Utheem Meta Gandu, Enmege Angatha Foni kohlaifi
image
އުތީމު މެޓާގަނޑު--
ފާތިމަތު ނިހާމާ
1 ކޮމެންޓް
 

އުތީމު މެޓާގަނޑު، އެންމެންގެ އަނގަތަށްވެސް ފޮނިކޮށްލައިފި

ހަމަހަމަ ކަމަށް ލޯބި ކުރަމުން އަންނަ ޒަމާނެއްގައި އަންހެނުންނާއި ފިރިހެނުންގެ ދައުރުވެސް ކޮންމެވެސް ވަރަކަށް ދަނީ އެއްހަމައެއްގައި ފައި ހަމަކުރަމުންނެވެ. ތަރައްގީވެފައިވާ ރަށްރަށް އެކަންޏެއްނޫނެވެ. މާބައިވަރު ވަސީލަތްތަކެއް ނެތްކަމުގައިވިޔަސް އާމްދަނީ ހޯދަން އަންހެނުންނާއި ފިރިހެނުން އާދައިގެ ކުދި ރަށްރަށުގައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެން އެއް މިސާލަކީ ހއ އުތީމެވެ.
އާބާދީގެ ގޮތުން މާބޮޑު ރަށެއް ނޫނެވެ. ބޮޑެތި ރަށްރަށުގައި އޮންނަ ވަރަށް ވަޒީފާގެ ފުރުސަތުތައް ނެތް ކަމުގައި ވީނަމަވެސް އެރަށަކީ ފިރިހެނުންނަން ދޫ ނުކުރާފަދަ އަންހެންވެރިންތަކެއް ދިރިިިިއުޅޭ ރަށެކެވެ. މީގެ ކުރިން ދިވެހިންގެ ތެރޭގައި ކޮށްއުޅުނު ފަދަ މަސައްކަތްތައް އެރަށު އަންހެންވެރިން ވަރަށް ފަރިތައެވެ. ބޮނބިއެޅުމާއި ރޯނުވެށުމާއި ފަންގެވިނުން އެކައްޏެއް ނޫނެވެ. އެއީ މުރާލި ހީވާގި އަންހެން ރައްޔިތެއް އުޅެމުންދާ ރަށެކެވެ. މިއަދު އެރަށު އަންހެން ވެރިން ގިނަބަޔަކު ދަންނަން ފަށައިފިއެވެ. އެމީހުންގެ ސިފަޔަކުން ނޫނެވެ. އެމީހުންގެ އަތުގެ ކުޅަދާނަ ކަމުންޏެވެ. ރަހައިގެ މޮޅު ކަމުންނެވެ. ދައްކަން މިއުޅެނީ ރާއްޖޭގެ އެތައް ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ އެއްޗެއްގެ ވާހަކައެވެ. އުތީމު "މެޓާގަނޑު" ގެ ވާހަކައެވެ. މީވާ ފިސާރި މީރު އެއްޗެކެވެ.

މެޓާގަނޑުގެ އަސްލު ފެށުން:

އެއީ މީގެ ދެތިން އަހަރު ކުރިން އުތީމަށް ހދ ނެތްލައިދޫ ބަޔަކު ދިން މެޓާ ގަނޑެކެވެ. އެހީސާބުން އެއީ ކޯޗެއްކަން އުތީމު ރައްޔިތުންނަން ފެނުން ކަމަށްވެއެވެ. ނަމަވެސް އެ މެޓާގަނޑުގެ ރަހަ އުތީމު މީހުންނަން ކަމަކަމު ނުދިިޔައެވެ. އެހެން ކަމުން އެ މެޓާގަނޑު އެމީހުންނަން ބޭނުންވާ ގޮތަށް ރަހަ ހެޔޮވަރު ކޮށްލިއެވެ. މިއަދު އެރަހައަކީ ގިިނަ ބަޔަކަށް ކަމުދާ މީރު އެއްޗަކަށް ވެއްޖެއެވެ.

މެޓާގަނޑު ހަދާގޮތް:


ބޭނުންވާ ތަކެތި--

މިއީ ހަދާކަށް މާ ގިނަ އެއްޗެހި ތަކެއް ބޭނުންވާ ވެސް އެއްޗެއް ނޫނެވެ. ބޭނުންވަނީ ކަނަމަދާއި، ގެރިކިރާ، ގަރަށްމަސާލު (ފޮނިތޮށި ކާފޫރު ތޮޅީ) އަދި ފިނފެނެވެ. އުތީމުގެ ގިނަ ބަޔަކު މި މަސައްކަތް ކުރާއިރު އެކި މީހުން މިންކުރާވަރު ތަފާތުވެއެވެ. އެހެންނަމަވެސް ރަހައިގައި މާބޮޑު ތަފާތު ކަމެއް ނުހުރެއެވެ.

މެޓާގަނޑަށް ބޭނުންވާ ތަކެތި މަދުވާފަދައިން ހަދަންޖެހޭ ގޮތްވެސް މާ އުދަގުލެއް ނޫނެވެ. އެއްލާހިއާއި ދަޅެއްގެ ހަތަރު ބައިކޮށްފައި އެއްބައި ނުވަތަ އެއްލާހި ބައި މަދު އަޅާއިރު، އޭގެން ކޮންމެވެސް މިންވަރެއް މިކްސަރަށް ލާފައި މުގުރާލައެވެ. އަނެއްބައި ބުރިބުރިކޮށްފައި ބޭނުން ކުރެއެވެ.

ފުރަތަމަ ތެއްޔެއްގެ ތެރެއަށް ގެރިކިރުދަޅު އަޅާލުމަށްފަހު މަޅުކޮށްލަނީއެވެ. އޭގެ ތެރެއަށް ފޮނިތޮށި ކާފޫރު ތެލާއި ފިނި ފެން ކޮޅެއް ވެސް ބައެއް ފަރާތްތަކުން އަޅައެވެ. ދެން އެ މަޅުވާގޮތްވުމުން އޭގެ ތެރެއަށް ބުރިކޮށްފައި ހުރި ކަނަމަދު ކޮޅު އަޅައި، ގިނި މެދުމިނެއްގައި ބަހައްޓައިގެން ދަވާލައެވެ. އެއަށްފަހު އޭގެ ތެރެއަށް މުގުރާރާފައި ހުރި މަދުކޮޅު އަޅާލައެވެ. ރަނގަޅަށް މަޅުވެ ހަރުވަންދެން ދޭފަތުން ހާކާށެވެ. އެއަށްފަހު ތައްޔާރު ކޮސްފައިވާ ތެލީގައި ވައްކޮށް ގުޅަހަދާލާހެން ގެނެސް އެކަމަށް ހާއްސަ ކޮށްފައިވާ ތައްގަނޑުގެ މަތީބާއްވާ ރޮށި ދަމާހެން ދަމާލާށެވެ. އެމީހަކު ބޭނުންވާ ޑިޒައިނަކަށް މެޓާގަނޑު ތައްޔާރުކޮށްލެވިދާނެއެވެ.

އުތީމު ރައްޔިތުން މިހާރު އެކަމަށް ހާއްސަ ފިލާގަނޑެއް ހަދައިގެން އެކި ޑިޒައިންތަކަށް މެޓާގަނޑު ޑިޒައިން ކޮށްލައެވެ.މެޓާގަނޑު އެޅުމަށް ބޭނުންކުރާ ފިލާގަނޑެއް--
ޑިމާންޑް:

މެޓާގަނޑުގެ ޑިމާންޑް އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ. ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށާއި ރައްޓެހި ރަހްމަތްތެރިންނަށް ހަދިޔާއެއްގެ ގޮތުގައި މިހާރު ގިނަ ބަޔަކު ދީ އުޅެނީ އެ މެޓާގަނޑެވެ. މީހުންގެ އޯޑަރަށް ރަށުގެ ބައެއް ފަރާތްތަކުން މެޓާގަނޑު އަޅައިދެމުންދާއިރު، މެޓާގަނޑު އަޅަން ނޭގޭ މީހަކުވެސް އެރަށުގައި މިހާރު މަދެވެ.ސަމްސިއްޔާ މެޓާގަނޑު އެޅުމުގެ މަސައްކަތުގައި--

ރަށްޓެހި ރަހްމަތްތެރިންނަށް ހަދިޔާއަށް މެޓާގަނޑު ދިނުމުގެ އިތުރަށް ވިޔަފާރިއަށް ވެސް އެކަން ކޮށްއުޅޭ އެރަށު ފީރޯޒްގޭ އުމުރުން 39 އަހަރުގެ ސަމްސިއްޔާ އަބްދުރަހްމާނަކީ އެކަމަށް މަޝްހޫރު ފަރާތެކެވެ. މުރާލިކަމާއި ހީވާގިކަމުން ނަން ފަވާލެވޭ ސަމްސިއްޔާ މިހާރު އަންނަނީ ފުޅާ ދާއިރާއެއްގައި އެކަން ކުރަމުންނެވެ. ސަރުކާރު ވަޒީފާ އަދާކުރަމުން، އިތުރު ވަގުތު އެމަސައްކަތް ކުރަނީ ކުރާ ހިތުންނެވެ. އަމިއްލަ ގެއިންނާއި ރަށްރަށް ގޮސްގެން މަދު ގެނެސް އެފަޅާ ކަނަމަދުވެސް ވިއްކައެވެ. ނަމަވެސް މެޓާގަނޑު އެޅުމަށް ކަނަމަދު ގިނައިން ބޭނުންވާތީ ކަނަމަދު ވިއްކުން ސަމްސިއްޔާ ވަނީ މަދު ކޮށްލާފައެވެ. މެޓާގަނޑަށް ޑިމާންޑް ބޮޑު ކަމުންނެވެ.

"ދުވާލަކު 10 ގަނޑު 11 ގަނޑުވެސް އަޅަން. އަހަރުމެން މިއަޅާ މެޓާގަނޑު 150 ރުފިޔާއަށް ގަންނާކަށް މީހަކު ޖެހިލުމެއްވެސް ނުވާނެ" ސަމްސިއްޔާ ބުންޏެވެ.ސަމްސިއްޔާ އަޅާފައިވާ މެޓާގަނޑުތަކެއް--

ސަމްސިއްޔަ ބުނީ އެމެޓާގަނޑު މިހާރު މުޅި ރާއްޖެއަށް މަޝްހޫރުކަމަށާއި، އުތީމު މީހުންނަން، މީހުން ބޭނުންވާ ވަރަށް މިހާރު މެޓާގަނޑު ނުހެދެނީ ކަމަށެވެ. އެހެން ވަނީވެސް ކަނަމަދު ލިބުމުގައި ބައެއް ފަހަރު ދަތިވާތީ ކަމަށް ވެސް ސަމްސިއްޔާ ބުންޏެވެ.

މެޓާގަނޑު ވިއްކާ ބައެއް އެހެން ފަރާތްތަކުންވެސް ބުނީ ވިޔަފާރިއަށް ވެސް އެއީ ކުރުން ރަނގަޅު ކަމެއް ކަމަށެވެ. މަސައްކަތް ބުރަ ނަމަވެސް ރަނގަޅު އާމްދަނީއެއް ހޯދުމަށް އުތީމުގައި ގިނަ ބަޔަކު އެކަން ކުރަންމުންދާ ކަމަށް އެރަށު މީހުން ބުނެއެވެ.

މިމެޓާގަނޑަކީ ރަހަނުބަލައި ދޫކޮށްލޭވޭ ވަރުގެ އެއްޗެއް ނޫނެވެ. އެއަށްވުރެ އޭގެ ރަހަ މީރެވެ. އޭގެ އަޖުމަ ތިބޭފުޅުން އަމިއްލައަށް ބަލާލާށެވެ.
ހިޔާލު

ސަދާ

ތި މެޓާ ގަނޑުގެ ވާހަކަ އަދި ކިރިޔާ މި އިވުނީ..... މި ލިޔުން ލިޔުނު ކުއްޖާއަކީ އުތީމު ކުއްޖެހެން ވަރަށް ހީވޭ..