Bengaluru FC akee Sarahadhuge Emme Varugadha Team, Jehilumeh Nuvey: Asadulla
image
ނޫސްވެރިންގެ ބައްދަލުވުމުގައި އަސަދުﷲ---
0 ކޮމެންޓް
 

ބެންގަލޫރު އެފްސީއަކީ ސަރަހައްދުގެ އެންމެ ގަދަ ޓީމް، ޖެހިލުމެއް ނުވޭ: އަސަދުﷲ

އިންޑިއާގެ ބެންގަލޫރު އެފްސީ އަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އޭއެފްސީ ކަޕުގައި މިއަދު އެ ޓީމާ ދެކޮޅަށް މާޒިޔާ ނުކުންނަ އިރު ޖެހިލުމެއް ނުވާ ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ ބުނެފިއެވެ.
އޭއެފްސީ ކަޕުގައި މާޒިޔާއާ ބެންގަލޫރު ވާދަކުރާ މެޗު ފަށާނީ ހަވީރު 4 ޖަހާއިރުއެވެ. ބެންގަލޫރަކީ އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނަރަޕް ޓީމެވެ.

މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަސަދުﷲ ބުނީ، މިއަދުގެ މެޗަށް މާޒިޔާ ފުރިހަމައަށް ތައްޔަރުވެފައިވާ ކަމަށެވެ.

މީގެ ކުރިން ދެ ފަހަރު ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅެ، ދެ މެޗުންވެސް ބަލިވެފައިވިޔަސް އެކަމުގެ އެއްވެސް އަސަރެއް މިއަދުގެ މެޗަށް ނުކުރާނެ ކަމަށް އަސަދުﷲ ބުންޏެވެ. މި ދެ ޓީމް ކުރިން ބައްދަލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައެވެ.

"މާޒިޔާ މި ދިޔަ އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު މާ ބޮޑަށްވެސް ރަނގަޅުވާނެ. ބޭރު ކުޅުންތެރިންނާ އެކު ރަނގަޅު ޓީމެއް މިއޮތީ ހަދާފައި. މަސައްކަތް ކުރާނީ މިއަދުގެ މެޗުން މޮޅުވާން"

ޤައުމީ ޓީމްގައިވެސް މުހިއްމު ދައުރެއް އަދާކުރާ އަސަދުﷲ ވަނީ މި އަހަރު މިހާތަނަށް ކްލަބުގައި އޭނާ ކުޅުން ކޮންމެ މެޗެއްގައިވެސް ލަނޑު ޖަހާފައެވެ. މީގެ ތެރޭގައި ރަށުން ބޭރުގައި ބަންގްލަދޭޝްގެ އަބަހާނީ ޔުނައިޓެޑް ކޮޅަށް އޭއެފްސީ ކަޕްގައި ޖެހި ލަނޑުވެސް ހިމެނެއެވެ. މިއަދުގެ މެޗުން މާޒިޔާ ބަލިވުން ނޫން އެހެން ކޮންމެ ނަތީޖާއެއް ނުކުތަސް ގްރޫޕްގެ އެއްވަނަ މަގާމު މާޒިޔާއަށް ދިފާޢު ކުރެވޭނެއެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ހިމެނޭ ގްރޫޕުގެ ކޮންމެ ޓީމެއްވެސް އެއް މެޗު ކުޅެފައިވާއިރު، ރަށުން ބޭރުގައި ހޯދި މޮޅާއި އެކު މާޒިޔާ އޮތީ ގްރޫޕުގެ އެއްވަނަ މަގާމުގައެވެ. ދެވަނައިގަ ބެންގަލޫރު އޮތް އިރު ތިންވަނައިގަ އޮތީ އިންޑިޔާގެ މޯހަން ބަގާންއެވެ. އަދި ފުލުގައި އޮތީ ޑާކާ އަބަހާނީއެވެ.
ހިޔާލު