ފުލުހުން އިސްނަގައިގެން އަންހެން ބޭފުޅުންނަން ކަސްރަތު ޕްރޮގްރާމެއް ފަށައިފި
image
މަނަދޫގައި އަންހެނުންނަން ހާއްސަކޮށްގެން ހިންގާ ކަސްރަތު ޕްރޮގްރާމުގެ އައުޓްޑޯ ކްލާހުގެ ތެރެއިން: ފޮޓޯ: ޕޮލިސް
ފާތިމަތު ނިހާމާ
0 ކޮމެންޓް
 

ފުލުހުން އިސްނަގައިގެން އަންހެން ބޭފުޅުންނަން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ނ. އަތޮޅު ޕޮލިސްޓޭޝަނުން އިސްނަގައިގެން މަނަދޫ ހޮސްޕިޓަލާއި އެރަށު ކައުންސިލާއި ގުޅިގެން އަންހެނުންނަން އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް އިއްޔެ ފައްޓަވައިފިއެވެ.
ވިހި އަހަރާއި ސާޅީސް އަހަރުގެ އަންހެން ބޭފުޅުންނަން އަމާޒުކޮށްގެން ކުރިއަށްގެންދާ އެޕްރޮގްރާމްގައި ޖުމުލަ 60 ބޭފުޅުން ބައިވެރިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނ.އަތޮޅު ފުލުސްޓޭޝަނުން އިސްނަގައިގެން 25 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އެޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ފުލުސްޓޭޝަންގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތެރެއިން ފިޒިކަލް ޓްރެއިނިންގ އިންސްޓަރަކްޓާ ކޯސް ފުރިހަމަ ކުރައްވާފައިވާ މުވައްޒަފުންކަމަށް ފުލުސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިޕްރޮގްރާމަށް ބައިވެރިން ހޮއްވަވާފައިވަނީ މަނަދޫ ހޮސްޕިޓަލުން ހާއްސަ ސްކްރީނެއް ކުރުމަށްފަހުގައެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަހްމާނު ސޮބީހް ވިދާޅުވީ ރަށުގެ ވަރަށް ގިނަ ބައެއްގެ ތަރުހީބް މިޕްރޮގްރާމަށް ލިބިފައި ވާކަމަށެވެ.

"މިޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ކުއްޖަކީ ޕްރޮގްރާމް ފުރިހަމަވެގެންދާއިރު އެފަދަ އިތުރު ޕްރޮގްރާމެއް ހިންގޭނެ ފެންވަރު ހުންނަ ކުއްޖެއްގެ ގޮތުގައި ހަދައިދޭނެކަމަށް އަދި އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަދައިދޭނެ ކަމަށް ފުލުންހުން ބުނެފަވަނީ" ސޮބީހް ވިދާޅުވިއެވެ.

ހަފްތާއަކު ފަސްދުވަހަށް ކުރިއަށްގެންދާ އެޕްރޮގްރާމްގައި ކިޔަވައިދެއްވަނީ މީހާގެ ބަރުދަން ލުއިކޮށް ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކެވެ. އަދި އިންޑޯގެ އިތުރުން އައުޓްޑޯގެ ބައިތަކެއްވެސް ޕްރޮގްރާމްގައި ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަނަދޫގެ ދެހާހެއްހާ ރައްޔިތުންގެ އާބާދީގައި 80 އަށްވުރެ ގިނަ 20 އަހަރާއި 40 އަހަރާއި ދެމެދު އަންހެން ބޭފުޅުން ތިއްބަވައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ނ އަތޮޅު ޕޮލިސް
ހިޔާލު