STO In MIadh Ekeh Jahaairu Bis Wholesale Kuran Fashanee
image
އެސްޓީއޯ އިން މިއަދު އެކެއް ޖަހާއިރު ބިސް ހޯލްސޭލް ކުރަން ފަށަނީ- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

އެސްޓީއޯއިން ބިސް ހޯލްސޭލް ކުރަން ފަށައިފި

ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ވިއްކަމުން އައި ބިސް މަދުވަމުންދާތީ، ހޯލްސޭލް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތުމަށްފަހު މިއަދު ހޯލްސޭލް ކުރަން ފަށައިފިއެވެ.
އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން ވިދާޅުވީ، ބިހުގެ އާ ޝިޕްމަންޓް އިއްޔެ ލިބުމާއެކު، މިއަދު އެކެއް ޖަހާއިރު ހޯލްސޭލް ކުރަން ފަށާނެ ކަމަށެވެ.

އާޝާން ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މިފަހަރު ވެސް ބިސް ކޭހެއް 270 ރުފިޔާއަށް ލިބޭއިރު، ވަކި ބިހެއް 1.50 ރުފިޔާ އަށް ލިބޭނެ ކަމަށެވެ.

"ކުރީ ޝިޕްމަންޓެކޭ އެއްވަރަށް ބިސް އެބަހުރި، މަސައްކަތް މިކުރަނީ ދައްޗަކާ ނުލައި ބިސް ފޯރު ކޮށްދެވޭތޯ،" މިއަދާއި ހަމައަށް ވެސް ބިސް ހުސްނުވާ ކަން ފާހަގަ ކޮށް އާޝާން ވިދާޅުވިއެވެ.

ބިހުގެ އިތުރުން އެސްޓީއޯއިން ވަނީ ފިޔާއާއި އަލުވީގެ އާ ޝިޕްމަންޓެއް ވެސް ގެނެސްފައެވެ. އެސްޓީއޯއިން ފިޔާ ކިލޯއެއް 10 ރުފިޔާއަށް ވިއްކާއިރު، ފިޔާ ބަސްތާއެއް ވިއްކަނީ 220 ރުފިޔާ އަށެވެ. އަދި އަލުވި ކިލޯއެއް ނުވަ ރުފިޔާއަށް ވިއްކާއިރު، އަލުވި ބަސްތާއެއް 180 ރުފިޔާއަށް އެސްޓީއޯ އިން ދަނީ ވިއްކަމުންނެވެ.

އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ކޭސް ފަދަ ތަކެތި ގަނޑުކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ތަކެތި ދޫކުރަމުން ދަނީ ދެ ނަންބަރު ކުނިކޮށްޓާއި ދިމާލުން ބޮޑުތަކުރުފާނުމަގަށް ވާގޮތަށް އަލަށް ހަދާފައިވާ އެސްޓީއޯގެ ހަ ނަންބަރު ކޮށިންނެވެ.

ރޯދަ މަސް ފެށެން ކުޑަތަންވެފައިވަނިކޮށް 1000 ރުފިޔާއަށް އަގު އުފުލުނު ބިސް ކޭހެއްގެ އަގު 450 ރުފިޔާ އަށް އިއްޔެ ވަނީ ދަށަށް ގޮސްފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ބިސް ކޭސް އެސްޓީއޯ
ހިޔާލު