Dhe Mahah Dhariya Bahdhalu Nukuran Sharuthukoh Bappa Dhookollaifi
image
މަންމައާއި ހަވާލު ކުރުމަށް ކޯޓުން އަމުރު ނެރެފައިވާ ކުއްޖާ، އޭނާގެ ބައްޕައާއެކު---
3 ކޮމެންޓް
 

ދެ މަހަށް ދަރިއާ ބައްދަލުނުކުރަން ޝަރުތުކޮށް ބައްޕަ ދޫކޮށްލައިފި

ދަރިފުޅު މަންމައާއި ހަވާލު ކުރުމަށް ނެރެފައިވާ ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސް އެޅި ކަމަށް ބުނެ އއ. ހިމަންދޫއިން ހައްޔަރުކުރި ކުއްޖާގެ ބައްޕަ ދެ މަސްވަންދެން ދަރިއާ ބައްދަލު ނުކުރަން ޝަރުތުކޮށް ދޫކޮށްލައިފިއެވެ.
އއ. އަތޮޅު ހިމަންދޫ އުމުރުން 29 އަހަރުގެ ޝިމާލް އިބްރާހިމް ހައްޔަރު ކޮށްފައި ވަނީ މި ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ.

އާއިލާ މެމްބަރަކު ބުނީ ކޯޓުން އޭނާއަށް ޝަރުތު ކޮށްފައިވަނީ ދަރިފުޅާ ބައްދަލު ކޮށްގެން ނުވާނެ ކަމަށާއި ގުޅައިގެން ނުވާނެ ކަމާއި ދަރިފުޅާ ބައްދަލު ކޮށް ހޯދަންވެސް ގޮސްގެން ނުވާނެ ކަމަށެވެ. އަދި 60 ދުވަސް ވަންދެން އެނޫން ގޮތަކަށް އަމަލުކޮށްފިނަމަ ފިޔަވަޅު އެޅޭނެ ކަމަށް ކޯޓުން ވަނީ ޝަރުތުކޮށްފައެވެ.

ފުލުހުން ވަނީ ޝިމާލުގެ ބަންދުގެ މުއްދަތު ދެ ފަހަރަށް އިތުރުކޮށްފައެވެ. ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އެމައްސަލާގައި މިމަހުގެ 11 ވަނަ ދުވަހު ވަނީ ޝިމާލުގެ އާއިލާ ތިން މީހުންވެސް ހައްޔަރު ކޮށްފައެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ މި މަހު އަށްވަނަ ދުވަހު ފުލުހުންގެ މަައްޗަށް ނެރުނު ކޯޓް އަމުރު ތަންފީޒު ކުރަން އުޅެނިކޮށް އެކަމަށް ހުރަސް އެޅި ކަމަށް ބުނެއެވެ.

އެ ތިން މީހުން މިމަހުގެ 11 ވަނަ ދުވަހު ހައްޔަރު ކޮށް ގޭ ބަންދަށް ހަތް ދުވަސް ޖެހުމަށް ފަހު އެމީހުން ދޫކޮށްލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ޝިމާލް ހައްޔަރު ކޮށްފައިވަނީ ތުއްތު ކުއްޖާ އެކުއްޖާގެ މަންމަ އާއި ހަވާލުކުރުމަށް ފަހުގައެވެ. އެ ކުއްޖާ އެ ރަށުން ގެނައި ވަގުތު ބޮޑެތި ހަމަ ނުޖެހުންތަކެއް ވެސް ވަނީ ހިނގާފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ކުއްޖާގެ ބައްޕަ ވަނީ ދެކޮޅު ހެދުމެއްނެތި ފުލުހުންގެ ބެލުމުގެ ދަށުން އެކުއްޖާ ގޮވައިގެން އެރަށުން ފައިބާފައެވެ. ނަމަވެސް އޭނާގެ އާއިލާ މީހުން ވަނީ ފުލުހުންނަށް ހުރަސް އަޅާ ކުއްޖާ ގެންދިޔަ ނުދޭން މަސައްކަތް ކޮށްފައެވެ. އަދި އެ ވަގުތު ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްފައެވެ.

އެއީ އެކުއްޖާ ނެގުމަށް ނެރެފައިވާ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުން އެރަށަށް އެރި ދެވަނަ ފަހަރެވެ. މިދިޔަ މެއި އެއްވަނަ ދުވަހު ވެސް ފުލުހުން ވަނީ ކުއްޖާ ނެގުމަށް ގޮސްފައެވެ. ނަމަވެސް އެފަހަރު ކުއްޖާ ރޯވަރުން ވަނީ އެކުއްޖާ މަންމައާއި ހަވާލު ކުރުމަށް ނުގެންދެވިފައެވެ.

ކުރިން ފުލުހުން ބުނެފައިވާ ގޮތުން ކުއްޖާގެ ބައްޕަގެ މައްޗަށް ވަނީ ފެމެލީ ކޯޓުން އަމުރެއް ކޮށްފައެވެ. އޭގައިވާ ގޮތުން މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ދަރިފުޅުގެ ބައްޕަގެ މައްޗަށް ހަތް ދުވަހުގެ ތެރޭ ކުއްޖާ މަންމައާ ހަވާލުކުރަން އަންގަވާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް ހަތް ދުވަސް ހަމަ ވީއިރުވެސް ކުއްޖާ ހަވާލުކޮށްފައިނުވާތީ ކޯޓްގެ ހުކުމް ތަންފީޒު ކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެފަހަރު ކަންތައްތައް ހިނގާ ދިޔަ ގޮތުން ކުއްޖާގެ ބައްޕަ ގެ ފަރާތުން ވަނީ އެމައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައެވެ.

އެކޮމިޝަނަން ހުށަހެޅި ސިޓީގައި ބުނެފައިވަނީ ފުލުހުން މަސައްކަތް ކުރީ ކުއްޖާއާއި ކުއްޖާގެ ބައްޕަ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ކަމަށާއި ނަމަވެސް ކޯޓް އަމުރެއް ނެތި ކުއްޖާގެ ބައްޕަ ހައްޔަރު ކުރަން އުޅުމުން އާއިލާއިން ހުރަސްއެޅި ކަމަށެވެ.

އާއިލާގެ ފަރާތުން ކޮމިޝަނަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ފުލުހުން އެރޭ ވެސް ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށާއި އެގޮތުން ކުއްޖާ ގޮވައިގެން ބައްޕަ ފިލިކަމަށް ބުނެފައިވާ ކަމަށެވެ.

ފުލުހުން ފެތުރި އެވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަންވެސް ބަލައިދީ، އެ މައުލޫމާތު ފެތުރި ފުލުހުންނާއިމެދު ފިޔަވަޅު އަޅައިދިނުމަށް އާއިލާގެ ފަރާތުން ކޮމިޝަނުގައި އެދިފައިވެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ސުނޫޕް ޑޯގް

ތިހެން ކަންތަކެއް ނުކުރެވޭނެ ގާޒީ އައް ވެސް. ތިކަން ތިގޮޮތައް ހުކުމްކުރި ގާޒީ ތި ކުރީ ގާނޫނީ ބޮޒުކުށެއް

ޕޮލިސް މީހާ

"Fazeel" ނަމުގައި ކޮމެންޓްކޮށްފައިވާ މީހާ އަށް ބުނެލަން އޮތީ ގާނޫނު ތަންފީޒުކުރުމަށް ޓަކައި ގާނޫނުގެ މަތީގައި ތިބިމީހުން ހިފާ ހައްޔަރުކޮށް ބަލަ. ނުކުރޭނެ. ނިކަމެއްޗެއްވީމަ ތިޅިތަނެގެން ތިޔަ އުޅެނީ. އަލީ ހަމީދުގެ އުމުރު ބަދަލުކުރި މައްސަލާގައި ގާނޫނު ތަންފިޒުކުރަން ފުލުހުން ނުކުމެ ބަލަ. ނުވާނެ ތިޔަ ފުލުހުންގެ އަގު ވަނީ ވައްޓާލާފައި ވަރަށް ސޮރީ.

ނިކަމެތި ދިވެއްސެ

ފުލުހުންނާއި މެދު ހުށަހެޅޭ އެއްވެސް މައްސަލައެއް ނުބެލޭނެ.. ދެން އޮތީ ހައްޔަރު ކުރެވުނު އާންމުންގެ ވާހަކަ.. ދައުވާ ކުރާނެ.. އަހަރުތަކެއް ފަހުން އެއްދައުވާގެ ޝަރީޢަތްތައް ހިގާނެ އޭގެ އަހަރުތަކެއް ފަހުން ހުކުމްވެސް ކުރާނެ.. މިޝަރިޢީ ނިޒާމުގެ ބަރޯސާގަ ދެރަނިކަމެތިން އަނަރޫފަ ވާއިރު ސަރުކާރުން ސިޔާސީ ދައުވާތައް ބާރު ސްޕީޑުގައި...