Velidhoo gai banguraa uffadhaa eyge viyafaari kuramun dhiya meehaku hayyaru kohfi
image
ވެލިދޫގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަނެވުނު ބައެއް ތަކެތި -- ފޮޓޯ: ވެލިދޫ ޕޮލިސް
0 ކޮމެންޓް
 

ވެލިދޫގައި ބަނގުރާ އުފައްދާ، އޭގެ ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

ނ. ވެލިދޫގައި ބަނގުރާ އުފައްދާ އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މީހަކު އެރަށުން ހައްޔަރު ކޮށްފިއެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވެލިދޫ ޕޮލިސް ސްޓޭޝަނާއި ވެލިދޫގައި މިވަގުތު ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ވެލިދޫގެ ގޯއްޗެއް ބަލައި ފާސްކުރި ކުރުމުގައި އެ ގޯތި ތެރޭގައި ތަޅުލާފައި ހުރި ގުދަނެއްގެ ތެރެއިން ބަނގުރާ ތައްޔާރު ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 03 ހަން ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކޮށްފައިވާ މީހާއަކީ ތަފާތު އެކިކަންކަމާއި ގުޅިގެން 02 ފަހަރު ހުއްޓުވާ ސުވާލުކޮށް 07 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 04 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއްކަމަށް ފުލުހުންގެ މީޑިއާއިން މައުލޫމާތުދެއެވެ.

އަދި އޭނާގެ މައްޗަށް 03 މައްސަލައެއްގެ ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްވެސް އޮންނަ މީހެއްކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 07 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެ މައްސަލަ ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު