Palestine Match ge Kurin Ekuverikamuge Match Nukulhevunee Keeve?
image
ފަލަސްތީން ޓީމް--ފޮޓޯ އެފްއޭއެމް
1 ކޮމެންޓް
 

ފަލަސްތީން މެޗުގެ ކުރިން އެކުވެރިކަމުގެ މެޗެއް ނުކުޅުނީ ކީއްވެ؟

އޭޝިއަންކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ރާއްޖެއާ ފަލަސްތީން ބައްދަލުކުރާ މެޗަށް ވަގުތު ކުޑަތަންވެފައިވާއިރު، މެޗަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ މެޗެއް ރާއްޖޭން ކުޅެފައި ނުވާތީ ގިނަ ބަޔަކު އަންނަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ. މި މެޗު ކުޅުމަށް ފަލަސްތީން ރާއްޖެއައީވެސް އެކުވެރިކަމުގެ މެޗެއް ނިމުނު ހަފްތާތެރޭ ކުޅެފައެވެ.
ސަރަހައްދުގެ އެހެން ގައުމުތަކުންވެސްވަނީ އަންގާރަ ދުވަހު އޮންނަ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތައް ކުޅެފައެވެ. ވާދަވެރި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ފީފާ މެޗު ތާރީޚުތަކުގައި އެކުވެރިކަމުގެ މެޗުތައް އާއްމުކޮށް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކުޅެއެވެ. އެހެންނަމަވެސް ރާއްޖޭން ބޮޑު މެޗަކަށް މި ތައްޔާރުވަނީ އެކުވެރިކަމުގެ މެޗެއް ނުކުޅެއެވެ.

މިކަމާއި ގުޅޭ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒު ވިދާޅުވީ ގަބޫލު ކުރަން އެހާ ފަސޭހަ ނޫން ޖަވާބެކެވެ. ސަބަބުތައްވެސް އެބަހުއްޓެވެ.

"ރާއްޖޭގައި ފެތުރެމުން ދިޔަ ސްވައިން ފްލޫގެ ސަބަބުން އަޅުގަނޑުމެންނަށް އިންޓަރނޭޝަނަލް ފްރެންޑްލީއެއް ކުޅުމުގެ ދަތިތައް ދިމާވެގެން ދިޔައީ އަޅުގަނޑުމެން ވާހަކަ ދައްކަމުން ދިޔަ ދެ ގައުމަކުން ރާއްޖޭ އައުމަށް އުޒުރުވެރިވެ އަދި އަޅުގަނޑުމެންވެސް އެއީ އެންމެ ރައްކާތެރިކަން ނޫން ގޮތަށްވާތީވެ އަޅުގަނޑުމެންވަނީ އެ ފްރެންޑްލީ މެޗު ކުޅުމުގެ ކަންތައް ކެންސަލް ކޮށްލާފައި". 25 މާރިޗު 2017 ވީ ހޮނިހިރު ދުވަހު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ދިން ވީޑިއޯ މެސެޖެއްގައި ޖަވާޒު ވިދާޅުވިއެވެ.

ޖަވާޒު މިހެން ވިދާޅުވި ނަމަވެސް އެކުވެރިކަމުގެ މެޗެއް ހަމަ ނުޖެހުނީ ސްވައިން ފްލޫއާ ހެދި ގަބޫލް ކުރަން ދަތިވެއެވެ. ފުރަތަމަ ކަމަކަށް ގައުމީ ޓީމްގެ ފަރިތަކުރުންތައް 19 މާރިޗުގައި ފެށިއިރުވެސް އެކުވެރިކަމުގެ މެޗެއް ކުޅޭ ވާހަކައެއް އިއުލާނެއް ނުކުރެއެވެ. ސްވައިން ފްލޫގެ ކަންތައް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން ހާމަކުރީ، ގައުމީ ޓީމްގެ ޕްރެކްޓިސް ފެށުމުގެ ދެތިން ދުވަސް ކުރިންނެވެ. އެހެންކަމުން އެކުވެރިކަމުގެ މެޗެއްގެ ކަންތައް ހަމަ ޖައްސާފައި އޮތް ނަމަ އޮންނާނީ ހުރިހާ ކަމެއް ހަމަ ޖެހި، އަދި އިއުލާންވެސް ކޮށްފައެވެ. ފްލޫއާ ހެދި މެޗު ކެންސަލް ކުރިކަމަށް ޖަވާޒު ވިދާޅުވިނަމަވެސް، މިހާރުވެސް ރާއްޖޭން ބޭރުގެ 3 ޓީމެއް ވާދަކުރާ ބައިނަލް އަގްވާމީ ވޮލީ މުބާރާތެއް މާލޭގައި ކުރިއަށް އެބަދެއެވެ.

ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ފުޓްބޯލް އެސޯސިއޭޝަނުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ ޓީމަށް ދައުވަތު ސްރީ ލަންކާ އާއި މިޔަންމާ އަދި އަފްގާނިސްތާނުން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އޭރު އެކަމާ ގުޅޭ ގޮތުން ގޮތެއް ނުނިންމި ނަމަވެސް، މިޔަންމާއިންނާ އަފްގާނިސްތާނުންވަނީ ހުސްވި ހަފްތާ ތެރޭ އެކުވެރިކަމުގެ މެޗުތައް ކުޅެފައެވެ. މިޔަންމާއިން އިންޑޮނީޝިއާއާ ދެކޮޅަށް ކުޅުނު އިރު އަފްގާނިސްތާނުން ކުޅުނީ ސިންގަޕޫރާ ދެކޮޅަށެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ރާއްޖެއަށް އެ ގައުމުތަކުން ދިން ދައުވަތު ގަބޫލު ނުކުރުމުން އެހެން ގައުމުތަކާއި އެކު ކުޅުނީއެވެ.

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ބައިވެރިނުވާ ކަންވެސް ދާދި ފަހުންވަނީ ހާމަވެފައެވެ. ޗައިނާގައި އޮންނަ ކޮލިފައިން ރައުންޑްގައި އޭޝިޔާގެ 40 ގައުމުން ބައިވެރިވެފައިވެއެވެ. ސަރައްހައްދީ ގައުމުތަކުގެ ތެރެއިން އިންޑިޔާ، ލަންކާ، އަފްޣާނިސްތާނު، ނޭޕާލް އަދި ބަންގްލަދޭޝްގެ ޒުވާން ޓީމުން ބައިވެރިވެފައިވެއެވެ.
ހިޔާލު

މުހައްމަދު

ތިޔަ ކަމުގައިވެސް ހެދީ ދޮގުދޯ އެހެންވީމަ. އެފްއޭއެމްގަ އުޅޭ ބައެއް މީހުންނަށް ހީވާ ކަހަލަ އެ މީހުން ދައްކާ ހުރިހާ ވާހަކައެއް އެންމެން ގަބޫލު ކުރާނޭ.. ހެެހެ