މަސީގެ ޝަރަފުގެ އައްޑަނަ ރައީސް ޔާމީނާއި މައުމޫނުގެ އިތުރުން އަބްދުﷲ އާއި ޖަނާއަށް
image
މަސީގެ ޝަރަފުގެ އައްޑަނަ އާއި ޖަނާ ހަވާލުވެވަޑައިގަންނަވަނީ-- ފޮޓޯ: ސީއެންއެމް
2 ކޮމެންޓް
 

މަސީގެ ޝަރަފުގެ އައްޑަނަ ރައީސް ޔާމީނާއި މައުމޫނުގެ އިތުރުން އަބްދުﷲ އާއި ޖަނާއަށް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ޝަރަފުގެ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އިތުރުން އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑައިރެކްޓާ އަބްދުﷲ މުހައްމަދުގެ އިތުރުން ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހުއަށް ލިބިވަޑައިގެންފި އެވެ.
މަސީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ނަސަންދުރާގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި މައުމޫނަށް ޝަރަފުގެ އައްޑަނަ ލިބިވަޑައިގެންނެވިކަން އިއުލާނު ކުރެއްވި ނަމަވެސް އެ ދެ ބޭފުޅުން މިވަގުތު ރާއްޖޭން ބޭރުގައި ތިއްބެވުމުން، އެ ދެ ބޭފުޅުންނަށް އައްޑަނަ ހަވާލު ކުރުމަށް ފަހުން ހާއްސަ ޖަލްސާއެއް ބާއްވާނެ އެވެ.

ދެ ރައީސުންގެ އިތުރުން މަސީގެ ޝަރަފުގެ އައްޑަނަ ލިބިވަޑައިގެންނެވި އެ ޖަމިއްޔާގެ ރައީސް އަބްދުﷲ އާއި ކުރީގެ ރައީސް ޖަނާ އަށް މިރޭ ވަނީ ޝަރަފުގެ އައްޑަނަ ހަވާލުކޮށްފަ އެވެ. އެ ދެ ބޭފުޅުންނަށް އައްޑަނަ ހަވާލުކޮށްދެއްވީ، ޝަރަފްވެރި މެހުމާނެއްގެ ގޮތުން ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު އަދި ކެބިނެޓުގެ އިކޮނޮމިކް ކައުންސިލްގެ ނައިބު އަހުމަދު އަދީބު އެވެ.

ޝަރަފުގެ އައްޑަނާގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއަށް ފާހަގަ ކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައިވާތީ ކުރީގެ ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރު އާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލަށް ވަނީ ހިދުމަތުގެ ޕްލާކްވެސް ދެއްވާފަ އެވެ.

މިހާރު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޓޫރިޒަމް މިނިސްޓަރު އަދީބާއި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށްވެސް ވަނީ ކޮންސްޓްރަކްޝަން ދާއިރާއަށް ފާހަގަ ކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައިވާތީ ހިދުމަތުގެ ޕްލާކް ލިބިވަޑައިގެންފަ އެވެ.

ހިދުމަތުގެ އައްޑަނާގެ އިތުރުންވެސް އަބްދުﷲ އާއި ޖަނާ އަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިވަޑައިގެންފަ އެވެ. އެގޮތުން މަސީ ބައިނަލްއަގުވާމީ ދާއިރާއަށް ނެރުމަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް، މިހާރުވެސް މަސީގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރެއް ކަމަށްވާ ޖަނާ އަށް ވަނީ، މަސީއަށް ހާއްސަ ހިދުމަތް ކުރެއްވުމުގެ ޕްލާކް ލިބިވަޑައިގެންފަ އެވެ.

މިރޭގެ ޖަލްސާގައި ވަނީ އެ ބޭފުޅުންގެ އިތުރުންވެސް މަސީއަށް ތަފާތު ހިދުމަތްތައް ކޮށްދެއްވާފައިވާ ގިނަ ބޭފުޅުންތަކަކަށް އެވޯޑާއި ހަދާނީ ލިޔުން ދެއްވާފަ އެވެ. އަދި މަސީގެ އެގްޒެކްޓިވް ބޯޑުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި މަސީގެ ފައުންޑިން މެމްބަރުންނަށްވެސް ވަނީ ހިދުމަތުގެ އެވޯޑާއި ހަދާނީ ލިޔުން ދެއްވާފަ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަސީ
ހިޔާލު

އަހުމަދު

ދެން ހިތަށްއަރައިފިއްޔާ މަގޭ ކުކުޅުހާލަށްވެސް އެކަހަލަ ކިތަންމެ އައްޑަނައެއްވެސް ދެވިދާނެ އެއްނު، އެއީ އެސޮރުމެން ދުވަހަކު ފަތިސްވީ ޤަވައިދުން ގޮވަމުންގެންދާތީ. އެކަން އެސޮރުމެންނަށް ބަރާބަރަށް ކުރެވޭތީ. މުހައްމަދު ގާސިމް ބުނީކީވެސް ދޮގެއްނޫ

މުހައްމަދުގާސިމު

މަސީން ތިޔަ ދިން އެވޯޑާއި ޕްލާކަކީ ވަރަށް ހެއްވާ އެއްޗެއް. ކޮންސްޓްރަކްސަން ދާއިރާއަށް ފާހަގަ ކޮށްލެވޭ ކޮން ޚިދުމަތެއްބާ ޔާމީނު އާއި އޭނާގެ މިނިސްޓަރުން ކުރެއްވީ. މައުމޫނާއި އުމަރުޒާހިރު ރަނގަޅު. މައުމޫނަކީ މާލެ ބޮޑު ކޮންކްރީޓްސިޓީ އަކަށް ހެއްދެވި ފަރާތް ވިއްޔަ! މަސީގެ ރައީސް އަބުދުﷲމުހައްމަދު ކޮންސްޓްރަކްސަން ދާއިރާއިން މުއްސަނދިވީ ގޮތްވެސް އަހަރުމެންނަށް އެނގޭވިއްޔަ! ސާބަސް އަބުދުﷲމުހައްމަދު.........ވައިޖަހާފަ ބަހައްޓާ!