Kandhuvalu miskithah vanumuge massalagai dhakka vaahaka dhimaeh nuvey
image
އުތީމު ކަނދުވަލު މިސްކިތް--ފޮޓޯ:ވީއެފްޕީ
3 ކޮމެންޓް
 

ކަނދުވަލު މިސްކިތަށް ވަނުމުގެ މައްސަލާގައި ދައްކާ ވާހަކަ ދިމައެއްނުވޭ

ހއ އުތީމުގައި ހުންނަ ކަނދުވަލު މިސްކިތަށް ވަނުމުގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ދައްކާ ވާހަކަ ދިމާނުވާ މައްސަލަ ފެންމަތިވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކަނދުވަލު މިސްކިތް ކައިރީގައި ބަހައްޓާފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ ނަމާދަށް ނޫން ގޮތަކަށް އަންހެނުން އެމިސްކިތަށް ނޭރުމަށާއި، އަދި ޓޫރިސްޓުން މިސްކިތަށް އަރާނަމަ އައުރަނިވާވާ ހެދުމެއްގައި މިސްކިތަށް އެރުމަށް ދަންނަވާ ކަމަށެވެ.


އިސްލާމިކް މިނިސްޓްރީގެ ދެންނެވުން--ފޮޓޯ:ވީއެފްޕީ

އިސްލާމިކް މިނިސްޓްރީގެ ދެންނެވުމުގައި އެގޮތަށް ބުނެފައިވީ ނަމަވެސް އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހްސަން ވިދާޅުވީ، ފަތުރުވެރިންނެކޭ އެއްގޮތަށް ދިވެހިންނަންވެސް މިސްކިތުގެ ހުރުމަތް ނުގެއްލޭ ގޮތަށް މިސްކިތަށް ވަދެ ނިކުމެ އުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އެގޮތަށް އެއިއުލާން ކުރަންޖެހުނީ މިސްކިތަކީ ހުރުމަތްތެރި ތަނަކަށްވެފައި، މިސްކިތަށް ވަދެ ނިކުމެ ހެދުމުގައި މިސްކިތުގެ ހުރުމަތް ތެރިކަމަށް ބުރޫ އެރިޔަ ނުދިނުމަށް،" އަހްސަން ވިދާޅުވިއެވެ.

އަހްސަން ވިދާޅުވީ މީގެ ކުރިން އެކަހަލަ ބައެއް ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މިސްކިތް ކައިރީގައި ބަހައްޓާފައިވާ ދެންނެވުމާއި ގުޅިގެން ބައެއް ފަރާތްތަކަށް އޮޅުން އަރާ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފައި. އެކަމާއި ގުޅިގެން މިދިޔަ ހަފްތާގައި އެރަށަށް ދިޔަ ބަޔަކު ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެރަށުގައި ހުންނަ ބޭނުންނުވާ ކަމަށް ބުނެފަ" އުތީމުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނަމާދުކުރަން ނޫން ގޮތަކަށް ކަނދުވަލު މިސްކިތަށް އަންހެނުންނަން ނޭރޭނެކަމަށް އަންގާ ދެންނެވުމެއް ނެރެފައިވާއިރު، މީގެ ކުރިން ވެސް އެމިސްކިތަށް އަންހެނުން ނަމާދަށް އަރާ ނަހަދާކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

"އެ މިސްކިތަށް މީހުން ވަންނަނީ ގަނޑުވަރު ބަލާލަން މީހުން ވަން އުސޫލުން އެތަން ބަލާލުމަށް. އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ ބައެއް މީހުން މިސްކިތް ބާލަން ވެސް ދޭ" އުތީމުން ވާހަކަ ދެއްކި މީހާ އިތުރަށް ބުންޏެވެ.

އެކަމާއި ގުޅިގެން އުތީމު ކައުންސިލްގެ ރައީސް އަސްރާރު އާދަމް ވިދާޅުވީ އެކަމާއި ގުޅިގެން އެއްޗެއް ދެންނެވެން ނެތް ކަމަށާއި އެއިއުލާން އަކީ އިސްލާމިކް މިނިސްޓްރީން އެރަށުގައި ބެހެއްޓި ދެންނެވުމެއް ކަމަށެވެ.

އުތީމަކީ އާބާދީގައި 900 މީހުން އުޅޭ ރަށެއް ނަމަވެސް ގިނަ އަދަދަކަށް ރަށު ބޭރު މީހުން އަރާ އަދި އެރަށުގައި ހުންނަ އާސާރީ ތަންތަން ބަލާލަންދާ ރަށެކެވެ.
ހިޔާލު

އިސްލާމް ސަރ

އިސްލާމިކް މިނިސްޓްރީއިން ޖަހާފައިވާ އިއުލާނުން އަންހެނުންގެ ހައްގު އެބަ އުނިވޭ. އިސްލާމިކް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަން ބޭނުމީ އެއިއުލާނު ނަގަންދެން ނޫނީ އިސްތިއުފާ ދެންދެން.

ބްރޭކް ޓައިމް

ކޮބާތަ ހުރުމަތް ކެނޑުމަކީ؟ މިސްކިތްތެރޭ ސެލްފީ ނަގަނީތަ؟

އައިޝާ

އަޅުގަނޑަށް ދޭހަވަނީ އިސްލާމިކް މިނިސްޓްރީން ދެކޭގޮތުގައި އަންހެނުންނަކީ އެމީހުންގެ ޒާތުގައި މިސްކިތައް ހުރުމަތް ކެނޑޭ ބައެއް ކަމަށް. ވަރަށް ދަށުދަޖައިގެ އެންގުމެއް މިއީ. މިސްކިތައް ހުރުމަތްތެރިކޮށް ހިތާށޭ ޖެހީމާ ނިމުނީ ދޯ. އަންހެން ފިރިހެން ކިޔާކަށް ނުޖެހޭ.