Volley league ge champion kan sifainnah
image
ޗެމްޕިއަން ސިފައިންގެ ޓީމް -- ފޮޓޯ: ވޮލީ އެސޯސިއޭޝަން
0 ކޮމެންޓް
 

ވޮލީ ލީގުގެ ޗެމްޕިއަންކަން ސިފައިންނަށް

މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ.
ލީގުގެ ފަހު މެޗުގައި ރޭ ސިފައިން މޮޅުވެ އެ ޓީމުން ލީގު ކާމިޔާބުކޮށްފައިވަނީ ނުވަ މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. މުބާރާތުގެ ދެވަނަ ހޯދި މޯލްޑިވިއަން އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު 22-25 އިން ސިފައިން ކާމިޔާބުކުރި އިރު، މޯލްޑިވިއަން ވަނީ 25-21 އިން ދެވަނަ ސެޓު ގެންގޮސްފަ އެވެ. އެއާ ޖެހިގެން އައި ސެޓު 20-25 އިން ސިފައިން ކާމިޔާބުކޮށް ލީޑު ނެގި އިރު، އެ ޓީމަށް ޗެމްޕިއަންކަން ލިބުނީ ފަހު ސެޓު 18-25 އިން ކާމިޔާބުކޮށްގެންނެވެ.

ފަހު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ޖާޒީ ނަންބަރު 14 އަކަށް ކުޅެމުން އަންނަ އާދަމް ނަސީމް އެވެ.

ގައުމީ ވޮލީ ލީގުގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ސްޕޯޓްސް ކްލަބް ސިޓީގެ ހަސަން ރަޒާން ހޮވުން އިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ހަސަން ނިލާމް އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ސިފައިންގެ ކްލަބުގެ އާދަމް ނަސީމް ހޮވުން އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ މުބާޝިރު ރަޒާ އެވެ.
ވޮލީ ބޯޅަ
ހިޔާލު