Raiveribe Maizaan Hulhuvaifi
image
"ރައިވެރިޔާބެ މައިޒާން" ހުޅުވުން --ފޮޓޯ:ރައީސް އޮފީސް
0 ކޮމެންޓް
 

ރައިވެރިބެ މައިޒާން ހުޅުވައިފި

މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްގީކޮށް ހިތްފަސޭހަ ސަރހައްދަކަށް ހެދުމުގެ ގޮތުން އެސަރަހައްދުގައި ހެދި "ރައިވެރިބެ މައިޒާން" ހުޅުވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުން މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އެ މައިޒާން ރަސްމީކޮށް ހުޅުވާފައިވަނީ ހާއްސަ ކޭކެއް ފެޅުމުންނެވެ. އެ ކޭކު ފަޅާފައިވަނީ އެކި އުމުރުފުރާގެ ކުޑަކުދިންނެވެ.

"ރައިވެރިބެ މައިޒާން" ނިސްބަތްވަނީ އަލިރަސްގެފާނުގެ ޖިހާދުގައި ބައިވެރިވާން އައި ވިލިނގިލީ ރައިވެރިބޭ އަށެވެ. އެ މައިޒާނަށް "ރައިވެރިބެ މައިޒާން" ނަން ދީފައިވަނީ ރައީސް ޔާމީންނެވެ.

ރައިވެރިބޭ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނަށް ވަނީ އެ މައިޒާނުގެ އެހާރާއި މިހާރު ދައްކުވައިދޭ ތަސްވީރުތައް ހިމެނޭ ހަނދާނީ ތަސްވީރު އަލްބަމެއް ހަދިޔާކޮށްފައެވެ. އެ އަލްބަމް ރައީސްއަށް ހަދިޔާ ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

އެ ރަސްމިއްޔާތުގައިވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ ގ.ހެލެނގެލި އަބްދުއްސައްތާރު މޫސާ ދީދީގެ ހަނދާނުގައި ސްކޫތެއް ގެނެސްފައެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު ވިދާޅުވީ އެ މައިޒާން ތަރައްގީ ކުރުމަށް ހައުސިން މިނިސްޓްރީން ކުރި މަސައްކަތުގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ޕާކްގެ އެތެރޭގެ މަސައްކަތަށާއި އެސަރަހައްދުގެ ލޭންޑްސްކޭޕަށް ބަދަލު ގެނައުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދީފައިވާ ކަމަށެވެ.

ހިތްފަސޭހަ މައިޒާނަކަށް އެތަން ބަދަލުކޮށްފައިވާއިރު އެސަރަހައްދު ހުޅުވިގެން ދިޔައީ އިތުރަށް ފެހިކޮށް، އަދި ޕާކިން ޒޯން ތަކަކާއެކުގައެވެ.

އެ ތަނުގައި ހަދާފައިވާ ޕާކްގައި ބޮޑު ދެ ފައްވާރު ހަދާފައިވާއިރު، ޕާކު ތެރޭގައި ކުޑަކުދިންނަށް ކުޅެން ބޭނުން ކުރާ ސީސޯ ކަހަލަ އެއްޗެހި ވެސް ވަނީ ބަހައްޓާފައެވެ. ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ގޮތުގެ އިތުރުން އެސަރަހައްދު ތަރައްގީކޮށްފައިވަނީ އިށީންދެވޭނެ ގޮތަށް ގޮނޑި ޖަހާފައެވެ.

އޭގެ އިތުރުން އެޕާކަށް މިހާރު ވަދެވޭ ގޮތަށް އޮތް ދެ މަގުގެ އިތުރުން ޝަހީދު އަލީ މަގުން ވެސް އެ ޕާކަށް ވަދެވޭ ގޮތަށް ވަނީ ހަދާފައެެވެ.

ރައީސް ޔާމީން ވަޑައިގަންނަވާތީ އެސަރަހައްދުގައި ހިންގާ ކަނޑަތައް ބަންދު ކޮށްފައިވާއިރު އެ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތަށް ނޫސްވެރިންވެސް ނުވައްދައެވެ.

މިދިޔަ އޭޕްރީލް މަހު އެތާގައި ޕާކް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުން ފާހަގަ ކުރުމަށް މާލެ ތެރެ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޖުލައި މަހު ހުޅުވާ ގޮތަށެވެ.

މާލެތެރެ ހިތްގައިމު ތަނަކަށް ހަދަން ހައުސިން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން މި މަސްތެރޭގައިވަނީ މުއިވެޔޮ މައިޒާން ވެސް ތަރައްގީކޮށް ހުޅުވާފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު