Tourism Dhaairaa'ah Thamreenkurumah MilandhooCouncilun 1000 Kudhin Hoadhaidhenee
image
ޓޫރިޒަމް ދާއިރާއަށް ތަމްރީން ކުރުމަށް 1000 ކުދިން ހޯދައިދިނުމަށް މިލަންދޫ ކައުންސިލުން އެއްބަސްވުން- ފޮޓޯ: އެޑިއުކޭޝަން
ލަޒީނާ އަބްދުﷲ
0 ކޮމެންޓް
 

ޓޫރިޒަމް ދާއިރާއަށް ތަމްރީން ކުރުމަށް މިލަންދޫ ކައުންސިލުން 1000 ކުދިން ހޯދައިދެނީ

އެޑިޔުކޭޝަން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޓޫރިޒަމް ދާއިރާއަށް 8000 މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމަށް 1000 ބައިވެރިން ހޯދައިދިނުމަށް ށ. މިލަންދޫ ކައުންސިލުން އެއްބަސްވެއްޖެއެވެ.
ޝީ ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް ދާއިރާއަށް 8000 މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމަށް ށ. އަތޮޅުން 1000 ބައިވެރިން ހޯދައިދިނުމާއި ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. އަދި މިލަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރީ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒްއެވެ.

ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީން ކުރުމަށް ހިލޭ ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ ނެޝަނަލް ސެޓުފިކެޓު ލެވެލް ތިނެއް އަދި ހަތަރެއްގެ ކޯސްތަކެވެ.

ކޯހުގެ ލެވެލާއި މުއްދަތު:
 • ނެޝަނަލް ސެޓުފިކެޓު 3= 6 މަސް

 • ނެޝަނަލް ސެޓުފިކެޓު 4= 8 މަސް

 • ކޯހަށް ވަދެވޭ ޝަރުތު:
 • ނެޝަނަލް ސެޓުފިކެޓު 3= ގްރޭޑް 7 ނިންމާފައިވުން.

 • ނެޝަނަލް ސެޓުފިކެޓު 4= ސާނަވީ ސްކޫލް ނިންމާ އިމްތިހާނަކުން 3 މާއްދާއިން ސީ ފާސް ލިބިފައިވުން. ނުވަތަ ގުޅުންހުރި ދާއިރާ އަކުން ސެޓުފިކެޓު 3 ފުރިހަމަކޮށްފައިވުން.
 • އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޒުވާނުން ބާރުވެރިކޮށް، މުޖުތަމައުގައި ބޭނުންތެރިބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބެމުންދާނަމަ އެކަމުން ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

  "ގުޅިގެން މަސައްކަތް ކޮށްފިއްޔާ ބޮޑެތި ބަދަލުތަކެއް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

  މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ތަމްރީންވެ އަހަރެއްހާ ދުވަސްތެރޭގައި މަސައްކަތުގެ މައިދާނަށް ނިކުމެވޭނެކަމަށެވެ.  އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ އިތުރު ރިސޯޓްތައް ހެދެމުންދާއިރު، ރިސޯޓްތަކުން އުފެދިގެންދާ ވަޒީފާތަކަށް އިތުރަށް ކުދިން ބޭނުންވާކަމަށެވެ. އަދި އެ ދާއިރާއަށް މީހުން ތަމްރީން ކުރަނީވެސް އެ ވަޒީފާތަކަށް އެކަށީގެންވާ މީހުން ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކަމަށެވެ.

  "..ޓްރެއިންކޮށްފަ ތިބި މީހުންގެ ދަތިކަން އެބައާދޭ. މި ފޭސްގަ 8000 މީހުން ތަމްރީން ކުރެވޭއިރު ކާމިޔާބަށް ބަލާފައި އަދި އަޅުގަނޑުމެންނަށް އިތުރުކުރެވޭނެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

  މިލަންދޫ ކައުންސިލްގެ ރައީސް ފާއިޒް ވިދާޅުވީ އެކައުންސިލުން ތަފާތު އެކި އެކި ދާއިރާތަކަސް ކުދިން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަށް ހިންގަމުންދާކަމަށެވެ. އަދި އެކައުންސިލްގެ އަމާޒަކީ ރާއްޖޭން ދެވެން އޮތް އެންމެ މަތީ ލެވެލްއަށް ކުދިންނަށް ތައުލީމް ހާސިލް ކުރުމަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

  "ކުދިން ތަމްރީންވާން ބޭނުންވަނީ ބެޗްލާސް ނުވަތަ މާސްޓާސް އާއި ހަމައަށް. އަޅުގަނޑުމެން އެފުރުސަތު ހޯދައިދެން އެބަ މި ލެވެލް ފުރިހަމަ ކުރާ ކުދިންނަށް އެ ޕްރޮގްރާމްގެ ތެރެއިން. ރާއްޖޭގައި ދެވެން އޮތް އެންމެ މަތީ ލެވެލްއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން. އަދި އެއަށްފަހު ވަޒީފާވެސް ހޯދައިދޭނަން،" ފާއިޒް ވިދާޅުވިއެވެ.

  ޓޫރިޒަމްދާއިރާއަށް މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ ޖެނަރަލް ކޭޝިއަރާ، ފުޑް އެންޑް ބެވަރޭޖް ޕާސަން، އެސިސްޓެންޓް ޗީފް އިންޖިނިއާ، ސްޓޯ ކީޕާ، އެއާޕޯޓް ރިޕްރަޒެންޓޭޓިވް، ޓިކެޓިން އެންޑް ރިޒަވޭޝަން، ރޫމް އެޓެންޑެންޓް، ލައިފްގާޑް، ގެސްޓް ރިލޭޝަން އޮފިސަރާ، ޕަވާ ހައުސް އޮޕަރޭޓާ، ސެކިއުރިޓީ އޮފިސަރާ، ޓުއާ ގައިޑް، ލޯންޑަރީ އެޓެންޑެންޓް، މެރިން މެކޭނިކް، އައިޓީ ޓެކްނީޝަން، ގާޑްނާ، ފުޑް ޕްރެޕަރޭޝަން، ފްރޮންޓް އޮފީސް، ހެލްތް އެންޑް ވިލްނެސް، ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް، ޑައިވިން / ވޯޓާ ސްޕޯޓްސް، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން، ކިޑްސް ކުލަބް އެޓެންޑެންޓް، ލޮޖިސްޓިކް/ އެޑްމިން އޮފިސަރު، އިލެކްޓްރިޝިއަން / ޓެކްނީޝިއަންގެ އިތުރުން އިންޖިނިއަރިންގެ ދާއިރާއިންނެވެ.
  ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
  ހިޔާލު