Namaadhu ge muhhimu kamaai namaadhu elhumuge hukkum
image
ދަތުރުވެރިއަކު ސްނޯގެ ފަރުބަދައެއްމަތީ ނަމާދު ކުރަނީ
1 ކޮމެންޓް
 

ނަމާދުގެ މުހިއްމުކަމާއި ނަމާދު އެޅުމުގެ ޙުކުމް

ނަމާދަކީ ޚާއްޞަ ޢަމަލުތަކަކާއި ކިއުންތަކެއްގެ މައްޗަށް އެކުލެވިގެންވާ އަޅުކަމެކެވެ. ނަމާދު ތަކުބީރުން ހުޅުވާލެވެއެވެ. އަދި ތަސްލީމަކުން ނިންމާލެވެއެވެ. އެބަހީ: الله أكبر އިން ފެށެއެވެ. السلام عليكم ނިންމާލެވެއެވެ. ނަމާދަކީ އިސްލާމްދީނުގައި އެއަޅުކަމެއް އަދާކުރުމަށް އެންމެ ބާރު އަޅުއްވާފައިވާ އަޅުކަމެވެ. ނަމާދަކީ ދީނުގެ ތަނބުވެސް މެއެވެ. އެ އަޅުކަމާއި ނުލައި ދީން ޤާއިމްވެ ނުހުންނާނެއެވެ. ނަމާދުގެ މުހިއްމުކަން ކީރިތި ޤުރުއާނުންނާއި، މާތް ނަބިއްޔާ މުޙައްމަދުއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ވަރަށް ރީތިކޮންފެންނަން އެބައޮތެވެ.
رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. " ހުރިހާކަމެއްގެ އަޞްލަކީ އިސްލާމްދީނެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ." އަޅުކަންތަކުގެތެރެއިން އެންމެ ފުރަތަމަ ކުރުމަށް ފަރުޟު ކުރެއްވި އަޅުކަމަކީވެސް ނަމާދެވެ. މާތްﷲ އެހެން އެއްވެސް މެދުވެރިއަކާއިނުލައި ފަރުޟުކުރެއްވި އަޅުކަމަކީވެސް ނަމާދެވެ. ނަމާދު ފިޔަވާ އެހެން ހުރިހާ އަޅުކަމެއްވެސް ފަރުޟު ކުރައްވާފައިވަނީ ޖިބުރީލުގެފާނުން މެދުވެރި ކުރައްވައިގެންނެވެ. އެނަމާދު ފަރުޟުކުރެއްވުމުގައި އެކަލާނގެ އިސްވެ ވޮޑިގެންނެވިއެވެ.

أحمد އާއި نسائي އާއި ترمذيّ ސައްޙަ ސަނަދަކުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. "އެކަލޭގެފާނާއިގެން އިސްރާކުރެވުނު ރޭގައި ފަންސާސް ނަމާދު نبيَّ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ފަރުޟުކުރެވުނެވެ. ދެން ފަސްނަމާދަށް ވެއްޖައުމަށް ދާންދެން އުނިކުރެވުނެވެ. ދެން ވަޙީކުރައްވައި ނިދާއިއްވެވިއެވެ. މުޙައްމަދެވެ! ހަމަކަށަވަރުން އެނަމާދު އެކަލާނގެ ޙަޟުރަތުގައިވާގޮތެއް ބަދަލެއް ނުކުރައްވައެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނަށް މިފަސްނަމާދުން ފަންސާސް ނަމާދުގެ ޘަވާބުލިބޭހުއްޓެވެ."

އިންސާނާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަޅުކަމަކީވެސް ނަމާދެވެ. طَبَرَانِي ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ޤިޔާމަތްދުވަހު އަޅާގެ މައްޗަށް ފުރަތަމަ އެކަމެއްގެ ޙިސާބުބެލެވޭނީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ރަގަޅުވީއެވެ. އަދި އެފާސިދުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ފާސިދުވީއެވެ."

رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދުނިޔެއާއި އަލްވަދާޢު ކިޔުއްވަމުން ކުރެއްވި ވަޞިއްޔަތްޕުޅުގައިވެސް ނަމާދަށް ރައްކާތެރިވުމަށް އަންގާފައި ވެއެވެ. އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ. "ނަމާދު ނަމާދެވެ. އަދި ތިޔަބައިމީހުނަށް މިލްކުވެގެންވާ އަޅުންނެވެ." ދުނިޔެ ފަހަށް ދިޔަދިޔަހެން މީހުން ދީނާއި ދުރަށް ދަމުންދާނެއެވެ. މިވާހަކަ އަންގަވަމުން رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. " އެންމެ ރަނގަޅު ޤަރުނަކީ ތިމަން ކަލޭގެފާނުންގެ ޤަރުނެވެ. ދެން އެއާއި ޖެހިގެން އަންނަ ޤަރުނެވެ. ދެން އެއާއި ޖެހިގެން އަންނަ ޤަރުނެވެ. " މީހުން ދީނާއި ދުރުވެ ދީނުގެ އަޅުކަންތައް ދޫކުރަމުންދާނެއެވެ. މި ގޮތަށް ކުރުން އެންމެ ފަހުން ހުއްޓާލާނެ ޢަމަލަކީވެސް ނަމާދެވެ. ނަމާދު ކުރުން މީހުން ހުއްޓާލާ ހިސާބުން މުޅިއިސްލާމްދީން ނެތިގެންދާނެއެވެ. މި ކަމުންވެސް ނަމާދުގެ އަހައްމިއްޔަތު އެނގިގެން އެބަދެއެވެ.

رسول الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. "ހަމަކަށަވަރުން އިސްލާމްދީނުގެ އުޅައްގަޑު އުޅައްގަޑަކުން އުޅައްގަޑަކުން ނެއްޓިދެއެވެ. ފަހެ އުޅައްގަޑެއް ނެއްޓިދާހިނދު ފަހެ މީސްތަކުން އެއާއިޖެހިގެން ހުރިއުޅައްގަނޑުގައި އެލިގަނެއެވެ. ފަހެ އޭގެތެރެއިން އެންމެފުރަތަމަ ނެތިގެންދާނީ ޙުކުމްތަކެވެ. އަދި އޭގެތެރެއިން އެންމެފަހުން ނެތިގެންދާނީ ނަމާދެވެ."

މިހާހިސާބަށް ބަލާލެވިފައިމިވަނީ ސުންނަތުގައި ނަމާދަށް ދެވިފައިވާ ސަމާލުކަމަށް ވަރަށް ކުޑަމިންވަރެކަށެވެ. ދެން ކީރިތި ޤުރުއާނުގައި ނަމާދު ކުރުމަށްއ ބާރު އަޅުއްވާފައިވާ މިންވަރަށް ބަލައިލާނަމެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކަށް ބަލައި ވިސްނައި ހަދައިފި ކޮންމެ މީހަކަށް އެ މޫރިތި އާޔަތް ތަކުގައި ނަމާދަށްވަރަށް ބޮޑު ސަމާލުކަމެއް ދެއްވާފައިވާތީ ފެންނާނެއެވެ. އެގޮތުން ބައެއް ފަހަރަށް ނަމާދާއި ﷲ ގެ ޛިކުރުކުރުމާއި ގުޅުވާލައްވާފައިވާތީ ފެންނާނެއެވެ. ތިރީގައި މިވަނީ އެފަދަ ބައެއް މިޘާލުތަކެވެ.

وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ - العنكبوت: ٤٥ މާނައީ: "ހަމަކަށަވަރުން ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން ﷲ ހަނދުމަ ކުޅައުމަކީ އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެން ވެއެވެ.

قَدْ أَفْلَحَ مَن تَزَكَّى وَذَكَرَ اسْمَ رَبِّهِ فَصَلَّى - الأعلى: ١٤ – ١٥ މާނައީ: "(ކާފިރުކަމުން) ޠާހިރުވެ އަދި އެމީހާގެ ވެރި ރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް ނަމާދުކުޅަ މީހާ ކާމިޔާބު ވެއްޖެކަން ކަށަވަރެވެ."

إِنَّنِي أَنَا اللَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي - طه: ١٤ މާނައީ:" ތިމަންރަސްކަލާނގެ ޛިކުރުކުރުމަށްޓަކާ ތިބާ ނަމާދު ޤާއިމުކުރާށެވެ." ބައެއްފަހަރަށް ޒަކާތާއި ގުޅާލައްވައެވެ.

وَأَقِيمُواْ الصَّلاَةَ وَآتُواْ الزَّكَاةَ -البقرة: ١١٠ މާނައީ: "ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ. އަދި ތިއަބައިމީހުން ޒަކާތް ދޭށެވެ."

وَاسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ وَإِنَّهَا لَكَبِيرَةٌ إِلاَّ عَلَى الْخَاشِعِينَ - البقرة: ٤٥ މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ."އަދި ބައެއް ފަހަރަށް ޤުރްބާނީ އާއި އަޅުކަމާ ގުޅުވާ ލައްވައެވެ.

فَصَلِّ لِرَبِّكَ وَانْحَرْ - الكوثر: ٢ މާނައީ: "ފަހެ ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. އަދި ޤުރްބާން ކުރައްވާށެވެ. ބައެއް ފަހަރަށް ހެޔޮކަމުން ނަމާދު ހުޅުވާ ލައްވައި އަދި އެހެޔޮކަމުންޚަތިމުވެސް ކުރައްވައެވެ. ސޫރަތުލް މިޢްރާޖުގައްޔާއި، ސޫރަތުލް މުއުމިނޫންގެ ފެށޭތާގައި އައިސްފައިވާ ފަދައިންނެވެ. "

قَدْ أَفْلَحَ الْمُؤْمِنُونَ . الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ . وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ . وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ . وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ . إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ . فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ . وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ . وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ . أُوْلَئِكَ هُمُ الْوَارِثُونَ . الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ - المؤمنون: ١ – ١١

މާނައީ: "މުއުމިނުން ކާމިޔާބު ވެއްޖެކަން ކަށަވަރެވެ. އެމީހުންނަކީ އެމީހުންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ. އަދި އެބައިމީހުންނަކީ ބޭކާރު ވާހަކަތަކާއި ކަންތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ. އަދި އެބައިމީހުންނަކީ ޒަކާތްދޭ މީހުންނެވެ. އަދި އެބައިމީހުންނީ އެބައިމީހުންގެ ފަރުޖުތަކަށް ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބިންގެ މައްޗަށާއި ހަމަކަށަވަރުން އެމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ އެބައިމީހުންނަކީ އެކަމުގައި މަލާމަތް ލިބިގެންނުވާ މީހުންނެވެ. ފަހެ އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހާ (ދަންނާށެވެ.) ފަހެ އެމީހުންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނައަޅައި ދާމީހުންނެވެ. އެބައިމީހުންނީ އެބައިމީހުންގެ އަމާނާތަތްތަކަށާއި އަދި އެބައިމީހުންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ. އަދި އެމީހުންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. (ހެޔޮކަން) ވާރުތަވާ މީހުންނަކީ އެބައިމީހުންނެވެ. އެމީހުންނަކީ ފިރުދައުސޭ ކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެމީހުން އެތާނގައި ދެމިތިބޭ ހުއްޓެވެ."

މި ބަޔާން ކުރެވުނު އާޔަތްތައް ނޫނަސް މިފަދަ އެތައް އާޔަތެއްގައި މިފަދަ ގޮތްގޮތަށް އައިސްފައިވެއެވެ.

ނަމާދުކުރާ މީހުން ހިމެނެނީ މާތްﷲގެ ހިދާޔަތު ލިބިފައިވާ ޚާއްޞަ މީހުންގެ ތެރެއިންނެވެ. އެހެންކަމުން އިބްރާހީމް ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ނަމާދުކުރާ މީހުންގެ ތެރެއިން ލެއްވުމަށް އެކަލޭގެފާނު އިލާހީ ޙަޟްރަތުގައި މިފަދައިން ދުޢާކޮށް ދެންނެވިއެވެ. رَ‌بِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّ‌يَّتِي ۚ رَ‌بَّنَا وَتَقَبَّلْ دُعَاءِ -إبراهيم: ٤٠ މާނައީ: "އަޅުގެ ވެރި ރަސްކަލާކޮ! އަޅާއީ ނަމާދު ޤާއިމްކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރީން ތެރެއިންވެސް މެއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ!"

ދަތުރުވެރިންނާއި ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަކުރަމުންދާ މުޖާހިދުންނަށްވެސް ނަމާދު މަޢާފުވެގެން ނުވެއެވެ. އެހެންކަމުން މިއީ ކިހާ މުހިއްމު އަޅުކަމެއް ކަން އެނގިގެން އެބަދެއެވެ. އަދި މީގެ އިތުރުން މަތީގައި ބަޔާން ކުރެވިފައިވާ އާޔަތްތަކާއި ޙަދީޘްތަކުންވެސް ނަމާދަކީ ދީނުގައި ކޮންފަދަ މަތިވެރި ގަދަރަކާއި ޝަރަފެއް ލިބިފައިވާ އަޅުކަމެއްކަން އެނގިގެން ދެއެވެ.

ދީނުގައި މިހާ މުހިއްމު ކަމެއް ދެވިފައިވާ އަޅުކަމެއް ނުކޮށް ދޫކޮށްލުމުން ދެން އެމީހެއްގެ ޙުކުމަށް ބަލައިލުމަކީވެސް ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ. ނަމާދު ފަރުޟުކަމާއި މެދުގައި ދެކޮޅު ހަދާ އިންކާރުކޮށް ނަމާދު އަޅައިފި މީހާ، އެވަނީ ކާފިރުވެ މިއްލަތުން ބޭރުވެފައެވެ. މިކަމަށް މުސްލިމުންގެ ދަންނަބޭކަލުންވަނީ އިޖްމާޢު ވެފައެވެ. ނަމާދުގެ ވާޖިބުކަން ޤަބޫލުކޮށްގެންހުރެ، ކަންކަމުގައި މަޝްޣޫލުވެ ނަމާދު އަޅާ މީހާއާބެހޭ ގޮތުން ވާރިދުވެގެންވާ ޙަދީޘްތަކަށް ބަލާއިރު އޭނާވެސް ކާފިރުވެއެވެ. އަދި އޭނާ ވަނީ ޤަތުލުކުރުން ވާޖިބުވެފައެވެ. އެފަދަ ބައެއް ޙަދީޘްތައް ދަންނަވާލާނަމެވެ.

ޖާބިރު ބުނު ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އަޅާއާ އަދި ކާފިރުކަމުގެ ދެމެދުގައިވަނީ ނަމާދެވެ." (أحمد އާއި مسلم އާއި أبوداود އާއި الترمذى އަދި إبنُ مَاجَة މިޙަދީޘް ރިވާ ކުރެއްވިއެވެ.)

ބުރައިދާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިމަންމެނާއި ކާފަރުންނާއި ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. އެނަމާދު އަޅައިފި މީހާ ހަމަކަށަވަރުން ކާފަރުވެއްޖެއެވެ." (އަޙްމަދާއި އަޞްޙާބުއް ސުނަނު މިޙަދީޘް ރިވާ ކުރެއްވިއެވެ.)

އިބްނު އުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގެ މާނާއިގައިވެއެވެ. ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. " ﷲ މެނުވީ ޙައްޤު އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވެއްޖައުމަށް ދާނދެނެވެ. އަދި އެބައިމީހުން ނަމާދު ޤާއިމްކޮށް، ޒަކާތްދީފުމަށް ދާނދެން އެމީހުންނާއި ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެން ވިއެވެ. ފަހެ އެބައިމީހުން އެކަންކޮށްފިއްޔާ ތިމަންކަލޭގެފާނުގެ ކިބައިން އެބައިމީހުންގެ ލެއާއި އެބައިމީހުންގެ މުދާ ރައްކާތެރިކޮށްފިއެވެ. އަދި އެބައިމީހުންގެ ހިސާބުވަނީ ގަދަކީރިތި ވަންތަﷲ އަށެވެ." (މި ޙަދީޘަކީ އަލްއިމާމުލް ބުޚާރީއާއި، އާއި އަލްއިމާމު މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެކެވެ.)

މަތީގައި އެވާ ޙަދީޘްތަކުން އެނގި ހާމާވާ ގޮތުގައި ނަމާދުއެޅުމަކީ ކުފުރެކެވެ. ދީނުން ބޭރުވެގެންދާ ދިއުމެކެވެ. އަދި އޭނާގެލޭ ހުއްދަވާނެއެވެ. ނަމަވެސް ކުރިއާއި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން ކަންނެތްކަމުގެ ސަބަބުން ނަމާދު އަޅާމީހާ ޤަތުލުކުރެވޭނެކަމުގައި ދެކެވަޑައެއް ނުގަންނަވައެވެ. އަދި ކުރީގެ އާއި ފަހުގެ ގިނަޢިލްމުވެރިން ކަންނެތްކަމުގެ ސަބަބުން ނަމާދު އަޅާމީހާ ކާފަރުވާކަމުގައިވެސް ދެކެވަޑައެއް ނުގަންނަވައެވެ. މިގޮތަށް ދެކެވަޑައިގަންނަވާ އިމާމުންގެ ތެރޭގައި އަބޫޙަނީފާ، މާލިކު، އައްޝާފިޢީ، ހިމެނިވަޑައިގަންނަވައެވެ. މިބޭކަލުންގެ ތެރެއިން އިމާމު މާލިކާއި، އިމާމުއްޝާފިޢީ ދެކެވަޑައިގަންނަވަނީ ނަމާދު އަޅާމީހާ ފާސިޤުވާނޭ ކަމުގައެވެ. އޭނާއަށް ތަޥްބާވުމަށް އަމުރުކުރެވޭނެއެވެ. އޭނާ ތަޥްބާ ނުވެއްޖެނަމަ ޙައްދެއްގެ ގޮތުގައި ޤަތުލު ކުރެވޭނެ ކަމުގައެވެ. ނަމަވެސް އަބޫޙަނީފާ ވިދާޅުވާގޮތުގައިވިދާޅުވަނީ ނަމާދު އަޅާމީހާ ޤަތުލެއް ނުކުރެވޭނޭ ކަމުގައެވެ. އެހެނަސް ތަޢްޒީރު ކުރެވޭނެއެވެ.

އަދި ނަމާދުކޮށްފުމަށްދާންދެން ހައްޔަރުކޮށްފައި ބެހެއްޓޭނެއެވެ. ދެން މިފަދަ ބޮޑެތި ޢިލްމުވެރި އިމާމުން މިހެން މި ވިދާޅުވަނީ ކީއްވެގެންތޯ ބަލައިލާންޖެހެއެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި ކުރީގައި ބަޔާންކުރެވިފައިވާ ޙަދީޘްތަކުގައި އެވަނީ ނަމާދަކީ ފަރުޟެއް ނޫންކަމުގައިބުނެ އެކަމަށް އިންކާރު ކުރާ މީހުންގެ ވާހަކައެވެ. ކަންނެތްކަމުގެ ސަބަބުން ނަމާދުއަޅާ މީހާ މެރުމަށް މިޙަދީޘްތަކުން ދަލީލު ނުނެގޭނެ އަނެއް ސަބަބަކީ އެގޮތަށް އެދަލީލު ނެގުމުން ބައެއް ޢާއްމު ނައްޞުތަކާއި ތަޢާރުޟުވުމެވެ. ކީރިތި ﷲ ގެ މިބަސްފުޅާއި ވެސް ތަޢާރުޟުވާ ފަދައިންނެވެ. إِنَّ اللّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاء وَمَن يُشْرِكْ بِاللّهِ فَقَدْ ضَلَّ ضَلاَلاً بَعِيدًا - النساء: ١١٦

މާނައީ: "ހަމަކަށަވަރުން ކީރިތިﷲ އެކަލާނގެއަށް ޝަރީކުކުރުން ނުފުއްސަވާނެތެވެ. އަދި އެކަން ފިޔަވައި އެކަލާނގެ އެދިވޮޑިގެންނެވި މީހަކަށް ފުއްސަވައެވެ."

އަދި އިމާމު އަޙްމަދާއި އިމާމު މުސްލިމް އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ، فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَه وَإِنِّى اخْتَبَأْتُ دَعْوَتِى شَفَاعَةً لِأُمَّتِى يَوْمَ الْقِيَامَةِ فَهِيَ نَائِـلَةٌ. . . . .إِنْ شَاءَ اللهُ . . . . مَنْ ماَتَ لاَيُشْرِكُ بِاللهِ شَيْئًا" މާނައީ: "މުސްތަޖާބުވެގެންވާ ދުޢާއެއް ކޮންމެ ނަބީބޭކަލަކަށްވެއެވެ. ފަހެ ކޮންމެ ނަބީބޭކަލަކު އެބޭކަލެއްގެ ދުޢާކުރެއްވުމުގައި އަވަސްވެވަޑައި ގެންނެވިއެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތަށް ޝަފާޢަތްތެރިވުމަށެވެ. ކީރިތި ﷲ އާއި އެއްވެސް އެއްޗަކާއި ޝަރީކު ނުކުރާޙާލު މަރުވެއްޖެ މީހާއަށް ﷲ އިރާދަކުރެއްވިއްޔާ އެޝަފާޢަތް ލިބޭނެއެވެ." އަދި ބުޚާރީގެ ރިވާޔަތެއްގައި ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އެމީހުންގެހިތުން ޝައްކުކަމަކާއިނުލައި لاإله إلاَ الله ކިޔައިފިމީހުން ތިމަންކަލޭގެފާނުގެ ޝަފާޢަތުން ބާއްޖަވެރިން ކަމުގައި ލައްވާނެއެވެ."

الشَوْكاَنيِ ވިދާޅުވިއެވެ. "ހަމަކަށަވަރުން ޙައްޤުބަހަކީ (އިސްލާމުދީނުގައި ހުރެފާ ދީނުންބޭރުވެ) ކާފިރުވެއްޖެމީހާ ޤަތުލުކުރެވޭނޭ ބުނާ ބުނުމެވެ. އޭނާ ކުފުރުވުން ދަންނައެވެ. ފަހެ، ނަމާދު އަޅާމީހާގެ ނަމުން ޝާރިޢު ނަންދެއްވާފައިވާ ޙަދީޘުތައް ހަމަކަށަވަރުން ޞައްޙައެވެ. އެމީހެއްގެ މައްޗަށް މިނަން ބުނެވުން ހުއްދަވުމާއި މީހާއާއި ދެމެދު އެޅިފައިވާ ހުރަހަކީ ނަމާދެވެ."

ނަމާދަކީ ދީނުގައި މިފަދަ މުހިއްމުކަމެއްދެވިފައިވާ އަޅުކަމަކަށްވާއިރު، މިއަޅުކަން އަދާކުރުމުގައި ފަރުވާ ކުޑަކުރުމަކީ އެއްގޮތަކަށްވެސް ބުއްދިވެރި ކަމެއްނޫނެވެ. މާތްﷲއީ އެކަލާނގެ އަޅުތަކުންގެ ތަޥްބާ ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ. ފާފައިން ތަޥްބާވެއްޖެމީހާ ފާފައެއް ނުކުރާފަދައެވެ. އެހެންކމުން މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ނަމާދު އަދާކުރެއްވުމަށްދެއްވަވާށެވެ. އޭރުން މާތްﷲގެ އިރާދަފުޅާއިއެކުގައި ދެދުނިޔޭގެ ބާއްޖަވެރިކަންލިބޭނެއެވެ.



ނޯޓް: މި ލިއުމަކީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ނަކަލު ކޮށްފައިވާ ލިއުމެކެވެ.
ނަމާދު ދީނީ
ހިޔާލު

ވާޓިކަލް ލިމިޓް

ރަގަޅު ލިޔުން ކޮޅެއް. ޔާ ﷲ ދިވެހިންނަކީ އިޚްލާސްތެރިކަމާއިއެކު ދެއްކުންތެރިކަންނުވާ ނަމާދެއް ކުރާ ބަޔަކު ކަމުގާ ލައްވާށި، އާމީން!