Kulhudhufuhttai Funadhoo Airport Tharaggee Kohdheyne Faraatheh Hoadhanee
image
0 ކޮމެންޓް
 

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެދުމަށް ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ ރީޖަނަލް އެއާޕޯޓްގެ ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށި އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޑް ސެކިއުރިޓީ އަދަދަކީ 62،000 ޔޫއެސް ޑޮލަރު ކަމަށެވެ. އަދި ފުނަދޫ އެއާޕޯޓް ތަރައްގީ ކުރަން ސެކިއުރިޓީ އަދަދަކަށް 60،000 ޔޫއެސް ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލައިފައިވާއިރު، އެ ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް އެއިއުލާންގައި ބުނެފައިވެއެވެ.

އެ އިއުލާންގައި ބުނެފައިވަނީ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 208 ދުވަސް ކަމަށާއި ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓު ކަމަށެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށް އެއިއުލާންގައި ބުނެފައިވެއެވެ. އަދި އެފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައިފައިވާ ކަމަށް މީރާއިން ދޫކޮށްފައިވާ ލިޔުން ބީލަމާއެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެފައިސާ ބަލައިގަންނާނީ މި މަހު 10 ވަނަ ދުވަހުން ފެށިގެން މޭ 18 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް ފިނޭންސް މިނިސްޓްރީން ކަމަށް އެއިއުލާންގައި ބުނެފައިވެއެވެ.

އެ އިއުލާންގައި ބުނެފައިވަނީ ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 10:00 ގައި، އެ މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މޭ 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ޖަހާއިރު ކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު