Firihen final ah Maldivian, Annhen final ah miskiyymagu dhathuru kohfi
image
ފޮޓޯ: ވޮލީ އެސޯސިއޭޝަން
0 ކޮމެންޓް
 

ފިރިހެން ފައިނަލަށް މޯލްޑިވިއަން، އަންހެން ފައިނަލަށް މިސްކިތްމަގު ދަތުރުކޮށްފި

އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ފައިނަލަށް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ދަތުރުކުރި އިރު، ގައުމީ ވޮލީ މުބާރާތުގެ އަންހެން ބައިގެ ފައިނަލަށް ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން ދަތުރުކޮށްފި އެވެ.
ފިރިހެން ވޮލީ މުބާރާތުގެ ފައިނަލުން މޯލްޑިވިއަން ޖާގައެއް ހޯދާފައިވަނީ ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗުން ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 2-3 ސެޓުން މޮޅުވެގެންނެވެ.

ސިފައިންގެ އަތުން ރޭ މޯލްޑިވިއަން މޮޅުވި އިރު، ގައުމީ ވޮލީ ލީގުގައި މޯލްޑިވިއަން ބަލިކޮށް ސިފައިން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ސިފައިންގެ އަތުން މޯލްޑިވިއަން ބަދަލު ހިފި ނަމަވެސް، ސިފައިންނަށް އަދި މުބާރާތުގައި ފުރުސަތު އެބައޮތެވެ. އެގޮތުން، ތިންވަނަ ސެމީ ފައިނަލުގައި އެ ޓީމުން ޕޮލިސް ކްލަބާ ދެކޮޅަށް މިރޭ ނުކުންނާނެ އެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ ބުރާސްފަތި ދުވަހުގަ އެވެ.

އަންހެން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު ހޯދާފައިވަނީ މޯލްޑިވިއަންގެ އަންހެން ޓީމާ ވާދަކޮށް ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ގައުމީ ލީގުން ދެވަނަ ހޯދި މިސްކިތްމަގު މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 20-25، 15-25 އަދި 17-25 އިންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތްމަގުގެ ބުއާލީ ޖަރޮއެންސްރީ އެވެ.

މުބާރާތުގެ ފައިނަލުގެ އަނެއް ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ މިއަދު ކުޅޭ ތިންވަނަ ސެމީ ފައިނަލުންނެވެ. ތިންވަނަ ސެމީގައި ނުކުންނާނީ މޯލްޑިވިއަން އަދި ޕޮލިސް ކްލަބެވެ.
ވޮލީ ބޯޅަ
ހިޔާލު