ނެތް ރައްޔިތުމީހާ ފައިދާވާކަމެއް ކޮށްފައެއް

އައްލާބެއްޔާ

މަ ރަތްދަކަ އަވީގައި ފެންފުޅިއެއް ހިފައިގެން ވޯޓްދޭން ކަލޭމެންނަށްޓަކައި ކިއުގަ ޖެހިގެން ހުންނަން ޖެހޭ އެއްވެސް ސަބަބެއްނުވިސްނޭ! ކަލޭމެން މަޖިލިސް މެންބަރ ކަމަށް ހޮވުނީމަ މަހަކު 85 ހާސް ރުފިޔާ ހޯދައިދޭން މަ ރަތްދަކަ އަވީގައި ކިއުޖެހިގެން ކަލޭމެންނަށް ދޭނެ ވޯޓެއް ނޯންނާނެ! ކޮންމެ މީހަކު ބޮޑުބައިސާ ކަނޑާފަ ހޮވުނީމަ ދެން ޚަބަރެއްވެސްނުވޭ! ދެން އިވެނީ ހުޅުމާލެ/މާލެއިން ފުލެޓް ގަތްޚަބަރު.

ނާޝިދު

ސިޔާސީ ދޮރުވާނުންގެކަމަކީ ކިރިޔާވެސް އެހެންފަރާތެއްގެ އަޑެއް ރައްޔިތުމީހާޔަށް އިވުނަނުދިނުން. އެކަންކުރުމަށްޓަކައި ރައްޔިތުމީހާ ވާވައްދަން ވަރަށް މަސައްކަތްކުރާނެ. މިފަހަރު އަހަރެން ތާއީދުކުރާނީ ރައްޔިތުމީއާޔަށް!

އަހައްމާ

އަމިއްލަ ގޮތުން ބައިވެރިވާ ކެނޑިޑޭޓުންގެ މިސާލަކީ ހުންގާނުނެތް އޮޑިއެއްގެ މިސާލެވެ. އޭރަކު އޮއިހުރި ގޮތަކަށް އެބުރެމުން ސެބުރެމުން ދާނެއެވެ.