ޑެންގޫ ހުން ފެތުރޭތީ މަސީއާއި ގުޅިގެން ސައިޓްތައް މޮނީޓާ ކުރަނީ
image
ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ހުރިތޯ މޮނީޓާކުރުމަށް ހައުސިން މިނިސްޓްރީ އާއި މަސީ އިން ވަނީ ނިންމާފަ--ސީއެންއެމް ފޮޓޯ މުހައްމަދު ސާޖިދު
1 ކޮމެންޓް
 

ޑެންގޫ ހުން ފެތުރޭތީ މަސީއާއި ގުޅިގެން ސައިޓްތައް މޮނީޓާ ކުރަނީ

ޑެންގޫ ހުން ފެތުރެމުންދާތީ ރާއްޖޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަދިރި އާލާވާ ގޮތަށް ހުރިތޯބަލައި މޮނީޓާ ކުރުމަށް ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގުޅިގެން ކުރިއަށް ގެންދާ މޮނިޓަރިންގެ މަސައްކަތް މާލެ ސަރަހައްދާއި ރިސޯޓްތަކާއި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަދިރި އުފެދޭ ގޮތައް ހުރި ތަންތަން ނައްތާލައި ސާފުކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް މަދު ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްކޮށް، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރިއަށްދާ ސައިޓްތަކަކީ މަދިރި އާލާވާ ގޮތަށް ނުހުންނަ ތަންތަނަށް ބަދަލު ކުރާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ. އަދި އެކަމުގައި ފަރުދީ ޒިންމާ އަދާކޮށްފިނަމަ ކުރު މުއްދަތެއްގެ ތެރޭގައި މައްސަލަ ހައްލުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ އެކަމުގައި ރަށްރަށުގެ ކައުންސިލްތަކުން އެއްބާރުލުންދޭނެ ކަމަށާއި ރަށްރަށް މޮނީޓާކުރަން ފަސޭހަވާނެ ކަމަށެވެ.

މޮނިޓަރިންގެ މަސައްކަތުން ހަފްތާއެއްގެ ތެރޭގައި އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމަށް ބެލެވޭ ކަމަށާއި މައްސަލަ ހައްލުވެ ހާލަތުން އަރައިގަނެވެންދެން މަސައްކަތް ކުރިއަށްދާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ހައުސިން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމަށްފަހު އެ މިނިސްޓްރީއާއެކު ޓާސްކް ފޯސްއެއް އެކުލަވާލައި ރާޢްޖޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓްތައް މޮނީޓާކޮށް މިހާރު ހުރި ހާލަތު ބެލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މޮނިޓަރިންގެ މަސައްކަތުން ދާއިރާގައި ހުރި މައްސަލަތައް އެނގިގެންދާނެ ކަމަށް ވިދާޅުވެ، ޖަނާހު ވިދާޅުވީ ހުރިހާ ކޮންސްޓްރަކްޝަން ސައިޓްތަކަކީ ގޯސްކޮށް ހުރި ސައިޓްތައް ނޫން ކަމުގައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ސަމު

ސިޓީ ކައުންސިލް ގެ މައްސަލަ.