Dhunfathuge vagu viyafaari Huttuvumah Amalee Massaikai Raajjein Fashanee
image
ދުންފަތުގެ ވަގުވިޔަފާރި ނައްތާލުމަށް ރާއްޖެއިން ބައިވެރިވާން މަޝްވަރާ ކުރަނީ
0 ކޮމެންޓް
 

ދުންފަތުގެ ވަގުވިޔަފާރި ހުއްޓުވުމުގެ އަމަލީ މަސައްކަތް ރާއްޖެއިން ފަށަނީ

ދުންފަތުގެ ވަގުވިޔަފާރި ނައްތާލުމާއި ބެހޭ ގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެކަމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތުގައި ތެރެއިން 2005 ވަނަ އަހަރު އަމަލު ކުރަންފެށި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބައިނަލް އަގްވާމީ މުއާހަދާ ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފްސީޓީސީ) ގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ކުރިއަށްދާ ބައްދަލުވުން ފައްޓަވާ ދެއްވާ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑައިރެކްޓާ ހަސަން މުހައްމަދު ވިދާޅުވީ މިއަދު ފެށުނު ބައްދަލު ވުމަކީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބައިނަލް އަގްވާމީ މުއާހަދާގައި ރާއްޖެއިން ކުރިއަށްގެންދަން ހުރި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ.

"އެމުއާހަދާގައި ބައިވެރިވުމުގެ ސަބަބުން ކުރެވިފައިވަނީ ކޮން ކަންތައްތަކެއްތޯއާއި އެ ޕްރޮޓަކޯލްގައި ބައިވެރިވުމަށް ރާއްޖެއިން ކުރަންވާ ކަންތައްތައްތައް ހުރީ ކިހާ ވަރެއްގެތޯއާއި އަދި މުއާހަދާއާއި ގުޅިގެން ރާއްޖެއަށް ލާޒިމުވާ ކަންތައްތަކީ ކޮބާތޯބަލައި ބައިވެރިންގެ މެދުގައި މަޝްވަރާ ކޮށް އިތުރަށް ކުރިއަށްދާނެ ގޮތެއް ނިންމުން" ހަސަން ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ގާއިމު ކުރެވިފައިވާ މުއާހަދާގައި ރާއްޖެއިން ވަނީ ބައިވެރިވެފައިވާއިރު އެމުއާހަދާގެ 15 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް 2012 ވަނަ އަހަރު ވަނީ ދުންފަތުގެ ވަގުވިޔަފާރި ހުއްޓުވުމަށް ދޭދޭ ގައުމުތަކުގައި މަޝްވަރާ ކޮށް ހާއްސަ ޕްރޮޓަކޯލެއް ފާސްކޮށްފައެވެ.

އާންމު އުސޫލެއްގެ ދަށުން މުއާހަދާއެއް ސޮއި ކުރުމަށް ހުޅުވާލުމަށްފަހު ވަކި މުއްދަތެއްދީފައި ރެޓިފިކޭޝަންއަށް ހުޅުވާލައެވެ. އެއުސޫލުގެ ދަށުން މަދުވެގެން 40 ގައު ބައިވެރި ވުމުން މުއާހަދާ ތަންފީޒުވާން ފަށާނެއެވެ.

ޑަބްލިއުއެޗްއޯގެ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދެ ގައުމަކުން އެ މުއާހަދާގައި ސޮއި ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ދިވެހިރާއްޖޭން މަސައްކަތް ކުރަމުންދަނީ އެއުސޫލުން އެ މުއާހަދާގައި ބައިވެރި ވެވޭތޯ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މިނިސްޓްރީންނާއި އެކިދާއިރާތަކުންވެސް މަސައްކަތް ކުރަމުންދަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަމަލީ މަސައްކްތަކެއް ކުރުން ކަމަށެވެ.

"އަމަލީ ސިފައެއް ގެނައުމައްޓަކައި ގާނޫނު ތަންފީޒު ކުރުމަށް ގަވާއިދެއް ހަދައިގެން، އެގަވާއިދުތައް އިތުރަށް ދިރާސާ ކޮށް، ރިވިއުކޮށް، ހެދުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކެއް ޖޫންގައި ޓްބޭކޯ ކޮންޓްރޯ ބޯޑެއް އެކުލަވާލާފަ. އެބޯޑްގެ ޖަލްސާ މިދިޔަ ހަފްތާގައި ވަނީ އިފްތިތާހު ކުރެވިފަ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި އެންމެ މުހިންމު އެއްކަމަކީ މިހާރު ތިބި ޒުވާން ޖީލް އެކަމުން ރައްކާތެރި ކުރުމަށް ކުރެވެން ހުރީ ކޮންކަމެއްތޯ ބަލައި އެކަންކަމަށް މަސައްކަތް ކުރުން ކަމަށެވެ.

މި މުޖުތަމައުން ދުންފަތް ނައްތާލުމަށް މަސައްކަތް ކުރާއިރު އެންމެ އިސްކަމެއްދޭންޖެހޭ އެއްކަމަކީ ވަގު ވިޔަފާރި ނައްތާލުން ކަމަށާއި އެކަން ކުރުމަށްޓަކައި ވަރަށް ގިނަ އިދާރާތަކާއި އަމިއްލަ މުއައްސަސާތަކާއި ވިޔަފާރި ވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު