Murray Tennis ge evvana ah
image
މުރޭ --
0 ކޮމެންޓް
 

މުރޭ ޓެނިހުގެ އެއްވަނަ އަށް

ދުނިޔޭގެ ޓެނިސް އެއްވަނަ ކުޅުންތެރިޔާގެ މަގާމުގައި ހުރި ސާބިއާގެ ނޯވަކް ޖޮކޮވިޗް ފަހަތަށް ޖައްސާލުމަށް ފަހު އިނގިރޭސި ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ ޓެނިސް ރޭންކިންގެ އެއްވަނަ އަށް އަރައިފި އެވެ.
މުރޭ ރޭންކިންގެ އެއްވަނަ އަށް އަރާފައިވަނީ ޕެރިސް މާސްޓާސް ޓެނިސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުންނެވެ. މުރޭ އަށް އެ މުބާރާތުގެ ފައިނަލުން ޖާގަ ލިބުނީ އޭނާ އާ ދެކޮޅަށް ކުޅެން ޖެހުނު މިލޮސް ރައޮނިޗް އަނިޔާގެ ސަބަބުން އެ މެޗު ދޫކޮށްލުމުންނެވެ.

މުރޭ ވަނީ މިއަހަރުގެ ވިމްބަލްޑަން މުބާރާތުގެ ޗެމްޕިއަންކަމާއި އޮލިމްޕިކުން ރަން މެޑަލް ހޯދައިފަ އެވެ. އޭގެ އިތުރުން 12 އިވެންޓެއްގެ 11 ފައިނަލަށް އޭނާ ދަތުރުކުރި އިރު އޭނާ ވަނީ 73 މެޗަކުން މޮޅުވެފަ އެވެ.

"އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ދުނިޔޭގެ އެއްވަނަ އަހަންނަށް ލިބޭނެ ކަމަކަށް،" މުރޭ ބުންޏެވެ. "މި ހިސާބަށް އާދެވުނީ ގިނަ އަހަރުތަކެއްގެ މަސައްކަތުން. މިކަން ކުރަންވެސް ވަރަށް އުނދަގޫ، އެއީ ޓެނިސް ކުޅޭ އެހެނިހެން ކުޅުންތެރިންވެސް އެހާ މޮޅުވީމަ."

މުރޭ ވަނީ ތިން ފަހަރު ގްރޭންޑް ސްލޭމް ހޯދައި، ދެ ފަހަރު އޮލިމްޕިކުން ރަން މެޑަލް ހޯދުމުގެ އިތުރުން އިނގިރޭސިވިލާތަށް ޑޭވިސް ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ އަށް ޓެނިހުގެ އެއްވަނަ ލިބުންކަން ރަސްމީކޮށް ކަށަވަރުވާނީ ރޭންކިންތައް ހޯމަ ދުވަހު އިއުލާންކުރުމުންނެވެ.
ޓެނިސް
ހިޔާލު