ITF gai vaadhakuraa zuvaan team aa Youth Minister bahdhalu kuravvaifi
image
އަހްމަދު ތޯއިލް
0 ކޮމެންޓް
 

އައިޓީއެފްގައި ވާދަކުރާ ޒުވާން ޓީމާ ޔޫތު މިނިސްޓަރު ބައްދަލުކުރައްވައިފި

މި މަހުގެ 17 ވަނަ ދުވަހުން 30 ގެ ނިޔަލަށް ތައިލެންޑުގައި ކުރިއަށް ދާ އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަން (އައިޓީއެފް) ޓެނިސް މުބާރާތުގައި ވާދަކުރާ 14 އަހަރުން ދަށުގެ ޓެނިސް ޓީމާ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު ޒުހޫރު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނީ ތިން އަންހެން ކުޅުންތެރިންނާއި ތިން ފިރިހެން ކުޅުންތެރިންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު ޒުހޫރު ވިދާޅުވީ ޓެނިސް އެސޯސިއޭޝަނުން ކުރައްވާ މަސައްކަތްތަކަކީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށެވެ.

އަދި މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ ޓީމް އުމުރުން ކިތަންމެ ހަގަސް ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް މިނިސްޓަރު ވަނީ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. ޒުހޫރު ވިދާޅުވީ ރާއްޖޭގައި އިންޓަނޭޝަނަލް ޓެނިސް ކޯޓެއް ހުޅުވާލެވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

މި މުބާރާތުގައި ރާއްޖޭގެ 14 އަހަރުން ދަށުގެ ޓީމް ވާދަކުރާނީ ދެވަނަ ޑިވިޝަނުގައެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެނިސް އެސޯސިއޭޝަނުގެ ބޭފުޅުން ވިދާޅުވީ މިނިސްޓްރީން ދެއްވާ އެއްބާރުލުމަކީ ކުރިއަށް ދިޔުމުގައި ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު