Ingireyseen ge Aniyaaveri Vakithakuge Shikaara Akahvi Foalhavassah Vee Goiy Engeytha?
image
ފޯޅަވަހީގެ ދިރިއުޅުން-- ފޮޓޯ: ނިއު އެޓްލާންޓިސް
އަހުމަދް ޒީކް
11 ކޮމެންޓް
 

އިނގިރޭސީންގެ އަނިޔާވެރި ވަކިތަކުގެ ޝިކާރައަކަށް ފޯޅަވަހި ވީގޮތް!

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ގެ ރައްވެހިންނަށް ވީގޮތް އެނގޭ ހެއްޔެވެ؟
ފޯޅަވައްސަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެކެވެ. މިއީ، ދިވެހިރާއްޖެވެސް ހިމެނޭ ކަނޑުއަޑީގެ ފަރުބަދަ ރޭންޖު ކަމުގައިވާ "ޗާގޯސް-ލަކަޑިވް ރިޖް"ގެ އެންމެ ދެކުނަށް އުފެދިފައިވާ ރަށްތަކެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. މިހާރު އެތަނަކީ އެމެރިކާގެ އަސްކަރީ ބޭސްއެކެވެ.

ފޯޅަވަހި--

ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުން ބުނެ އުޅޭ ގޮތުގައި، ބައެއް ދިވެހިން ވަނީ މާޒީގެ ތެރޭގައި ބެހިގެން ފޯޅަވައްސަށް ލައްގާފައެވެ. ނަމަވެސް އެމީހުން ސަލާމަތް ކުރުމަށް ފަހު އަނބުރާ ރާއްޖެ ގެނައި ކަމަށާއި، ފޯޅަވައްސަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި އޮންނަ ވަރަށް ވުރެ މާ ދުރުގައިވާ ރަށްތަކެއް ކަމުގައި ދިވެހިން އަބަދުވެސް ދެކުނު ކަމުގައި ވެއެވެ.


ފޯޅަވަހީގައި ފުރަތަމަ މީހުން އާބާދުވެފައިވަނީ ތާރީހުގެ ތެރެއިން ކޮން ދުވަސްވަރެއްގައި ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް، 18 ވަނަ ގަރުނުގެ ތެރޭގައި ޔޫރަޕުގެ އިސްތިއުމާރީ ބާރުތަކުން އެރަށްތަކުގެ މައްޗަށް ވެރިވެގަތް އިރު، ގާތްގަނޑަކަށް 9000 ރަށްވެހިން ފޯޅަވަހީގެ ރަށްތަކުގައި އޭރު ދިރިއުޅުނު ކަމުގައި ވެއެވެ.

ޕޯޗުގީޒުންގެ އަތްދަށުގައި އޮއްވާ، 1783 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށަށް ފޯޅަވަހި ގެންދިޔައެވެ. އިނގިރޭސިންގެ ވެރިކަމުގައި، 1960 ވަނަ އަހަރު ފޯޅަވަހީގެ ރަށްވެހިން ވަނީ އެރަށްތަކުން ބާލަން ފަށާފައެވެ. އެމެރިކާގެ ސަރުކާރާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެމެރިކާގެ ނޭވަލް ބޭސްއެއް އެތަނުގައި އެޅުމަށް، އޭރު ދިރިތިބި ދެދާހެއްހާ ފޯޅަވަހީގެ ރަށްވެހިން ވަނީ އެމީހުންގެ ނަސަބުން ފުހެލާފައެވެ.

ފޯޅަވަހީގެ މަސްވެރިންތަކެއް-- ފޮޓޯ: ނިއު އެޓްލާންޓިސް

އެމެރިކާގެ އެދުމަކަށް އިނގިރޭސި ސަރުކާރުން ފޯޅަވަހީގެ ރަށްވެހިން ބޭލުމުން، އޭގެ ބަދަލެއްގެ ގޮތުގައި ޑިސްކައުންޓު އަގެއްގައި ނިއުކްލިއާ ހަތިޔާރު ގަތުމުގެ ފުރުސަތު އިނގިރޭސި ސަރުކާރަށް ލިބުނު ކަމުގައި ވެއެވެ.

ފޯޅަވަހީގެ ދިރިއުޅުން-- ފޮޓޯ: ނިއު އެޓްލާންޓިސް

"ނިޔު އެޓްލާންޓިސް ޕްރޮޖެކްޓް" އަކީ ފޯޅަވަހީގެ ތާރީހާއި، އެރަށްތަކުން ބޭލި އާއިލާތަކަށް އޭގެ ފަހުން ވީ ގޮތްތަކުގެ ވާހަކަތަކުގެ މައްޗަށް އުފައްދާފައިވާ މަލްޓިމީޑިއާ ޑޮކިއުމަންޓްރީ ޕްރޮޖެކްޓެކެވެ. ޕޯލާ ނޯޓަން ނަމަކަށް ކިޔާ މީހަކު އުފެއްދި މި ޕްރޮޖެކްޓުން، ފޯޅަވަހިން މީހުން ބޭލި ގޮތާއި، ބޭލި ފަހުން ފޯޅަވަހީގެ މީހުންނަށް ދިމާވި ހިތްދަތި ވާހަކަތައް ހާމަވެގެން ދިޔައެވެ. އެއީ އިންސާނިއްޔަތާއި ދެކޮޅަށް އިނގިރޭސި ސަރުކާރުން ހިންގި އަނިޔާވެރި ޖަރީމާއެއްކަން ވެސް ހާމަވެގެން ދިޔައެވެ. އަދި ފޯޅަވަހީގެ ރައްޔިތުންގެ ދުވަސް ދުއްވާލުމަށް ފަހު، އެމީހުންގެ ތާރީހާއި ސަގާފަތާއި ބެހޭ އެއްވެސް މައުލޫމާތެއް ރައްކާ ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން މަސައްކަތް ކޮށްފައި ނުވާކަން ވެސް ހާމަވެގެން ދިޔައެވެ.

މިހާރު އާންމުކޮށްފައިވާ އިނގިރޭސި ސަރުކާރުގެ ކުރީގެ ސިއްރު ލިޔެކިޔުންތަކުން ހާމަވާގޮތުގައި، އެމެރިކާ މީހުން ޑިއޭގޯ ގާސިއާއަށް އެރުމުގެ ކުރިން، އެރަށާއި، ވަށައިގެން ވާ ރަށްތައް "ފޮޅާ ސާފުކުރުމަށް" އެދުނެވެ. އަދި އޭރުގެ އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހަށާއި އެމެރިކާގެ ކޮންގްރެސް އަށް ނޭނގި، ދެ ގައުމުގެ ސަރުކާރުން ސިއްރިއްޔާތުގައި ފޯޅަވަހީގެ ރައްޔިތުން ބޭލިއެވެ. އދ. ގެ މުއާހަދާތަކާއި މުޅިން ހިލާފަށް ހިންގި މި ޖަރީމާގައި، ފޯޅަވަހީގެ ރައްޔިތުން ސީޝެލްސް އަދި މޮރީޝަސްގެ ފަގީރު އަވަށްތަކަކަށް އަރުވާލިއެވެ. ސްކޫލުތަކާއި ހޮސްޕިޓަލާއި، ރެއިލްވޭ ފަދަ ހިދުމަތްތައް ވެސް ލިބިގެން އުޅުނު ފޯޅަވަހީގެ ރައްޔިތުން އަރުވާލީ ވަރަށް ވެސް ބިކަ ހާލުގައެވެ. އެތަކެއް އާއިލާތަކެއް ރޫޅިގެން ވިއްސިވިހާލިވެގެން ވެސް ދިޔައެވެ.

އަރުވާލި ފޯޅަވަހީގެ އަންހެނެއް-- ފޮޓޯ: ނިއު އެޓްލާންޓިސް

ނިއު އެޓްލާންޓިސްއަށް ފޯޅަވަހީގެ ރައްޔިތަކު ކިޔައިދީފައިވާ ގޮތުގައި، އޭނާ މޮރިޝަސްއާއި ހަމައަށް އިނގިރޭސިން ގެންދިޔައީ އެމީހުންގެ މަނަވަރުގައި ޖަނަވާރުން ލާފައި ހުރި ކޮށްޓެއްގެ ތެރޭގައެވެ. ވާނުވާ ވެސް ނޭނގި، ބަންދުގައި 18 ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަ ކުރި ކަމުގައި އޭނާ ބުނިއެވެ. އޭނާ ބޭލީ މޮރިޝަސްގެ ފަގީރު ހިސާބުގަނޑަކަށެވެ. ރުއްދަނޑު ހެއްދުން ނޫން މަސައްކަތެއް ފޯޅަވަހީގެ ރައްޔިތުންނަށް ނޭނގޭ ކަމަށާއި، މޮރިޝަސް އިން މަސައްކަތެއް ހޯދުމަށް ވެސް ނުހަނު ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމުގައި އޭނާ ބުނެފައިވެއެވެ.

1981 ވަނަ އަހަރު، މޮރީޝަސް ގައި ދިރިއުޅުނު ފޯޅަވައްސަށް ނިސްބަތްވާ ހަ އަންހެނުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށިއެވެ. އެއާ އެކު، ފޯޅަވަހީގެ މީހުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހެއް އުފެދިގެން ގޮސް، "ޗާގޯސް ރެފިއުޖީ ގްރޫޕް (ސީއާރްޖީ)" ވުޖޫދަށް އައެވެ. އަދި އެމީހުން އިނގިރޭސި ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން ފެށިއެވެ.

2002 ވަނަ އަހަރު، "ބްރިޓިޝް އޯވަސީސް ޓެރިޓަރީޒް އެކްޓް" އަށް ގެނައި ބަދަލަކުން، ފޯޅަވަހީގެ ބައެއް ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަށްވެހިންނަށް ވުމުގެ ޝަރުތު ހަމަވެގެން ދިޔައެވެ. މިހާރު 700 އަށް ވުރެ ގިނަ ފޯޅަވަހީގެ ރައްޔިތުން ދިރިއުޅެމުން ދަނީ ލަންޑަނުގެ ބޭރުން އޮންނަ ކްރޯލީ ކިޔާ ހިސާބެއްގައެވެ.

ފޯޅަވަހީގެ ރައްޔިތުން އިނގިރޭސިވިލާތަށް ދިޔުމަށް ފަހު، އެމީހުން އެނބުރި ފޯޅަވައްސަށް ފޮނުވާލުމަށް އެދި އަޑުއުފުލުން އިތުރު ކުރިއެވެ. އަދި އެކަމާ ގުޅިގެން ނެރުނު ޑޮކިއުމެންޓްރީއެއްގެ ސަބަބުން، އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނަ، ޝާހީ ގަރާރަަކުން، ފޯޅަވަހީގައި އެއްވެސް މީހަކު ރަށްވެހިވުން މަނާކުރިއެވެ. އެއީ، ގިނަ ބަޔަކު އޭރު ދެކުނު ގޮތުގައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކާއި މުޅިން ހިލާފަށް އިނގިރޭސިން ކުރި ކަމެކެވެ.

ފޯޅަވައްސާއި ބެހޭ ގޮތުން އިނގިރޭސިވިލާތުގައި ނެރުނު ޑޮކިއުމެންޓްރީ--

2006 ވަނަ އަހަރު، ސީއާރްޖީ އިން ވަނީ އިނގިރޭސިވިލާތުގެ ހައިކޯޓަށް އެ މައްސަލަ ވެއްދުމަށް ފަހު އެ މައްސަލަ ކާމިޔާބުކޮށްފައެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުން އެމައްސަލަ އެގައުމުގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ފަހު ހައި ކޯޓުގެ އެ ހުކުމް ވަނީ 2008 ވަނަ އަހަރު ބާތިލް ކޮށްފައެވެ.

ވިއްސިވިހާލި ވެފައިވާ ފޯޅަވަހީގެ ރައްޔިތުންގެ އުއްމީދުތައް އެކީގައި ހެން ވަޅުލެވިގެން ދިޔައީ، 2010 ވަނަ އަހަރު "މެރިން ނޭޗާ ރިޒާވް" އެއްގެ ގޮތުގައި ފޯޅަވަހި ކަނޑައެޅުމުންނެވެ. މެރިން ރިޒާވަކަށް އެރަށްތައް ބަދަލު ކުރުމުން، އެތަނުގައި ވަޒަންވެރިވުމަށް އެއްވެސް ފަރާތަކުން ވަކާލާތު ކުރުމުގެ ހައްގު އިނގިރޭސި ގާނޫނުގައި ލިބިގެން ނުވެއެވެ. މެރިން ރިޒާވެއްގެ ގޮތުގައި އެރަށްތައް ކަނޑައެޅިތާ މާ ގިނަ ދުވަސް ތަކެއް ނުވެ، ވިކިލީކްސް އިން އިނގިރޭސި ސަރުކާރުން އެކަމާއި ބެހޭގޮތުން ފޮނުވާފައި ހުރި ސިއްރު ޑިޕްލޮމެޓިކް ޑޮކިއުމެންޓުތަކެއް އާންމު ކުރިއެވެ. އޭގައި ލިޔެފައިވާ ގޮތުގައި، ފޯޅަވަހި މެރިން ރިޒާވަކަށް ހެދުމަކީ އެތަނަށް އެރަށުގެ ރަށްވެހިން އެނބުރި ދިޔުން ހުއްޓުވުމަށް އެޅެން އޮތް އެންމެ ރަނގަޅު އަދި އެންމެ ދާއިމީ ފިޔަވަޅު ކަމުގައެވެ.

ފޯޅަވަހީގެ ރައްޔިތެއް އޭނާގެ ހައްގު ހޯދުމަށް އަޑު އުފުލަނީ--

ފޯޅަވަހީގެ ރައްޔިތުންގެ ވާހަކަ ދިވެހިންނަށް މުހިއްމު ވާންވީ ސަބަބެއް ނެތިއެއް ނޫނެވެ. މިއީ އިބުރަތްތަކުން ފުރިފައިވާ ވާހަކައެކެވެ. ހަމަ އެ ޕޯޗުގީޒުންނާއި ހަމަ އެ އިނގިރޭސިން ދިވެހިންގެ މައްޗަށް ވެސް އަތް ގަދަވެގެން އުޅުނެވެ. މިއީ، އެމީހުންގެ ވަކިތަކުން ސަލާމަތް ނުވެވުނު މީހުންގެ ވާހަކައެވެ. ނަމަވެސް، ދިވެހިންގެ ތާރީހާއި އާދަކާދަތަކާއި ސަގާފަތް ފުހެވިގެން ގޮސް، ދިވެހި ދަރިފަސްކޮޅު ދުނިޔެއަށް ވިއްސިވިހާލިކޮށްލުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި، ދިވެހިން ހިޔާރު ކުރީ މިނިވަންކަމެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ތާރީހު
ހިޔާލު

ކެލްވިން

👏 ވަރައްވެސް ފުރިހަމަ

ހަބަރުދޮންބެ

5/5ގެ ލިޔުމެއް..

ހަބަރު

ލިިޔުންތެރިޔާގެ މޮޅުކަން ކިޔުންތެރިންގެ ޝައުގުއަތުލި ލިޔުންކޮޅެއް

h

މިހާރު އަނެއްބައި މީހުން އެ ކުރާ މަސައްކަތަކީ ތިޔަ ބުނާ އިންގިރޭސީންނާ ގުޅިގެން ރާއްޖޭގެ ވެރިކަން ހިސޯރުކުރުން. އެ ދުވަހަކުން ޖެހޭނީ ފޯޅަވެއްސައް ޖެހުނު ދަތަރު.

ނޭވާ

މިއީ ވަރަށް ރަނގަޅު ލިޔުމެއް! ލިޔުން ކިޔާލުމަށްފަހު، ހިތަށް އަރަނީ ދިވެހިންނަކީ ނަސީބުވެރި ބައެކޭ! އެއީ އިސްލާމް ދީނުގެ ސަބަބުންނޭ! އެކަމަށްޓަކައި ﷲ އަށް ޙަމްދު ކުރާ ޙާލު ބުނެލަން އޮތީ، އެއްވެސް މީހަކު މި ޤައުމަށް ނިކަމެތިކަން ލިބޭ ފަދަ ގޮތަކަށް ޢަމަލުތައް ނުބަހައްޓަވާށޭ!

ފުރިހަމަ

ވަރަށް ފުރިހަމަ ލިޔުމެއް

އާފަލު

މުޙައްމަދު ބުނެފައިވާ ފަދައިން އިނގިރޭސިންގެ އަތްދަށުން ދިވެހިންނަށް ސަލާމަތްވެވުނަސް ޔާމީން މިހާރު ދިވެހިން ވައްޓައިލަން މިއުޅޭ އަނިޔާވެރި ފުން ވަޅުގަނޑުން ސަލާމަތްވެވޭނީ، ޗައިނާ މީހުންގެ ވަކިތަކުން ދިވެހިން ސަލާމަތްވުމަށް ކުރަންވީ މަސައްކަތްތަކެއް ކޮށްގެން! މި މޮޔަ ރައީސު ޔާމީނުގެ ނުބައި ރޭވުންތަކުން ސަލާމަތްވުމަށްޓަކައި ދިވެހިން ފިސާރިކެރިގެން ނިކުމެ، ޔާމީނުގެ ވަކިތަކުން މި ޤައުމު މިންޖު ކޮށްގެން!

ބާކޮޅު

ވަރަށް ފުރިހަމަ ލިޔުމެއް. ކިޔާ ހިތުން ކިޔާލެވުނު ، މަޢުލޫމާތު މުއްސަނދިވި ލިޔުމެއް.މިކަހަލަ ލިޔުންތައް ޝާއިރު ކޮއްބަލަ ފާޑު ފާޑު ތާކުން ތާކުން ނުޖެހޭ ލިޔުންތަައް ނުލިޔެ!

Furihama

Mi varah furihama molhu liyumehkamugai dheken mifadha gina liyun thakeh kiyuntherinnah foarukohdhinun edhen

ސާމިޔާ

ހިތާމައަކީ މިޤައުމުގައި ހިނގާ ކޮންމެ ކަމަކާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ޙައްލުހޯދާށޭ ކިޔައިގެން އެނުލަފާ އިނގިރޭސިންގެ ގާތަށް މިހާރުވެސް ގޮސް އުޅޭކަން. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށް އިޤްތިޞާދީ ފިއްތުންތަކާއި، ބޮޑެތި ގެއްލުންތައް މިހާރުވެސް އިނގިރޭސިންގެ ސަބަބުން ލިބެމުން ދާކަން. އިނގިރޭސިންނަކީ އެއްވެސް ކުށެއްނުކުރާ ހުދު ފޮތިކޮޅެއްފަދަ ބައެއްކަމަށް މިޤައުމުގެ ބައެއް މީހުންނަށް ހީވާ ހީވުމަކީ ވަރަށް ބޮޑު އޮޅުމެއްކަން މިރިޕޯޓުންވެސް މިވަނީ ހާމަވެފައި.

މުޙައްމަދު

ތިދުވަސް އޮތީ މާދުރަކުނޫން. ޔާމީނު މިޤައުމު ސީނުކަރައަށް ވިއްކައިފި. އެއީ އިގިރޭސީނަށްވުރެ މާބޮޑުތަކުން ނާތަހުޒީބު ނުބައި ބަޔެއް. މިޤައުމު ސަލާމަތް ކުރަން ބޭނުން ކޮންމެ މީހަކު ޔާމިނުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަންޖެހޭ. ފަހުން ރޯރުއިމުގައި އަސަރެއް ހުއްޓަސް ފައިދާއެއް ނުކުރާނެ.