Gaddafi ge dharikalun hayyaru kurumuge amureh Lebanon ge court akun nerefi
image
ހަނިބާލް ގައްޒާފީ---
0 ކޮމެންޓް
 

ގައްޒާފީގެ ދަރިކަލުން ހައްޔަރު ކުރުމުގެ އަމުރެއް ލުބްނާނުގެ ކޯޓަކުން ނެރެފި

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން ހަނިބާލް ގައްޒާފީ ހައްޔަރު ކުރުމުގެ އަމުރެއް ލުބްނާނުގެ ކޯޓުން ނެރެފިއެވެ.
އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި ވަނީ މީގެ 37 އަހަރު ކުރިން ގެއްލުނު ޝިއައީންގެ އިސް އިލްމުވެރިއެއް ގެއްލުނު މައްސަލާގައި މައުލޫމާތު ސިއްރު ކުރަމުންދާ ކަމުގެ ތުހުމަތުގައެވެ.

ލުބްނާނުގެ ކޯޓު، ޖަސްޓިސް ޕެލެސް ގައި މިދިޔަ ހޯމަ ދުވަހު ހަނިބާލް ގައްޒާފީއާ ސުވާލު ކުރުމަށް ފަހު ފަނޑިޔާރު ޒާހިރު ހަމަދޭހް ވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.

ހޯމަ ދުވަހު ހަނިބާލް ގައްޒާފީ ކޯޓަށް ހާޒިރު ކުރީ އިމާމް މޫސާ އަލް ސަދްރް ގެއްލުމާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިފައިވޭތޯ ސާފު ކުރުމަށެވެ.

އަލް ސަދްރް އާއި އިތުރު ދެ ބޭފުޅުން 1978 ވަނަ އަހަރު ގެއްލިފައި ވަނީ މުއައްމަރު ގައްޒާފީގެ ދައުވަތަކަށް ލީބިޔާގައި އުޅުއްވަމުން ދަނިކޮށެވެ.

ލުބްނާނުން ތުހުމަތު ކުރާ ގޮތުގައި އަލް ސަދްރް ގެއްލުމުގެ ފަހަތުގައި ވަނީ މުއައްމަރު ގައްޒާފީއެވެ. އެ ހާދިސާ ހިނގިއިރު ހަނިބާލް ގައްޒާފީގެ އުމުރުން އެންމެ ތިން އަހަރެވެ.

ލުބްނާނުގެ ހަނގުރާމަވެރިންގެ ބަޔަކު މިދިޔަ ހުކުރު ދުވަހު ވަނީ އޭނާ ރަހީނު ކުރުމަށް ފަހު މިނިވަންކޮށް، ފުލުހުންނާ ހަވާލުކޮށްފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ލީބިޔާ ލުބްނާނު
ހިޔާލު