Midhiya Mahu 197 Million Cigarette Etherekuri: Customs
image
ސިނގިރޭޓު ބުއިން މަނާކަން އަންގައިދޭ ބޯޑެއް--
1 ކޮމެންޓް
 

މިދިޔަ މަހު 197 މިލިއަން ސިނގިރޭޓު އެތެރެކުރި: ކަސްޓަމްސް

މިދިޔަ މަހު ރާއްޖެއަށް 197 މިލިއަން ސިނގިރޭޓު އެތެރެކޮށްފައިވާއިރު ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިދިޔަ މަހު 246 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
މިދިޔަ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި 333 މިލިއަން ރުފިޔާ ލިބުނެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 37 މިލިއަން ސިނގިރޭޓެވެ.

ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު މިހާރު ވަނީ ތަސްދީޤް ކުރައްވާފައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުމާއެކު ސިނގިރޭޓު އެތެރެކުރި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިދިޔަ ޑިސެމްބަރު މަހު 45 މިލިއަން ސިނގިރޭޓު އެތެރެކުރިއިރު ޖެނުއަރީ މަހު 40 މިލިއަން ސިނގިރޭޓު އެތެރެކޮށްފައިވެއެވެ. ޑިސެމްބަރު މަހު ސިނގިރޭޓުގެ ޑިއުޓީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބުނުއިރު ޖެނުއަރީ މަހު ސިނގިރޭޓުގެ ޑިއުޓީގެ ގޮތުގައި 50 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރަށްވުރެ، މިދިޔަ އަހަރު ސިނގިރޭޓު އެތެރެކުރި މިންވަރު ވަނީ އިތުރުވެފައެވެ. 2015 ވަނަ އަހަރު 460 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އެތެރެކުރިއިރު މިދިޔަ އަހަރު 497 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އެތެރެކޮށްފައިވެއެވެ.

މިދިޔަ އަހަރު ސިނގިރޭޓު އިމްޕޯޓުކޮށްގެން އާމްދަނީގެ ގޮތުގައި 621 މިލިއަން ރުފިޔާ ލިބުނެވެ.

ސިނގިރޭޓުގެ ސަބަބުން ތަފާތު ސިއްހީ މައްސަލަތަކާއި ބަލިތައް ޖެހޭ ކަމަށް ސައިންސްވެރިންނާއި ޑޮކްޓަރުން ދަނީ ބުނަމުންނެވެ.
ހިޔާލު

ވިސްނާ

އަސްތާ!ބޮޑުފައިސާ ފުންޏެއް ދައުލަތަށް ލިބުނީ ދޯ. ދެރައީ އެލިބުނު ފައިސާއިން ރައްޔިތުން ހޭލުންތެރިކުރަން 25ލާރި ވެސް ހޭދަ ކުރަން ސަރުކާރުން ބޭނުންނުވީމަ. ސުވާލު އުފެދޭ ތިފައިސާ އިން ރައްޔިތުންނަށް ފައިދާ ވާނެބާވައޭ؟؟؟؟