9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދައިފި
image
މުބާރާތުގެ ޗެމްޕިއަންކަން ހޯދި މުހައްމަދު ޝަރީފް އަށް ތަށި ހަވާލުކޮށްދެނީ -- ފޮޓޯ: އެމްޕީބީއޭ
އަހްމަދު ތޯއިލް
0 ކޮމެންޓް
 

9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދައިފިއެވެ.
ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިއާގެ މަގާމުގައި ހުރި މުހައްމަދު ޝަރީފް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރާއްޖޭގެ ދެވަނަ ބިލިއާޑް ކުޅުންތެރިޔާގެ މަގާމުގައި ހުރި ހުސެއިން ފަޔާޒް ބަލިކުރުމަށްފަހުގައެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ބޭއްވި ފައިނަލް މެޗުގައި ފަޔާޒްގެ މައްޗަށް ޝަރީފް ކުރިހޯދީ 6-7 ފްރޭމް އިންނެވެ.

މުބާރާތް ނިމުމުން ވަނަވަނައަށް އައި ކުޅުންތެރިންނަށް އިނާމުތަށް ބައްސަވާ ދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން މޯލްޑިވްސް ޗެސް ޕެޑްރޭޝަންގެ ޖެނެރަލް ސެކްރަޓަރީ އަދި ކުރީގެ މަޝްހޫރު ބިލިއާޑް ކުޅުންތެރިޔާ އަލްފާޟިލް އަލީ ނާސިޙް އެވެ.

މުބާރާތުގެ ޗެމްޕިއަން މުހައްމަދު ޝަރީފްއަށް ޖެޓް އެކްސެލްގެ ފަރާތުން ސްރީލަންކާ ދެކޮޅު ޓިކެޓާއި، އެމްޕީބީއޭއިން ދިން ފައިސާގެ އިނާމާއި، ތަށި ހަވާލުކުރިއިރު، ރަނަރަޕް ފަޔާޒް އަށް ފައިސާގެ އިނާމާއި ތަށި ލިބިފައިވެއެވެ. މިމުބާރާތުގެ ތިންވަނައަށް ހޮވުނު އަހުސަން ހާޝިމް އަށް އެމްޕީބީއޭއިން ވަނީ ފައިސާގެ އިނާމެއް ހަވާލުކޮށްފަ އެވެ.

މިމުބާރާތުގެ ގަދަ ހަތަރަކުން ފެށިގެން އަށް ވަނަ ހޯދި ކުޅުންތެރިންނަށް ވެސް އެމްޕީބީއޭއިން ވަނީ ފައިސާގެ އިނާމު ހަވާލުކޮށްދީފައެވެ. އެ މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަކީ އަލީ ފަޔާޒް، އަހްމަދު ސުޖާއު، އަހްމަދު ޒިޔާން، އިބްރާހިމް ހަނީފް އަދި ހަސަން ޝަފްރާޒް އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހުށަހެޅި ތައްޓާއި ފައިސާގެ އިނާމް ލިބުނީ އަހްމަދު ސުޖާއު އަށެވެ. އަދި މުބާރާތުގައި އެންމެ އާދަޔާ ހިލާފު ކުޅުމެއް ދެއްކި ކުޅުންތެރިޔާއަށް ހުށަހެޅި ތައްޓާއި ފައިސާގެ އިނާމު ލިބުނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މުހައްމަދު ޝަރީފް އަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު