Alhugandeh Fandiyaarukameh Beynumeh Noon!
image
ސްޕްރީމް ކޯޓު--ފައިލް ފޮޓޯ
ހުސައިން ޝަމީމް
11 ކޮމެންޓް
 

އަޅުގަނޑެއް ފަނޑިޔާރުކަމެއް ބޭނުމެއް ނޫން!

ދެހާސް ހަތަރު ވަނަ އަހަރު އަޅުގަނޑު ޤާނޫނީ ދާއިރާއިން ކިޔަވައިގެން ރާއްޖެއަށް އައިއިރު، ރާއްޖޭގެ ޙާލަތު (ވެރިކަމުގެ ޙާލަތާއި، ދައުލަތުގެ މަޤާމުތަކުގައި ތިބޭ މީހުންގެ ސުލޫކާ، މިބާވަތުގެ ކަންކަން) އޮތީ މިހާރުވެސް އޮތް ކަހަލަ ގޮތަކަށެވެ. ޚުދުމުޚްތާރު ކަން އޮތީ ޢާންމު ވެފައެވެ. ހަމައާއި އިންޞާފު އެހާ ތިޔާގިއެއް ނޫނެވެ. ކިޔަވައިގެން އަންނަ އެހެން ކުދިންނެކޭވެސް އެއްފަދައިން، ފުރަތަމަ ދެއަހަރެއްހައި ދުވަހު އަޅުގަނޑުވެސް މަސައްކަތް ކުރީ "ދުނިޔެ ބަދަލު" ކުރާށެވެ. އަޅުގަނޑަށް އެކަން ހަމަ ޙަޤީޤަތުގައިވެސް ކުރެވިދާނެ ކަމަށް ޤަބޫލު ކުރެވިގެންނެވެ.
މިގޮތުން އަޅުގަނޑު އިޚްތިޔާރު ކުރީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތެރޭގައި ހިނގާ ހަމަނުޖެހޭ ކަންކަން ޢާންމުންގެ ސަމާލުކަމަށް ގެނެސް، އެތަނުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ބާރު އެޅުމަށެވެ. ކޮރަޕްޝަން ނައްތާލުމަށެވެ. ވަރަށް ތުއްތު އިރުން ފެށިގެން އަޅުގަނޑާއި ފުޓުބޯޅައާއި (ޚާއްޞަކޮށް ވެލެންސިއާއާއި އީގަލްސް ސްޕޯޓްސް ކުލަބާ) ޚާއްޞަ ގުޅުމެއް އޮވެއެވެ. އަޅުގަނޑު ބެލީ ފުޓުބޯޅައިގެ ދާއިރާއިން "ދުނިޔެ ބަދަލު" ކުރާށެވެ.

މިމަސައްކަތުގައި އަޅުގަނޑު ފުރަތަމަ ހެދީ ފުޓުބޯޅަ ކުލަބެކެވެ. އޭގެ ފަހުން އެފް.އޭ.އެމުގައި ކުލަބު ރަޖިސްޓަރީ ކޮށްގެން، ތަފާތު އެކި ކަންކަން އޮންނަ ގޮތް ސާފު ކުރުމަށް އެފް.އޭ.އެމަށް ސިޓީ އަޅަން ފެށީމެވެ. ފުރަތަމަ ކޮޅު، ބައެއް ސިޓީ ތަކަށް ޖަވާބު ލިބުނެވެ. ހަމަޖެހޭ ޖަވާބެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ޖަވާބެކެވެ.

ވަކި ހިސާބަކުން ކުޅިވަރާ ބެހޭ ވަޒީރުގެ އޮފީހުން ގުޅައިފިއެވެ. އަޅުގަނޑަށް އެފް.އޭ.އެމްގެ މަޤާމެއް ހުށަހެޅިއެވެ. އަޅުގަނޑު އޭރު ޅަ ވެފައި، ތަންދޮރު ނުފިލާ، ބޯހަރު ކަމުން އެކަމެއް ޤަބޫލެއް ނުކުރީމެވެ. އަޅުގަނޑުގެ ސިޓީއަށް ޖަވާބު ދެއްވާފައި، އެފް.އޭ.އެމްގެ ކަންކަން ރަނގަޅު ކުރީމާ އަޅުގަނޑަށް ފުދޭނެ ކަމަށް ދަންނަވައި، މަޤާމު ބޭނުން ނޫންކަމަށް ދެންނެވީމެވެ. އަދި މިނިސްޓަރު އަޅުގަނޑާ ބައްދަލު ކުރަން ބޭނުންފުޅު ނަމަ، އަޅުގަނޑުގެ ގެއަށް އައިސް ބައްދަލުކުރުމަށްވެސް ދެންނެވިއްޖެއެވެ. ބޯ ހަމަ ހަރީއެވެ. އޭރަކު އެއީ ކިހާވަރެއްގެ 'ފާފަ' އެއް ކަމެއް ނޭނގެއެވެ.

ދެން އަޅުގަނޑަށް ފާހަގަވީ، އަޅުގަނޑާމެދު ނުުރުއްސަވައިފިކަމެވެ. އަޅުގަނޑުވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ސިޓީތަކުގެ ޢަދަދު ގިނަ ކޮށްފައި، ޤާނޫނީ ގޮތުން އުނދަގޫ ސުވާލުތައް ކުރަން ފަށައިފީމެވެ. އޭގެ ފަހުން އަޅުގަނޑުގެ ސިޓީއަކަށް އެއްވެސް ޖަވާބެއް ނުލިބެއެވެ. ސިޓީ އެޅީމާ، ސިޓީއެއް ލިބުނުކަމަކަށްވެސް ނަހަދައެވެ. އެއީ އޭރެވެ. އުފާވެރި ކަމަކީ، 2004 ވަނަ އަހަރު ފެށުނު ޙަރަކާތުގެ ފަހަތުގައި އެތައް ބަޔަކު ހިފައި، މަޑުމަޑުން އެފް.އޭ.އެމާއި އެހެން ކުޅިވަރު ޖަމްޢިއްޔާތައް 2008 ވަނަ އަހަރު އިންތިޚާބުކޮށް، ސަރުކާރުގެ ފަރާތުން މިންޖުވީކަމެވެ.

އަޅުގަނޑު ތަންކޮޅެއް ބޮޑުވެގެން، ބޯހަރުކަން ފިލައި ދިއުމުން، އެކަންކަމާމެދު ވިސްނާލިއިރު، އަޅުގަނޑު ފޮނުވި ސިޓީ ބަލައިގަނެ، އެސިޓީތަކަށް ޖަވާބު ދިނުމަށް އެފް.އޭ.އެމުގައި ތިއްބެވި ބޭފުޅުންނަށް އެސިޓީ (ދިވެހި ބަހުން އޮތީތީ) ކިޔަން އެނގުނެއް ކަމަކު، އޭގައި އޮތް އެއްޗެއް ނޭނގެއެވެ. ނުވަތަ އެނގޭކަށް ބޭނުމެއް ނުވިއެވެ. ދޭނެ ޖަވާބެއްވެސް ނެތެވެ. އެއަށް ވަނީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހިންނަށް ޢަރަބި ކިޔަން އެނގުން ކަހަލަ ކަމަކަށެވެ. ކިޔަން އެނގެއެވެ. މާނައެއް ނޭނގެއެވެ. މާނަ ނޭނގޭނަމަ، އޭގައި އޮތް އެއްޗެއް ވިސްނައެއް ނުގަނެވޭނެ ނޫންތޯއެވެ. އެހެންވީމާ، އަޞްލު މޮޔައީ ސިޓީ އަޅާ މީހާއެވެ. ސިޓީއަށް ޖަވާބު ނުދޭ މީހާއެއް ނޫނެވެ. އޭނާ ކިތަންމެ ޖަވާބު ދޭން ބޭނުންވި ނަމަވެސް، ޖަވާބެއް ނުވެސް ދެވޭނެ ނޫންތޯއެވެ.

ޤާނޫނީ ދާއިރާގައި އަޅުގަނޑު ކުރަން ބޭނުންވި އަނެއް ކަމަކީ، ދިވެހިރާއްޖޭގެ ޖުޑީޝަރީގެ އިޞްލާޙަށް މަސައްކަތް ކުރުމެވެ. އެކަން ކުރެވޭތޯ، ތަފާތު އެކި މަސައްކަތް ކުރަމުން ދަނިކޮށް، އަޅުގަނޑާމެދު ނުރުއްސަވައިފިއެވެ. ނުރުއްސެވި ސަބަބެއްކަމަށް ލަފާވަނީ، ކޮރަޕްޝަންގެ ޢަމަލެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރެއްގެ މައްޗަށް ދަޢްވާ ކުރުމެވެ. އެދަޢްވާ އަޅުގަނޑު ކުރީމެވެ. އެއީ އެފަނޑިޔާރު ކޮރަޕްޝަންގެ ޢަމަލެއް ހިންގެވިކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީއާއި، އެކަން ސާބިތުކުރެވޭނެ ކަމަށް ފެންނާތީއެވެ. އެކަމުގައި ޙުކުމެއް ކުރައްވާނީ ޝަރީޢަތުންނެވެ.

ތުހުމަތު ކުރެވޭ ފަނޑިޔާރަށްވެސް ޝަރީޢަތުގެ މަޖިލީހުގައި ޖަވާބުދާރީ ވުމުގެ ފުރުޞަތު އޮންނަން ޖެހޭނެއެވެ. އެއީ އަސާސީ ޙައްޤެކެވެ. އެޙައްޤުން އެފަނޑިޔާރު މަޙްރޫމް ކުރުވުމަށްޓަކައި، އެމައްސަލައިގެ ލިޔުންތަކުގެ މައްޗަށް ކޮފީ އެޅުނުކަމަށް ބުނެ، ޝަރްޢީ ދާއިރާއިން ހިންގެވީ އެހާ ހިތްގައިމު ޙަރަކާތެއް ނޫނެވެ. އަޅުގަނޑުގެ ކުރިމައްޗަށް، އެހެކިތަކާއެކު އަދި އެއްފަހަރު އެމައްސަލަ އައިސްފިނަމަ، އަދިވެސް އެމައްސަލަ ކޯޓަށް ހުށަހަޅާނަމެވެ. އެކަމަކާ ސުވާލެއްވެސް ނެތެވެ. ބިރެއްވެސް ނުގަނެއެވެ.

ކޮންމެއަކަސް، މިހެން މިކަން ހިނގައިފައި ވަނިކޮށް، މިހާރު އަޅުގަނޑު ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތައް ބަލައެއްވެސް ނުގަނެއެވެ. ޖަވާބެއްވެސް ނުދެއްވައެވެ. މިކަމުގެ ޤާނޫނީ ޝަރަޙައެއް، އަޅުގަނޑުގެ އަޚް އަލްއުސްތާޛު މަޙްފޫޒު ސަޢީދު އޭނާގެ ބްލޮގުގައި (http://www.mahfoozsaeed.com/?p=218) ލިޔުއްވާފައިވެއެވެ. އެކަމާބެހޭ ގޮތުން އިތުރަށް އަޅުގަނޑު އެއްޗެއް ބުނާ ވަރަށްވުރެ، އެ ލިޔުން މާ ފުރިހަމައެވެ.

ސިޓީއަށް ޖަވާބު ނުދިނުމަކީ އަޅުގަނޑަކަށް އައު ކަމެއް ނޫނެވެ. މިވައްތަރުގެ ތަޖުރިބާ ކުރިން ކޮށްފީމެވެ. ސިޓީއަށް ޖަވާބު ނުދިނުމުގެ (ނުވަތަ ވާހަކަ ދެއްކީމާވެސް، ވާހަކަ ނުދައްކާ ހުރުމުގެ) ޢަމަލަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން ވާ ކަމެކެވެ. މިއީ، ވަކި ކަމަކާ ގުޅިގެން 'އިންސެކިއު' ވެފައި ތިބޭ މީހުންގެ ސިފައެކެވެ. އެފަދަ އުނދަގޫ ސިފައެއް އެއްވެސް މީހެއްގައި ހުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫނެވެ. ސިޓީއަށް ޖަވާބު ނުދިނުމުގެ ދެވަނަ ޝަރަޙައަކީ، ސިޓީގައި އޮތް އެއްޗެއް ދޭހަނުވުމެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ބޭފުޅުންނަށް އަޅުގަނޑު ސާފު ދިވެހި ބަހުން ފޮނުވާ ސިޓީގައި އޮތް ވާހަކަ ނޭނގޭނެކަމަކަށް އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އެކޯޓުން ބޭނުންފުޅުނަމަ، އަޅުގަނޑު ޢަރަބި ބަހުންވެސް ސިޓީ ލިޔެފާނަމެވެ. ދެން އޮތީ އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމެވެ. ރާއްޖޭގެ ވަޒީރުންނެކޭ އެއްގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ފޮތް ނުކިޔުމެވެ. ނުވަތަ އެއްޗެތި ކިޔައި ހެދުމުގެ އާދަ ނެތުމެވެ. މިއީ ޙަޤީޤަތްނަމަ، އެއީ ކާރިސާއެކެވެ.

މިކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވާހަކައެއް އެބަ އޮތެވެ. އަޅުގަނޑެއް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ބޭނުންވެގެނެއް ނޫޅެމެވެ. އެއްވެސް ކޯޓެއްގެ ފަނޑިޔާރުކަމެއް އަޅުގަނޑު ބޭނުން ވެގެނެއް ނޫޅެމެވެ. އަޅުގަނޑު ކުރާ ކަންކަން އަޅުގަނޑަށް ފުދެއެވެ. ވީމާ، ސިޓީގެ ޖަވާބު ނުދެއްވަނީ، އަޅުގަނޑު ބޮޑުވެގެން ތިޔައިގެ ބޭފުޅުންގެ ބަދަލުގައި ފަނޑިޔާރަކަށް ވެދާނެކަމަށް ލަފާވާނަމަ، އެކަމާ ކަންބޮޑު ނުވާށެވެ. އަޅުގަނޑު ބޭނުންވަނީ ކުޅޭނެ ހަމަހަމަ ދަނޑެކެވެ. ރެފްރީ އިންޞާފުވެރި ވުމެވެ. އޭރުން ނިމުނީއެވެ. އަޅުގަނޑު ރެފްރީކަން ކުރާ ހިތެއް ނުވެއެވެ. އެއީ އަޅުގަނޑަކަށް އެހާ މަޖާ ކަމެއް ނޫނެވެ. އަޅުގަނޑަކީ ކުޅޭ ޓީމުގެ މީހެކެވެ. ރެފްރީއެއް ނޫނެވެ.

ޤިޔާމަތް ދުވަހުގެ ވަގުތު ޖެހޭއިރު، މީހެއްގެ އަތުގައި އިންދާނެ ގަހެއް އޮތްނަމަ، އެގަހެއް އިންދުމަށް މިއުއްމަތުގެ ކައު އިތުރު ނަބިއްޔާ މުޙައްމަދު (ޞ) އިރުޝާދު ދެއްވާފައިވާކަން އަޅުގަނޑު އަބަދުވެސް ހަނދާން ހުރެއެވެ. އަދި ޢުމަރުލް މުޚްތާރަކަށް ލީބިއާއެއް މިނިވަން ނުކުރެވުނު ކަމާއި، ލީބިޔާ މިނިވަން ކުރީ ޢުމަރުލް މުޚްތާރުގެ ފަހުން އައި ޖީލުގެ ހަނގުރާމަވެރިން ކަންވެސް އަޅުގަނޑުގެ ހަނދާނުގައި ހުރެއެވެ.

އެޑިޓަރުގެ ނޯޓު:
އަޒުހަރު ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ހުސައިން ޝަމީމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޕްރޮސެކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގެ އިތުރުން ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމު ވެސް އަދާ ކުރައްވާފައިވާ ޝަމީމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ހިޔާލު

ބީޖޭ

ވަރަށް އަވަހަށް އެޕްރޫވް ކޮށްލަދީބަ. ޕްލީސް

ސަލީމް

ޙަމަ ބޭނުން ވެގެން ތި އުޅެނީ އެކަމަކު ނުލިބޭނެ. ކަންކަން އިސްލާހް ކުރަން ނޫޅެ ފުރަތަމަ އާއިލާ މީހުން ހަމަ މަގަށް އަޅުވަބަލަ. ބޭބެ ރާބުއިމުން ދުރު ކުރުވުބަލަ. ޢަމިއްލަ އަނބިމީހާ އެހެން އަންހެނުންނާ އެ ބާއްވާ ނުރަންގަޅު ގުޅުން ހުއްޓުވަބަލަ

ޙަސަން

ޝަމީމުގެ ޚިޔާލުވަރަށް ރަގަޅު ބަޅުނަގުލެއް ސަންޕާއޮނަކަށްލާފާ 100 އަހަރުފަހުން ނެގިއަސް އެއޮންނާނީ ބަޅުކޮށް ހިތްވަރު ގަދަކުރައްވާ އިންޝާﷲ ކާމިޔާބުވާނެ

ފަޒީލް

ބުނަންތަ ވާހަކައެއް. ސިޓީލުމުން ޖަވާބު ދޭން ޖެހޭނެ. އަބަދަކު އެއްގޮތަކަށް ކަންކަން ނުހިނގާނެ. ބޭނުންވަނީ ޝަމީމުމެން ފަދަ 20 ޒުވާނުން. އޭރުން މިހާރުވެސް ކަންކަން ރަނގަޅުވާނެ. އެކަމަކު ޝަމީމުވެސް ރަނގަޅު ކުރަން ޖެހޭކަންކަން އެބަހުރި

މޫސަ

ކަލޯ ޝަމީމުގެ ހުށަހެޅުން ކަމުނުގޮސްގެން އުޅޭ ބަޔަކަށް ކަމުނުދަނީ ތެދަށް ބުނާތީ. ދޮގު ހަދަންޖެހޭ ސަބަބެއް އޮތިއްޔާތާ ޝަމީމް ދޮގު ހަދަންވީ. މަގާމެއް ބޭނުމެއް ނޫން. ނަމަވެސް ޝަމީމަށްވުރެ މާ ހަރުދަނާކަމަށްބަލާއިގެން އުޅުނު އާޒިމާ އާއި އުސްތާޒު ނަޝީދުމެން ފަދަ ބޭބޭފުޅުން ކޮބާ. މިގައުމަށް މިވަރުވާރު. އަނގަ ބަންދުވެފައި. މަށަށް ޔަގީން މި ވެރިކަން ނިމިގެން ގޮސް އެހެން ދުވަހެއް ފެނިއްޖެ ނަމަ އެދެ ބޭފުޅުންވެސް މިވެރިކަމުގައި ކޮށްފައިވާ ގޯސް ވާހަކަ ދައްކާނެ. އެވާހަކަ ދައްކާނީ ކޮން ތަނެއްގައި ކަމެއް ނޭނގޭ. ފަހަރުގައި ކިޔަވައިދޭ ކްލާސް ރޫމެއްގައި. ނުވަތަ ކޮފީ މޭޒެއްގައި. ހެޔޮކޮށް ވިއްޔާ ކޮފީ މޭޒުތަކުގަ އާއި ކިޔަވައިދޭން ދާ ނަމަ އެ ދާ ކްލާސް ރޫމެއްގައި މިހާރުވެސް ނޭނގޭ އެވާހަކަ ނުދައްކާކަމެއް.

ކެޔޮޅު

ކިއުންތެރިއެއް ގެ ނަމުގައ ކޮންފައިވާ ކޮމެންޓަށް ބުނެލަން. އެކި މީހުންގެ މަސައްކަތް ތަފާތުވާނެ. އެކިމީހުންގެ ހުށަހެޅުން ތަފާތުވާނެ. މަވެސް ކޮންމެވެސް ވަރަކަށް ޝަމީމް ދަންނަން. އޭނާ އަކީ އިސްލާހަށް މަސައްކަތް ކުރާމީހެއް. ނަމަވެސް އިންސާނުންނަކީ މުޅިން ފުރިހަމަ ބަޔަކަށް ނުވާތީ ޝަމީމުގެ ގައިގައިވެސް އުނި ސިފައެއް ހުރެދާނެ. ނަމަވެސް މަށަށް އެނގޭ ކަމަކީ އޭނާ އަކީ އިންސާފުވެރި ކަމާއެކު ގަޓްހުރެގެން ކަންކަން ކުރަން ކެރޭ ޒުވާނެއް. ނިކަން ބަލާ އޭނާވަނީ އެވަރުގަދަ ފަނޑިޔާރުގެ މައްސަލަ ފޮނުވާފައި. މިހެން ގޮސް ކިޔާނެކަމެއް ނެތް. އަނެއްކާ މިއާޓިކަލުގައިވެސް ބުނެފައި އެއޮތީ ދެންވެސް ފުރުސަތެއް ލިބިއްޖެ ނަމަ ކޮފީ އެޅިގެން ވީނުވީ ނޭނގުނު ފަނޑިޔާރު މައްސަލަ ވައްދާނެ ވާހަކަ. އޭނާ ބޭނުމެއް ނުވެޔޭ އެބުނަނީ ރެފްރީކަމެއް./ އޭނާ ބޭނުންވަނީ ހަމަހަމަކަމާއެކު ކުޅެން އަރާނެ ދަނޑެއް ބޭނުމޭ. އެދަނޑެއް މިރާއްޖޭގައި އޮތިއްޔާ އެ ދަނޑު އެފެންނަނީ ކިޔުންތެރިއެއް" ނަމުގައި ކޮމެންޓް ކުރި މީހާ އަށް. ވަރަށް ސަލާން. ކިހާވަރެއް ލިބިގެން ތިޔަ އުޅޭނީ

ގައުމު

ޝަމީމުގެ ވާޙަކަ ރަނގަޅު. އިސްލާހު ކުރެވޭނީ ވަރަށް މަސައްކަތުން. އިސްލާހޭ ބުނާއިރަށް ދިވެހިން ދެފައިކޮޅުތުރުތުރު އަޅާނެ. އިސްލާހުކުރުމާއި އަމިއްލަ ނަފްސުގެ މިނިވަންކަމަކީ ދިވެހިން ދަންން އެއްޗެއް ނޫންހެން ހީވަނީ

އަބްދުއްރަހްމާން

ސިޓީ، އީމެއިލް އަދި އެސްއެމްއެސް އަކަށް ޖަވާބު ނުދިނުމަކީ ބައްޔެއް ކަމަށް މަނިކުފާނަށް ފެނިވަޑައި ގަންނަވާ ކަމުގައު ވާނަމަ އަވަހަށް ޑޮކްޓަޜ އެއްގެ އެހީތެރިކަން ހޯައްދަވާ!!!

ހޭލާ

ޝަމީމަށްވެސް ވެގެން އުޅޭ ގޮތަކީ ބޭއިންސާފާ ކޮރަޕްޝަނަށް ނުރުހެވެނީ. އެއީ ހުވާކޮށްކޮށްފައި ބަޔަކަށް އަޖައިބު ވެވޭ ކަމަކީ!

ޝާނާޢި ޝައުކަތު

ޝަމީމް އޭ އެހެން މީހުންގެ ކުށް ދައްކަމުން އަބަދު ތިހެން ނޫޅުއްވާށޭ، މަނިކުފާނުންގެ އަރިހުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނު މީހެއްގެ ހައިސިއްޔަތުން ދަންނަވަމައެވެ. އެހެން މީހެއްގެ ކުށް ދައްކާއިރު މަނިކުފާނަކީވެސް ބައެއްފަހަރު ހަމަ ފީކުދަނެކެވެ.

ކިއުންތެރިއެއް

ހުވާ މިބުނީ ޝަމީމް މީ ކިހިނެއް ވެގެން އުޅޭ މީހެއް