Kuh Madhuvetteh GaaimKurumah Sh.Atoll Councilun Polihunnah 1 Lakka Rufiyaa
image
ކުށްކުރުން މަދުކުރުމަށް ށ. އަތޮޅު ކައުންސިލުން ޕޮލިހުންނަށް މާލީ އެހީ ދިނުމަށް ނިންމުން-
0 ކޮމެންޓް
 

ކުށް މަދުކުރުމަށް ށ. އަތޮޅު ކައުންސިލުން ޕޮލިހުންނަށް އެއްލައްކަ ރުފިޔާ

ށ. އަތޮޅުގައި ކުށްކުރުން މަދުވެއްޓެއް ގާއިމުކުރުމަށް ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް ށ. އަތޮޅު ކައުންސިލުން މާލީ އެހީ ދިނުމަށް ނިންމައިފިއެވެ.
ކުށްކުރުން މަދުވެއްޓެއް ގާއިމުކުރުމަށް ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގާ ޕްރޮގްރާމުތަކަށް އެއްލައްކަ ރުފިޔާގެ މާލީ އެހީއެއް ދިނުމަށް ނިންމާ އެކަމާއި ގުޅޭ އެއްބަސްވުމެއްގައި އަތޮޅު ކައުންސިލާއި، ފުނަދޫ ޕޮލިސް ސްޓޭޝަނާ ދެމެދު ވަނީ ސޮއިކޮށްފައެވެ.

މިއަދު ހެނދުނު ށ. އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕްރޮގްރާމުގެ ކޯޑިނޭޓަރު އަދި އަތޮޅު ކައުންސިލަރު އަބްދުﷲ ނާހިދެވެ. އަދި ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ސޮއިކުރެއްވީ ށ. އަތޮޅު ކޮމާންޑަރު ސަބްއިނިސްޕެކްޓަރު އޮފް ޕޮލިސް އިބްރާހީމް މުސްތަފާއެވެ.



އަތޮޅު ކައުންސިލުން ބުނީ އެ އެއްބަސް ވުމަކީ ތަފާތު އެކި ކުށްތަށް މަދުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

"މަގުމަތީގެ ރައްކާތެރިކަން ކަށަވަރަކުރުމަށާއި، މަސްތުވާ ތަކެއްޗާމެދު ޒުވާނުންނާއި އާންމުން ހޭލުންތެރިކުރުމަށާއި، ކުށްކުރުން މަދު ވެއްޓެއް ބިނާކުރުމަށާއި، ކުށުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ގެވެށި އަނިޔާ ހުއްޓުވުމަށާއި، ގެވެށި އަނިޔާގެ ޝިކާރަޔަކަށްވެފައިވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، އަންހެނުންނާއި، އިސްރަށްވެހިންނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަދި ހޭލުންތެރިކުރުމަށް ށ. އަތޮޅުގައި ފުލުހުން ރާވައި، ހިންގާ ތަފާތު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް އެންމެ ފުރިހަމައަށް ހާސިލުކުރުމަށް އެހީތެރިވެދިނުމެވެ." ކައުންސިލުން ބުނެފައިވެއެވެ.

އެ ޕްރޮގްރާމުގެ ތެރެއިން ށ. އަތޮޅުގެ ވިޔަވަތި ޓްރަސްޓުގައި ހިމެނޭ ވިޔަފާރިތައް އިސްތިހާރުކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ށ. އަތޮޅު ކައުންސިލަކީ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު، ނަމޫނާ ކައުންސިލެވެ. އެކައުންސިލުން އަންނަނީ އެ އަތޮޅުގައި ތަފާތު އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާ، ތަފާތު އެކި އިދާރާތަކަށް މާލީ އެހީ ދެމުންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ށ އަތޮޅު ޕޮލިސް
ހިޔާލު