World bank ge iss beyfulhuna raees nahdhalu kurahvaifi
image
ވޯލްޑް ބޭންކްގެ އިސްބޭފުޅުންނާ ރައީސް ބައްދަލު ކުރައްވައިފި
1 ކޮމެންޓް
 

ވޯލްޑް ބޭންކްގެ އިސްބޭފުޅުންނާ ރައީސް ބައްދަލު ކުރައްވައިފި

ވޯލްޑް ބޭންކްގެ ދެކުނު އޭޝިޔާ ސަރަހައްދުގެ ނައިބު ރައީސް މިސްޓަރ ހަރޓްވިގް ޝަފަޔާއާއި، އައި.އެފް.ސީގެ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ނައިބު ރައީސް މިސް ނޭނާ ސޮއިލްޖޮވިކް ހިމެނިވަޑައިގަންނަވާ، ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެމް.އެފް)ގެ އިސް ބޭފުޅުންގެ ވަފްދެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލު ކުރައްވާފައެވެ.
ވޯލްޑް ބޭންކްގެ އިސްބޭފުޅުންނާ ރައީސް ބައްދަލުކުރެއްވީ އެބޭފުޅުން ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖޫމްހޫރިއްޔާ ވަނީ ވޯލްޑް ބޭންކާއި އައި.އެމް.އެފްގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ރާއްޖެ ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެއާއި ވޯލްޑް ބެންކާއި ދެމެދުގައި ގުޅުން ގާއިމުކުރިތާ މިއަހަރު 41 އަހަރު ފުރޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެފަރާތްތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. މިމޭރުމުން ވާހަކަފުޅުކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކުގެ ވާހަކަ ވޯލްޑް ބޭންކާއި އައި.އެމް.އެފްގެ އިސް ބޭފުޅުންގެ ވަފުދުގެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ މާލިއްޔަތު ބަލައްހައްޓަމުންދާގޮތާއި އެސެޓް ރިކަވަރީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ހިއްސާ ކުރައްވައި ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ބަދަލުގެނައުމަށް މި ސަރުކާރުން މަސައްކަތްކުރަމުންދާކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ ހިންގުން ލާމާރުކަޒީ އުސޫލަށް ބަދަލުކޮށް މުޅި ރާއްޖެ ހިމެނޭގޮތުނޖް، ވަކި ގިންތިއެއް، ވަކިފަންތިއެއް އިސްތިސްނާކުރުމެއް ނެތި ތަރައްޤީކުރުމުގެ ފިކުރު ސަރުކާރުން ގެންގުޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވޯލްޑް ބޭންކްގެ ވަފުދުގެ ބޭފުޅުން ވަނީ ސަރުކާރުން ގެންގުޅުއްވާ ޒަމާނީ ހިންގުމުގެ އުސޫލުތަކަށާއި، ތަރައްޤީގެ ޕްލޭންތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ވަފުދުގެ ބޭފުޅުން ވަނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައާއި ވަޢުދުތައް ފުއްދުމުގައި ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން، މާލީގޮތުންނާއި ފަންނީ ރޮނގުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ރާއްޖޭގެ ބޭންކިން ނިޒާމު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، ވަޒީފާ އުފެއްދުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަށް ހިންގުމަށާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ސަރުކާރުގެ ލާމަރުކަޒީ އެޖެންޑާ ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ވަފުދުގެ އިސްވެރިޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެފަރާތުންވެސް ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި މި ދާއިރާތަކުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތް ތަކުގައި ވަރަށް ގާތުން ގުޅިގެން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަން ހާމަކުރައްވައިފައެވެ.
ހިޔާލު

ަސސ

ޤާސިމް ވޯލްޑު ބޭންކަށް ދައްކަން ހުރި ފައިސާ ހޯދަން ވާހަކަ ދެއްކިތޯ ؟