Education Minister Sh. Atoll'ge Schoolthakah Ziyaaraiy Kuravvaifi
image
މިނިސްޓަރު ށ. އަތޮޅަށް ކުރެއްވި ދަތިރުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން
1 ކޮމެންޓް
 

ސްކޫލުތަކަށް ދިމާވާ ދަތިތަކާބެހޭ ގޮތުން ށ. އަތޮޅު ސްކޫލްތަކާ މަޝްވަރާކޮށްފި

ސްކޫލުތަކަށް ދިމާވާ ދަތިތަކާބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ށ. އަތޮޅުގެ ސްކޫލްތަކުގެ ވެރިންނާއި މަޝްވަރާކުރައްވައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ށ. އަތޮޅުގެ ސްކޫލްތަކުގެ ވެރިންނާއި މަޝްވަރާކުރެއްވީ މިދިޔަ ހަފުތާގައި މިނިސްޓަރު ށ. އަތޮޅަށް ކުރެއްވި ދަތުރުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެމަޝްވަރާތަކުގެ ތަފްސީލެއް މިނިސްޓްރީންވެސް އަދި ށ. އަތޮޅުގެ ސްކޫލްތަކުންވެސް އަދި ހާމައެއްނުކުރެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ށ. އަތޮޅު ހުރިހާ ސްކޫލަކަށް ޒިޔާރަތް ކުރެއްވީ ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ށ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލައްވައި މިނިސްޓަރު މާލެ ވަޑައިގެންނެވީ އިއްޔެއެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރު އަންގާރަ ދުވަހު ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދަރުސާ އަށް ޒިޔާރަތް ކުރެއްވިއިރު، ބުދަ ދުވަހު ޒިޔާރަތް ކުރައްވާފައިވަނީ ގޮއިދޫ ސްކޫލް،ބިލެތްފަހި ސްކޫލް، ފޭދޫ ސްކޫލަށް އަދި ފޯކައިދޫ ސްކޫލަށެވެ.

ބުރާސްފަތި ދުވަހު މިނިސްޓަރު ވަނީ ނޫމަރާ ސްކޫލް، މަރޮށީ ގައި ހުންނަ މަދްރަސަތުލް މުނައްވަރާ، ކޮމަންޑޫ ގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒު އަދި މާއުނގޫދޫ ސްކޫލަށް ޒިޔާރަތް ކުރައްވާފައެވެ.

މިނިސްޓަރު ހުކުރު ދުވަހު ފުނަދޫ ސްކޫލް، ޅައިމަގު ސްކޫލް އަދި ނަރުދޫ ސްކޫލަށް ޒިޔާރަތް ކުރައްވާފައި ވާއިރު، އިއްޔެ އެ ދަތުރުގެ އެންމެ ފަހު މަންޒިލެއް ގޮތުން ފީވަކު ސްކޫލަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.އެ ދަތުރުގައި މިނިސްޓަރު ވަނީ ސްކޫލްތަކުގެ ސީނިއާ މެނޭޖްމަންޓާއި، ޓީޗަރުންނާއި، ސްކޫލް ބޯޑާއި، ޕީޓީއޭ ހިންގާ ކޮމިޓީގެ ބޭފުޅުންނާއި އަދި ރަށު ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުންތަކުގައި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު އެފަރާތްތަކާއި ހިއްސާކުރެއްވި އެވެ.

ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމާއި ބެހޭ ގޮތުންނާއި، ސްކޫލުތަކަށް ދިމާވާ ދަތިތަކާބެހޭ ގޮތުން ވާހަކަދެކެވި އެ ކަންތައްތައް ހައްލު ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން އެދަތުރުގައި މިނިސްޓަރު ވަނީ މަޝްވަރާ ކުރައްވާފައެވެ.އޭގެ އިތުރުން، ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ސުކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދީ، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސްކޫލްތަކުގައި އެ މަސައްކަތްތަކާއި ހަވާލުވެ ތިބި މުއައްޒިފުންނަށް ފޯރުކޮށްދީފައިވެއެވެ.

ހަމަ އެއާއެކު ޒުވާނުން ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުމަށް ހުޅުވާލާފައިވާ ތަފާތު މަސައްކަތްތެރިކަމުގެ ކޯސްތަކާއި ބެހޭ މައުލޫމާތު ކައުންސިލްތަކުގެ ބޭފުޅުންނާއި ހިއްސާ ކުރައްވާފައި ވާ އިރު، މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ސްކޫލްތަކުގައި ކުރިއަށްގެންދާ ތަރުބަވީ ޖީލު ބިނާކުރުމުގެ ޕްރޮގްރާމް ސްކޫލްތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައި ގެންނެވި އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ކޮސް

ތާކުން ތާކުނުޖެހޭ ބޭކާރު ދަތުރެއް.