މީގެ ތިންމަސް ކުރިން ހޯރަފުށީގައި ފުރާޅު އެއްލާލި 'ހެޕީ ނައިޓް" ގޭގެ މީހުންނަށް އެހީއެއްގެ ގޮތުގައި ސަރުކާރުން 58 ހާސް ރުފިޔާ ހަމަޖައްސައިފިއެވެ.
ހޯރަފުށީ ކައުންސިލުން ބުނީ ޑީޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެހީ ހަމަޖައްސައި މިއަދު އެ އޮފީހަށް އަންގާފައިވާ ކަމަށެވެ.
"މިއަދު އެބޭފުޅުން ވަނީ 58976.30 ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި، ކައުންސިލުގެ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް ބުނެ ސިޓީއެއް ފޮނުވާފައި" ހޯރަފުށި ކައުންސެލަރު އަލީ ރިޔާޒު ވިދާޅުވި އެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު 20 ވަނަ ދުވަހު ހޯރަފުށްޓަށް އައި ކޮޅިގަނޑެއްގައި ދެ ގެއެއްގެ ފުރާޅު ވަނީ އެއްލާލައިގެން ގޮސްފައެވެ. އޭގެ ތެރެއިން އެއް ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ.
ހޯރަފުށީ ކައުންސިލުން ބުނެފައި ވަނީ ފުރާޅު އެއްލާލި ދުވަހުން ފެށިގެން ހެޕީ ނައިޓް އާއިލާ މީހުން ދިރިއުޅެމުން ގޮސްފައި ވަނީ ރަށްވެހި ގޭގައިކަމަށެވެ.
ހޯރަފުށީ ކައުންސިލުން ބުނީ މި ފައިސާ ލިބުމާއި ގުޅިގެން ރަށްވެހިގޭގައި ތިބުމަށް ހެޕީ ނައިޓްގެ އާއިލާއަށް ވަކި މުއްދަތެއް ދޭނެ ކަމަށާއި ކައުންސިލުން އެކަމަށް ވަކި ގޮތެއް ނިންމާނެ ކަމަށެވެ.
ހޯރަފުށީ ކައުންސިލުން ކުރިން ބުނެފައި ވަނީ އެގޭ ފުރާޅު އެއްލާލުމާއި ގުޅިގެން އެެގޭގައި ހިފާގެންގުޅޭ ގިނަ ތަކެއްޗަށް ގެއްލުން ލިބި ގޭގައި ދިރި ނޫޅެވެވޭ ވަރު ވެފއަިވާ ކަމަށެވެ. އަދި ސަރުކާރުގައި އެދިގެން އެކަމަށް އެކަށީގެންވާ ޖަވާބެއް ނުލިބި ގިނަ ދުވަސްވާތީ އެކަމާވެސް ހިތްހަމަނުޖެހުން ވަނީ ކައުންސިލުން ފާޅުކޮށްފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.