ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މައްސަލާގައި ބެލެނިވެރިން ސްކޫލްދޮށަށް އެއްވެއްޖެއެވެ.
ދިއްދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލާއި މެދު ހިތްހަމަނުޖެހޭ ބެލެނިވެރިންތަކަކާއި، ޕްރިންސިޕަލާއި މެދު ހިތްހަމަޖެހޭ ބެލެނިވެރިންތަކެއް ސްކޫލްދޮށަށް އެއްވެ އަޑު އުފުލަމުންދާކަމަށެވެ.
"އެއްބަޔަކު ބޭނުންވަނީ ޕްރިންސިޕަލް ފޮނުވާލަން. އަނެއްބަޔަކު ބޭނުންވަނީ ބަހައްޓަން،" ކައުންސިލް މެންބަރު ވިދާޅުވިއެވެ.
ކައުންސިލް މެންބަރުވިދާޅުވީ ހިޮތްހަމަ ނުޖެހިގެން އުޅޭ އަސްލު ސަބަބު އަދި ނޭނގޭ ކަމަށާއި، އެކަން ބަލަމުންދާ ކަަމަށެވެ.
ޕީޓީއޭގެ ނައިބު ރައީސް ވިދާޅުވީ ބެލެނިވެރިން ޕްރިންސިޕަލް އާއި މެދު ބައެއް ސީނިއާ މުވައްޒަފުންނާއި ޓީޗަރުން ހިތްހަމަނުޖެހޭ ކަމަށް އަޑުފެތުރިފައިވާތީ އެކަން ވާގޮތް އޮޅުންފިލުވުމަށް އެދެމުންދާކަމަށެވެ.
"ޕްރިންސިޕަލްއާއި ހިތްހަމަނުޖެހިގެން ބައެއް ސީނިއާ މުވައްޒަފުން ޓީޗަރުންގެ އުޅޭކަމަށް ފެންނާތީ އެއީ ކިހިނެއް ހިނގާ ކަމެއް ބަލާލަން. މައްސަލައެއް އުޅޭ ކަމަށް ފެންނާތީ އެކަން ހައްލުކުރުމަށް ބައްދަލުކޮށްލަން އެދުނީ. ޕްރިންސިޕަލްއާއި މެދު ނޭއްގާނީ ފިޔަވަޅެއް އެޅިދާނެކަން ފެންނާތީ ބެލެނިވެރިންގެ ނުރުހުން އޮތްކަން ފާޅުކޮށްދޭން ސްކޫލްދޮށުގައި މަޑުކޮށްލައިގެންތިބީ،" ނައިބުރައީސް ވިދާޅުވިއެވެ.
ނައިބުރައީސް ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ސީނިއާ މެނޭޖްމަންޓާއި މިއަދު މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިކަމާއި ގުޅިގެން އެ ސްކޫލްގެ ޕްރިންސިޕަލްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.