IS ge commanderun libya gai filaigen ulhey: jaasoosee report
image
އަހްމަދު މިޒްޔާލް
0 ކޮމެންޓް
 

އައިއެސްގެ ކޮމާންޑަރުން ލީބިޔާގައި ފިލައިގެން އުޅޭ: ޖާސޫސީ ރިޕޯޓް

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ކޮމާންޑަރުން ލީބިއާގައި ފިލައިގެން އުޅޭ ކަމަށް އެގައުމުގެ ޖާސޫސީ އިދާރާއަކުން ބުނެފިއެވެ.
އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ އައިއެސްގެ ކޮމާންޑަރުން އަދި އެ ޖަމާއަތުގެ މުހިންމު އިސްވެރިން އެގައުމަށް އައިސްފައިވަނީ ހުޅަނގުގެ ގައުމުތަކުން އިރާގު އަދި ސީރިއާގައި އެ ޖަމާއަތާ ދެކޮޅަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރުމުންނެވެ.

ލީބިޔާ ސިފައިންގެ ކޮމާންޑަރެއް ބުނީ ބޭރު ގައުމުތަކުގެ އެއްވެސް އެހީއަކާ ނުލާ އެގައުމުގެ ސިފައިންނަށް އައިއެސް ބަލިކޮށްލެވޭނެ ކަމަށެވެ. އަދި ހަމައެކަނި ވައިގެ ހަމަލާތަކުން އައިއެސް އާ ކުރިމަތި ނުލެވޭނެ ކަމަށާއި ނަމަވެސް ނޭޓޯ އިން ދޭ އެންމެހާ އެހީތަކަށް މަރުހަބާ ކިޔާނެ ކަމަށެ އޭނާ ބުންޏެވެ.

އެގައުމުގައި އުޅޭ ހަނގުރާމަވެރިންގެ 70 އިންސައްތަ މީހުންނަކީ އެހެން ގައުމުތަކުން އައިސްފައިވާ މީހުންނެވެ. އޭގެ ތެރޭގައި އިރާގް، ސީރިއާ، މިސްރު، އަދި ސޫދާން ހިމެނެއެވެ. ފާއިތުވެ ދިޔަ މަސްތަކުގައި އެގައުމަށް އެތެރެވާ ހަނގުރާމަވެރިންގެ އަދަދު ވަނީ އިތުރުވެފައި ކަމަށް އެގައުމުގެ ޖާސޫސީ އިދާރާއެއްގެ އިސްވެރިއެއް ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު ދުނިޔޭގެ 23 ގައުމަކުން ވަނީ ލީބިޔާއަށް އަންނަމުންދާ ހަނގުރާމަވެރިންގެ އަދަދު އިތުރުވުމާ ބެހޭ ގޮތުން އެމައްސަލަ ހައްލު ކުރުމަށް އިޓަލީގެ ރޯމުގައި މަޝްވަރާގެ ބައްދަލުވުންތަކެއް ބާއްވާފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު