Season Kaamiyaabu Kohfinama Tavarez ah 20,000 Dollor ge Bonuseh
image
0 ކޮމެންޓް
 

ސީޒަން ކާމިޔާބުކޮށްފިނަމަ ތަވާރޭޒަށް 20،000 ޑޮލަރުގެ ބޯނަހެއް

މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ ބައިގެ އެންމެ ފޯރިގަދަވާނެ މެޗަށް ނިއުރޭޑިއަންޓުން ތައްޔާރުވަމުންދާއިރު، ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފިނަމަ ހެޑު ކޯޗަށް 20,000 ޑޮލަރުގެ ބޯނަހެއް އެ ކްލަބުން ހުށަހަޅައިފިއެވެ.
އިތުބާރު ހުރި މަސްދަރުތަކުން ވީއެފްޕީއަށް އެނގުނު ގޮތުގައި ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސްއާ އެކު ނިއުއިން ސޮއިކޮށްފައިވާ އެގްރީމެންޓްގައި ޖުމްލަ 20،000 ޑޮލަރުގެ ބޯނަހެއްވަނީ ހިމަނާފައެވެ. އެއީ ޕްރިމިއަރ ލީގު ކާމިޔާބުުކޮށްފި ނަމަ، 10,000 ޑޮލަރު އަދި އެފްއޭކަޕް ކާމިޔާބުކޮށްފިނަަމަ 7،000 ޑޮލަރުގެ އަދި މީގެ އިތުރުން ޕްރެޒިޑެންޓްސް ކަޕަށް 3،000 ޑޮލަރެވެ.

ބެލެވޭ ގޮތުގައި މިއީ ރާއްޖޭގެ ކްލަބަކުން ބޯނަހުގެ ގޮތުގައި މިހާތަނަށް ހުށަހަޅާފައިވާ އެންމެ ބޮޑު ޢަދަދުތަކެވެ.

ސީޒަންގެ ފުރަތަމަ ބައިގެ އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ މެޗުގައި ނިއުރޭޑިއަންޓް މާދަމާ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. ނިއުރޭޑިއަންޓާ މާޒިޔާ ދެ ޓީމްވެސް މިއަހަރަށް ޓާގެޓް ކޮށްފައިވަނީ ސީޒަން އެއްކޮށް ކާމިޔާބުކުރާށެވެ. އަދި މި ދެ ޓީމަކީ މިއަހަރު ބޭރު ކޯޗުން އައްޔަންކޮށްފައިވާ ހަމައެކަނި ދެ ޓީމްވެސް މެއެވެ.

ސީޒަންއެށްކޮށް ކާމިޔާބުކޮށްފިނަމަ، ނިއުގެ ކޯޗަށް 20،000 ޑޮލަރުގެ ބޯނަހެއް ހުށަހަޅާފައިވާއިރު، މީގެ ކުރިން ދެ ސީޒަނެއް ނިއުއިންވަނީ އެށްކޮށް ކާމިޔާބުކޮށްފައެވެ. އެގޮތުން 1997 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިއުއިން ކާމިޔާބުކޮށްފައިވާއިރު 2013 ވަނަ އަހަރު ވެލިޒާރް ޕޮޕޯވްގެ އިރުޝާދުގެ ދަށުން މުޅި ސީޒަން ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅު ވެގެންނެވެ.

ނިއުރޭޑިއަންޓުގެ ހެޑް ކޯޗަށް ޗެމްޕިއަންޝިޕް ވިނިންގ ބޯނަސްގެ ގޮތުގައި ބޮޑު ޢަދަދެއް ހުށަހަޅާފައިވާއިރު، ޓީމްގެ އެއްވެސް ކުޅުންތެރިއަކަށް އަދި ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނޭ އެސިސްޓެންޓް ކޯޗުންނާ، ގޯލް ކީޕަރު ކޯޗު އަދި ޓްރެއިނަރަށް އެއްވެސް ބޯނަހެއް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ހިޔާލު