15 Dhuvahah Night Market Kurukoh Thayyaareethah Fashaifi
image
އަހްމަދު މިޒްޔާލް
0 ކޮމެންޓް
 

15 ދުވަހަށް ނައިޓް މާކެޓް ކުރުކޮށް ތައްޔާރީތައް ފަށައިފި

މިއަހަރުގެ ނައިޓް މާކެޓް ކުރިން ބޭއްވަން ނިންމި އެއްމަސްދުވަހުގެ ބަދަލުގައި 15 ދުވަހަށް ކުރުކޮށް ތައްޔާރީތައް ވާން ފަށައިފިއެވެ.
މެއި 1 އިން 15 އަށް ކާނިވަލް ސަރަހައްދުގައި ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަހަރު އެ ހަރަކާތް ހިންގާ ފަރާތަކީ މޯލްޑިވްސް މިއުޒިކަލް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ) އެވެ.

އެމްއެމްއޭސީ އިން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ބުނީ ނައިޓް މާކެޓް އެއް މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ކުރިން ހުއްދަ ލިބިފައިވާ ކަމަށާއި ނަމަވެސް އެ ސަރަހައްދުގައި ކަނޑަތައް ހިންގާ ވިޔަފާރިވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީ އެ މުއްދަތު 15 ދުވަހަށް ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.

އެމްއެމްއޭސީއިން ބުނީ 350 މޭޒުގެ ތެރެއިން ބާކީ ނުވިކި ހުރީ 20 ވަރަކަށް މޭޒު ކަމަށެވެ. އަދި މިހާރުވެސް އެ މޭޒުތައް ގަންނަން އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް އެމްއެމްއޭސީއިން ބުނެއެވެ.

15 ދުވަހަށް މޭޒު ކުއްޔަށް ދޫކުރާ އަގަކީ ކުރިންވެސް ދޫކުރަން ނިންމާފައިވާ އަގު ކަމަށްވާ 7500 ރުފިޔާއެވެ. އަދި އެއް މަސް ދުވަހުގެ މުއްދަތަށް 15000 ރުފިޔާއަށް މޭޒު ކުއްޔަށް ނެގި ފަރާތްތަކަށް ދޭންޖެހޭ ފައިސާ އަނބުރާ ދީފައިވާނެ ކަމަށް އެމްއެމްއޭސީއިން ބުނެއެވެ.

ހަލުވި ސްޕީޑެއްގައި ނައިޓް މާކެޓްގެ ގޮޅިތަކުގެ މަސައްކަތް ކުރެވެމުންދާއިރު އޭޕްރިލް 17 އިން ފެށިގެން އެ ސަރަހައްދަށް ދުއްވާ އުޅަނދު ފަހަރަށް ނުވަދެވޭ ގޮތަށް ފުލުހުން ވަނީ ބެރިކޭޑް ޖަހާފައެވެ.

މިއަހަރު ކާނިވަލް ސަރަހައްދުގައި ނައިޓް މާކެޓް ބާއްވަން ނިންމާފައިވަނީ ކުރިން ހިންގި ސަރަހައްދުގައި ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު