ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލުކަން ކޮންޓްރެކްޓަރުންގެ އެބަހުރި: ޖަނާ
image
ރޭގެ ޖަލްސާގައި ޖަނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލުކަން ކޮންޓްރެކްޓަރުންގެ އެބަހުރި: ޖަނާ

އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ދިވެހި ކޮންޓެކްޓަރުންގެ ނެތްކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެއީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެއެވެ.
މަސީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ނަސަންދުރާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަނާ ވިދާޅުވީ ރާއްޖޭގައި ތަރައްގީކޮށްފައިވާ ރިސޯޓުތަކާއި އިމާރާތްތަކުގެ 95-90 އިންސައްތަ އިމާރާތް ކޮށްފައިވަނީ ސީދާ ދިވެހި ކޮންޓެކްޓަރުން ކަމަށެވެ. އަދި ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ދިވެހި ކޮންޓްރެކްޓަރުންގެ ނެތް ކަމަށް ދެކެވޭ ވާހަކަތަކަށް ޗެލެންޖް ކުރައްވާ ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.

"މައްސަލަތައް އެބަހުރި އަޅުގަނޑުމެންގެ ތެރޭގަ. މި އިންޑަސްޓްރީގަ މަސައްކަތް ކުރާ ބޭފުޅުންނަކީ 24 ގަޑިއިރު، ހަފްތާއަކު ހަތް ދުވަހު، ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން. އަޅުގަނޑުމެންނަކީ އާދައިގެ ގޮތަކަށް ވިޔަފާރިކުރާ އެންޓަޕްރިނިއަރުންނެއް ނޫން. އަޅުގަނޑުމެންނަށް ދިމާވާ ޗެލެންޖަކީ ތިޔައިން އެއްވެސް ބޭފުޅަކަށް އިހުސާސް ވާނެ ކަމެއްވެސް ނޫން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި،" މިހާރުވެސް މަސީގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޖަނާ ވިދާޅުވިއެވެ.

މަސީގެ 12 ވަނަ އަހަރީ ދުވެހުގެ ޖަލްސާގައި ޖަނާ އަށް އެވޯޑެއް ހަވާލުކުރަނީ-- ފޮޓޯ: ސީއެންއެމް

ޖަނާ ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރަމުން ގެންދަނީ ބިދޭސީން ކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށެވެ. ބޭރު ފަރާތްތަކުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރަނީ އެންމެ އާދައިގެ މަސައްކަތްތަކުގައި ކަމަށާއި، މުގުލުގައި ތިބީ ދިވެހި ޒުވާން ކުދިން ކަމަށް ވެސް ޖަނާ ވިދާޅުވިއެވެ.

"މެނޭޖިން ޑައިރެކްޓަރާ، ޗެއާމަންކަން ކުންފުނިތަކުގެ ވެރިން ކުރަމުން ގެންދިޔަނަމަވެސް މާލޭގަ ހުރި ހެޑް އޮފީސްތަކުގެ އެތެރެ ބައްލަވައިލައްވާފިއްޔާ ފެނިވަޑައިގަންނަވާނެ ހީވާގި ޒުވާން ދިވެހި އިންޖިނިއަރުންނާއި، އާކިޓެކްޓުންނާއި، ޕްލޭނަރުންނާއި، މިކަހަލަ އެތައް ބަޔަކު މަސައްކަތް ކުރަމުން ދާކަން. މީގެ އެންމެ މަންޒަރެއް ބަލާލިޔަސް ފަހުރުވެރިވެ ވަޑައިގަންނަވާނެ... ސައިޓުތަކުގެ ފްރަންޓް ލައިނުގަވެސް ވަރަށް ގިނައިން އެ މަސައްކަތް ކުރަނީ ދިވެހިން. އެހެންނަމަވެސް އޭގެ ލޯ ސްކިލްޑް، ލޯ ލެވަލްތަކުގަ ބޭރު މީހުން ނުގެންގުޅެ އަޅުގަނޑުމެންނަށް ވާކަށް ނެތް،" ރާއްޖެއާއި ރާއްޖޭން ބޭރުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަންކަން ވެސް ކުރައްވާ ޖަނާ ވިދާޅުވިއެވެ.

ބަޖެޓުގައި ހުރި ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލުކަން ދިވެހި ކޮންޓްރެކްޓަރުންގެ އެބަހުރި ކަމަށް ޖަނާ ވިދާޅުވި އިރު އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދަން ހިމަނާފައިވާ ޕްރޮޖެކްޓްތައް އެއްފަހަރާ ފަށައިގެން ކުރިއަށް ގެންދިއުމުގެ ގާބިލުކަން ދިވެހި ކޮންޓްރެކްޓަރުންގެ ނުވަތަ އެ އިންޑަސްޓްރީގައި ނެތް ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެސިސްޓެންޓް އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒް ސޮއި ކުރައްވާ، ރައްޔިތުން މަޖިލީހަށް ފޮނުވާފައިވާ އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން އެ އޮފީހުގެ ޓެކްނިކަލް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ފަންނީ ރައުޔުގައި ބުނެފައިވަނީ،ބަޖެޓުގައި 250 މަޝްރޫއެއް ފެށުމަށް ރާވާފައިވާއިތު އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ނުވަތަ އިމާރާތްކުރުމުގެ ސިނާއަތާ ގުޅުން ހުރި މަޝްރޫއުތަކެއް ކަމަށެވެ.

އެގޮތުން ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދަން ހިމަނާފައިވާ ހުރިހާ ޕްރޮޖެކްޓުތަކެއް ކުރިއަށް ގެންދެވޭނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށްވެސް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފައި ވެއެވެ.

"މިކަން ވަނީ މި އޮފީހުން ކޮށްފައިވާ އޮޑިޓްތަކުން ފާހަގަ ކުރެވިފައެވެ. އަދި ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނުނިމި ލަސްވުމުގެ ސަބަބުން މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރާ ހާލަތުވެސް އަންނަކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މީގެ އިތުރުން، މަޝްރޫއުތައް ޓެންޑަރަށް ހުޅުވާލުމާއި، ބިޑްތައް ދިރާސާކުރުމާއި، ކޮންޓްރެކްޓް ހަވާލުކުރުން ފަދަ ކަންކަމަކީ ގިނަ ވަގުތުތަކެއް ހޭދަވާނެ ކަންކަން ކަމުގައި ފާހަގަ ކުރަމެވެ.،" އޮޑިޓާ ޖެނަރަލް އޮފީހުގެ ފަންނީ ރައުޔުގައި ބުނެފައިވެއެވެ.

ޕީއެސްއައިޕީގެ ދަށުން ބަޖެޓުގައި ހިމަނާފައިވާ 2.4 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓްތައް ހަވާލުކުރާނެ ގާބިލު ކޮންޓްރެކްޓަރުންވެސް ރާއްޖޭގެ ކަމާބެހޭ ސިނާއަތްތަކުގައި ނެތް ކަމަށް ގަބޫލުކުރެވޭ ކަމަށް އޮޑިޓް އޮފީހުގެ ރައުޔުގައި ބުނެފައިވެއެވެ. އެގޮތުން ބަޖެޓުގައި ލަފާކޮށްފައިވާ ހުރިހާ ޕްރޮޖެކްޓްތަކެއް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމާއި މެދު ވެސް ސުވާލު އުފެދޭ ކަމަށް އެ ރައުޔުގައި ބުނެފައިވެއެވެ.

"ޖިއޮގްރަފީގޮތުން ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން، ބޮޑެތި މަޝްރޫއުތައް އެކި ރަށްރަށުގައި ހިންގުމުގައި، ތަކެތި އުފުލުމުގެ އިންތިހާއަށް ބޮޑުވެފައިވާތީއާއި ރަށްރަށުގެ މާހައުލު އޮންނަ ގޮތުން ކާމިޔާބު ކަމާއި އެކު މަސައްކަތް ފެށުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ،" އޮޑިޓާ ޖެނަރަލް އޮފީހުގެ ފަންނީ ރައުޔުގައި ބުނެފައިވެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަސީ
ހިޔާލު