Italy ah dhathuru kuramun dhiya dinghy eh bandun jahaalaa 84 refugeen gellijje
image
މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ: އިޓަލީގެ ކޯސްޓްގާޑް
0 ކޮމެންޓް
 

އިޓަލީ އަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލާ 84 ރެފިއުޖީން ގެއްލިއްޖެ

ލީބިޔާ އިން ފުރައިގެން ޔޫރަޕަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލުމާ ގުޅިގެން ހިޖުރަ ކުރަން މަސައްކަތް ކުރަމުންދާ 84 މީހުން ގެއްލިފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އިން ބުނެފި އެވެ.
ކަނޑު ހުރަސް ކުރަން ޑިންގީއަކުން މަސައްކަތް ކުރަމުންދާ ކަން އެނގުނީ އިޓަލީގެ ކޯސްޓްގާޑަށް ލިބުނު ސެޓެލައިޓް ފޯނު ކޯލަކުންނެވެ.

އިޓަލީގެ ކޯސްޓްގާޑުން ވަނީ ބަންޑުން ޖަހާލި ޑިންގީ އިން 26 މީހުން ސަލާމަތް ކުރުމަށް ފަހު އިޓަލީ އަށް ގެންގޮސްފަ އެވެ.

ކޯސްޓްގާޑުގެ ތަރުޖަމާނަކު ބުނީ ރެފިއުޖީން އާއްމުކޮށް ދަތުރު ކުރަން ބޭނުން ކުރާ އެފަދަ ޑިންގީތައް އޮންނަނީ ފުރި ބާރުވެފައިވާ ކަމަށާއި، 100 ނުވަތަ 120 މީހުން ދަތުރު ކުރާނެ ކަމަށެވެ.

ކަނޑު ގަދަވުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ. ސަލާމަތްކޮށްގެން އިޓަލީގެ ލަމްޕެދޫސާ އަށް ގެންދިޔަ ރެފިއުޖީންނާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ.

މިއަހަރުގެ މިހާތަނަށް 27،000 ރެފިއުޖީން ވަނީ ކަނޑު ހުރަސްކޮށް އިޓަލީ އަށް ގޮސްފަ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުން ބޯޑަރު ބަންދު ކުރުމާއެކު އިޓަލީ އަށް ދާ ރެފިއުޖީންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

މިއަހަރުގެ މިހާތަނަށް ދެކުނު މެޑިޓެރޭނިއަން ކަނޑުގައި 800 އެއްހާ ރެފިއުޖީން ގެނބިގެން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު