Gaumee Volley mubaaraathuge final ge fahu jaaga sifainnah
image
ވޮލީ ލީގު ކާމިޔާބުކުރި ސިފައިންގެ ކްލަބް -- ފޮޓޯ: ވޮލީބޯޅަ އެސޯސިއޭޝަން
0 ކޮމެންޓް
 

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ސިފައިންނަށް

އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީ މުބާރާތުގައި ވާދަވެރި ޕޮލިސް ކްލަބް އަތުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ތިންވަނަ ސެމީ ފައިނަލުގައި ރޭ ޕޮލިސް ކްލަބާ ވާދަކޮށް ސިފައިން މެޗު ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު ސިފައިން ކާމިޔާބުކޮށްފައި ވަނިކޮށް ޕޮލިސް ކްލަބުން ވަނީ ތިންވަނަ ސެޓު ކާމިޔާބުކޮށް އުންމީދު އާ ކޮށްފަ އެވެ. އެހެން ނަމަވެސް، ސިފައިންގެ ކްލަބުން ވަނީ 26-19 އިން ފަހު ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ އިޝާން މުހައްމަދެވެ.

ގައުމީ ވޮލީ ލީގުގެ ފިރިހެން ފައިނަލުގައި މާދަމާ ރޭ ސިފައިން ނުކުންނާނީ ފުރަތަމަ ސެމީގައި ސިފައިން އަތުން މޮޅުވި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. މީގެ ކުރިން ގައުމީ ވޮލީ ލީގުގައި ސިފައިން ވަނީ މޯލްޑިވިއަން ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ގައުމީ ވޮލީ މުބާރާތުގެ އަންހެން ފައިނަލުގައި މާދަމާ ރޭ ބައްދަލުކުރާނީ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކްލަބެވެ. މިސްކިތްމަގުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނިކޮށް ޕޮލިސް ކްލަބް ފަހު ޖާގަ ހޯދާފައިވަނީ ތިންވަނަ ސެމީގައި އިއްޔެ މޯލްޑިވިއަން އަތުން 3-1 ސެޓުން މޮޅުވެގެންނެވެ.
ވޮލީ ބޯޅަ
ހިޔާލު